ޚަބަރު

ޝައްކު އުފެދޭ މުއާމަލާތްތައް ބަލަން އެންގިން: އަޒީމާ

އަޒީމާ: އެސްއޯއެފް އިން މަނީ ލޯންޑެރިން ހިންގިއިރު އަޒީމާ ވެސް އިހުމާލުވި ކަމަށް ކުރާ ތުހުމަތު އޭނާ ދޮގު ކުރައްވާ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމްއެމްޕީއާރުސީ އަށް ވަންނަން ޖެހޭ ދައުލަތުގެ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކުރާ ކަމުގެ މުއާމަލާތްތަކެއް ފަޅާއެރުމުން، އެކަން ބަލައި ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅަން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް އިރުޝާދު ދެއްވާފައި ވާނެ ކަމަށް ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ވިދާޅުވެއްޖެ އެވެ.

އަޒީމާ މިގޮތަށް ވިދާޅުވެފައި ވަނީ، ހިޔާނާތާ ގުޅޭ ގޮތުން، އޭސީސީގެ ތަހުގީގަށް ދެއްވި ބަޔާނުގަ އެވެ. އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅޭ ތަފްސީލް ރިޕޯޓް އިއްޔެ އާއްމު ކުރި އިރު، އެމްއެމްއޭގެ އިހުމާލުތަކެއް ވެސް ވަނީ ހާމަވެފަ އެވެ.

އެމްއެމްއޭގައި އޮންނަ އެފްއައިޔޫގެ ގާނޫނީ ޒިންމާ އަކީ މަނީ ލޯންޑަރިންގެ ހަރަކާތްތަކާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާއި ކުށްކޮށްގެން ހޯދާ މައުލޫމާތު ހޯދައި ދިރާސާކޮށް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. އެކަމަކު ދައުލަތުގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް ލޯންޑަކުރަމުން ދިޔައިރު އެމްއެމްއޭގެ ގާނޫނީ ޒިންމާ އަދާކޮށްފައި ނުވާކަން އޭސީސީގެ ރިޕޯޓުގައިވެ އެވެ.

އޭސީސީގެ ތަހުގީގު ރިޕޯޓުގައިވާ ގޮތުން، އެމްއެމްޕީއާރުސީގެ އެކައުންޓަކުން، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުނި، އެސްއޯއެފަށް 59 މިލިއަން ރުފިޔާގެ ޗެކެއް ޖަމާކުރުމުގައި، ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އަށް 2014 ގައި އެކަން ހުށަހެޅި އެވެ. ޝައްކު އުފެދޭ ޓްރާންސެކްޝަންތަކުގެ ތަފްސީލް ވެސް ފޮނުވި ކަމަށް އޭސީސީން ބުންޏެވެ. އެކަމަކު އެފްއައިޔޫން އެކަށީގެންވާ ގޮތެއްގައި އެ މައްސަލަތައް ނުބެލީ ކަމަށް އޭސީސީން ފާހަގަކޮށްފައިވެ އެވެ.

އެސްއޯއެފްގެ މުއާމަލާތްތައް އެމްއެމްއޭ އިން ނުބެލި މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް އަމާޒުކުރާ އެއް ބޭފުޅަކީ އޭރުގެ ގަވަރުނަރު އަޒީމާ އަށެވެ.

އޭސީސީގެ ތަހުގީގަށް ދިން ބަޔާނުގައި އެމްއެމްއޭގެ އެފްއައިޔޫގެ ކުރީގެ އިސްވެރިޔާ އާތިފް ޝަކޫރު ވިދާޅުވެފައި ވަނީ އެސްއޯފުން ބޮޑެތި އަދަދުތަކުގެ މުއާމަލާތް ހިންގުމާއި އެ ފައިސާ ވަންނަނީ ކޮން އެކައުންޓްތަކަކަށް ކަން އެފްއައިޔޫގެ ރިޕޯޓުން އެނގެން އޮތުމާ އެކު އެކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭރުގެ ގަވަރުނަރަށް ދެންނެވި ކަމަށެވެ. އެކަމަކު އެކަން ތަހުގީގު ކުރަން ފުލުސް އޮފީހަށް ހުށަހަޅަން އިންކާރު ކުރައްވައި އަޒީމާގެ ކަންބޮޑުވުމަކަށް ވީ އެ މައްސަލަތައް ބަލަން އެ ޔުނިޓުގައި މުވައްޒަފުން މަދު މައްސަލަ ކަމަށް އާތިފް ވިދާޅުވި އެވެ.

އެފްއައިޔޫގެ ގާނޫނީ ޒިންމާތައް

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނޫގެ ދަށުން އުފެއްދި އެފްއައިޔޫ އަކީ މަނީ ލޯންޑެރިން ހުއްޓުވުމުގެ މައި އިދާރާ އެވެ. އެ ޔުނިޓަށް ގާނޫނީ ބޮޑެތި ބާރުތަކެއް ވެސް ދީފައިވެ އެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި، އެ ޔުނިޓަކީ، ގާނޫނުން ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވާ ތަނެކެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި، މަނީ ލޯންޑެރިންގެ ހަރަކާތަކާއި ނުވަތަ ކުށްކޮށްގެން ހޯދާފައިވާ އެއްޗަކާ ގުޅުން ހުރި ކަމަށް ޝައްކު ކުރެވޭ ނަމަ، އެކަމުގެ މައުލޫމާތު ތަހުގީގީ އިދާރާ އަށް ފޮނުވުމަކީ އެފްއައިޔޫ އިން ކުރަން ޖެހޭނެ ކަމެކެވެ.

އަޒީމާގެ ވާހަކަ ތަފާތު! ބާރު ދީފައި އޮންނަނީ އެފްއައިޔޫގެ ހެޑަށް

އޭސީސީގެ ތަހުގީގަށް އަޒީމާ ދެއްވި ބަޔާނުގައިވާ ގޮތުން، މަނީ ލޯންޑަރިން ހުއްޓުވުމުގައި އަޒީމާ އިހުމާލު ހިމެނޭ ކަމަށް އާތިފް ދެއްކެވި ވާހަކަތަކުގައި ހަގީގަތެއް ނެތެވެ.

އަޒީމާ ވިދާޅުވީ އެސްއޯއެފް އިން ހިންގި ޝައްކު ކުރެވޭ މުއާމަލާތްތަކަކާ ގުޅިގެން ނޮވެމްބަރު، 27، 2014 ގައި އެފްއައިޔޫ އަށް ފޮނުވި އެސް.ޓީ.އާ ގެ ވާހަކަ، އެމްއެމްއޭ އިން ބޭއްވި ބައްދަލުވުމަކަށް ފަހު އާތިފް ހިއްސާކުރެއްވި ކަމަށެވެ. އެއާއެކު، ޝައްކުކުރެވޭ މުއާމަލާތް ވަރަށް ރަނގަޅަށް ދިރާސާކުރަން ޖެހޭނެ ކަން އާތިފަށް ދެންނެވި ކަމަށް އަޒީމާ ވިދާޅުވި އެވެ.

އެސްއޯއެފް އިން އެމްއެމްޕީއާރުސީއާ އެކު ޑޮލަރުގެ މުއާމަލާތްތައް ހިންގާފައިވާ ކަމަށް ބުނާއިރު، އެސްއޯއެފަކީ އެ މުއާމަލާތަށް ހުއްދަ އޮތް ކުންފުންޏަކަށް ނުވުމަކީ ވެސް ބަލަން ޖެހޭ މައްސަލައެއްގެ ގޮތުގައި ނެންގެވި ކަމަށް އަޒީމާ ވިދާޅުވެފައިވެ އެވެ.

އެކަމަކު، އޭރު އެސްއޯއެފުން އޮތީ، ޑޮލަރު ވިއްކުމުގެ ހުއްދަ އަށް އެމްއެމްއޭ އަށް އެދިފައި ކަން ވެސް އަޒީމާ ތަހުގީގައި ވިދާޅުވެފައިވެ އެވެ. އެސްއޯއެފްގެ މައްސަލަ އޭރު، އޭސީސީ އާއި އޮޑިޓް އޮފީހުން ބަލަމުން ދިޔަ ކަން އާތިފް ފާހަގަކުރެއްވި ކަމަށް އަޒީމާގެ ބަޔާނުގައިވެ އެވެ.

އެސްއޯއެފްގެ މުއާމަލާތްތަކާ ގުޅިގެން އަމަލުކުރާނީ ކިހިނެއްތޯ ނިންމައި ގޮތެއް ކަނޑައަޅާނީ އަދި އެކަން ރިޕޯޓް ކުރާނީ ކޮންތާކަށް ކަން ވެސް ނިންމާނީ އާތިފް ކަމަށް ދެންނަވާފައިވާނެ ކަމަށް އަޒީމާ ވިދާޅުވެފައިވެ އެވެ.

"ވަކި ގޮތަކަށް ހެދުމަށް އެއްވެސް އިންސްޓްރަކްޝަނެއް ދީފައި ނުވާނެ ކަމަށެވެ،" އަޒީމާ ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.

ތަހުގީގަށް އަޒީމާ ވިދާޅުވެފައިވާ ގޮތުގައި، އެފްއައިޔޫ އަކީ އެމްއެމްއޭގައި އޮންނަ މިނިވަން ޔުނިޓަކަށް ވާތީ، އެތަނުގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެން، މައްސަލަތައް ނިންމާނެ ވަކި ގޮތެއް ވިދާޅުވެ ދެއްވުމަކީ އޭނާގެ ދައުރެއް ނޫނެވެ. އެތަނުން ބަލާ މައްސަލަތަކަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ބައްދަލުވުންތައް އޭނާއާ އެކު ނުބާއްވާ ކަމަށް އަޒީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބައެއް މައްސަލަތައް ބަލާކަން އެފްއައިޔޫ އިން އޭނާ އަށް އަންގަ އެވެ. އެއީ، އެއްގޮތަކަށް ވެސް ކަންތައް ރިޕޯޓް ކުރުމުގެ ގޮތުން ނޫން ކަމަށާއި އެފްއައިޔޫއާ އެކު ގިނަފަހަރަށް ބައްދަލުވުން ބާއްވަނީ ގަވާއިދުތަކާ ގުޅޭ ގޮތުން ކަަމަށް ވެސް ތަހުގީގު ރިޕޯޓުގައިވެ އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކްގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް.

"ވަކިން ޚާއްސަކޮށް، އެފްއައިޔޫ އަށް ހެޑެއް އައްޔަން ކުރުމަށް ފަހު، އެ ފަރާތަށް އަޒީމާ އާދަމް ދީފައިވާ އިރުޝާދަކީ އަޒީމާ އާދަމް އަށް އެއްވެސް ކަމެއް ނޭންގުމަށާއި އެފްއައިޔޫ އިން އެސްޓީއާއެއްގެ ވާހަކަ އަޒީމާ އާދަމް ގާތު ބުނެފި ނަމަ އަބަދުވެސް ދޭ އިރުޝާދަކީ އެކަމާ ގުޅިގެން ނަގަން ޖެހޭ ހުރިހާ ޑިޒިޝަނެއް ނަގަން ޖެހޭނީ އެފްއައިޔޫގެ ހެޑް ކަމަށާއި އެގޮތަށް ލިބޭ އެސްޓީއާއާ މެދު ވަކި ގޮތަކަށް ނިންމުމަށް އަޒީމާ އެއްވެސް އިރުޝާދެއް ދީފައި ނުވާނެ ކަމަށެވެ،" އޭސީސީގެ ރިޕޯޓުގައިވެ އެވެ.

އޭސީސީގެ ތަހުގީގަށް ބަޔާން ދީފައިވާ އެމްއެމްއޭގެ ބައެއް މުވައްޒަފުން ވެސް ވަނީ، އެފްއައިޔޫގެ ނިންމުންތައް ނިންމުމުގެ ބާރު އެ ޔުނިޓުގެ ހެޑަށް ދީފައި އޮންނަ ކަން ފާހަގަކޮށްފަ އެވެ. އަދި އެސްއޯއެފްގެ މުއާމާލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫގެ ދިރާސާ އަޒީމާއާ ހިއްސާކުރި ކަން ޔަގީން ނުވާ ކަމަށް ވެސް ބައެއް މުވައްޒަފުން ބުނެފައިވެ އެވެ.

އެ މައްސަލަ ފެންމަތިވެފައި ވަނިކޮށް، އާތިފް ވަނީ ޖޫން، 21، 2015 ގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވި ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި އޮތީ، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެފްއައިޔޫގެ ހެޑަށް އޮތް ޒިންމާ އުފުލުމުގެ ގާބިލްކަން އޭނާގެ ކިބައިގައި ނެތް ކަމަށް ވިދާޅުވެ ކަމަށެވެ.

ބީއެމްއެލް އާއި ބޭންކް އޮފް ސިލޯން މެދުވެރިކޮށް، އެސްއޯއެފް އިން ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ހިންގި ސަބަބު ޔަގީން ނުކުރުމާއި އެމްއެމްޕީއާރުސީން އެސްއޯއެފަށް ފައިސާ ޖަމާކުރުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ހޯދަން ބޭނުންވި މައުލޫމާތު އެސްއޯއެފް އިން ނުދިން ކަން އެފްއައިޔޫ އަށް އެނގި ތިބެ އަޅާނުލުމަކީ މައްސަލައެއްގެ ގޮތުގައި އޭސީސީގެ ރިޕޯޓުގައިވެ އެވެ. މަނީ ލޯންޑަރިން ކަމަށް ޝައްކު ކުރެވޭ މުއާމަލާތްތައް އިތުރަށް ތަހުގީގު ކުރަން ކަމާ ބެހޭ މުއައްސަސާތަކަށް އެފްއައިޔޫ އިން ނުފޮނުވުމަކީ އެ ތަނުގެ އިހުމާލެއްގެ ގޮތުގައި އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޭސީސީން ނެރުނު ރިޕޯޓުގައިވާ ގޮތުން ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން، އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ އެސްއޯއެފަށް ޖަމާކޮށް، އެ ފައިސާ ލޯންޑަ ކޮށްފައިވެ އެވެ. އެ ފައިސާ ލޯންޑަ ކުރަން ޑޮލަރުގެ ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއް ބައިވެރިކުރި އެވެ. އެސްއޯއެފްއާ އެކު އެތައް މިލިއަން ޑޮލަރުގެ މުއާމަލާތް ހިންގި މީހުންގެ ނަން، ވެސް ރިޕޯޓުގައިވެ އެވެ.

46 ކޮމެންޓް, 128 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 2%
icon angry icon angry 95%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޖްވާ

17 February 2019

ސައްކު އުފެދޭ މުއާލަމާތްތަށް ބަލަން އެންގީމޭ! ކީކޭބާ މި ވެރިން މި ކިޔަނީކީ؟ މިހާރު ގޮރުނުދޯރަކަށް ހުރި މީހާވެސް ފައިނޭންސް އިންޓެލިޖަންސް ގެ ވެރިޔަކަށް ހުރި މީހާ ޕޮލިހަށް ސަސްޕިސަސް އިޓްރާންސެކްސަން ރިޕޯޓު ކުރީމަ، ދަމާ ކޫއްތާފަ ގެންގޮސް އެންގީ ކީއްކުރަންހޭ ތިމަންނައަށް ނޭންގި ޕޮލިހަށް ރިޕޯޓު ކުރީކީ! ބަލަގަ އެ ގޮރުނުދޯރަކަށާ އޭރުގެ ރައީސަކަށް ހުރި މީހާއަކަށް ނޭނގޭ ފިން އިންޓެލިޖަންސް އަކި މިނިވަން މުވައްސަސާ އެއްކަމެއް ޔެމްޔެމްޔޭ ތެރޭގަ ހުއްޓަސް!

The name is already taken The name is available. Register?

އަޙުމަދު

17 February 2019

އަޒީމާ މިހާރު ކޮންވާހަކައެއް ތިދައްކަނީ. އެމް އެމް އޭއިން ކަންކަމުގަ ނަގަންޖެހޭ ޒިއްމާތަށް ނެގުމާ ފިޔަވަޅުތަށް އެޅުމަކީ އެތާގެ ގޮރުނަރު ކުރަންޖެހޭ ކަމެކެވެ، ގޮރުނަރު ގެ މަށްޗަށް ބަސްކިޔޭނެ، ބުނެވޭނެ މީހަކުއެތާކު ނުހުންނާނެއެވެ. މިހާރު އަތިފުޝުކޫރު އެކަން ނުކުރިއްޔޭ ކިޔައިގެންބަހަނާއެއްނުދެއްކޭނެ، ރައްޔިތުންފައިސާތަށް ބަޔަކު ކައިހުސްކުރީމަ އެކަމުގެ ޒިންމާއިން ރެކޭނަމޭ ހިތާ އިސްތިއުފާ ދީފަ ފޮންނެއްކާ އަށްގޮސް ހުއްޓަސް ޒިންމާނަގަން ޖެހޭނެ.

The name is already taken The name is available. Register?

މިފްމަނީޒިމާލޯންޑްރީ

17 February 2019

ޝަކޫރާއި މިފްކޯ ކިޔުނު ކުންފުނީ ގެ ކަމަކާއި ގުޅުން އޮތް ކަމަށް އަޑުތަކެއް އެރި! އަޒީމާ ނޫޓުތައް އެހައިވަރަކުން ބަދަލުކޮށްލުމުގައި ޝައްކު ކުރެވޭ ބޮޑެތި ކަންކަން އެބަހުރި... ދިވެހި ބަހުގެ ޤަވާއިދާއި އުޞޫލާއި ޙިލާފަށް ފަސް ސަތޭކައި ގެ ސުކުން ޖަހައި ދިވެހި ބަހުގެ ގަދަރު ކުޑަކޮށްލި ކުއްލިއަކަށް ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކޮށްލަން އެދެއްވި ޕެކޭޖާއި ދޭތެރޭވެސް ސުވާލު އުފެދޭ؟

The name is already taken The name is available. Register?

ހުމައިނީ

17 February 2019

ކޮން އިރަކުންތޯ؟ ދިވެހި ރާއްޖޭގައި ދައުލަތިގެ އިސް މަގާމުތައް އަދާ ކުރައްވާ ފަރާތް ތަކުން އެބަޔަކު ކުރިކަމަކާ ޒިންމާ ދާރު ކުރެވޭނީ އަދި ވާނީ؟ އިހުމާލެއްނަމަ އެމީހަކު ޒިންމާ ކުރުވަންޖެހޭނެ.

The name is already taken The name is available. Register?

ޙިނި

17 February 2019

ޚޮބާ މާލެ އަންނާކައް ނުވޭތަ، ޔާމިނުގެ ވައްކަމާ މަނީ ލޯންޑުރިން މީނާ ނުރީ ކޯމާއެއްގަތަ. ޢަވަހައް އާދޭ ޝަރިއަތް ކުރަން އެބަޖެހޭ

The name is already taken The name is available. Register?

ސަވޭރާ

17 February 2019

ތިޔަ އާތިފަކީ މިފްކޯއިން ވެސް އެތައް ފައިސާއެއް ކާލި މީހެއް.

The name is already taken The name is available. Register?

ސަވޭރާ

17 February 2019

އަޒީމާ ކުރިން ތިޔަ ވާހަކަ ނުދެއްކީ ކީއްވެތޯ؟

The name is already taken The name is available. Register?

ަސދަސދޒ×

16 February 2019

އެހެން ނާންގާ ފުރަަތަމަ މަގާމަކަށް ނުވެސް އާދެވޭނެ. ދެން؟

The name is already taken The name is available. Register?

1ނަސީރު

16 February 2019

އަޒީމާވެސް މިހާރު ބަހަނާ ދައްކާނެކަމެއްނެތް. 2014 މާޗް މަހު ގަވަރުނަރަކަށް ވީއްސުރެ އުޅުނީ މުޅިއޮތޯރިޓީގެ މުހިއްމު ޑިޕާޓްމަންޓް ތަކުގެ ސީނިއަރ މީހުންނާއި އެހެނިހެން މުއައްޒަފުން މޮބިލައިޒް ކޮށްގެން މިނިވަން 50 ގެ ކޮމެމޮރެޓިވް ނޯޓް އާއި ރަންދިހަފަހެއް ނޫޓް ސީރީޒް އަދި ފައިނޭޝަލް އެކްސްޕޯއަކައިގެން. ހަމަ އިހުމާލު. ޕީއެއްޗްޑީ އަދި އެކްސްޕީރިއެންސް އޮތަސް އެތިކްސް ނެތް މީހުން ލީޑަޝިޕް ޕޮސިޝަނަށް ލީމަ ވާންވީގޮތް މިވީ.

The name is already taken The name is available. Register?

ހޭކެނޑޭ

16 February 2019

ޝައްކު އުފެދޭ ކަންކަން ބެލުމަށް ކަމަނާ އެންގީ ކިހިނަކުން. އަނގަ ބަހުންތަ! ލިމުންތަ! ނޫނީ އީމެއިލް މެދުވެރިކޮއްތަ! ތިހިރަ ތިހިރަ ކަންކަން ޝަރިއްޔަތުގައި ކަމަނާ ސާބިތު ކޮއްދީ! ތިހެން ބުނެލައިގެން ފަރަކު ޖައްސާ ނުލެވޭނެ މިހާރަކު ކަމަނާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454