އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސަށް ހުށަހަޅުމުގެ ރަސްމިއްޔާތަށް މިއަދު ތައްޔާރުވަނީ. --ފޮޓޯ/މިހާރު
06 ފެބުރުއަރީ 2019 - 10:17
އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީ އާއި އަދާލަތުން ގުޅިގެން ވާދަކުރެވެން އޮތް ގޮތަކީ އެމްޑީޕީން ބައެއް ދާއިރާތައް ދޫކޮށްލުން ކަމަށް ވިޔަސް ޕްރައިމަރީން ހޮވުނު ކެންޑިޑޭޓުން އެކަމާ ދެކޮޅު ހަދައިިފި އެވެ.
އަދާލަތުގެ ހުށަހެޅުމަކީ، ދެ ޕާޓީން ވެސް ދޫ ދީގެން، އެކުގައި ވާދަކޮށް ސަރުކާރު ކޯލިޝަނަށް ގިނަ ގޮނޑިތައް ކާމިޔާބު ކުރުމެވެ. މި ހުށަހެޅުމަށް ތާއީދު ހޯދަން، އެމްޑީޕީގެ ގައުމީ މަޖިލިހުގެ ނުރަސްމީ ބައްދަލުވުމަކުން ޚިޔާލު ހޯދައި، ޓިކެޓް ދޫކޮށްލަން ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުންނާ އެކު މަޝްވަރާ ކުރި އެވެ.
އެމްޑީޕީން ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް އަދާލަތަށް ދޫކޮށްލަން ވިސްނި ދާއިރާތަކަކީ ވައިކަރަދޫ ދާއިރާ އާއި މަކުނުދޫ ދާއިރާ އާއި މަހިބަދޫ ދާއިރާ އާއި ކާށިދޫ ދާއިރާ އާއި މިލަންދޫ ދާއިރާގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާ އެވެ. މި ހުރިހާ ދާއިރާތަކަކަށް ވެސް އެ ޕާޓީން ކެންޑިޑޭޓުން ހޮވާފައި ވަނީ ޕްރައިމަރީންނެވެ.
މީގެ ތެރެއިން ބައެއް ކެންޑިޑޭޓުން ޓިކެޓް ދޫކޮށްލަން ހުށަހަޅައި، އެމްޑީޕީގެ ލީޑަޝިޕުން ވާހަކަ ދެއްކި އެވެ. އެކަމަކު، އެއްވެސް ކެންޑިޑޭޓަކު އެއްބަސްވި ކަމެއް ޔަގީނެއް ނޫނެވެ. އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅާއިރު، އެ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ފޯމު ވެސް ހިމެނެ އެވެ.
"ޓިކެޓް ދޫކޮށްލަން މަޝްވަރާ ކުރި އެންމެންގެ ވެސް ފޯމު މިއަދު އިލެކްޝަންސަށް އެބަ ހުށަހަޅާ. ވަކި ގޮތެއް ރެއާ ހަމައަށް ވެސް އެއްބަހެއް ނުވެވުނު،" ދާއިރާ ދޫކޮށްލަން އެދި އެމްޑީޕީން ވާހަކަ ދެއްކި އެއް ކެންޑިޑޭޓަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.
"ދާއިރާގެ ރައްޔިތުން ވޯޓުން ހޮވީ، އެހެންވީމަ ކެންޑިޑޭޓުގެ އިޚްތިޔާރުގައި އޮތް ކަމެއް ނޫން އެ ޓިކެޓް ދޫކޮށްލުމަކީ. އެއީ ކެންޑިޑޭޓަކަށް ކުރެވޭނެ ކަމެއް ނޫން."
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ، އަދާލަތުގެ ހުށަހެޅުމާ އެއްގޮތަށް ގޮނޑިއެއް ދޫކޮށްލެވެން ޕާޓީ އަށް މިހާރަކު ނެތް ކަމަށެވެ. އެއީ، ޕްރައިމަރީ ބާއްވައި 86 ދާއިރާއެއްގެ ޓިކެޓް ހަވާލުކޮށްފައި އޮތުމުން ކަން ފާހަގަކުރައްވައި ވިދާޅުވީ އެ ފުރުސަތު މިހާރު އޮތީ އިންތިޚާބުވި ކެންޑިޑޭޓުންނާއި އެ ދާއިރާ އަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންގެ އަތްމަތީގައި ކަމަށެވެ.
ގައުމީ މަޖިލީހުގެ މެމްބަރުންގެ ރޫހު ހުރީ، ބައެއް ދާއިރާތައް ދޫކޮށްލައިގެން ވިޔަސް އިންތިޚާބުގައި އަދާލަތު ޕާޓީ އެކުގައި ވާދަކުރުން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
މަޖިލީހުގެ 87 ދާއިރާގެ ތެރެއިން ނިލަންދޫ ދާއިރާ ފިޔަވައި ހުރިހާ ދާއިރާތަކަކަށް ވާދަކުރުމުގެ ފޯމު އެމްޑީޕީން މިއަދު އިލެކްޝަންސަށް ހުށަހަޅާއިރު، ބައެއް ގޮނޑިތައް ދޫކޮށްލުމާ މެދު އަދިވެސް އިތުރަށް މަޝްވަރާތައް ބާއްވަން ވެސް އޮތީ ހަމަޖައްސައިފަ އެވެ.
ސަރުކާރު އެކުލަވާލަން ސިޔާސީ ޕާޓީތަކުން ހެދި ކޯލިޝަން އެއްބަސްވުމުގައި އޮތީ، ރިޔާސީ އިންތިޚާބުގެ އިތުރުން މި އަހަރުގެ މަޖިލީސް އިންތިޚާބާއި އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ގުޅިގެން ވާދަކުރުމަށެވެ. އަދި ޕާޓީތަކަށް ހިއްސާ ބަހާނީ، ސަރުކާރުގައި އެ ޕާޓީއެއް ތަމްސީލްވާ ނިސްބަތުން ކަމަށް ވެސް އެއްބަސްވުމުގައިވެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފިޔަވައި އެހެން ސިޔާސީ ޕާޓީތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ސޮއިކުރި އެއްބަސްވުމާ އެއްގޮތަށް މަޖިލީސް އިންތިޚާބުގައި ވާދަކުރަން އެމްޑީޕީން ދެކޮޅު ހެދީ އެވެ. އެމްޑީޕީން ދެކޭ ގޮތުގައި އެއީ، މަޖިލީސް އިންތިޚާބަށް އެކުލަވާލި އެއްބަސްވުމެއް ނޫނެވެ.
އެކަމާ ހެދި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދު ވަނީ ހިޔާލު ތަފާތުވެފަ އެވެ. އެއްބަސްވުމާ އެއްގޮތަށް ވާދަނުކުރެވުމުން ޖުމްހޫރީ ޕާޓީ އާއި މައުމޫން ވެސް މަޖިލީހަށް ކެންޑިޑޭޓުން ނެރެން ހަމަޖައްސާފައި ވަނީ ކޯލިޝަނާ ވަކިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ރާޖާ
06 February 2019
އެއްބަހެއް ނުވާނެ. އެއްވެސް ބަޔަކު އަނެއް ބަޔަކަށް އިތުބާރެއް ނުކުރޭ.
ބޭބެ
06 February 2019
ހުރިހާ ޕާޓިންވެސް ކުރިމަތި ލައްވާ އަޅުގަނޑުމެން ގޮތް ނިންމާނަން
ސާދު
06 February 2019
އެދާއިރާއެއްގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބާއްވައިގެން މެނުވީ އެދާއިރާއެއްގެ މަޖިލިސް ޓިކެޓް އެއްވެސް ފާރާތަކަށް ދެވިގެން ނުވާނެއެވެ. އަދި އެދާއިރާ އަކަށް ނިސްބަތް ނުވާ ބޭފުޅަކަށް އެދާއިރާއަކަށް ކުރިމަތި ލެވިގެންވެސް ނުވާނެއެވެ. މަޖިލިސް ގޮނޑިއަކީ އެދާއިރާގެ ރައްޔިތުންގެ ހައްޤަކެވެ. ޑީލެއް ނެހެދޭނެއެވެ. އެދާއިރާކުން ކުރިމަތިލާން ބޭނުންވާ ބޭފުޅަކު އެދާއިރާއަކަށް ކުރިމަތިލާންވީއެވެ.
ޕީޓީ
06 February 2019
އަސްލު އެމްޑީޕީން އެބަޖެހޭ ޕުރައިމެރީ ބާއްވާއިރު ކޮންމެ ދާއިރާއަކުން ދެކެންޑިޑޭޓުން ހޮވަން. ޢެއީ އެއީ އެމްޑީ އަށްވީ ޓިކެޓާއި އެހެން ޕާޓީތަކަށް ދޫކުރަން ޖެހޭ ޓިކެޓާއި ދެ ޓިކެޓް . ޢޭރު އެހެން ޕާޓީތަކަށް ކޮންމެ ދާއިރާއަކުން އެއްޓިކެޓް ދޫކޮށްލެވެދާނެ. ދެންއޮތްގޮތަކީ އެމްޑީޕީގެ ޕުރައިމެރީގައި އެހެން ޕާޓީ ތަކުގެ ކެންޑިޑޭޓުންވެސް ބައިވެރި ކުރުން. ނުވަތަ އެހެން ޕާޓީތަކަށް އެމްޑީޕީން އިތުރު ޕުރައިމެރީއެއް ބާއްވާ ޓިކެޓް ހޯދާދިނުން
އަދާލަތުގެބަސް
06 February 2019
މި ނިންުމުމާމެދު އަދާލަތުގެ ބަހެއް ހިމަނާލިނަމަ ހަބަރު ވަރަށް ފުރިހަމަވީސް.
ޝޮކްތެރަޕީ
06 February 2019
އަޅުގަނޑު އިމްރާނަ ވަރައް އިހުތިރާމް ކުރިން. މިހާރު އިމްރާނަކީ އަމިލްލައެދުމާއިން އުޅޭމީހެއްކަން ފާހަގަވެއްޖެ.
ފިސާރިކަނބަލެއް
06 February 2019
އެމްޑީޕީ އަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޕާޓީއެއް، މިހެންވެ ހުރިހާ ޕާޓީއަކުންވެސް އިންތިހާބު ތަކުގައި އެމްޑީޕީގެ ތެރެއަށް ބޯކޮއްޕަން މިއުޅެނީ، އެއްވެސް ގޮނޑިއެއް ދޫކުރާނެ ކަމެއްނެތް، ކޮންމެ ބަޔަކުވެސް ސަޕޯޓް އޮތްވަރު ބަލަން ވަކިވަކިން ކުރިމަތިލީމަ ތީޕާޓީތަކުގެ ހުރި ބަރުދަން ވަރަށް ރަގަޅައް ސާފުވާނެ، މަޖިލިސް ތެރޭގެ ޖެހިސަކަރާތް ވަރަށް ރަގަޅައްވެސް ރައްޔިތުންނަށް ފެނިއްޔެ، ދެން މި
ބަލޯރި
06 February 2019
"ދާއިރާގެ ރައްޔިތުން ވޯޓުން ހޮވީ، އެހެންވީމަ ކެންޑިޑޭޓުގެ އިޚްތިޔާރުގައި އޮތް ކަމެއް ނޫން އެ ޓިކެޓް ދޫކޮށްލުމަކީ. އެއީ ކެންޑިޑޭޓަކަށް ކުރެވޭނެ ކަމެއް ނޫން." ދެރަކަމެއްނު. ކެނޑިޑޭޓުގެ އަމިއްލައަށް ފެނިގެން ކުރިމަތިލަނީވެސް، އަދި އޭގެއިތުރުން އެއްވެސްމީހަކަށް ކަމެއް މަޖުބޫރުކުރުމެއް ގާނޫނުގަ ނޯންނާނެ، ރައްޔިތުންނަކަަށްވެސް މީހެއްގެ އަމިއްލަ އިހްތިޔާރާ ދެކޮޅެއްނުހެދޭނެ. ކޮންމެވެސް އެއްޗެކޭކިޔާދެން..
ސްޓޯބެރީ
06 February 2019
އަދާލަތަށް ދޫކުރަންވީމަ ނިންމާނީ ކެންޑިޑޭޓް. ރައީސަކަށް ޕްރައިމަރީން ހޮވީ ނަޝީދު. ކެންޑިޑޭޓަކަށްވީ އިބްރާހިމް ސޯލިހު. ވާދަކުރީ ކޯލިޝަނުން. އިމްރާންމެން ތިކުރާ ހިތްވަރަށް ސާބަސް. ނަޝީދު އަދިވެސް ދަސްނުވާކަން ދޭހަވޭ. ވަރަށް ސަލާމް
ނަހޫ
06 February 2019
ތިޔަ މަޝްވަރާއެއް ކުރި އިރުވެސް ހިޔަޅަށް އެނގޭނެ 6 ދާއިރާއަށް ހޮވިފަ ތިބިމީހުން ދާއިރާ ދޫނުކުރާނެ ކަންވެސް އެކަންއެނގިހުރެ މުނާފިގުކަލޭގެ މާރަގަޅު މީހެެގެ ގޮތް ދެއްކީ ޢިމްރާނަކީ ވިސްނުމެއް ހުރި މީހެއްނޫން ދެން ތިޔަވީވެސް ރަގަޅަށް އަދާލަތަށް ދޫކުރިޔަސް އެބައިމީހުންގެ ކެންޑިޑޭޓކަށް ވޯޓްލާނެ މީހަކު ނުހުންނާނެ އެކަންއެގިފަ އޮތީ 2014 ގަވެސް