ރިޕޯޓް / އަންހެނުންގެ ދުވަސް

އަންހެނުންގެ ދުވަސް: ކޭކާއި މަލުން ނިންމާލާނީ ބާ؟

ރާއްޖޭގެ ބައެއް އޮފީސްތަކުގައި އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ބައެއް ހަރަކާތްތައް: އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ފޯރި އަހަރަކަށް ވުރެ އަހަރަށް ދަނީ ގަދަވަމުން.

ރަތް ދޫލައިގެ މަރުހަބާ އާއި ފިނިފެންމާ ދިނުމާއި ސަޔާއި ކެއުންތަކާއި ކޭކުފެޅުމާއި ހަފްލާތައް ބޭއްވުމަކީ އަންހެނުންގެ ދުވަހު އަންހެނުންގެ އަގު ވަޒަންކުރުމުގެ ހެޔޮ ނިޔަތުގައި ކުރާ ކަންކަން ކަމަށް ވެދާނެ އެވެ. އެކަމަކު އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދެކޭގޮތުގައި، ރާއްޖޭގެ އޮފީސްތަކުގައި މި ފަހަކަށް އައިސް އަށަގެންފައިވާ މި އާދަ ދޫކޮށްލަން ޖެހިއްޖެ އެވެ. ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް އަންނަ ހުކުރުދުވަހު ފާހަގަކުރަން ތައްޔާރުވަމުން އަންނަ މި ދަނޑިވަޅުގައި އެ ފަރާތްތަކުން ބުނަނީ މި މުނާސަބަތުގެ ހަގީގީ މަގްސަދު އޮތީ އޮޅިފައި ކަމަށެވެ.

އަންހެނުންގެ ދުވަހުގެ ހަރަކާތްތައް ރާވާނީ އަންހެނުންނަށް ފިރިހެނުންގެ ހިތުގައި ލޯތްބާއި އިހުތިރާމް އޮތްކަން ހާމަކޮށްދީ އަގުވަޒަންކުރުމުގެ ގޮތުންނެވެ. އެފަދަ ކަންކަމުން އަންހެނުންނަށް އުފާވެރިކަން ލިބި ޝަރަފާއި ޚާއްސަކަން އިހުސާސް ވެސް ކުރެވެ އެވެ. އެހެން ކަމަށް ވަންޏާ އެ ދުވަސް ފާހަގަކުރަން މިހާރު މި ކުރާ ކަންކަމުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟

އަންހެނުންގެ ހައްގުތަކަށާއި ހަމަހަމަ ފުރުސަތުތަކަށް ވަކާލާތުކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ރާއްޖޭގައި އަންހެނުންގެ ދުވަސް މާނަވީ ގޮތަކަށް ފާހަގަކުރުމަށް މި ކަހަލަ ކަންކަމުން ވަނީ ހުރަސްއެޅިފަ އެވެ. އަދި އެހެން އެ ވަނީ މި ދުވަސް ފާހަގަކުރަނީ ކީއްކުރަން ކަމާ މެދު ފިރިހެނުންނާއި އަންހެނުންގެ މެދުގައި ވެސް ހޭލުންތެރިކަން ކުޑަކަމުންނެވެ.

"ހަގީގަތުގައި އަންހެނުންގެ ދުވަސް ފާހަގަކުރަން މި އޮންނަނީ އަންހެނުންގެ ހައްގުތަކަށާއި ޖެންޑަ އީކުއަލިޓީ އަށް އަޑުއުފުލަން. އެކަން ނެތިފައި، އިވެންޓް ބާއްވައި ސްޓާފުން އެއްވެލާ ޕާޓީއެއް ކަހަލަ ކަމަކަށް މިކަން ވެގެން މި ދަނީ،" ޖެންޑަ އީކުއަލިޓީގެ މައްސަލަތައް ދިރާސާކުރައްވާ އަދި ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމުގެ ތަޖުރިބާކާރެއް ކަމަށްވާ އައިޝަތު ރާނިޔާ ސޯބިރު ވިދާޅުވި އެވެ.

"އޮފީސްތަކުގައި ވެސް، އެހެނިހެން ގޮތްގޮތުން ވެސް ވިސްނުން މި ހުންނަނީ ވަރަށް ލަފްޒީ މާނައެއްގައި އަންހެނުންގެ ދުވަސް ފާހަގަކުރަން. އެކަމަކު އަންހެނުންގެ ދުވަހުގެ މަގްސަދަކީ އަންހެނުންނަށް ދިމާވާ އެކި މައްސަލަތަކާ ބެހޭ ގޮތުން ވާހަކަދައްކައި އެ ކަންކަމުގައި ކުރިއެރުންތަކެއް ހޯދުން."

ސަރުކާރުގެ ކުންފުންޏަކުން ބޭއްވި އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތެއްގައި ނެށުމެއް ހުށަހަޅައިދެނީ

ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ މެމްބަރު ޖީހާން މަހުމޫދު ގަބޫލުކުރައްވާ ގޮތުގައި އަންހެނުންގެ ދުވަހާ ގުޅުވައިގެން މާނަވީ ކަމެއް ކުރާ ތަނެއް ރާއްޖެ އިން ވަރަށް ނުފެނެ އެވެ. އަދި އޮފީސްތަކުގައި މި ދުވަސް ފާހަގަކުރަން ހިންގާ ހަރަކާތްތަކުގެ ސަބަބުން "މި ދުވަހުގެ އަސްލު މާނަ މި އޮތީ ގެއްލިފަ" އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ފިރިހެނުންނާ ހިލާފަށް އަންހެނުން އެތައް ދައުރެއް އެއްފަހަރާ އަދާކުރަން ޖެހި އަދި ހައްގުތަކާއި ފުރުސަތުތައް ލިބުމުގައި އަންހެނުންނަށް ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވާ އިރު އަންހެނުންގެ ދުވަހުގެ ބޭނުން ހިފަން ޖެހޭނީ އެ ކަންކަން އިސްލާހުކުރަން މަސައްކަތްކުރުމަށެވެ.

"އަންހެނުންގެ އަގުވަޒަންކުރަން ފުރަތަމަ ކުރަން ޖެހޭ ކަމަކީ އަދި އަގުވަޒަންކުރަން ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ އަންހެނުންނަށް ހަމަހަމަކަން ހޯދައިދިނުން. އެ ދުވަހު މަލެއް ދިނުމަކުން ނުވަތަ ސެންޓު ފުޅިއެއް ދިނުމަކުން އަގުވަޒަންކުރުން އޭގެ އަސްލު މާނައިގައި އެއްވެސް ވަރަކަށް ހާސިލެއް ނުވާނެ،" ޖީހާން ވިދާޅުވި އެވެ.

"މި ދުވަސް ފާހަގަކުރަން ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ހަމަހަމަކަމަށް މަގުފަހިވާ ގޮތަށް ކަންކަން ބަދަލުކުރަން ބާރުއަޅަން އަންހެނުންނެކޭ އެއްގޮތަށް ފިރިހެނުން ވެސް ނުކުތުން."

ނޭދެވޭ ކަންތައްތަކެއް

އޮފީސްތަކުގައި އަންހެނުންގެ ދުވަސް ފާހަގަކުރާ ގޮތް ރާނިޔާ މިދިޔަ އަހަރު ދިރާސާކުރެއްވި އެވެ. އެކި ތަންތަނުގެ މުވައްޒަފުންނާ ވާހަކަދެއްކެވި އިރު އޭނާ އަށް ފާހަގަކުރެއްވުނީ އަންހެނުންގެ ދުވަހުގެ ހަރަކާތްތަކުގައި "ވަރަށް އެހެން ކަހަލަ ކަންތައްތައް ވެސް ހިނގާ" ކަމެވެ. ލޯބި ހާމަކޮށްދިނުމުގެ ހަރަކާތްތައް ބައެއް އޮފީސްތަކުގައި ނިމިގެންދަނީ އަންހެނުންނަށް ފޮށުމާއި ފުރައްސާރަ ކުރިމަތިވެގެންނެވެ.

"އޮފީސް ތެރޭގައި މި ހަމަޖައްސަނީ އަންހެން މުވައްޒަފުން އެ ދުވަހު ވަކި ކަހަލަ ހެދުމެއް ލާން. ދެން އެ ހެދުން ލައިގެން އައިމަ ފިރިހެން މުވައްޒަފުން ފުރައްސާރަކުރަނީ. އެ މީހުންގެ ހަށިގަނޑާ ބެހޭ ގޮތުން ކޮމެންޓްތައްކޮށް ފޮށި ހަދަނީ. ބައެއް މީހުން ބުނި ތިމަންނަމެން އެ ހެދުން ލާ ހިތަކުން ނޫނޭ ލަނީ، އެކަމަކު ވަކި ގޮތަކަށް ހަމަޖެއްސީމާ އެއަށް ބޯލަނބަން ޖެހެއޭ. އެހެންވީމާ އަންހެން ސްޓާފުންގެ އަސްލު އިހުސާސްތައް ހުންނަ ގޮތް ބަލައިލާފައެއް ނޫން ކަންނޭނގެ މި ކަންކަން މި ކުރަނީ ވެސް،" ރާނިޔާ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ފަރުދާގެ ފުރަގަހުގައި މިފަދައިން ތަފާތު ނުކިއްސަރު ކަންކަން ހިނގާކަން އޮފީސްއޮފީހުގެ މުވައްޒަފުންގެ ވާހަކަތަކުން އެނގެ އެވެ.

"އެއް ކޭސްއެއްގައި، ސަރުކާރުގެ މުއައްސަސާއެއްގެ އޮފީހެއްގައި ބޮޑު ލަންޗެއް ބާއްވާފައި މަލާއި ޗޮކުލެޓު ދީ ހެދީ. ދެން ބޮސް މި ހެދި ގޮތަކީ އެންމެން އެއްކޮށްފައި އަންހެނުންގެ ދުވަހުގެ ސްޕީޗެކޭ ކިޔާފައި އަންހެނުންނަށް ޖޯކު ޖެހީ، ވަރަށް އޮފެންސިވްކޮށް،" އޭނާ ވިދާޅުވި އެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހަދިޔާ ދިނުމަކީ، ޖީހާން ގަބޫލުކުރައްވާ ގޮތުގައި، ޒަމާނުއްސުރެ އަންހެނުންނާ މެދު ދެކެވޭ ކުޑައިމީސްކުރުމުގެ ވިސްނުމަށް ބާރުދިނުމެވެ.

"މާނަވީ ކަންކަން ގެއްލިގެން ގޮސް، ވަރަށް ބޮޑަށް އެ ކަމަކާ އިދިކޮޅަށް މި މަސައްކަތްކުރާ ކަންކަން - އާއްމު ނޭދެވޭ ވިސްނުންތައް، ސްޓީރިއޯޓައިޕިން – ބޮޑަށް ކުރިއަށް މި ނެރެވެނީ،" އޭނާ ވިދާޅުވި އެވެ.

"އަންހެނުންނަށް އެއްޗެހި ހޯދައިދިނީމާ އަނގަ މަޑުން ލައިގެން ތިބޭނެއޭ، އެއްޗެހި ދިނީމާ އަންހެނުން ހިތްހަމަޖެހޭނެއޭ، އަންހެނުންނަށް އެއްޗެހި ހޯދައިދިނީމާ އަންހެނުންގެ ހުރިހާ ކަމެއް ފުރިހަމަވީއޭ، އެ ދެކޭ ދެކުން ބޮޑަށް މި ފެތުރެނީ."

އަންހެނުން ސެލެބްރޭޓްކުރުމުގެ ދުވަހެއް ނޫން

އަންހެނުންގެ ދުވަހުގެ ހަދިޔާތަކާއި އުފާވެރި ހަރަކާތްތަކުން އަންހެނުންނަށް ހިތްހަމަޖެހުން ލިބެ އެވެ. ޝުކުރުވެރިކަމާ އެކު އެ ކަންކަން ބަލައިގަނެ އެވެ. ރާނިޔާ ގަބޫލުކުރައްވާ ގޮތުގައި މި ކަންކަމަށް އަންހެނުންގެ ތަރުހީބު ލިބުމުގެ ފަހަތުގައި ދެ ސަބަބެއް އޮވެދާނެ އެވެ.

"އަޅުގަނޑު ވާހަކަދެއްކި ވަރަށް ގިނަ މީހުން ބުނި އޮފީސްތަކުގައި އުޅޭ އަންހެނުން ވެސް މި ކަހަލަ ކަންތައްތަކަށް ސަޕޯޓްކުރާތީއޭ މި ކަންކަން ކުރަނީ. ރޭވޭ ކަންކަމާ ދެކޮޅުހަދަން އަންހެނުންނަށް މާ ބޮޑު ޗޮއިސްއެއް ނޯންނަނީ ކަމަށް ވެދާނެ. ނުވަތަ ސެލެބްރޭޓްރީ ކަންތައްތައް ކުރުމުގެ ފުރުސަތު ކުޑަވީމަ މި ގޮތަށް ލިބޭ ކޮންމެ ފުރުސަތެއް ވެސް އޭގެ ގޮތުގައި ބަލައިގަންނަން އަންހެނުން ބޭނުންވަނީ ކަމަށް ފާހަގަކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

އޮފީސްތަކުން އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ބައެއް ހަރަކާތްތައް

ޖީހާން ދެކެވަޑައިގަންނަވާ ގޮތުގައި މި ސަގާފަތް އަށަގަނެ، ގިނަ ބަޔަކު ބަލައިގަންނަ ކަމަށް ވެގެން ދިޔައީ ދެ ޖިންސުގެ މީހުންގެ ތެރޭގައި ވެސް ހޭލުންތެރިކަން ކުޑަވީމަ އެވެ. މިފަދަ ހަރަކާތްތަކުން އަންހެނުން ކުޑައިމީސްކުރެވޭ ކަމާއި ދުވަހުގެ ހަގީގީ މަގްސަދަކީ މިފަދަ ކަންކަން ކުރުން ނޫން ކަން މީހުންނަށް ނޭނގޭތީ އެވެ. އޭނާ ވިދާޅުވީ އަންހެނުން ވެސް ބާރު އަޅަންވީ މި ކަން ބަދަލުކުރަން ކަމަށެވެ.

"ދިރިއުޅުމުގައި ކޮންމެ ދުވަހަކީ އަންހެނަކަށް ފިރިހެނަކާ އަޅާބަލާ އިރު ދެގުނަ ބުރަ ދުވަހެއް. އެހެންވީމާ ލޯބިން ވާހަކަދައްކާ ދުވަހެއްގައި ނުވަތަ އެޕްރީޝިއޭޓްކުރާ ދުވަހެއްގައި އުފާ ވަނީ ކަންނޭނގެ، އެއީ އެންމެ ދުވަހެއް ކަމުގައި ވިޔަސް. އެހެން ނަމަވެސް އަންހެނުން ވެސް ހިތްވަރު ދޭން ޖެހޭ، މަގްސަދު ނުގެއްލޭ ގޮތަށް މި ދުވަސް ފާހަގަކުރަން،" ޖީހާން ވިދާޅުވި އެވެ.

ރާނިޔާ ފާހަގަކުރައްވާ ގޮތުގައި އަންހެނުންގެ ދުވަހަކީ "އަންހެނުން ސެލެބްރޭޓްކުރުމުގެ ދުވަހެއް ނޫނެ"ވެ. އެއަށް ވުރެ މުހިއްމީ އަންހެނުންގެ ދުވަހުގެ ހަގީގީ އަމާޒަށް މަސައްކަތްކުރުން ކަމަށާއި އަންހެނުންނަށް ލޯބި ހާމަކޮށްދީ ޝުކުރުގެ ޝުއޫރުތައް ބަންޑުންކޮށްދޭން އެހެން މުނާސަބަތުތަކުގެ ބޭނުން ހިފިދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އަންހެނުން ސެލެބްރޭޓްކުރަންޏާ އެބަ އާދޭ، އުފަންދުވަސް، ވެލެންޓައިންސް ޑޭ، މައިންގެ ދުވަސް މި ކަހަލަ ދުވަސްތައް. އެހެންވީމާ އަންހެނުންގެ އެކި ކަހަލަ ރޯލްތައް ސެލެބްރޭޓްކުރެވެން އެބަ އޮވޭ. އެއެއް ނޫން އަންހެނުންގެ ދުވަހުގެ މަގްސަދަކީ،" ރާނިޔާ ފާހަގަކުރެއްވި އެވެ.

އޮފީހެއްގެ ފިރިހެން މުވައްޒަފުން އަންހެނުންގެ ދުވަހަކު އަންހެން މުވައްޒަފުންގެ އިސްތިގުބާލުގައި

އަންހެނުންގެ ދުވަސް ފާހަގަކުރަންވީ ކިހިނެއް؟

ކޮންމެ އަހަރެއްގެ އަންހެނުންގެ ދުވަސް ވެސް ފާހަގަކުރަނީ އަންހެނުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި ހުރަސްތައް ހަމަ އެއްގޮތެއްގައި ހުއްޓަ އެވެ. އޭގެ ތެރޭގައި، ވަޒީފާ އަދާކުރުމާއި މަސައްކަތުގެ މައިދާނުގައި ކުރިމަތިވާ ދަތިތަކާއި މައްސަލަތައް ވެސް ގިނަ އިރު ލުއި ހޯދައިދިނުމުގައި އޮފީސްތަކުގެ ދައުރު ވަރަށް މުހިއްމެވެ.

