ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތައް: އަންނަ އަހަރުގެ ކުރީކޮޅު މި ފްލެޓްތަކަށް ވަދެވޭނެ ކަމަށް ކުރީގެ ސަރުކާރުން ބުނި ނަމަވެސް އެ މުއްދަތަށް ފްލެޓްތައް ނުނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ވަނީ ބުނެފައި.
30 ޑިސެމްބަރ 2018 - 16:37
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރަން ފެށި 7،000 ފްލެޓްގެ މަސައްކަތް ނިމޭނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ މިއަދު ވިދާޅުވެއްޖެ އެވެ.
"ހިޔާ" މަޝްރޫއުގެ ދަށުން އިމާރާތް ކުރަން ފެށި އެ ފްލެޓްތަކަށް އަންނަ އެޕްރީލް މަހުގެ ތެރޭގައި ދިރިއުޅެން ވަދެވޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު ވެރިކަން ބަދަލުވި ފަހުން ހައުސިން މިނިސްޓްރީން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާތިފާ ވިދާޅުވީ އެ ފްލެޓްތައް ނިމޭނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް މިނިސްޓަރު ވަނީ މައުލޫމާތު ހޯއްދަވައިފަ އެވެ.
7،000 ފްލެޓް ބަހާލި ކެޓަގަރީތައް.
އާތިފާ ވިދާޅުވި ގޮތުގައި ފްލެޓްތަކުގެ މަސައްކަތް ނުހުއްޓި ކުރިއަށް އެބަދެ އެވެ. ފްލެޓްތައް ނިމެންވާއިރަށް، އެ ސަރަހައްދުގެ މަގު ހެދުން ފަދަ ނިންމަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރި ކަން ފާހަގަކުރެއްވި އެވެ.
ފްލެޓްތަކުގެ މަސައްކަތް ނުނިމުނަސް، އެ މަޝްރޫއަށް ކުރިމަތިލީ 20،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ޝަރުތު ހަމަވާ 7،000 މީހުން ވަނީ ހޮވައިފަ އެވެ. ފްލެޓް ލިބުނު ކަމުގެ ލިއުން ވެސް ބައެއް މީހުންނާ ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއުގައި ވެސް ފްލެޓް ދިނީ ބޭއިންސާފުން ކަމަށް ތުހުމަތު ކުރެ އެވެ.
އެހެންވެ މި ސަރުކާރުން ވަނީ ފްލެޓް ދިން ގޮތް ބެލުމަށް ކޮމެޓީއެއް އެކުލަވާލައިފަ އެވެ. ކުރީގެ ސަރުކާރުން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ މެދު ގޮތް ނިންމާނީ، އެ ކޮމެޓީގެ ލަފާ ލިބުމުން ކަމަށް މިނިސްޓަރު އާތިފާ ވިދާޅުވި އެވެ.
ޔާމީންގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫ އަށް ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި އެވެ. އެ މަޝްރޫއުގެ ފުރަތަމަ ބުރުން ފްލެޓް ދިނީ އެންމެ 704 މީހުންނަށެވެ. އެ ފްލެޓްތައް ދިނީ ބޭއިންސާފުން ކަމަށް ތުހުމަތު ކުރަމުން ދަނިކޮށް، ގެދޮރުވެރިކަމުގެ މަޝްރޫއު ހުޅުވާލައި ފްލެޓް ދިން ގޮތާ މެދު ވެސް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.
އެ ތުހުމަތުތައް ދޮގު ކުރައްވައި މިނިސްޓަރު މުއިއްޒު ވިދާޅުވެފައި ވަނީ، ދެ މަޝްރޫއުގައި ވެސް ފްލެޓް ދޫކުރީ އިންސާފުން ކަމަށެވެ. ފްލެޓް ލިބިފައި ތިބި މީހުންގެ އަތުން އަތުލުމަކީ އެ މީހުންނާ މެދު ބޭއިންސާފުވުން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަމަރޭ
31 December 2018
ފްލެޓްގެ ހުވަފެނެއްވެސް ނުދެކި 1 ކޮޓަރީގައި ދިހަ ބާރަ އަހަރު ބޮޑުކުލި ދީގެން ހަތަރު ފަސް މީހުންގެ އާއިލާއެއް އުޅެން އޯކޭ. 550 އަކަފޫޓު ފްލެޓެއް 6000 ރުފިޔާއަށް ސަރުކާރުން ދިނީމަ އެކަން ވަނީ ވަރަށް ބޮޑު މައްސަލައަކަށް. މިވަގު މުހިއްމީ ގިނަ ބަޔަކަށް 500 އަކަފޫޓު ދީގެންވެސް އަމިއްލަ މިނިވަން ގެދޮރުވެރިން. މުއްސަނދިކަން ލިބުނީމާ، ޕްރައިވެޓް ކުންފުނިތަކުން ހަދާ 1000 އަކަފޫޓަށް ވަދެބަލަ!
