އަސްލަމާއި މުއިއްޒު ކޮމިޓީގައި: ފްލެޓްތަކުގެ އަގާ ގުޅޭ ހޫނު ބަހުސެއް!

މާކެޓް ރޭޓަށް ވުރެ އަގުބޮޑުކޮށް ހުޅުމާލޭގައި އިމާރާތްކުރާ 7،000 ފްލެޓުގެ ފިނިޝިން ނުނިންމައި ހަވާލުކުރަން ކަނޑައެޅީ، މި ސަރުކާރުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަ މިހާރުގެ މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ދޮގު ކުރައްވައި ފްލެޓްތަކުގެ އަގާ ގުޅޭ ގޮތުން ހޫނު ބަހުސެއް ކުރައްވައިފި އެވެ.


ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓްތަކާ ގުޅޭ މައުލޫމާތު ހޯދަން ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް އަސްލަމާއި މުއިއްޒު ހާޒިރުކުރުމުން ގިނަ މެމްބަރުން ސުވާލު ކުރެއްވީ އަގު ބޮޑުކޮށް، އެ މަޝްރޫއު ކުރިއަށް ގެންދިޔަ ސަބަބާ ގުޅޭ ގޮތުންނެވެ.

ޗައިނާ ސްޓޭޓް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ އަގާއި، ރާއްޖޭގައި އިމާރާތް ކުރުމުގެ ދާއިރާގެ އަގުތައް އަޅައިކިޔުއްވައި، ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހްމަދު ސަލީމް އެއްސެވީ ދައުލަތް ދަރަނިވެރިކޮށް ނެގި ބޮޑު ލޯނަކާ އެކު 62،000 ޑޮލަރަށް 572 އަކަ ފޫޓުގެ ދެ ކޮޓަރި ތޮއްޖެހިގެން އުޅެން ދޫކުރުމަކީ ދިވެހި ރައްޔިތުންނަށް ހައްގު މިންވަރު ކަމަށް މުއިއްޒު ގަބޫލުކުރައްވަންތޯ އެވެ. އެ އަގުގައި، ފްލެޓްތަކުގެ ދޮރު ހަރުނުކޮށް ކުލަ ނުލައި ބޮކި ހަރުނުކޮށް ތަށިމުށި ނުޖަހައި ދޭން ނިންމީ ކީއްވެތޯ ވެސް އޭނާ އެއްސެވި އެވެ.

މުއިއްޒު ވިދާޅުވީ، އެ މަޝްރޫއު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދަން ރާވާފައި އޮތީ، ފިނިޝިން ނިންމައި ރައްޔިތުންނާ ހަވާލުކުރާ ގޮތަށް ކަމަށެވެ. އެކަން ބަދަލުކުރީ މި ސަރުކާރުން ކަމަށާއި އެ އަގުގައި ފިނިޝިން ނުނިންމައި ހަވާލުކުރުމަކީ ހައްގު މިންވަރު ނޫން ކަމަށާއި އެއީ މި ސަރުކާރުން ދިން ދެރައެއް ކަމަށް ސިފަކުރައްވައި ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.

"އަޅުގަނޑު މި ދެންނެވީ 13 އަހަރުގެ ރިޕޭމަންޓް ޕީރިއަޑެއް ލާފައޭ އަގު ހަދާފައި އޮތީ. އެ އަގުގައި ފިނިޝިން ކޮސްޓް ވެސް ހުރިހާ އެއްޗަކާ އެކީގައި ހަދާފައި ހުރީ. ދެން މި ސަރުކާރުން އައިސް އެއީއެއް ނޫނޭ ރައްޔިތުންނަށް ހައްގު މިންވަރު ނޫނޭ ކަނޑައަޅާފައި އެތަނުގެ ބޭރު ދޮރު އެކަނި ލާފައި ދިނުމަކީ މި ސަރުކާރުން ޒިންމާވާން ޖެހޭނެ ކަމެއް ނޫނޭ އިނގޭތޯ،" މުއިއްޒު ވިދާޅުވި އެވެ.

"ހުޅުމާލޭގައި 704 ފްލެޓޭ ކިޔާ ތަންތަނުގެ ކޮޓަރިތަކުގެ ސައިޒު ވެސް މި ވަރަށް ހުންނާނީ. އޭގެކުރީގައި ނިންމާފައި ހުރި ކޮޓަރި ސައިޒު ކުޑަވާނެއޭ. މިއީ އެންމެ ކުޑަ ފްލެޓޭ ވިދާޅުވެފައި އޮތީމާ، ނޫން. އެއީކީ ހަގީގަތެއް ނޫން. މިއީކީ އެންމެ އަގު ބޮޑު ފްލެޓެއް ވެސް ނޫން، އެއީކީ ވެސް ހަގީގަތެއް ނޫން."

މުއިއްޒު މިހެން ވިދާޅުވުމާ އެކު، ސަލީމް ދެއްކެވީ، ފްލެޓްކުގެ ފިނިޝިން ނުނިންމައި ހަވާލުކުރާ ގޮތަށް ނިންމާފައިވާ ކަމަށް ޗައިނާގެ ސްޓޭޓުން ރައީސް އޮފީހަށް ކުރީ ސަރުކާރުގައި ފޮނުވާފައި އޮތް ސިޓީ އެކެވެ. އެ ސިޓީއަކީ ހެއްކެއް ނޫންތޯ ސަލީމް އެއްސެވުމުން މުއިއްޒު ވިދާޅުވީ މެމްބަރު އެންމެ ސިޓީއެއް ދައްކަވާ އިރު، އެފަދަ އެތައް ސިޓީއަކުން އެ މަޝްރޫއުގެ މުއާމަލާތުތައް ހިނގާފައިވާނެ ކަމަށެވެ.

ހައުސިން މިނިސްޓަރު އަސްލަމް، ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީ އަށް މިއަދު ޖަވާބުދާރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް

މުއިއްޒުގެ ވާހަކަ ދޮގު ކުރައްވަމުން މިނިސްޓަރު އަސްލަމް ވެސް ވިދާޅުވީ، އެންމެ ކުރިން ވެސް 62،000 ޑޮލަރަށް ފްލެޓެއްގެ ރޭޓުން މަސައްކަތް ޗައިނާގެ ސްޓޭޓާ ހަވާލުކުރީ ފިނިޝިން ނުނިންމައި ހަވާލުކުރާ ގޮތަށެވެ. އެއީ، މި ސަރުކާރުން ގެނައި ބަދަލެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

މުއިއްޒު މިއަދު ވެސް ވިދާޅުވި ގޮތުގައި ދެ ކޮޓަރީގެ އެ ފްލެޓްތައް 5،600ރ. އަށް ދޫކުރެވޭނެ އެވެ. އޭގެ އިތުރުން ނަގަން ކުރީގެ ސަރުކާރުން ނަގަން ނިންމީ މެއިޓެނެންސްގެ ފީގެ ގޮތުގައި 1،000ރ. ކަން ފާހަގަކުރެއްވި އެވެ. އެކަމަކު އަސްލަމް ވިދާޅުވީ، މަޝްރޫއުގެ އަގުތައް އެ އޮތީ އެޗްޑީސީން އާއްމުކޮށްފައި ކަމަށާއި އެ ހިސާބު ހެދުމަކީ ރޮކެޓް ސައިންސެއް ނޫން ކަމަށެވެ. މުއިއްޒު ވިދާޅުވަނީ އެ ފްލެޓްތައް ދޫކުރެވޭނެ އަގެއް ނޫން ކަމަށް ވިދާޅުވި އެވެ.

ހިޔާ މަޝްރޫއު ކުރިއަށް ގެންދިޔަ ގޮތް ތަފްސީލްކޮށްދެއްވަމުން، މުއިއްޒު ވިދާޅުވީ އެއީ ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކުރީގެ ސަރުކާރުން ހާއްސަ އިސްކަމެއް ދީ، އެ އޮފީހުގައި ކޮމިޓީއެއް ވެސް ނަގައިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

އެ މަޝްރޫއަކީ، މުއިއްޒު ވިދާޅުވި ގޮތުގައި، ބޯހިޔާވަހިކަށް ސަރުކާރަކުން ހޯދައިދިން އެންމެ ބޮޑު ހައްލެވެ.

