ކޮރަލް ބްލެވާޑަށް ހުޅުމާލެ އިން އެއް ލައްކަ އަކަފޫޓުގެ ބިމެއް ދޫކޮށްފި

ކޮރަލް ބްލެވާޑްގެ ނަމުގައި މާލޭގެ ރަސްފަންނު ސަރައްދުގައި ސިންގަޕޫރުގެ ކުންފުންޏަކުން އިމާރާތް ކުރަން ނިންމާފައިވާ ލަގްޒަރީ ފްލެޓުގެ ބޮޑު މަޝްރޫއު ހުޅުމާލެ އަށް ބަދަކުކޮށް، އެ އަވަށުން 129،000 އަކަފޫޓުގެ ބިމެއް ދޫކުރުމަށް ކަނޑައަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިންގަޕޫރުގެ ޗެންހުއާ ކޮންސްޓްރަކްޝަނަށް ރަސްފަންނު ސަރަހައްދުން 70،000 އަކަފޫޓުގެ ބިމެއް ދިނީ މަތީ ފެންވަރުގެ 350 އެޕާޓްމަންޓުގެ އިތުރުން ފިހާރަތަކާއި ކުޅިވަރު ކުޅޭ ތަންތަން ވެސް ހަދާ ގޮތަށެވެ. އެއީ 28 ބުރީގެ ހަތަރު ޓަވަރެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ޕްރޮޖެކްޓް ހުޅުމާލެ އަށް ބަދަލު ކުރަން ނިންމައިފަ އެވެ.

ޗެންހުއާ ކޮންސްޓްރަކްޝަން ކުންފުނީގެ ޚަބަރެއް މީޑިއާ އަށް ތިލަ ނުވާތާ ދުވަސްތަކެއް ފަހުން، އެ މަޝްރޫއާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވީ، އެ ކުންފުންޏަށް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ބިން ދޫކުރާއިރު، އެއީ މޫދު ފެންނަ ސަރަހައްދެއް ކަމަށެވެ. އެހެންކަމުން އެ ޕްރޮޖެކްޓް ރަސްފަންނުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޕްރޮޖެކްޓް ހުއްޓާލުމުގެ ވިސްނުމެއް އެބޭފުޅުންގެ ނެތް. އެކުގައި މަސައްކަތް ކުރަމުން މި ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮރަލް ބްލެވާޑްގެ މަޝްރޫއުން ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުންނަށް ޗެންހުއާ ކޮންސްޓްރަކްޝަނާ ނުގުޅޭ ކަމަށް ދެއްކެވޭ ވާހަކަތަކާ ގުޅިގެން، އާތިފާ ވިދާޅުވީ އެފަދަ ޝަކުވާއެއް ހައުސިން މިނިސްޓްރީ އަށް އަދި ލިބިފައި ނެތް ކަމަށެވެ. އެއްވެސް ފަރާތެއްގެ ކަންބޮޑުވުމެއް ވާ ނަމަ އެ މިނިސްޓްރީ އަށް ހުށަހެޅުމުން ކުންފުންޏާ މަޝްވަރާ ކުރުމަށް އެ މިނިސްޓްރީން މެދުވެރިއެއްގެ ދައުރު އަދާކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިއްޔެ ވެސް އެ ކުންފުންޏާ އަޅުގަނޑުމެންނާ މުއާމަލާތު ކުރެވިފައި ވަނީ. އެ ކުންފުނިން އެދިފައި ވަނީ އެ ކުންފުނިން ހުށަހަޅަން ޖެހޭ ލިޔުންތައް [ޕްރޮޖެކްޓަށް މިހާތަނަށް ކުރެވުނު ޚަރަދު] ހުށަހެޅުމުގެ މުއްދަތު ދެ ހަފުތާ އަށް އިތުރު ކޮށްދިނުމަށް. އެ ކުންފުނި ސީން އަކުން ނުގެއްލޭ،" އާތިފާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮރަލް ބްލެވާޑްގެ ފްލެޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންގެ މައުލޫމާތު ވަނީ ސަރުކާރަށް ލިބިފަ އެވެ. މިހާތަނަށް ފައިސާ ދައްކާފައި ވަނީ ނުވަ ފަރާތަކުން ކަމަށާއި އެ މީހުން އެވެރެޖްކޮށް ދައްކާފައި ވަނީ 315،350 ޑޮލަރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ނުވަ ފަރާތުން އެވްރެޖްކޮށް 104،500 ޑޮލަރު ޑައުންޕޭމަންޓުގެ ގޮތުގައި ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގައި، ކޮރަލް ބްލެވާޑްގެ ގެދޮރު މަޝްރޫއު ހިންގުމަށް ޗެންހުއާ ކޮންސްޓްރަކްޝަނުން ވަނީ ރަސްފަންނު ސަރަހައްދުގައި މަސައްކަތްތަކެއް ވެސް ކޮށްފަ އެވެ. އެގޮތުން، އެއް ޓަވަރުގެ ފައުންޑޭޝަންގެ މައިކްރޯޕައިލްސްގެ 13 ޕަސެންޓު ނިންމާފައި ވެ އެވެ. އެކަމަކު އިތުރު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

އެކަމުގެ ބަދަލެއްގެ ގޮތުން ދައުލަތަށް މާލީ ބުރައަކާ ކުރިމަތިވެދާނެތޯ ސުވާލު ދެންނެވުމުން މިނިސްޓަރު އާތިފާ ވިދާޅުވީ ސަރުކާރުގެ ނިންމުމަކީ އެ ޕްރޮޖެކްޓް ހުޅުމާ ލެއަށް ބަދަލު ކުރުން ކަމަށެވެ.

ކޮރަލް ބްލެވާޑްގެ ޕްރޮޖެކްޓް ހިންގުމަށް ރަސްފަންނު ސަރަހައްދުން މަގު ބަންދުވާ ގޮތަށް ބަންދު ކުރި ސަރަހައްދު މި ސަރުކާރުން ވަނީ ހުޅުވާލައިފަ އެވެ.

ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓްރީން ޗަންހުއާ އަށް ކޮރަލް ބްލެވާޑްގެ މަޝްރޫއު ހަވާލުކުރީ 2020ގެ ނިޔަލަށް ނިންމުމަށެވެ. އަދި އެ ތަނުގެ ހަތަރު ޓަވަރުން 120 ފްލެޓް ސަރުކާރަށް ދޭން ޖެހެ އެވެ. އެ ޕްރޮޖެކްޓްގެ ބިންގާ އަޅުއްވައި ދެއްވީ މިދިޔަ އަހަރުގެ ޖުލައި މަހު އޭރުގެ ރައީސް ޔާމީނެވެ.