ބައިކޮފީ
31 December 2018
ކަނހަނބު ދުވެލި.ވަރަށްވެދުން
ޖޭސްމިން
31 December 2018
ކުރީ ސަރުކާރުގެ ވައުދެއްވީމަ ވީހާވެސް ލަސް ކުރެވޭތޯ އެބަލަނީ. އާތިފާ ފެއިލް.
މޭކަޕްކުރަން މާގިނަވަގުތު ތި ނަގަނީ
31 December 2018
ކުރިން ވާހަކަފޮތް ހިފައިގެން ވައިޖައްސާލާ ދެފައިބދަމައިލައިގެން އޮތަސް ތިކަހަލަ މިނިސްޓަރީއެއްގަ ނޯވެވޭނެ އެވެ އަބަދުވެސް ކަންކަމަށް އެދޭމީހުން ވަނީ ގިނަ އެވެ
ރައްޔިތުންގެ ފައިސާ
31 December 2018
މިކަން ނުވަންޏާ އިސްތިއުފާ ދީފަ ގޭގަ މަޑުކޮށްލާ! ޥޯޓެއްޖެހޭ އިރަށް ފުލެޓްގެ ހުވަފެން ދައްކާނެ، އަމަލީ ފިޔަވަޅެއް ނުފެނޭ! ތި ވެރިނަށްނަށް އިހުސާސްވެސް ނުވާނެ ނިކަމެތި ރައްޔިތުމީހާ މުޅިގައިން ލޭއޮހޮރުވާފަ ލިބޭހާ އެއްޗެއް ކުއްޔައްދީފަ ނުކައި މަތިމައްޗައް ދަރާފަ އެންމެ ފަހުން ފައިސާ ފޮއްޗެއް ދޭނެ މީހަކުވެސް ނުހުރޭ އެހާލެއްގަ ކިތައް ދިވެހި ރައްޔިތުން އެބައުޅޭބާ! ޢެންމެ 2ލައްކަ މީހުންނަށް ބޯހިޔާވެހިކަން ނުދެވޭ!
ހިއްތަކުގެ ރައީސް
31 December 2018
ހައުސިންގއަށް ފުލެޓް ދޮންބެ ލާން ފެނޭ، އެމްޑީޕީ މީހަކު ލީނަމަ، އާތިފާމެން މާލަސް މީޑިއާއަށް ފިލައިގެން ކަމަކު ނުދާނެ
ހަސަނު558
31 December 2018
ގޮސް ރަށުގައި ތިބެބަލަ............
ޢިބުރާ
31 December 2018
ޢަތިފާ ތިޔަ ޢުޅެނީ ސިވިލްސާރވިސް މީހުންނަށް ދިން ފުލެޓްތަކަށް ކިހިނެއް ހަދައިގެން؟ އެމީހުން އަތުން އެފުލެޓްތައް ނަގަން ވިސްނަވަނީތޯ؟
ނާސިފް
31 December 2018
ގުދާރު ބިދެގެން ބުރަމަސައްކަތް ކުރީމަ ލިބެނީ މަަހަކު -/15،000ރ. ދެމަފިރިންނާ ތިންދަރިން މިއުޅެނީ 2 ކޮޓަރީގެ އެޕާޓްމަންޓެއްގަ. ކުލި -/20،000ރ، ފެނާކަރަންޓަށް -/1،900ރ ކެއިންބުއިމަށް -/10،000ރ އެހެނިހެން -/2،000ރ. ދެކޮޅު ޖައްސަނީ ކިހިނެއް؟ ބައެއްމީހުން ދަރާ ވިކިގެން. ނާޖާއިޒު ގޮތްގޮތަށް ހޯދާފައިސާއިން. ހަރާމް ހަލާލެއް ނުބަލާހޯދާފައިސާ. ތަނަވަސްކަން އޮވެމެ މިވަރުގެ ނިކަމެތި ރައްޔިތެއް ދިރިއުޅޭ ގައުމެއް މި އުޑުދަށުގައިނެތް. ﷲއަށް ވަކީލް ކުރަން.
މާހީ
30 December 2018
ކޮބާ މިސަރުކާރުން ފުރަތަމަ 100 ދުވަސް ތެރޭގައި އިއުލާން ކުރަން ބުނި ހައުސިން މަޝްރޫއު.