އަންހެނުން "ރަތް ފިޔައިން" އުދުއްސައިގަތުމަށް ނަހުލާ އެދިވަޑައިގެންފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އަންހެނުންގެ ގޮފި، "ރަތް ފިޔަ" އިން ބޭނުންވާ މަންޒިލަށް އުދުއްސައިގަތުމަށް ހުރިހާ އަންހެނުން އެ ޕާޓީއާ ގުޅުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރޭ ގޮވާލައްވައިފި އެވެ.


ޖޭޕީގެ ހަރުގޭގައި ބޭއްވި ރަސްމިއްޔާތެއް ގައި ނަހުލާ ރޭ ވަނީ "ރަތް ފިޔަ" އިފްތިތާހް ކޮށްދެއްވައިފަ އެވެ. އެއީ، އަންހެނުންގެ ކުރިއެރުމާއި ފުރުސަތުތައް ހޯދައި ބާރުވެރި ކުރުވަން އުފެއްދި ގޮތްޕެކެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ފިރިކަލުން ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަތް ހަފުލާގައި ނަހުލާ ވިދާޅުވީ އެ ޕާޓީގެ ލީޑަރާއި އިސްކޮށް ދެން ތިއްބެވި ބޭފުޅުންނަކީ ވެސް އަންހެނުންނަށް ކުރިއެރުމާއި ފުރުސަތުތައް ހޯދައިދޭނެ ބޭފުޅުންތަކެއް ކަމަށެވެ. އަންހެނުން ބޭނުންވާ މަންޒިލަށް ވާސިލްވެވޭނީ އެ ޕާޓީން ކަމަށް ނަހުލާ ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީގެ ރަތް ފިޔަ މި އުދުއްސައިގަންނަނީ ހިތްވަރާއި މިނިވަންކަމާ އެކު އާ އުސްމިންތަކަކަށް ވާސިލް ވާން. ޖުމްހޫރީ ޕާޓީން އަބަދުވެސް އަންހެނުންގެ ތަރައްގީ އަށާއި ކުރިއެރުމަށް އިސްކަން ދޭނެ." ނަހުލާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފި "ރަތް ފިޔަ" އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމާއި އޭނާގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ބައިވެރިވެވަޑައިގަންނަވަނީ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރަކީ ވެސް އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދީ ކުރިއަރުވަން އިސްކަންދޭ ސަރުކާރެކެވެ. ކެބިނެޓުގައި 33 ޕަސެންޓް އަންހެނުން ތިބުމަކީ އޭގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ އެކި ދާއިރާތަކުގައި އަންހެނުންގެ ދައުރު ފުޅާކޮށް އެބައޮތް ކަމަށެވެ. އެ ފުރުސަތުތަތަކަށް އުދުއްސައިގަތުމަށް އެހީވާން ޖުމްހޫރީ ޕާޓީ އޮތީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގައި އަންހެނުންނަށް ޚާއްސަ ގޮތްޕެއް އުފެއްދި އިރު، ކައުންސިލްތަކުގައި އަންހެނުންނަށް 33 ޕަސެންޓް ކަނޑައަޅަން މި ސަރުކާރުން ނިންމި ނިންމުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އަންހެނުންނަށް ކައުންސިލްތަކުން ކޯޓާއެއް ކަނޑައެޅުމަކީ ގާނޫނުއަސާސީއާ ޚިލާފު އަދި ފިރިހެނުންނށް ތަފާތު ކުރުމެކެވެ.

ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފި "ރަތް ފިޔަ" އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމާއި އޭނާގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ބައިވެރިވެވަޑައިގަންނަވަނީ.

ކޯޓާ ކަނޑަނޭޅިއަސް ވާދަކޮށްގެން ކުރިއެރުމުގެ ފުރުސަތު އެބައޮތް ކަމަށް ގާސިމް ވިދާޅުވެ އެވެ. އެކަމަކު ރާއްޖޭގެ އަންހެނުންގެ ދައުރާ ގުޅޭ ތަފާސްހިސާބުން ފެންނަނީ އެ ވާހަކައާ އިދިކޮޅަށެވެ. ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ ށ.ގެ ދަށުން އަންހެނުންނަށް ކައުންސިލްތަކުން ގޮނޑި ޚާއްސަ ކުރަން ޖެހުނީ ވެސް އެ ސަަބަބާ ހެދި އެވެ.