އެހެންކަމުން، އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ޒުވާން އެކްޓިވިސްޓް ޝަފާ ރަމީޒު ދެކޭގޮތުގައި، އަންހެނުންގެ ދުވަހު އޮފީސްތަކުން ސަމާލުކަން ދޭންވީ އަންހެނުންގެ ހައްގުތައް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއެރުވޭނެ ކަންކަމަށެވެ. އޭގެ ތެރޭގައި، ވަޒީފާ އިންޓަވިއުތަކުގައި ތަފާތުކުރުން ގެންގުޅުން ހުއްޓާލުމާއި އޮފީސް ތެރޭގައި ޖިންސީ ފުރައްސާރަ ކުރުން ހުއްޓުވުމަށް އިތުރު މަސައްކަތްތަކެއް ކުރުމާއި އެކަން ކުރާ މީހުންނާ ދޭތެރޭ ހަރުކަށި ފިޔަވަޅު އެޅުން ހިމެނިދާނެކަން އޭނާ ފާހަގަކުރެ އެވެ.

"އޮފީހުގައި އުޅޭ ކޮންމެ އަންހެނަކަށް ފިނިފެންމަލެއް ދިނަސް އަދި އެއީ އަންހެނުންގެ ދުވަސް އެންމެ ރަނގަޅު ގޮތުގައި ފާހަގަކުރެވުމެއް ނޫން،" ޕެޑުން ޓެކްސް ނެގުމާ ދެކޮޅަށް ހިންގި ކާމިޔާބު ކެމްޕެއިން "މައްސަރުޓެކްސް"ގެ ފަހަތުގައި ހުރި ޝަފާ ބުންޏެވެ.

ޖީހާން ދެކެވަޑައިގަންނަވާ ގޮތުގައި "ގެއިން ފަށައިގެން ސްކޫލްތަކާއި ކޮލެޖުތަކާއި ވަޒީފާ އަދާކުރާ ތަންތަނުގައި ވަރަށް ބައިވަރު މާނަވީ ކަންކަން ކުރެވެން" އެބަ ހުއްޓެވެ. އޭނާ ވިދާޅުވީ އެންމެ މުހިއްމު ކަމަކީ އަންހެނުންގެ ދައުރާއި އަންހެނުންނަށް ކުރިމަތިވާ ހުރަސްތަކާ ބެހޭ ގޮތުން ވާހަކަދެއްކުން ކަމަށެވެ. ރާނިޔާގެ ވިސްނުމަކީ ވެސް އެއީ އެވެ.

"މިސާލަކަށް އޮފީސް ތެރޭގައި މަޝްވަރާއެއް ވެސް ބޭއްވިދާނެ، އަންހެން މުވައްޒަފުންނަށް ދިމާވާ މައްސަލަތަކެއް އެބަހުރިތޯ ބަލަން. މެނޭޖީރިއަލް މަގާމްތަކަށާއި ލީޑަޝިޕް މަގާމްތަކުގައި ވަރަށް ގިނަ އޮފީސްތަކުގައި އަންހެނުން މަދު. އެހެންވީމާ އެއީ ކީއްވެގެންތޯ ބެލުމުގެ މަޝްވަރާއެއް ވެސް ބޭއްވިދާނެ. ނުވަތަ އޮފީސް ތެރޭގެ އާ ސިޔާސަތެއް ތައާރަފްކުރެވިދާނެ، ޖިންސީ ފުރައްސާރައާ ދެކޮޅަށް. ގާނޫނުތަކުގައި އެފަދަ ކަންކަން ހުއްޓަސް، އޮފީހުން ސީދާ އިސް ނަގައިގެން ޒީރޯ ޓޮލެރެންސް ޕޮލިސީއެއް ތައާރަފްކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.

އިތުރު ބައެއް ކަންކަމުގެ ތެރޭގައި ދަރިއަކު ލިބުމާ ގުޅިގެން ޗުއްޓީ ދިނުމުގެ އުސޫލު އެ އޮފީހަކުން އަމިއްލަ އަށް ވެސް ހަރުދަނާކުރުމާއި ވޮލަންޓިއަކޮށްދިނުން ވެސް ރާނިޔާ ފާހަގަކުރައްވަ އެވެ.

"މިސާލަކަށް އޮފީހުގެ ހުރިހާ ސްޓާފުން، އަންހެނުންނާއި ފިރިހެނުން ވެސް، ވޮލަންޓިއަކޮށްދޭންވީ އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމްއިއްޔާއަކަށް ނުވަތަ ޖެންޑަ މިނިސްޓްރީއާ ގުޅިގެން ކޮންމެވެސް ކަމެއް ކުރަންވީ. އޭރުން ވެސް ޖެންޑަ އީކުއަލިޓީ އެޖެންޑާ ކުރިއަށް ގެންދިޔުމަށް އެހީތެރިވެވެނީ،" އޭނާ ވިދާޅުވި އެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރަން އޮފީސްތަކަށް ކުރެވިދާނެ ބައެއް ކަންކަން ބަޔާންކޮށް އުތެމަ އިން ނެރުނު ސިޓީ

އަންހެނުންގެ ހައްގުތަކަށާއި ޖެންޑަ އީކުއަލިޓީ އަށް މަސައްކަތްކުރާ ޖަމްއިއްޔާ އުތެމަ އިން މިދިޔަ އަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައިގެން އޮފީސްތަކަށް އަމާޒުކޮށް ނެރުނު އާއްމު ސިޓީއެއްގައި އަންހެނުންގެ ދުވަސް ފާހަގަކުރަން ކުރެވިދާނެ ނުވަ ކަމެއް ހިމަނާފައިވެ އެވެ. އެއީ މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރަން ތައްޔާރުވަމުންދާ އޮފީސްތަކުން ބަލައިގަތުން ރަނގަޅު އިރުޝާދުތަކެއް ކަމަށް ރާނިޔާ ދެކެވަޑައިގަންނަވަ އެވެ.

"މުހިއްމީ ރާއްޖޭގައި މި ހުރި އިޝޫސް ވަރަށް ބޮޑަށް ހާމަވެގެން ދިޔުން. އެއީ އަންހެނުންނަށް ކުރާ އަނިޔާ އަށް ވިޔަސް ސިޔާސީ މައިދާނުގައި އަދި ވަޒީފާގެ ދާއިރާގައި ނުވަތަ ލޭބަ ފޯސް ޕާޓިސިޕޭޝަންގައި އަންހެނުން މަދުވުން ކަމަށް ވިޔަސް، މިކަހަލަ މުހިއްމު ކަންތައްތައް އެބަ ޖެހޭ ވަރަށް ބޮޑަށް ހައިލައިޓްކުރެވިގެން އަންނަން، އަންހެނުންގެ ދުވަހެއްގައި،" އޭނާ ވިދާޅުވި އެވެ.

43 ކޮމެންޓް, 57 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 0%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލލލލ

02 March 2019

ކޭކާ މަލާ ނުދިނަސް އަންހެނުންނަށް އިހުތިރާމްކުރަން ދަސްކޮށްބަލަ..

The name is already taken The name is available. Register?

ޝޯން

02 March 2019

ބަޔަކު ކިތަންމެ ރަނގަޅަށް ކަމެއްކުރިޔަސް އެކަން ރީތިގޮތުގަ ބަލައިނުގަނެ އެކަމުންވެސް މައްސަލައެއް ފެނޭތޯބެލުން ނޫންކަމެއް ނޯވޭހެން ހީވަނީ. ދިވެހިރާއްޖޭގަ ތިދުވަސް ފާހަގަ ކުރަނީ ވަރަށް ރަނގަޅަށް. ދުވަހާގުޅިގެން ފުރައްސާރަކުރުމުގެ މައްސަލަ ދިމާވަންޏާ އެއީ އެ ފުރައްސާރަ ކުރިމީހެއްގެ މައްސަލައެއް. ރާއްޖޭގެ ރަށްރަށުގަޔާ އޮފީސް އޮފީހުގަ އަންހެނުންގެ އަގުވަޒަންކުރުމުގެ ގޮތުން އެދުވަސް ފާހަގަ ކުރަނީ. އެއްދުވަހަކުން ބައެއްގެ މެދުގަ ހުންނަ ހުރިހާ ސިޔާސަތެއް ބަދަލެއް ނުކުރެވޭނެ. އެކަމަށް ވަކާލާތުކޮށް ވާހަކަ ދައްކަންޏާ ތިދުވަހެއްގަ ތިކަންވެސް ކުރޭ އަބަދުވެސް. ހާދަހާ މައްސަލައެއް އަޅެ މިވެރިން އެބަޖައްސައޭ ކަންތައްތަކެއް ކުރަނީއޭ ކިޔައިގެންވެސް.

The name is already taken The name is available. Register?

ސޭ ނޯ!

02 March 2019

ނިކަން ފާޅުގައި ނިކަން ކެރިގެން ނޫނެކޭ ބުނަން ދަސްކޮށްބަލަ އަންހެނުން. ބާރުވެރިވާން ބޭނުންވާނަމަ ތިމާގެ ހައްގަށް ކަރާމާތަށް އުނިކަމެއް އަންނަ ކޮންމެ ކަމަކަށް ބޮސް އާ ދިމާލަށް ވިޔަސް ނޫނެކޭ ބުނަން ދަސްކުރާންވީ ކުދިންނޭ. އެހެން އަންހެނުން ކުރަން އުޅުނަސް ތިމާ އަންކޮންފޮޓެބްލް ވާ ކޮންމެ ކަމަކަށް ނޫނެކޭ ބުނުމަކީ ތިމާއަށް ލިބިފައި އޮތް ހައްގެއް!

The name is already taken The name is available. Register?

އިޙްސާސް

02 March 2019

އޮފީހުގެ ބޮޑުން އެންގިޔަސް ތިޔަދުވަހު ތިބުނާ ހެދުން ނާޅަން އަޒުމުކަނޑައެޅުމުގެ ފުރިހަމަ އިޙްތިޔާރު އަންހެނުންނަށް އެބައޮތެއްނޫންތޯ. ފައުޅުގަ އެކަމަށް ނޫނެކޭ ބުނެވޭނެ ނޫންތޯ. އަންހެނުން ހަމައެކަނި ފިރިހެނުންގެ ބޮލުގައި ތިޔަފަދަ ކަންކަން އެޅުވުންވެސް ގޯސް. ތިމާމެންވެސް އެބަޖެހޭ ނޫނެކޭ ބުނަންޖެހޭ ހާލަތުގައި ނޫނެކޭ ބުނަން. މީހަކު ކުރާ ދިރާސާއަކަށް ބަޔާންދިނުމަކުން މިކަމެއް ހައްލެއްނުވާނެ. މާތް ﷲ އަހަރެމެން އެންމެނަށް ހެޔޮގޮތް މިންވަރުކުރައްވާށި.

The name is already taken The name is available. Register?

ސުެޔިްކދެ

02 March 2019

ފުރަތަމަ އަންހެނުންނާއި ފިރިހެނުން ހަމަ ހަމަ ނަމަ ތިކަހަލަ ދުވަހެއް އޮވެގެންވެސް ނުވާނެ. ތިދުވަހެއް ތި ފާހަގަކުރަނީވެސް ތަފާތު ހުރީމާ ތަފާތެއްނެތްކަން ދައްކަން ކުރާކަމެއް. ކުޑަކުދިންގެ ދުވަސް، މުސްކުޅިންގެ ދުވަސް، އެކި ބަލިތަކަށް ޚާއްސަދުވަސް ފާހަގަކުރުމަކީ ރަނގަޅުކަމެއް. ނަމވެސް އަންހެނުންގެ ދުވަސް ފާހަގަ ކުރާކަށް ނުޖެހޭ. ފާހަގަކުރަންޏާ ކުރަންވީ އިންސާނުންގެ ދުވަސް.

The name is already taken The name is available. Register?

ކޯކް

02 March 2019

އޮފީހެއްގަ ކުރިކަމަކީ ފިރިހެނުންގެ ފަރާތުން ޕާރސަލް ކޮށްފަ ހަދިޔާ ބެހީ. އެކަޑާފަ ބެލި އިރު އޭގަ ހުރީ ބައްޓާއި ކެރެޓާއި ކިޔުކަމްބާ. ޏައިޓީއާއި ޑިލްޑޯވެސް

The name is already taken The name is available. Register?

މަނޭ

02 March 2019

ތާކުންތާކު ނުޖެހޭ ދުވަސްތަށް ފާހަގަކުރަންޏާ އޭގެން ނުކުންނާނީވެސް ތިޔަކަހަލަ ތާކުންތާކު ނުޖެހޭ ނަތީޖާ. އެއީ ހައިރާންވާންވީ ކަމެއްނޫން.

The name is already taken The name is available. Register?

ކަމޯން ގާލްސް

02 March 2019

ތާކުންތާކު ނުޖެހޭ ދުވަހެއް ވިޔަސް ޖިންސީ ފުރައްސާރަ ކުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން. ޖެންޑާ މިނިސްޓަރީއަށް މައްސަލަ ހުށަހަޅާތި މިފަހަރު ތިކަހަލަ ކަމެއް ކޮށްފިނަމަ.

The name is already taken The name is available. Register?

