ސުޕްރީމް ކޯޓު: ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަ ނުކުރެވޭ މާއްދާއަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެ ކޯޓުގައި ވަނީ އެދިފައި -- މިހާރު ފޮޓޯ/ހުސެއިން ވަހީދު
13 ފެބުރުއަރީ 2019 - 13:32
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮތް މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އެ މާއްދާއަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ސުޕްރީމް ކޯޓުގައި މިއަދު އެދެފި އެވެ.
ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރާއި ވަކީލް އަބްދުލްމާނިއު ހުސައިންގެ އިތުރުން ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދުގެ ފަރާތުންނެވެ. އަހުމަދު މުހައްމަދުގެ ފަރާތުން އެ މައްސަލަ ހުށަހަޅާފައިވަނީ ވަކިން ކަމަށް ވިޔަސް، އެ ދެ މައްސަލަ ކުރިއަށް ގެންދިޔައީ އެއްކޮށެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަކީލް މާނިއު ވިދާޅުވީ މެމްބަރުންގެ ޝަރުތު ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާއިރު، ގާނޫނަކުން އެ ޝަރުތުތަކަށް އުނި އިތުރު ނުގެނެވޭނެ ކަމަށެވެ. އިންތިޚާބުތަކުގައި ވާދަކުރުމަކީ އަސާސީ ހައްގެއްކަން ފާހަގަ ކުރައްވައި، މާނިއު ވިދާޅުވީ އެ ހައްގު ގާނޫނަކުން ހިފަހައްޓަން ޖެހޭނީ ކޮންމެހެން ހިފަހައްޓަންޖެހޭ ހާލަތެއްގައި ކަމަށެވެ. އަދި އެކަން ދައުލަތުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާނިއު ވިދާޅުވި ގޮތުގައި މަޖިލިސް އިންތިޚާބުގެ ޕްރައިމަރީއެއްގައި ވަކި ދާއިރާއަކަށް ވާދަކޮށް ނާކާމިޔާބުވިޔަސް، ގާނޫނު އޮތް ގޮތުން މަޖިލީހުގެ 85 ދާއިރާއަށް ވާދަކުރުމުގެ ހައްގު ވެސް ގެއްލިގެންދެ އެވެ.
އެކަންކަން ފާހަގަކޮށް، މާނިއު އެދިވަޑައިގަތީ ގާނޫނުގެ އެ މާއްދާ ބާތިލްކޮށްދިނުމަށް ނުވަތަ ޕްރައިމަރީން ބަލިވިޔަސް، ޕާޓީން ވަކިވުމަށް ފަހު އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އަހުމަދު މުހައްމަދުގެ ވަކީލް މުހައްމަދު ހިލްމީ ވިދާޅުވީ މަޖިލިސް މެެމްބަރުންގެ ޝަރުތުތަކާއި މެމްބަރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާއިރު، ޕާޓީތަކުގެ ގާނޫނުގެ އެ މާއްދާ އޮތްގޮތުން ގާނޫނު އަސާސީގައި ބުނާ އެ ޝަރުތުތަކަށް ބަދަލު އަންނަ ކަމަށެވެ.
އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގަކީ ގާނޫނު އަސާސީންނާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ވެސް ކަށަވަރުކޮށް ދޭ ހައްގެއްކަން ފާހަގަކުރައްވައި، ހިލްމީ ވިދާޅުވީ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް ވާދަނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގެ ދަށުން ހައްގު ހިފަހައްޓާފައިވަނީ ކުރިއަރާފައިވާ ގައުމުތަކުގައި އަމަލުކުރާ އުސޫލުތަކާ ވެސް ޚިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގާނޫނުގެ އެ މާއްދާ އުވާލަން މަޖިލީހަށް މިހާރު ބިލެއް ހުށަހަޅާފައި އޮތްކަން ވެސް ހިލްމީ ފާހަގަ ކުރެއްވި އެވެ.
އެކަންކަން ފާހަގަ ކުރައްވައި، ހިލްމީ ވިދާޅުވީ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮތް އެ މާއްދާ ބާތިލްކޮށް ދިނުމަށާއި އެ މައްސަލަ ނިމެންދެން އެ މާއްދާއަށް އަމަލު ކުރުން ހުއްޓާލުމުގެ ވަގުތީ އަމުރެއް ނެރެ ދިނުމަށް އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހިލްމީ ވިދާޅުވި ގޮތުގައި އެފަދަ ވަގުތީ އަމުރަކަށް އެދުނީ އެ މައްސަލަ ނިމޭއިރު، ގާނޫނުގެ މާއްދާ ސުޕްރީމް ކޯޓުން ބާތިލްކޮށްފި ނަމަ، އިންތިޚާބަށް ކުރިމަތިލުމުގެ ހައްގު ބައެއް ފަރާތްތަކަށް ގެއްލިގެންދާނެތީ އެވެ.
އެ މައްސަލައަށް ޖަވާބުދާރީވުމަށް ދައުލަތުން ދިން ފުރުސަތުގައި ދައުލަތުން އެދުނީ އިތުރު ފުރުސަތަކަށެވެ. އެ މައްސަލައަކީ އަވަސް މައްސަލައެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު އެ މައްސަލައަށް ޖަވާބުދާރީވެވޭނީ މައްސަލަ ދިރާސާ ކުރުމަށް ފަހު ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ، އަންނަ އާދިއްތަ ދުވަހާ ހަމައަށް ފުރުސަތު ދިނުމަށް ދައުލަތުން އެދުނެވެ.
އެކަމާ މެދު ފަނޑިޔާރުންގެ ބެންޗުން މަޝްވަރާ ކުރެއްވުމަށް ފަހު ނިންމީ ދައުލަތުން އެދުނު ގޮތަށް އާދިއްތަ ދުވަހާ ފުރުސަތު ދިނުމަށެވެ. އެހެންވެ، ދެން އޮންނަ އަޑުއެހުން އާދިއްތަ ދުވަހު ހެނދުނު ބާއްވާނެ ކަން ބެންޗުން އިއުލާން ކުރެއްވި އެވެ. އަދި އެ މައްސަލާގައި އިލެކްޝަންސް ކޮމިޝަން ވެސް ހާޒިރު ކުރާނެ ކަން ބެންޗުން އިއުލާން ކުރެއްވި އެވެ.
އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަކުރު2
13 February 2019
އިންތިހާބުން ބަލިވިޔަސް މަޖްލިސްއަށް ވަދެވޭނެ އަމުރަކަށް އެދެންވީނު މާސަޅިވާނެ
އަލީރާޖާ
13 February 2019
ރިޔާސީ ނިޒާމު ހިންގާ 3 ބާރު ވަކިކޮށްފައި އޮންނަ އެމެރިކާ ފަދަ ގައުމުތަކުގެ ގިނަ ސްޓޭޓުތަކުގައިވެސް ޕްރައިމަރީގައި ބަލިވެއްޖެ ނަމަ ދެން އަމިއްލަ ގޮތުން ވާދަ ކުރުމުގެ ފުރުސަތެއް ނޯވޭ. އެހެންވީމާ ރިިޔާސީ ނިޒާމު ހިންގަންޏާ އޭގެ ހުރިހާ ސިފަތަކާ އެކީ ހިންގާ.
ހަބޭސްބޭބެ
13 February 2019
ޕްރައިމަރީ ވެސް ނަގަނީ ހަމަ އެދާއިރާ އިންނޭ. އޭގެން ބަލިވީމަ ދެން ދާއިރާގެ ސަޕޯރޓް ނެތްކަން އެނގުނީމަ ދެން އަލުން ލައިގެން ކިހިނެތް ލިބޭނީ. ލެވިގެން ނުވާނެ. ހުރިހާ ކަމެއްގަ ދޯދިޔާވެގެންގޮސް އަތުންފައިން ގޯސް ހެދުނީމަ ފެންނާނީ އަނެއްކާވެސް ހަތެއް. މިހެން ކަންކަން ނުކުރަމާ. އުޞޫލަކާ ހަރުދަނާކަމެއް ހުންނަންވާނެ. މިވެސް ގައުމެކޭ، މިވެސް ސަރުކާރެކޭ. ތާއީދު ނުލިބުނީމަ އެއޮތީ އަސްލު ފެނިފަ. ދެން ކޮން ސަކަރާތެއްޖަހާ ސަރުކާރުން ކޮންބޭކާރު ހަރަދެއްކުރަން
ހަނުހިންނަ މީހާ
13 February 2019
ކޮންމެ ގޮތެއްވިޔަސް ވާދަކުރަންބޭނުންވާ މީހުން ޕާޓީ ތަކުގެ ޕްރައިމަރީގައި ވާދަނުކުރުން ކިހިނެތްވާނެތޯ. އަމިއްލަ އެދުމާހެދި ތިމާއަށް ވޯޓްދިން ޕާޓީގެ މެންބަރުންނާ ދެކޮޅަށް ނުކުތުމަކީ ހަޑިކަމެއް.
ވަގު ކަދުރު
13 February 2019
ޖާބިރު ވާނީ ހަމަ ޖާބިރަށް ، ޤާސިމް ވާނީ ޤާސިމަށް. އަލަ ގަހަކުން ކެޔޮނިރެއް ނުފަޅާނެ.
ރިޔާޒް ރަޝީދް
13 February 2019
އަންނި ވާނީ ކޯންޗަކަށް؟ ވެރިކަން ހޯދަންވީމާ ޤާސިމް އޯކޭނު!
ޓެރަރިސްޓު
13 February 2019
ޖާބިރަކަސް ޤާސިމަކަސް އެމީހެއްގެ ހައްގު ނިގުޅައިގަނެވެންޏާ އެކަމާ ހަމަ އުޅެންވީ. ހައްގަކީ ވަކި ނަމެއް ކިޔާ ވަކި މީހަކަށް އޮންނަ، އެއްޗަކަށް ހަދައިގެން އުޅެން ދިމާކޮށްފަ ތިތިބީ. އެހެން ވޭތަ؟ ރައީސްކަން ކޮށްފަ ތިބި މީހުންނަށް މަޖިލިހުގަ ވާދަ ނުކުރެވޭ ގޮތަށް ހަދަން ފެނެއޭ ބުނެލާއިރަށް ވަކި މީހެއްގެ ސިޔާސީ ހައްގު ތާށި ވެގެން ހީވީ އެހެން ކަމެއްހެން. ތީ ދޯ ތިކިޔާ އިންސާފަކީ؟