އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމުގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/އެމްޑީޕީ
05 ފެބުރުއަރީ 2019 - 14:11
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ ރޫހަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީއާ އެކު ކުރިއަށް ދިއުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެކުގައި މަޖިލީސް އިންތިޚާބުގައި ވާދަކުރެވިދާނެ ކަމުގެ އުއްމީދު ގެއްލިފައި ވަނިކޮށް، އަދާލަތުން އިސްވެ އެމްޑީޕީ އަށް ވަނީ ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އެއީ، ދެ ޕާޓީން ވެސް ދޫ ދީގެން، އެކުގައި ވާދަކޮށް ސަރުކާރު ކޯލިޝަނަށް ގިނަ ގޮނޑިތައް ކާމިޔާބު ކުރުމެވެ.
އެ ނިންމުމާ މެދު ހިޔާލު ހޯދަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް މިއަދު މާބްލް ހޮޓަލުގައި ވަނީ ބާއްވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ އަދާލަތުގެ ހުށަހެޅުމާ އެއްގޮތަށް ގޮނޑިއެއް ދޫކޮށްލެވެން ޕާޓީ އަށް މިހާރަކު ނެތް ކަމަށެވެ. އެއީ، ޕްރައިމަރީ ބާއްވައި 86 ދާއިރާއެއްގެ ޓިކެޓް ހަވާލުކޮށްފައި އޮތުމުން ކަން ފާހަގަކުރައްވައި ވިދާޅުވީ އެ ފުރުސަތު މިހާރު އޮތީ އިންތިޚާބުވި ކެންޑިޑޭޓުންނާއި އެ ދާއިރާ އަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންގެ އަތްމަތީގައި ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީ އަކީ، ވަކިވަކި ގޮނޑިތަކަކަށް ބޭފުޅުން އިންތިޚާބުވެފައި ތިބި ނަމަވެސް ޖުމްލަކޮށް ޕާޓީގެ ފައިދާ އަށް ބައްލަވާނެ ގައުމީ މަޖިލީހުގެ ހުރިހާ ބޭފުޅުން ވެސް، [ޕްރައިމަރީގައި] އިންތިހާބުވެފައި ތިބި ހުރިހާ ބޭފުޅުން ވެސް،" ނަޝީދު ވިދާޅުވި އެވެ.
"މިސާލަކަށް އަޅުގަނޑު ނުދަންނަވަން، ދޫކުރަން އަޅުގަނޑުމެން މި ވިސްނަނީ ކޮންކޮން ގޮނޑިތަކެއް ކަން. އެހެން ނަމަވެސް ޕާޓީގެ ހުރިހާ މެމްބަރުންނަށް ވެސް އެބަ އެނގިލައްވާ އުސޫލެއްގެ ގޮތުން މި ބާވަތުގެ މަސައްކަތެއް ކުރުމަކީ ރަނގަޅު ކަމެއް ކަމަށް. އަދި މިއަދު ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ އަޅުގަނޑަށް، އެ ބޭފުޅުންގެ ރުހުން ދެއްވާފައި، 5-6 ދާއިރާއެއްގެ ޕާޓީ މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުންނާ އަޅުގަނޑު ވާހަކަ ދެއްކުމަށް."
އެ މަޝްވަރާތަކުން ގޮތެއް ނިމުމުން އެމްޑީޕީގެ މެމްބަރުން ދޫކޮށްލާ ދާއިރާތައް އިއުލާން ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި، އަދާލަތަށް ދޫކޮށްލަން އެމްޑީޕީން ވިސްނާ ދާއިރާތަކުގެ ތެރޭގައި ވައިކަރަދޫ ދާއިރާ އާއި މަކުނުދޫ ދާއިރާ އާއި ކާށިދޫ ދާއިރާގެ އިތުރުން ރ. އަތޮޅުގެ ދާއިރާއެއް ހިމެނެ އެވެ. އެމްޑީޕީން ހަ ދާއިރާއެއް ދޫކޮށްލަން ވާހަކަ ދައްކާ އިރު، ނިލަންދޫ ދާއިރާ އަށް އެމްޑީޕީގެ ތާއީދާ އެކު ވާދަކުރުމުގެ ވިސްނުން އަދާލަތުން ގެންގުޅެ އެވެ.
ސަރުކާރު ބައްދަލުވުމެއްގައި ރައީސް އިބްރާހިމް ސޯލިހް އާއި ނައިބު ރައީސް ފައިސަލް ނަސީމްއާ އެކު ނަޝީދާއި އިމްރާން.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
މަޖިލީހުގެ 87 ދާއިރާގެ ތެރެއިން ނިލަންދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާތަކަކަށް ވާދަކުރަން ނިންމައި ޕްރައިމަރީން އިންތިހާބުވި ކެންޑިޑޭޓުންނާ ޓިކެޓް ހަވާލުކޮށްފައި ވަނިކޮށް ބައެއް ދާއިރާތައް ދޫކޮށްލުމަކީ އިންސާފުވެރި އަދި ޑިމޮކްރެޓިކް ހަމައިން ކުރެވޭނެ ކަމެއްތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ "އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑުގެ ވާޖިބަކީ މި ޕާޓީ އަށް އެންމެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްދިނުން" ކަމަށެވެ.
"އަޅުގަނޑު އެކަން ކުރަން މި ޖެހެނީ ޕާޓީގެ ލިއެފައި އޮތް ހިންގާ ގަވާއިދާ އެއްގޮތަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޕާޓީގެ އަސާސީ ގަވާއިދުގެ އެންމެ އަކުރަކާ ވެސް، އެންމެ ފޮޅުވަތަކާ ވެސް، ލަފްޒަކާ ވެސް، ބަހަކާ ވެސް، އަޅުގަނޑު ޚިލާފެއް ނުވާނަން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިފަހަރުގެ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީން ހޯދާނެ އެވެ. ވޭތުވެދިޔަ ދެ އިންތިޚާބުގައި، ޕާޓީ އަށް ގޮނޑިތައް ހޯދައިދޭން އަމަލީ ގޮތުން މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވާ ކަން ފާހަގަކުރައްވައި ވިދާޅުވީ އެމަނިކުފާނު މިހާރު ހުންނެވީ އެ މަސައްކަތް ކުރައްވަން ހުސްވެވަޑައިގެން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ޕާޓީ އަށް އާދަޔާޚިލާފު ކާމިޔާބީއެއް ހޯދައިދޭނަން،" ނަޝީދު ވިދާޅުވި އެވެ.
ކޯލިޝަން ޕާޓީތަކުން އެކުގައި ވާދަކުރަން ފޯމިއުލާއެއް ނުހޯދުނުއިރު، އަދާލަތާ އެކުގައި ކުރިއަށް ދާން އެމްޑީޕީން ނިންމީ ކީއްވެތޯ ނޫސްވެރިން ސުވާލު ދެންނެވުމުން ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އޮނިގަނޑު ފެންނަން އޮތުމަކީ އެ ޕާޓީއަކާ އެކު ސިޔާސީ މަސައްކަތް ކުރަން އެމްޑީޕީ އަށް ފަސޭހަވެގެންދާ ކަމެއް ކަމަށެވެ. އަދާލަތު ޕާޓީ އިންތިޒާމު ވެފައި އޮންނަނީ ވެސް އެމްޑީޕީއާ "މާ ދުރު ގޮތަށް ނޫން" ކަމަށް ވިދާޅުވި އެވެ.
ޝަރުއީ ނިޒާމް އިސްލާހު ކުރުމާއި އިންކަމް ޓެކްސް ނެގުމާއި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ވަޒީފާގެ ދަތިތައް ނައްތާލުން ފަދަ އެމްޑީޕީގެ ސިޔާސަތުތަކަށް އަދާލަތު ޕާޓީގެ ރުހުން އޮތުމަކީ ވެސް އެ ޕާޓީއާ އެކު މަސައްކަތް ކުރަން ފަސޭހަވާ ސަބަބެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލް އިންތިޚާބުގައި އެކުގައި ވާދަކުރަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެއްބަސްވުމެއް އެކުލަވާލި އެވެ. މަޖިލީސް އިންތިހާބުގައި ޕާޓީތަކުން ގޮނޑިތަކަށް ވާދަކުރާނެ އަދަދު ލިއެފައި ނުވާ އެއްބަސްވުމާ މެދު ހިޔާލުތަފާތުވެ، ޕާޓީތަކުން ވާދަކުރަން ނިންމާފައި އޮތީ ވަކިވަކިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްރާބު
06 February 2019
މި ޚަބަރަށް 24 ގަޑި އިރު ނުވަނީސް ދެން އައި ޚަބަރު https://mihaaru.com/news/49815 (ހަ ދާއިރާ ދޫކޮށްލަން އެމްޑީޕީގެ ކެންޑިޑޭޓުން އެއްބަހެއް ނުވި!) އެހެންވީމަ ބުނެވެނީ އެންޑީޕީ ވާނީ ހަމަ އެންޑީޕީ އަށޭ، ނަޝީދުވާނީ ނަޝީދަށޭ!