އެކަމަކު 572 އަކަ ފޫޓުގެ އެ ފްލެޓްތަކަކީ ރައްޔިތުންތަކަކަށް ހައްގު މިންވަރު ނޫން ކަމަށް ވިދާޅުވެ އަސްލަމް ތުހުމަތު ކުރެއްވި ގޮތުގައި މުޅި އެ މަޝްރޫއު ވެސް ހަވާލުކުރީ އަގު ހެޔޮކޮށް ކުރެވެން އޮއްވައި އަގު ބޮޑުކޮށެވެ.

ހިޔާ މަޝްރޫއު ކުރިއަށް ގެންދަން ގިނަ ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅުކޮށް، ފްލެޓެއް 52،000 ޑޮލަރަށް އަޅަން ކުންފުނިތަކެއް ހުށަހަޅާފައި ވަނިކޮށް، ޗައިނާ ސްޓޭޓާ ހަވާލުކުރީ އަގުބޮޑުކޮށް ފްލެޓަކަށް 62،000 ޑޮލަރަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ފްލެޓްތަކުގެ އަގަށް ބަލާއިރު، ކޮންމެ ޔުނިޓަކަށް 956،040ރ. ޖެހޭ ކަމަށެވެ. މިއީ އާދަޔާޚިލާފަށް ބޮޑު ރޭޓަކަށް ވާ އިރު ފިނިޝިން ނުނިންމައި ހަވާލުކުރާ ގޮތަށް ޗައިނާގެ ސްޓޭޓާއެކު އެއްބަސްވެފައި އޮތުމަކީ ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ.

"އެއީ އެންމެ ރަނގަޅު ލިވިން ސްޕޭސެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ނަމަވެސް އެއީ ވެސް ޕްރޮޑަކްޓެއް، ނުވާ ކަމެއް ކަމަށް އަޅުގަނޑު ދަންނަވާކަށް ނެތިން،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ވަކި ކަންތައްތަކެއް ނިންމަން މުއްދަތުތަކެއް ކަނޑައަޅާފައި އޮތަސް 7،000 ފްލެޓުގެ ބީއޯކިޔުއެއް ނެތެވެ. މިއީ މިހާ ބޮޑު މަޝްރޫއުތައް ހިންގާ އުސޫލް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މެމްބަރުންގެ ގިނަ ސުވާލުތަކެއް މުއިއްޒަށް

އަގު ބޮޑުކޮށް މަޝްރޫއު ހަވާލުކުރީ ކީއްވެތޯ ދެންނެވުމުން މުއިއްޒު ވިދާޅުވި ގޮތުގައި އެއީ 25 ބުރިއަށް ނަގާ އިމާރާތްތަކަކަށް ވެފައި، އަގަށް ބަދަލުތަކެއް ގެނައީ ކަމަށް ގަބޫލުކުރެއްވެ އެވެ. ފައުންޑޭޝަނުން ފެށިގެން ސްޓްރަކްޗަރަލް ބަދަލުތަކަކާއި 14 މީހުންގެ ތިން ލިފްޓް ކޮންމެ ޓަވަރެއްގައި ހުރުމަކީ އަގު ބޮޑުވި ސަބަބު ކަމަށް ވުން އެކަށީގެންވާ ކަމަށާއި މަޝްރޫއު ކުރިއަށް ގެންދިޔައީ ރައީސް އޮފީހުގައި ވެސް ޚާއްސަ ކޮމިޓީއެއް ކަނޑައެޅިގެން ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ހައުސިން މިނިސްޓްރީގެ ބަދަލުގައި އެޗްޑީސީއާ ފަހުން ހިޔާ މަޝްރޫއު ހަވާލުކުރީ، ލޯނަށް ޒިންމާވުމާއި ހުޅުމާލޭގައި ކުރިއަށް ގެންދާ މަޝްރޫއަކަށް ވާތީ އެވެ. ހައުސިން މިނިސްޓްރީއާ ހަވާލުވެފައި އޮތީ، އެ ފްލެޓްތައް ލިބޭނެ މީހުން ކަނޑައެޅުން ކަމަށް ވިދާޅުވި އެވެ.

