އދ.ގެ ޚާއްސަ ރެޕަޓުއާ ކަލަމާޑް. --ފޮޓޯ:ރޮއިޓާސް
30 ޖެނުއަރީ 2019 - 00:23
އިސްތަންބޫލް (ޖެނުއަރީ 30) - ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލަ ބަލާ ބައިނަލްއަގުވާމީ ތަހުގީގު ޓީމުގެ އިސް މެންބަރު ތުރުކީގެ ޕްރޮސެކިއުޓަ ޖެނެރަލްއާ އިއްޔެ ބައްދަލުކޮށްފި އެވެ.
ސްޕެޝަލް ރެޕަޓުއާ އަގްނިސް ކަލަމާޑް ތުރުކީ އަށް ވަޑައިގެން އުޅުއްވަނީ ފޮރެންސިކް އަދި ގާނޫނީ ޓީމަކާ އެކު އެވެ. އޭނާ ކުރިން ވަނީ ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުތު ކަވަސޮގްލޫއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
"ކޮންސިއުލޭޓަށް ވަނުމުގެ ހުއްދަ ދިނުމަށް ސައުދީ ސަރުކާރުގައި މިހާރު ވަނީ އެދިފައި. ސައުދީގެ ޖަވާބަކަށް މިހާރު އިންތިޒާރު ކުރަނީ،" ކަލަމާޑް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖޫން މަހު އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުން ބާއްވަންވާ އިރަށް އޭނާގެ ރިޕޯޓް އާއްމު ކުރާނެ ކަމަށެވެ.
"ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅުމުގެ ކުރިން ރިޕޯޓް އާއްމު ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ކަލަމާޑްއާ އެކު ތަހުގީގުގައި އިނގިރޭސި ވިލާތުގެ މަޝްހޫރު ގާނޫނީ ވަކީލް ހެލެނާ ކެނެޑީ އާއި ހައުސް އޮފް ލޯޑްސްގެ މެންބަރު ޑުއާޓް ނޫނޯ ވިއެރާ ބައިވެރިވެވަޑައިގަންނަވަ އެވެ. އޭނާ އަކީ ޕޯޗުގަލްގެ ކޮއިމްބަރާ ޔުނިވާސިޓީގެ ފެކަލްޓީ އޮފް މެޑިސިންގެ ޕްރޮފެސަރެކެވެ. އަދި އެއީ ޕެތޮލޮޖީ އާއި ފޮރެންސިކް ސައެންސްގެ ޚާއްސަ ތަޖުރިބާކާރެއް ވެސް މެ އެވެ.
ސައުދީން ބުނެފައި ވަނީ ޚާޝުގްޖީ މަރާލުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ މީހުންގެ ޝަރީއަތް ފަށާފައިވާ ކަމަށެވެ.
ސައުދީ ސަރުކާރަށް ފާޑުކިޔަމުންދިޔަ ނޫސްވެރިޔާ އޮކްޓޯބަރު 2 ވަނަ ދުވަހު މަރާލީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy