މަސްލަހަތު އިސްކޮށް، ދޫދޭން ތައްޔާރު: އަދާލަތު

އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލުމަށް ސިޔާސީ ޕާޓީތަކުން ވި އެއްބަސްވުމުގައިވާ ގޮތުން، އަދާލަތު ޕާޓީ އަށް ހައްގު މިންވަރު ދޫކޮށްލައިގެން ނަމަވެސް ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދެ ވަނަ ދައުރެއް ނުދޭން ހެދި ކޯލިޝަނުން އެކުލަވާލި އެއްބަސްވުމުގައި ރިޔާސީ އިންތިޚާބުގެ އިތުރުން، އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުގައި އެކުގައި ވާދަކުރަން އެއްބަސްވެފައިވެ އެވެ. ކޯލިޝަން ސަރުކާރުގައި ޕާޓީތައް ހިއްސާވާނެ ނިސްބަތް ވެސް އެއްބަސްވުމުގައި ވެ އެވެ.

މަޖިލިސް އިންތިޚާބުގައި އެ އެއްބަސްވުމާ އެއްގޮތަށް ވާދަކުރުމާ މެދު ހިޔާލުތަފާތުވެފައި ވަނިކޮށް، އަދާލަތު ޕާޓީން މިވަނީ މައްސަލަ އަށް ހައްލު ހޯދަން އިސް ނަގައިފަ އެވެ.

މަޖިލީހުގެ 13 ދާއިރާ އަށް ކެންޑިޑޭޓުން ނެރެން މަޝްވަރާ މަޖިލީހުން ނިންމުމަށް ފަހު، އަދާލަތު ޕާޓީން ވަނީ އެމްޑީޕީ އަށް ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އެއީ، ދެ ޕާޓީން ދޫ ދީގެން، އެކުގައި ވާދަކުރުމެވެ. މިގޮތަށް ހުށަހެޅިއިރު އެމްޑީޕީން އޮތީ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން ނިލަންދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާތަކަށް ޓިކެޓް ދީފަ އެވެ.

އެގޮތަށް ނިންމާފައި ވަނިކޮށް، އެމްޑީޕީ އާއި އަދާލަތު ޕާޓީން އެކުގައި ވާދަކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

އަދާލަތު ޕާޓީގެ އިސް ބޭފުޅުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮޓޯއެއް ނަންގަވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުގައްރިރު އަލީ ނަޒީރު މިއަދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަސް އަހަރުގެ ދައުރު ފުރިހަމަކުރަން، ކޯލިޝަން ޕާޓީތަކުން އެކުގައި ދެމިތިބުމަކީ އަދާލަތުން އަބަދުވެސް ކުރިއަށް ނެރޭނެ ވިސްނުން ކަމަށެވެ. ކޯލިޝަން ވެރިކަމަކަށް ރައްޔިތުން ވޯޓު ދިން ކަން ފާހަގަކުރައްވައި، ވިދާޅުވީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އޮތީ އެ ގޮތުގައި ދެމިތިބެގެން ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެކުގައި ވާދަކުރުމުގައި ޕާޓީތަކުގެ ހިޔާލުތަފާތުވުންތައް ހުއްޓަސް ހައްލެއް ހޯދައި އެކުގައި ވާދަކުރެވޭތޯ އަދާލަތުން ބާރުއެޅި އެވެ.

"މަސްލަހަތު އިސްކޮށް، އަދާލަތުން އެމްޑީޕީ އަށް ހުށަހެޅީ ދޫދީގެން، އެކުގައި ދެ ޕާޓީން ވާދަކުރަން. އެއްބަސްވުމުގައިވާ ގޮތުން އަދާލަތު ޕާޓީ އަށް ހައްގު މިންވަރަކީ 13 ދާއިރާ ކަމަށް ވިޔަސް، ހައްގު މިންވަރު ދޫކޮށްލައިގެން ވެސް އަދާލަތު ޕާޓީން މަސްލަހަތު އިސްކުރަން ތައްޔާރު،" ނަޒީރު ވިދާޅުވި އެވެ.

"މިކަމުގައި ރަސްމީކޮށް ގޮތެއް ނިންމާނީ ޕާޓީގެ މަޝްވަރާ މަޖިލީހުން،"

އެކުގައި ވާދަކުރަން އަދާލަތުން ހުށަހެޅި ހުށަހެޅުމާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މާދަމާ ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ސަރުކާރުގައި ޕާޓީތައް ހިއްސާވާނެ ނިސްބަތް ކަނޑައެޅި އެއްބަސްވުމާ އެއްގޮތަށް މަޖިލީސް އިންތިހާބުގައި ވާދަކުރި ނަމަ، ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް 35 ދާއިރާ ލިބޭނެ އެވެ. ޖުމްހޫރީ ޕާޓީ އަށް 22، މައުމޫނަށް 17 އަދި އަދާލަތު ޕާޓީ އަށް 13 ދާއިރާ ލިބޭނެ އެވެ.