ކޯލިޝަނެއްގެ ގޮތުގައި ދެކޭ ނަމަ އަދާލަތުން އަޑުއެހުން ބުއްދިވެރި: ނަޝީދު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސްކަން ކުރައްވާ އަދާލަތު ޕާޓީއަކީ އެމްޑީޕީގެ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ދެކޭ ނަމަ އެ ޕާޓީގެ ޗެއާޕާސަން ކަންކަމާ އެއްޗެއް ވިދާޅުވުމުން އެ ވާހަކައެއް އަޑު އެހުން ބުއްދިވެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.


އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި މިގޮތަށް ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރަން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުމަށް ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން އިމްރާން ދެއްކެވި ވާހަކަތަކަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ފާޑުވިދާޅުވެ، ދެ ޕާޓީގެ މެދުގައި ނުތަނަވަސްކަން އުފެދިފައި ވަނިކޮށެވެ. އަދާލަތަށް ހަސަން ފާޑުވިދާޅުވިއިރު، ކޮންމެ އިންތިޚާބެއް ކާމިޔާބު ކުރަން ބިޔަ އެމްޑީޕީ އަށް ކުޑަ އަދާލަތުގެ ބޭނުން ޖެހޭ ކަމަށް ވިދާޅުވެ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.

ހަސަން ލަތީފަށް ފާޑުވިދާޅުވެ، ޝިދާތާ ވިދާޅުވީ އަދާލަތަކީ ސިޔާސީ ގޮތުން ބޭނުން ބޮޑު ޕާޓީއެއް ކަމަށާއި އިމްރާން ވާހަކަ ދެއްކެވީ އަދާލަތުގެ ރައީސްގެ ހައިސިއްޔަތުން ނޫން ކަން ވެސް ބިޔަ ޕާޓީގެ އިސް މަގާމް ފުރުއްވާއިރު އެނގިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

ޝިދާތާ ޓެގު ކުރައްވައި ނަޝީދު ކުރެއްވި ޓުވީޓުގައި ހަސަންގެ ވާހަކަ އަޑުއައްސަވަން އެދިވަޑައިގަތްއިރު، އަދާލަތަށް ނިސްބަތްކުރައްވައި ހަސަން ވިދާޅުވެފައި ވަނީ މަޖިލީހުގެ ނިޒާމަށް ހުރަސްއަޅައި އިންތިޒާމްގެ ތެރެއަށް ވަދެވަޑައިގަތުމުގެ ވިސްނުން އިމްރާން ގެންގުޅުއްވައިގެން ނުވާނެ ކަމަށެވެ. މި ވާހަކަ ހަސަން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީ އަށް ރައްޔިތުން އެއްވެސް ގޮނޑިއެއް ނުދިނީ، ތާއީދު ނެތުމުން ކަމަށް ވިދާޅުވަމުންނެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީ އަށް އެމަނިކުފާނު ފުރައިދެއްވި ފޯމުތައް މަދެއް ނުވާނެ އެވެ. އެކަން ޝިދާތާ އަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާގައި ހަމަނުޖެހުން ހިނގީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އަޑުގަދަކުރައްވަން ފެއްޓެވެމުން، ޖަލްސާ އަށް ހުރަސްއެޅުއްވިޔަ ނުދޭން އޭނާގެ ނަން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްވެވުމާ އެކު އެމްޑީޕީގެ ބައެއް މެމްބަރުން ޝިޔާމް ނެރެން އުޅުމުގެ ތެރޭގަ އެވެ. ގާނޫނުއަސާސީ އެރޭ އިސްލާހު ނުކުރި ނަމަ ލާމަރުކަޒީ ނިޒާމްގެ ހިންގުން ހުއްޓޭނެތީ، އިދިކޮޅު މެމްބަރުންނަށް އެ ފުރުސަތު ދޭން ބޭނުން ނުވީ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ގާނޫނުއަސާސީ އިސްލާހުކުރުން ގަސްތުގައި ލަސްކުރީ ކަމަށް ޝިޔާމް ފާޅުކުރެއްވި ހިތްހަމަނުޖެހުންތަކާ ގުޅިގެން މަޖިލީސް ހޫނުވެ ހަމަނުޖެހުން ހިނގި މައްސަލައިގައި، ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އެ ހަމަނުޖެހުން ފުލުހުން ބަލައި އިންސާފު ހޯދައިދެއްވާނެ ކަމަށެވެ.

ސިޔާސީ ގޮތުން ފިކުރު ތަފާތު އެމްޑީޕީ އާއި އަދާލަތު ޕާޓީ މި ފަހުން އެއްބައިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރާށެވެ. ސިޔާސީ ލީޑަރުން ޖަލަށް ލިއިރު، ނަޝީދާއި އިމްރާން ވެސް އޭގެތެރޭގައި ހިމެނިވަޑައިގަތެވެ.

ވެރިކަން ލިބުމާ ހަމައަށް އެއް ވިސްނުމަކަށް މަސައްކަތް ކުރި ނަމަވެސް މި ފަހުން ހިނގާ އެކި ކަންކަމާ މެދު ކޯލިޝަން ޕާޓީތަކުގެ އެތެރޭގެ ހަމަނުޖެހުން ބޮޑެވެ. އެކަމަކު ވެސް ނަޝީދު ފިޔަވައި ހުރިހާ ލީޑަރުން ވެސް ވިދާޅުވަމުން ގެންދަވަނީ، ކޯލިޝަން ދެމިއޮންނާނެ ކަމަށެވެ.

ކޯލިޝަނަކުން ވެރިކަން ހިންގުމާ ދެކޮޅަށް ފާޅުގައި ނަޝީދު ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ކޯލިޝަން ސަރުކާރަކަށް ވާއިރު ބައެއް ވުޒާރާތަކާއި ކުންފުނިތަކުގައި ތިއްބެވީ އެމްޑީޕީގެ މެމްބަރުން ނޫން ކަމަށާއި އެކަމުގެ ސަބަބުން ރައީސާއި އެމްޑީޕީން ބޭނުންވާ ގޮތަށް ކަންކަން ހިނގަމުން ނުދާ ކަމުގެ ތުހުމަތު ވެސް އެމަނިކުފާނު ވަނީ ކުރައްވައިފަ އެވެ.