އެކަމަކު، މި މަޝްރޫއުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ މުއިއްޒަށް ކަން ލިޔެކިޔުންތަކުން އެނގެން އޮތް ކަމަށާއި މުޅި މަޝްރޫއަށް ކިހާ ހޭދައެއް ހިނގިތޯ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ދެންނެވުމުން ވިދާޅުވީ އެކަން އެނގިވަޑައިގަންނަވާނީ އެޗްޑީސީ އަށް ކަމަށެވެ. އެގޮތަށް އެނގިވަޑައިނުގަންނަވާއިރު، ފްލެޓެއްގެ އަގަކީ 5،600ރ. ކަމަށް ދެންނެވީ ކީއްވެތޯ އެހުމުން މުއިއްޒު ވިދާޅުވީ އެ އަގު ހެދީ އެޗްޑީސީގެ ހިސާބުތަކަށް ބަލައިގެންނެވެ.

އަގާ ގުޅޭ ގޮތުން، މުއިއްޒު ކުރެއްވި ޓުވީޓް މެމްބަރަށް ތަފްސީލްކޮށް ދެއްވި އެވެ.

ޓަވަރުތަކުގައި ހުރި ލިފްޓުގެ ސައިޒާއި އެންމެ މަތިން ތިރިއަށް ދާން ހޭދަވާ ވަގުތަކީ އުފުލަން ޖެހޭނެ ތަކުލީފެއް ކަމަށް ނުވިސްނަވަންތޯ މެމްބަރަކު އެއްސެވުމުން މުއިއްޒު ވިދާޅުވީ އެ ސުވާލުގެ ޖަވާބު ދެވޭނީ އެޗްޑީސީ އާއި އެ މަޝްރޫއުގެ ފަންނީ މސައްކަތް ކުރި ފަރާތުން ކަމަށެވެ. އެއީ ރާއްޖޭގައި ހިންގި އެންމެ ބޮޑު މަޝްރޫއު ކަމަށާއި ބޭރު ގައުމުތަކުގައި ވެސް އެ އުސޫލުން އެ ސައިޒުގެ ފްލެޓްތައް ދިރިއުޅެން ދޫކޮށްފައި ހުރި ކަން ފާހަގަކުރެއްވި އެވެ.

"އެ ތަންތަނަކީ އެކަށީގެން ނުވާ ތަންތަން ކަމަށް ވިދާޅުވަންޏާ އަޅުގަނޑަކަށެއް ގަބޫލެއް ނުކުރެވޭ،" މުއިއްޒު ވިދާޅުވި އެވެ.

ފްލެޓްތައް ދޫކުރީ ބޭއިންސާފުން ކަމަށް ކުރާ ތުހުމަތު މުއިއްޒު މިއަދު ވެސް ދޮގުކުރެއްވި އެވެ. ހުރިހާ ކަމެއް ދިޔައީ އުސޫލުގެ ތެރެއިން، ގެޒެޓްކުރެވި ހާމަކަން ބޮޑު ގޮތަކަށް ކަމަށް ވިދާޅުވި އެވެ.

މި ވާހަކަ އަށް ރައްދު ދެއްވައި އަސްލަމް ވިދާޅުވީ ހިޔާގެ ފްލެޓްތައް ދިން ގޮތް އަލުން އިވެލުއޭޓް ކުރަމުން އަންނަ އިރު، ދެން ނުކުންނާނީ އާ ލިސްޓެއް ކަމަށެވެ. އެ ލިސްޓާއި ކުރީގެ ލިސްޓް އެއްގޮތް ވެދާނެތޯ ވިދާޅުވާން އެނގިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެެވެ.