ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން.
16 ފެބުރުއަރީ 2019 - 18:43
އިސްލާމްއާބާދު (ފެބްރުއަރީ 16) - ޕާކިސްތާނުގެ އެންމެ މަތީ މަދަނީ ޝަރަފް ކަމަށްވާ "ނިޝާނީ ޕާކިސްތާން" ސައުދީ ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން އަށް އަަރުވަން ނިންމައިފި އެވެ.
ޕާކިސްތާނަށް ޕްރިންސް މުހައްމަދު ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅު ފެއްޓެވުމަށް މިހާރު ހަމަޖައްސާފައި ވަނީ މާދަމާ އެވެ. ޕްރިންސް މުހައްމަދުގެ ދަތުރުގެ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ޕާލަމެންޓް ހައުސް އާއި ރައީސް އާއި ބޮޑު ވަޒީރުގެ ގެކޮޅު ހިމެނޭ ސަރަހައްދު މިހާރު ވަނީ ރެޑް ޒޯނެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. ޕްރިންސް މުހައްމަދަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ ޕްރައިމް މިނިސްޓާ ހައުސްގަ އެވެ.
ސައުދީ ވަފުދަށް ވަނީ އަސްކަރީ ވައިގެ މަރުކަޒުން ފެށިގެން ޕްރައިމް މިނިސްޓާ ހައުސްއާ ހަމައަށް ތުރީ-ލޭޔާ ބޮކްސް ސެކިއުރިޓީ ދިނުމަށް ހަމަޖެހިފަ އެވެ. އެންމެ ފަހުގެ ޖީޕީއެސް ޓްރެފިކް ސިސްޓަމް މެދުވެރިކޮށް ސައުދީ ރޯޔަލް ގާޑުން ވެސް ސެކިއުރިޓީ ބަލަހައްޓަމުންދާނެ އެވެ. އެއާޕޯޓުން ފެށިގެން ބޮޑު ވަޒީރުގެ ގެކޮޅާ ދެމެދު ހުރިހާ އުސް އިމާރާތެއްގައި ސިފައިން ތިބޭނެ އެވެ. އޯވަހެޑް ބްރިޖްތަކާއި ފްލައިއޯވާތަކުގެ މަތީގައި ކޮމާންޑޯ އިން ސެކިއުރިޓީ ބެލެހެއްޓުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ޕްރިންސް މުހައްމަަދުގެ ދަތުރަށް ޕާކިސްތާން ވަނީ ތައްޔާރުވެފައި.
ޕްރިންސް މުހައްމަދު އިސްލާމްއާބާދަށް ވަޑައިގަންނަވާ މަތިންދާ ބޯޓާ އެކު ހަތަރު ޕަސިންޖާ ޖެޓް ޖައްސާނެ އެވެ. ޕްރިންސްގެ ބޯޓް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަނުމާ އެކު އެއާ ފޯސްގެ ޖޭއެފް-17 ގެ ޖެޓްތައް އެ ބޯޓާ އެކު ދަތުރު ކުރާނެ އެވެ. ޕްރައިމް މިނިސްޓަ ހައުސް އާއި ވަފުދުގެ ބޭފުޅުން ތިއްބަވާ އަށް ހޮޓަލުގެ ސެކިއުރިޓީ ބަލަހައްޓާނީ ސައުދީ ރޯޔަލް ގާޑާއި ޕާކިސްތާން ސިފައިންނެވެ.
ޕާކިސްތާނުގެ އެންމެ މަތީ މަދަނީ ޝަރަފް ޕްރިންސް މުހައްމަދަށް އަރުވާނީ ރައީސްގެ ރަސްމީ އޮފީހުގައި ހޯމަ ދުވަހު ބާއްވާ ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި ސައުދީ ވަފުދުގެ 100 އަށް ވުރެ ގިނަ އޮފިޝަލުން ބައިވެރިވާނެ އެވެ.
ޕްރިންސް މުހައްމަދުގެ ދަތުރަށް އިސްލާމްއާބާދުގެ މަޝްހޫރު، އަށް ހޮޓަލަކުން 750 ކޮޓަރި ވަނީ ބުކްކޮށްފަ އެވެ. ސައުދީ ވަފުދަށް ވަނީ ބީއެމްޑަބްލިއު ސެވަން ސީރީޒްގެ ހަތް ކާރާއި ލޭންޑް ކްރޫޒާގެ އިތުރުން އަށް ކޮންޓެއިނާގެ ސާމާނު ޕާކިސްތާނަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ޕްރިންސް މުހައްމަދު ކަސްރަތު ކުރައްވާ ސާމާނާއި ފަރުނީޗަރު ހިމެނެ އެވެ. ވެހިކަލްތައް ޕާކިސްތާނަށް ގެންގޮސްފައި ވަނީ ސީ-130 ގެ ދެ މަތިންދާ ބޯޓުގަ އެވެ. މީގެ އިތުރުން ޕާކިސްތާނުން ވަނީ 300 އަށް ވުރެ ލޭންޑް ކްރޫޒާ ރިޒާވްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިދެން
18 February 2019
ސައޫދީން ލާދީނިއްޔަތާ ދިމާލަށް ގެންދަން ހިފާފަހުރި މީހަކަށް ކޮން އެވޯޑެއްދޭކަށް؟ މުސްލިމުންގެ އަމިއްލަ ގޮތުން މުސްލިމުން ބަލިކަށިވަނީ. ހިސާބަށްވުރެ ދެފުއްކެހެރީ.
އީމަން
17 February 2019
ޝަަރަފެއް ދޭންވި މީހެން ނޫން ތީކީ، މައުސޫމް މީހުން މަރާ ބަޔަކަށް ޝަރަފްވެރި ވެވޭތަ؟
އަޖިތު
16 February 2019
ހަކުރު ދެންޏާ ބޮޑު ބޭބެ......
އުދުހޭ
16 February 2019
މޮހޮނަށް ދިވެހިރާއްޖެއިން އަރުވަންވީ ހާޝުގްޖީ އެވޯޑް.
އުދުހޭ
16 February 2019
ދާހާތާކަށް ކަސްރަތުކުރާ މެޝިނު ގެންގޮސް ކަސްރަތުކުރާއިރުވެސް ހަށިގަނޑަށް އެނގުމެއް ނުވަނީބާ؟
އަނދިރި އަނދިރި
16 February 2019
ކިތަންމެ މަތީ މަދަނީ ޝަރަފް އެރުވިޔަސް ޙަޝްގީ މަރުގެ ރަހަ ސައޫދީ ވަލީ އަހުދު ޕްރިންސް މުޙައްމަދު ބިން ސަލްމާން ލާނެ އެއީ ސައްކެެއް އޮތް ކަމެއް ނޫން...
ރަދީފުގެ ދަރި ކުމާރު
16 February 2019
އިމްރާނުވެސް މުހައްމަދުގެ މަޅީގާ ޖެހުނީ އުތަ؟
ބަބުރުކަލޯ
16 February 2019
އޭނަޔަށް ހެޔޮނުވާނެ ތިފަދަ އެވޯޑެއް އަރުވަން.
ވަރުނުލާ
16 February 2019
ތިޔަވެސް މަރުވީމަ ގޯތި މަތާރަންފިލާ މައްޗައް ދަމިލަ ޖަހަން އެއްލާލާ އޮންނާނީ ތިޔަކުން ހިފޭނެ ބޭނުމެއް ނޯންނާނެ