ރާވެރިބެ
06 February 2019
އަދާލަތު ޕާޓީގެ ބޭނުން ކުރަނީ ގޮނޑިކޮއްކޮއެއް ގޮތަށެވެ. އަދާލަތު ޕާޓީގެ މަޤުޞަދާއ ކޯޅޭޝަން ތެރޭގައި އޮތް މަގާމުތައް ދިފާއުކުރަން ކުރެވޭ މަސައްކަތާ ފުށުއަރައެވެ. އަދި އަދާލަތަކީ ލާދީނީ މީހުންގެ އަމަލުތައް ނުފެންނަ، ނުއިވޭ އަދި އިހުސާސްވެސް ނުވާ އަނގަ ބަންދުވެފައިވާ ޕާޓީއެކެވެ.
ވަތުބަތާނަ
06 February 2019
ތީ ކޮންބައެއް! ތިތާކުނެތް ދެ ދުވަހަކު އެއް ދުލަކުން ވާހަކަ ދައްކާ އެއްވެސް މީހެއް!
ރާއްޖެ ނެތިދިއުން
06 February 2019
ގާސިމާއި މައުމޫނަށް ދިން ފިލާވަޅުން އިބުރަތް ލިބިގަތުމަށް އަދާލަތުން އެބަ ޖެހޭ. މަޖްލިސް އިންތިޚާބަށްފަހު މަންޒަރު ސާފުވާނީ.
ރަނާ'
06 February 2019
މެމްބަރުންނެއް ނޫން ރޫހާނީ ލީޑަރ ބޭނުންގޮތަށް ހުރިހާ ކަމެއް ކުރަމުން ދަނީ މެމްބަރުން ތިބޭނީ އަތް ޖަހަން ޕާޓީގެ ރައީސްއަކީވެސް އިބޫ ނޫންތޯ އެކަމަކު ހުރިހާ ކަނެއް ތިޔަ ނިންމަނީ ރޫހާނީ ލީޑަރ ނޫންތޯ
އެތެރެގަޑުބަޑު
06 February 2019
ބައްލަވާ ނަޝީދޫ އިބޫ ސޯލިހޫ ! ޕާޓީއަށްޓަކާ އެތައް ގުރުބާނެއް ވެފައިވާ މީހުން ތިއްބާ ! އެމްޑީޕީ އަޔަނުދޭން އެންޓިކެންޕޭންކޮށް މުވައްޒަފުންނަށް ބިރުދައްކާ އަންނިއަށާ އިބޫ އަށް ހަޖޫޖަހާ ލާދީނީ ގޮވާ ރ ޓީވީ ބެލުން މަނާކޮށް އުޅުނު އަބަދުވެސް ވައްކަމާ ފަސާދައިގެ ކަންކަން ހިންގާފައިވާ މީހުނަށް މިނިސްޓްރީ ތަކުން ވަޒީފާ ތިޔަދެނީ ހަމަ މެންބަރުންގެ ރޫހަކީ އޭއީތަ ! ޔޫތޫމިނިސްޓްރީ ! ހަނިމާދޫ ! އިންފްރާސްޓްރަކްޗަރ ! ބައްލަވާ ! ކޯލިޝަންގެ މީހަކުވެސް ނެތް!
ނަފްސާ
05 February 2019
ދެއުޅި އެއްނުވާ ވާހަކަ މުޅިންވެސް ދައްކަނީ. ނަޝިދުގެ ކިބައިން ގައުމު ސަލާމަތްކުރަންޖެހެއެވެ.
ލައިކު
05 February 2019
ހެޔޮނިއަތުގެ ކަންކަން ކުރަން އުޅުނީމާ ކަންކަމަށް މަގުފަހިވާކަން މިއިން ދައްކައިދެނީ !
ޛިކުރާ
05 February 2019
ޢަސްލުސިފަ ދައްކަން އެބަޖެހޭ. ޢަނިޔާވެރިކަމާ. ޙީލަތްތެރިކަމާ. ބަޣާވާތް ފުލެހަންޖެހޭ.
6666
05 February 2019
މަޖްލިސްއިންތިޚާބުންހޮވުނީމަ ޢިމްރާނައްދައްކާލާނެ އަންނިގެހުރިނުލަފާކަން ރަނގަޅައްވިސްނާތި