މަންމަގެ ލޯބިވާ ދަރިފުޅު

02 March 2019

ނަމަވެސް މި އަދަދާ ގާތްކުރާ ވަރަކަށްވެސް އަންހެނެއްގެ އިތުރުވަގުތު ނާންނާނެއެވެ. ދެން އެއް ރޭންކެއްގެ އަންހެން މުވައްޒަފަކާ ފިރިހެން މުވައްޒަފެއްގެ ޖުމްލަ ޕޭ އަށް ބަލައިފިއްޔާ ފިރިހެން މުވައްޒަފުގެ މުސާރަ ބޮޑުކަމަށް ދައްކަފާނެއެވެ. ނޯޓް: ސްކޫލު ޕްރިންޓަރ - ބޭސިކް ސެލަރީ 3100/- ރުފިޔާ، އިތުރު ވަގުތު 100ގަޑިއިރު ހަމަވިޔަސް އިތުރު ވަގުތުގެ ފައިސާގެ ގޮތުގައި 500/- ރުފިޔާވެސް ނުލިބޭ. :( 2 އޮފް 2

The name is already taken The name is available. Register?

މަންމަގެ ލޯބިވާ ދަރިފުޅު

02 March 2019

މި ޤައުމުގައި ދެޖިންސް ހަމަ ހަމަކޮށް ޢަމަލު ކުރާކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެއެވެ. އެހެން ނަމަވެސް ސްޓެޓިސްޓިކަލީ ދައްކާ ގޮތުންނަމަ ތަފާތު ކުރާކަމަށް ބައެއް ދިމަދިމާއިން ދައްކަފާނެއެވެ. އޭގެ ދިރިހުރި މިސާލަކީ އަޅުގަނޑު މަސައްކަތް ކުރާ ސްކޫލެވެ. މުވައްޒަފުންގެ ނިސްބަތުން ސްކޫލުގައި އުޅެނީ 20% ފިރިހެނުންނެވެ. ނަމަވެސް އެއިން ކޮންމެ މުވައްޒަފެއްގެވެސް އިތުރު ގަޑީގެ ވަގުތު އުޅޭނީ މަހަކަށް ބަލާނަމަ 100 ގަޑިއިރާ ގާތްކުރާ ވަރަކަށެވެ. 1 އޮފް 2

The name is already taken The name is available. Register?

ޅިޔަނާ

02 March 2019

ރާނިޔާ ސޯބިރު އަށް އީވާ އަބްދﷲ އަށް ލިބުނު ފުރުސަތާ އާދައިގެ އަންހެން ކުއްޖާއަށް ސިސްޓަމުން ނުލިބޭ . އެއީ އަންހެނުންނަށް ދިމާވާ އަސްލު މައްސަލައަކީ މިނިސްޓަރުންގެ ދަރިންނަށް ބޮޑެތި މަހުޖަނުން ސިޔާސީ މީހުންގެ ދަރިން ނޫނީ ކޮއްކޮމެންނަށް ވީމަ ކުރި އެރުން ލިބެނީ. ޢަންނި ގެ ބޮޑުދައިތަގެ ދަރިއަކަށް އީވާ ވުން ފިޔަފައި ކަތްދައިދީގެ އައިންތު އާ އީވާގެ ތަފާތެއް ނެތް. ޢައިންތު އަތުގަ ޕޮލިޓިކަލް ސައެންސުން މާސްޓަރ އެބަ އޮތް. އެކަމު ސިސްޓަމުން ފުރުސަތުނުދޭ

The name is already taken The name is available. Register?

ޖުނަ

02 March 2019

ވަރަށް ބޮޑު ތެދެއް

The name is already taken The name is available. Register?

ކާމިލު

02 March 2019

އޮފީސްތަކުން އަންހެނުންގެ ދުވަސް ފާހަގަކުރާގޮތަށް ވަރަށްބޮޑަށް ފާޑުކިޔަން ލިޔުންތެރިޔާ މަސައްކަތްކޮށްފައި ހުރިކަން ފާހަގަކުރެވޭ. އޮފީސްތަކުން ޖިންސީ ހަމަހަމަކަން އަދި ހަމަހަމަކަން އަހަރުގެ ކޮންމެ ދުވަހަކުވެސް ބާއްވަންޖެހޭ. ނަމަވެސް އެކަންތައް އިތުރަށް ހަނދާންކޮށް ކުރިއެރުވުމަށް މި އޮންނަނީ މާރިޗު މަހުގެ 1 ވަނަ ދުވަސް. އެހެންކަމުން އޮފީސްތަކުން އެދުވަސް ޚާއްސަގޮތެއްގައި ފާހަގަކުރުމުގައި އޮތް މައްސަލައަކީ ކޮބައިބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454