އޭނާ ސިޔާސީ ކަންކަމުގެ ތެރެއަށް ނުކުމެވަޑައިގެންނެވިއިރު، ބައިވަރު ގޮންޖެހުންތަކާ ކުރިމަތިވި ކަމަށާއި ފުރަތަމަ ކޮޅު ފަސޭހަ ނޫން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އާއިޝަތު ނަހުލާ މިރޭ ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ ލީޑަރު އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ މުއްސަނދި އެއް ބޭފުޅާ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ނަހުލާ އިސްވެ، މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ވިދާޅުވީ، ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތީ "އެތައް އުނދަގޫތަކާ" އެކު ކަމަށެވެ.
"މިނިސްޓްރީއަކަށް ޖޮއިން ކުރި ފަހުން އެ ތަނުގައި ވެސް ތެދަށް ދަންނަވަންޏާ އަޅުގަނޑަށް ކަންކަން ފަސޭހައެއް ނޫން. ބައެއް ބޭފުޅުންގެ، ބައެއް ފިރިހެން ބޭފުޅުންގެ ވިސްނުން ހުންނަ ގޮތުން އަންހެން ބޭފުޅެއް ނޫނީ އަންހެނަކު ތަނެއްގައި އިސްކޮށް ހުރީމާ އުނދަގޫވާ ގޮތް ވޭ،" މި ވެރިކަމާއެކު، ނޮވެމްބަރު 17 2018 އިން ފެށިގެން ޓްރާސްޕޯޓް މިނިސްޓަރުކަން ކުރައްވާ ނަހުލާ ވިދާޅުވި އެވެ.
އެހެންވެ، ފިރިހެނުންގެ ކިބައިން މިރޭ އޭނާ އެދިވަޑައިގަތީ އެ ވިސްނުން ބަދަލުކުރުމަށެވެ.
"އަޅުގަނޑުމެން މިންތީގެ ހަމަހަމަކަމަށް މަސައްކަތް ކުރަން އެބަޖެހޭ. ތިޔަބޭފުޅުން [ފިރިހެނުން] ވެސް އެ ކަން ގަބޫލު ކުރައްވައި އެ ޖާގަ ދެއްވާށޭ. އަޅުގަނޑުމެންގެ ވިސްނުމާއި އަޅުގަނޑުމެންގެ ބަސް ކަންތައްތައް ނިންމުމުގައި، ޕޮލިސީ މޭކް ކުރުމުގައި ހިމަނަން އެބަޖެހޭ،" ދާދި ފަހުން ބޭއްވި ޖޭޕީގެ ކޮންގްރެސްގައި އެންމެ ގިނަ ވޯޓުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް އިންތިހާބު ކޮށްފައިވާ ނަހުލާ ވިދާޅުވި އެވެ.
"އެއީ މުހިންމު ކަމެކޭ. އޭގެ ސަބަބުން ޔަގީނުން ވެސް އަންނަން އޮތް ޖީލުތަކަށް އޭގެ ފައިދާ ކުރާނެއޭ."
ޖޭޕީގެ ޖަގަހަ ކުނޫޒްގައި ބޭއްވި ޖަލްސާ އަށް އެކި ދާއިރާތަކުން ގިނަ އަންހެނުންތަކެއް ހާޒިރުވި ކަމާއި އެ ހަފުލާގެ ކުލަގަދަކަން ފާހަގަކުރައްވަމުން ނަހުލާ ވިދާޅުވިގޮތުގައި އަބަދުވެސް އަންހެނުންނަށް ވިސްނައިދީފައި އޮންނަނީ އެފަދަ ހަފުލާތައް އެ މީހުންނަށް ނުބޭއްވޭނެ ކަމެވެ. އެކަމަކު، އެކި ފިކުރާއި އެކި ވަޒީފާތަކުގައި އުޅޭ މީހުން އޭނާގެ މިރޭގެ ޖަލްސާގައި އެއީ ދޮގެއް ކަން ސާބިތު ކޮށްދީފި ކަމަށް ނަހުލާ ވިދާޅުވި އެވެ.
"އެ ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ،" އޭނާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ، އަންހެނުން ކަމަކާ ކުރިމަތިލައިގެން ނުކުމެއްޖެ ވަރަށް ގިނަ އުނދަގޫތަކާއި ދުއްތުރާތައް ކުރިމަތިވާ ކަމަށާއި އެއީ ހަގީގަތެއް ކަމަށެވެ. އެކަމަކު، އޭނާ ގޮވާލެއްވީ ގޮތް ދޫނުކޮށް، ފިސާރި ފޯރި އާއި ޖޯޝާއެކު ނުކުމެ މަސައްކަތް ކުރުމަށެވެ.
އަޅުގަނޑު ހަނދާން ކޮށްލަން ބޭނުންވަނީ ﷲ ތައާލާ ވިހެވުމުގެ ނިއުމަތް ދެއްވީ އަޅުގަނޑުމެންނަށޭ. ވަރަށް ބޮޑު ބުރައެކޭ. ވަރަށް ބޮޑު ތަކުލީފެކޭ. ވަރަށް ތަދުވާ ހިނދުކޮޅެކޭ. އެ ގަޑިއަށް އަޅުގަނޑުމެންނަށް ކެތް ކުރެވެންޏާ ދެން ކޮން ކަމަކާހޭ ކުރިމަތި ނުލާންވީ؟ ކުރިމަތި ނުލެވެންވީ. ކުރިމަތިލާށޭ،"--- ނަހުލާ
އޭނާ ވިދާޅުވިގޮތުގައި، އަންހެނުން ވަޒީފާގެ މައިދާނަށް ނުކުތަސް އެހީވާނެ މީހުން ވަރަށް މަދެވެ. އެކަމުން އަރައިގަތުމަށްޓަކައި އަންހެނުން އަންހެނުންގެ ފަހަތުގައި ތިބުމަކީ މުހިންމު ކަމެއް ކަމަށާއި ރާއްޖެ އާއި ދުނިޔޭގެ ނިސްބަތުން ބެލިޔަސް އަންހެނުންގެ މާ ގިނަވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގޭގަ އާއި އޮފީސް މާހައުލުގައި ދިމާވާ މައްސަލަތަކުގައި އަޑު އުފުލަން ނުކެރި ނުވަތަ އެހެން މީހަކާ އެ ވާހަކަތައް ހިއްސާ ކުރަން ނުކެރޭ ހާލަތުތައް އަންހެނުންނަށް ވަރަށް ގިނައިން ކުރިމަތިވާ ކަމަށެވެ.
"އަޅުގަނޑު ހަނދާން ކޮށްލަން ބޭނުންވަނީ ﷲ ތައާލާ ވިހެވުމުގެ ނިއުމަތް ދެއްވީ އަޅުގަނޑުމެންނަށޭ. ވަރަށް ބޮޑު ބުރައެކޭ. ވަރަށް ބޮޑު ތަކުލީފެކޭ. ވަރަށް ތަދުވާ ހިނދުކޮޅެކޭ. އެ ގަޑިއަށް އަޅުގަނޑުމެންނަށް ކެތް ކުރެވެންޏާ ދެން ކޮން ކަމަކާހޭ ކުރިމަތި ނުލާންވީ؟ ކުރިމަތި ނުލެވެންވީ. ކުރިމަތިލާށޭ،" ނަހުލާ އެދިވަޑައިގަތެވެ.
"މީހަކު ކިޔާ އެއްޗަކަށް ބެލުމެއް ނެތި، ފަހަތުން ލަވާ ހަޅޭކަކަށް ބެލުމެއް ނެތި، ކުރާ ފުރައްސާރައަކަށް ބެލުމެއް ނެތި ކުރިއަށް ހިންގަވާށޭ. އަޅުގަނޑުމެންނަކީ ނުލާހިކު ނަލަ ބައެކޭ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ނަފުސުތައް ވަރަށް އަގު ބޮޑު. އަޅުގަނޑުމެންގެ ނަފުސުތައް އަޅުގަނޑުމެންގެ އަންހެނުން އެކަކު އަނެކަކަށް ނުކުރި އިހުތިރާމެއް ނުކުރި ގަދަރެއް އަޅުގަނޑުމެންނަށް އެއްވެސް ތާކު ނުލިބޭނެއޭ."
ނަހުލާ ވިދާޅުވީ، އަންހެނުން ދަސްކުރަންވީ އެ މީހުންގެ ނަފުސުތައް ކޮޅަށް ޖަހަން ކަމަށާއި އަމިއްލަ އަށް ކަންކަމާ ކުރިމަތިލާން ކަމަށެވެ. އަންހެނުންނަށް އިހުތިރާމާއި ގަދަރު ލިބޭނީ އޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ ގައިމު ވެސް އަޅުގަނޑު ތިޔަ ހުރިހާ ލޮބުވެތި އަންހެންބޭފުޅުން ދެކެ ވަރަށް ލޯބިވޭ،" ނަހުލާ ވިދާޅުވި އެވެ.