ކާދަރޭ: އޭނާ އަށް އަންނަނީ ކެނެޑާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން.
29 ޑިސެމްބަރ 2018 - 08:52
ހިންދީ ސިނަމާގެ އެންމެ ވަރުގަދަ ޝަހުއްސިއްޔަތުންގެ ތެރޭގައި ހިމެނޭ މަޝްހޫރު އެކްޓަރު ކާދަރު ހާން ނުވަތަ ދިވެހިންގެ އާންމު ނަމުން "ކާދަރޭ"ގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.
އުމުރުން 81 އަހަރުގެ ކާދަރޭ އަށް ފަރުވާ ދެމުން އަންނަނީ އޭނާ މިހާރު އާންމުކޮށް އާއިލާއާ އެކު ދިރިއުޅެމުން އަންނަ ކެނެޑާގެ ހޮސްޕިޓަލެއްގަ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކާރަދޭ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ނޭވާލާން އުނދަގޫވާން ފެށުމުންނެވެ. އަދި އޭނާ އަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް ވެސް ނޫސްތަކުން ބުންޏެވެ.
ކާދަރޭގެ ބަލި ހާލުގެ ވާހަކަ އެނގުމާ އެކު ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ވަނީ އަވަސް ޝިފާއަކަށް އެދި ޓްވީޓްކޮށް، އާއިލާ އަށް ހިތްވަރު ވެސް ދީފަ އެވެ. ކާދަރޭއާ އެކު "ހަމް" އާއި "ޝެހެންޝާހް" އަދި "މުގައްދަރު ކާ ސިކަންދަރު" ފަދަ އެތައް ފިލްމެއް ކުޅެފައިވާ އަމީތާބް ބައްޗަން ކުރި ޓްވީޓެއްގައި ބުނީ އޭނާގެ ހެޔޮ ދުއާ ކާދަރޭއާ އެކު އަބަދު ވެސް ވާ ކަމަށާއި އެއީ ހިންދީ ސިނަމާގެ ވަރަށް ވެސް ހުނަރުވެރި ފަންނާނެއެއް ކަމަށެވެ.
T 3041 - KADER KHAN .. actor writer of immense talent .. lies ill in Hospital .. PRAYERS and DUAS for his well being and recovery .. saw him perform on stage, welcomed him and his prolific writing for my films .. great company, a Libran .. and many not know , taught Mathematics ! pic.twitter.com/yE9SSkcPUF
— Amitabh Bachchan (@SrBachchan) December 28, 2018
އެކްޓް ކުރުމުގެ އިތުރުން ކާދަރޭއަކީ ލިޔުންތެރިއެއް އަދި ހިސާބުގެ އިލްމަށް ވެސް އަރާ ހުރި ފަންނާނެކެވެ. އޭނާ ވަރަށް ގިނަ ފިލްމުތަކުގެ ސްކްރީންޕްލޭ އާއި ޑައިލޮގް ލިޔެފައިވެ އެވެ. ތިން ސަތޭކަ އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ ކާދަރޭއަކީ 1973-2000 ގެ އަހަރުތަކާ ހަމައަށް ވަރަށް ހަރަކާތްތެރިކޮށް ފިލްމީ ދާއިރާގައި މަސައްކަތް ކުރި އެކްޓަރެކެވެ.
ދެހާސް ސާދަ ވަނަ އަހަރު ހައްޖުގެ އަޅުކަން ވެސް ފުރިހަމަކޮށްފައިވާ ކާދަރޭ އެންމެ ބޮޑަށް އާންމުންގެ ތެރޭގައި މަގުބޫލީ ހެއްވާ މަޖާ ރޯލްތައް ކުޅެން މޮޅު އެކްޓަރެއްގެ ގޮތުގަ އެވެ. އަދި އޭނާއަކީ ވަރަށް ގިނަ ފިލްމުތަކުގައި ނުބައިބައި ރޯލް ވެސް ކުޅެފައިވާ ތަރިއެކެވެ.
ކާދަރޭ ދަރިފުޅު ސަރަފްރާޒްއާ އެކު.
އަފްގާނިސްތާނަށް އުފަން އަދި މިހާރު ކެނެޑާގެ ރަށްވެހިކަން އޮންނަ ކާދަރޭ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ 2016 ގައި ރިލީޒް ކުރި "އަމަން ކޭ ފަރިޝްތޭ" އިންނެވެ. އޭނާ ފިލްމީ ދާއިރާ އަށް ނުކުތީ ޔާޝް ޗޯޕްޅާގެ 1973 ގެ "ދާގް" އިންނެވެ.
ކާދަރޭގެ ތިބެނީ ދެ ފިރިހެން ދަރިންނެވެ. އެއީ ޝާހްނަވާޒް ހާނާއި ސަރަފްރާޒް ހާން، 42، ވެ. ސަރަފަކީ ބައެއް ފިލްމުތަކުގައި ސަޕޯޓިން ރޯލްތައް ކުޅެފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި ވަންސް އަޕޮން އަ ޓައިމް މުމްބާއީ ދޮބާރާ (2013)، ވޯންޓެޑް (2009) އަދި ތެ ރޭ ނާމް (2003) ފާހަގަކޮށްލެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy