13 ޖެނުއަރީ 2019 - 12:03
ޖެނޯއާ (ޖެނުއަރީ 13) – ޗެލްސީން ހޯދަން މަސައްކަތްކުރަމުން އަންނަ އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގައިން، އޭސީ މިލާން ދޫކޮށްލަން ނިންމައިފިކަން އެ ޓީމުގެ ކޯޗު ޖެނާރޯ ގަޓޫސޯ ކަށަވަރުކޮށްދީފި އެވެ.
ހިގުއައިން މި ސީޒަނުގައި މިލާނާ ގުޅުނީ ޔުވެންޓަސްގެ ލޯނެއްގެ ދަށުންނެވެ. އެކަމަކު ފަހަކަށް އައިސް އޭނާގެ ކުޅުން ދަށްވެ ކްލަބުގެ ޑިރެކްޓަރުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އަނެއްކޮޅުން ފޯވާޑުންގެ ދަތިކަން ކުރިމަތިވެ ޗެލްސީން އަންނަނީ އޭނާ ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އެކަމަށް ބާރު އަޅަނީ ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ އެވެ. އޭނާ އަކީ ހިގުއައިން ނަޕޯލީ އަށް ކުޅެ އިޓަލީގެ ލަނޑު ރެކޯޑް މުގުރާލިއިރު ކޯޗެވެ.
އިޓާލިއަން ކަޕުގައި ރޭ ޖެނޯއާ އަތުން 2-0 އިން މިލާން މޮޅުވި މެޗުގައި ދެ ގޯލް ވެސް ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޒުވާން ފޯވާޑް ޕެޓްރިކް ކުޓްރޯނޭ އެވެ. ކުޓްރޯނޭ ވަނީ ހިގުއައިން އަށް ވުރެ މަދުން ކުޅެ އެކަމަކު އޭނާ އަށް ވުރެ ގިނަ ގޯލް މި ސީޒަނުގައި ޖަހައިފަ އެވެ.
"ކުޅުންތެރިއަކު ގޮތެއް ނިންމީމާ ވަރަށް އުނދަގޫވާނެ އޭނާގެ ވިސްނުން ބަދަލުކުރަން،" ހިގުއައިން މިލާން ދޫކޮށްލަން ނިންމާފައިވާކަން ގަޓޫސޯ ކަށަވަރުކޮށްދިނެވެ. "އަހަންނާ ހިގުއައިންއާ އޮންނަނީ ތެދުވެރިކަމުގެ މައްޗަށް އުފެދިފައި އޮތް ގުޅުމެއް. އަހަރެމެން ސީދަލަށް ވާހަކަދައްކަނީ."
ގަޓޫސޯ ބުނީ މިވަގުތު ހިގުއައިން އަކީ މިލާނުގެ ކުޅުންތެރިއެއް ކަމަށާއި އަދި އޭނާ ހިފަހައްޓަން ކުރެވުނު ކަމެއް ކުރާނެ ކަމަށާއި އެކަމަކު ވާނެ ގޮތެއް ބުނަން ނޭގޭ ކަމަށެވެ.
"އަހަންނަށް އަދިވެސް ނޭގޭ ހިގުއައިން ހިތްހަމަނުޖެހެނީ ކޮން ސަބަބަކާ ހުރެ ކަމެއް. އެއީ އަހަންނަށް ފެންނަނީ ވަރަށް އުފާވެފައިވެފައި ހުރި ކުޅުންތެރިއަކަށްވާތީ. ބަލަމާ ވާނެ ގޮތެއް. އަހަންނަށް ވެގެން ވަންޏާ އަހަރެންގެ ގޭގައި އޭނާ ބަހައްޓައި ކާންދީ ބަލަހައްޓާނަން،" ގަޓޫސޯ ބުންޏެވެ.
ޔުވެންޓަސް އިން މި ސީޒަނުގައި ހިގުއައިން ދޫކޮށްލީ އޭނާގެ ނުރުހުމުގަ އެވެ. އެއީ ކްރިސްޓިއާނޯ ރޮނާލްޑޯ ގެނައުމަށެވެ. މިލާނަށް ބަދަލުވެ ހިގުއައިން މޮޅަށް ކުޅެމުން އަންނަނިކޮށް މައްސަލަ ދިމާވީ ޔުވެންޓަސް އަތުން 2-0 އިން މިލާން ބަލިވި މެޗުގައި އޭނާ އަތުން ޕެނަލްޓީއެއް ބޭކާރުވެ ރަތްކާޑެއް ހޯދި ހިސާބުންނެވެ. އެ މެޗުގައި ޔުވެންޓަސް މޮޅުކޮށްދިނީ ރޮނާލްޑޯ އެވެ. އޭގެ ފަހުން ސަސްޕެންޝަނާއި އަނިޔާގެ މައްސަލަ ދިމާވެ ހިގުއައިންގެ ފޯމް ގެއްލުނެވެ.
މިލާނުން ހިގުއައިން ގެނައީ ޔުވެންޓަސް އަށް މި ސީޒަނުގައި 18 މިލިއަން ޔޫރޯ ދީފައި އަދި ސީޒަން ނިމުމުން 36 މިލިއަން ދީފައި ދާއިމީ ކުރާ ގޮތަށެވެ. އޭނާ ޗެލްސީ އަށް ބަދަލުވާ ނަމަ ނަމަ 36 މިލިއަން ދައްކަން ޖެހޭނީ އެ ޓީމުންނެވެ.
އުމުރުން 31 އަހަރުގެ ކުޅުންތެރިއަކަށް އެވަރުގެ ހޭދައެއް ކުރަން ޗެލްސީގެ ބޯޑުން ބޭނުންނުވީ ނަމަވެސް ކޯޗު ސާރީ އަންނަނީ އެކަންވޭތޯ މަސައްކަތްކުރަމުންނެވެ. ބެލެވޭ ގޮތުގައި ހިގުއައިންގެ ޓްރާންސްފާގެ މަސައްކަތް ރަސްމީކޮށް ފަށާނީ އިޓާލިއަން ސުޕަ ކަޕުގައި ބުދަ ދުވަހުގެރޭ މިލާނާއި ޔުވެންޓަސް ކުޅޭ މެޗަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހަށްދަގަ.
14 January 2019
ތިޔަ އިސްރާފު އަވަހަށް ބޭރުކުރޭ.. ޕުރެޝަރ މެޗެއްގަ ނުޖެހޭނެ ގޯލެއް.. މާބޮޑު ޕުރެޝަރެއް ނެތި ބުއްބޯ ޓީމުތަކާ ކުޅޭއިރު ގޯލްޖެހޭނި
ޕޮކަޑިމޭން
13 January 2019
ހިގުއައިން 3ފަޅިއަށް ފަޅާލާފަ އެއފަޅި ގަޓޫސޯ އަށް އަނެއް ފަޅި ސާރީ އަށް ދީފަ ބާކީބައި މެސީ އަށް ވެދުމަށްއަރުވާ.