ރަނިން މޭޓަކަށް އަންހެން ބޭފުޅަކު ހަމަޖައްސައިފި ނަމަ ބަލައިގަންނަން ދަތިވާނެ: އަދާލަތު

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅުން އެއްބަސްވި ކެންޑިޑޭޓް، އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ން އަންހެން ބޭފުޅަކު ކަނޑައަޅައިފި ނަމަ، އެ ބޭފުޅަކު ބަލައިގަންނަން ދަތިވާނެ ކަމަށް އަދާލަތު ޕާޓީން މިރޭ ބުނެފި އެވެ.


އިދިކޮޅު ކެންޑިޑޭޓް، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބޫއާ އެކު އަދާލަތު ޕާޓީން މިރޭ ބޭއްވި ބައްދަލުވުމަށް ފަހު އޮތް ނިއުސް ކޮންފަރެންސްގައި އެ ޕާޓީގެ ނައިބު ރައީސް ޝޭހް އަލީ ޒާހިރު އެހެން ވިދާޅުވިއިރު، ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން އާއިޝަތު ނަހުލާ (އާއިޝާ) ރަނިން މޭޓަކަށް ހަމަޖެއްސުމަށް އެ ޕާޓީގެ ތެރޭގައި އަންނަނީ ކެމްޕެއިނެއް ހިންގަމުންނެވެ. އަދި އެ މައްސަލާގައި ވެސް ތަފާތު ހިޔާލުތައް ޖޭޕީ އާއި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވެސް އެބަހުއްޓެވެ.

މި އަހަރުގެ ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް އިދިކޮޅުން އެއްބަސްވާ އެއް ކެންޑިޑޭޓަކަށް އިބޫ ކަނޑައަޅާފައިވާއިރު، ރަނިން މޭޓަކު ނިންމަން ޖެހެނީ ޖޭޕީންނެވެ. އަދި އެކަން އަންނަ އަންގާރަ ދުވަހު ނިންމާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޖޭޕީގެ ކޮންގްރެސް ނިންމުމުގެ ހަފުލާ އަށް ފަހު، އެ ޕާޓީގެ ބައެއް އިސް އަންހެން ބޭފުޅުންނާ އެކު، ގާސިމްގެ ހަގު އަނބިކަނބަލުން އާއިޝާ (ކ-4) ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު މިރޭ ވިދާޅުވީ، ގައުމެއްގެ އެންމެ އިސްވެރިއަކަށް އަންހެން ބޭފުޅަކު އިސް ކުރުމަކީ ދީނީ ގޮތުން ގިނަ އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތެއް ނޫން ކަމަށެވެ. އަދި އަދާލަތު ޕާޓީގެ، ދީނީ އިލްމުވެރިންގެ މަޖިލީހުގެ ގިނަ ބޭފުޅުން އެގޮތަށް ލަފާ ދިނުމާ ގުޅިގެން ނުރަސްމީ ސިފައެއްގައި ޖޭޕީއާ ވެސް އެކަން ހިއްސާ ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި، ޖޭޕީން ކަނޑައަޅާ ރަނިން މޭޓުގެ ނަން ހުށަހެޅުމުން އެކަމާ މެދު އަދާލަތު ޕާޓީން ވަކިން ގޮތެއް ނިންމާނެ އެވެ. އެކަން ނިންމާނީ އެ ޕާޓީގެ މަޝްވަރާގެ މަޖިލީހުންނެވެ.

އަދާލަތު ޕާޓީގެ ދައުވަތަކަށް އެ ޕާޓީގެ އިސް ބޭފުޅުންނާ އެކު، އިބޫ މިރޭ ބޭއްވި ބައްދަލުވުމަށް ފަހު، ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ރައީސް ނެތް ހާލަތެއްގައި ކޮންމެ ގޮތެއް ވިޔަސް ނައިބު ރައީސަކީ، ރައީސްގެ މަގާމުން އަދާކުރައްވާނެ ބޭފުޅެއް،" އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އަލީ ޒާހިރު ވިދާޅުވި އެވެ.

ޖޭޕީގެ ފަރާތުން ރަނިން މޭޓަކަށް ވުމަށް މިހާތަނަށް ޝައުގުވެރިވާ ކަމަށް ބުނެ އެކި ގޮތްގޮތުން ނަންތައް އާންމު ވެފައި ވަނީ އާއިޝާގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނާއި ޖޭޕީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ތިއްބެވި ޑރ. ހުސެއިން ރަޝީދު ހަސަނާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒް (އެފްއޭ) ގެ އެވެ.

އިބޫ ވިދާޅުވި ގޮތުގައި، ރަނިން މޭޓަކަށް ކަނޑައަޅާނީ އިދިކޮޅު ހަތަރު ޕާޓީ އަށް އެއްބަސްވެވޭ ބޭފުޅެކެވެ. އަދި ރަނިން މޭޓެއްގެ ގޮތުގައި ޖޭޕީން ކަނޑައަޅާނީ ވެސް ކޯލިޝަންގެ އެހެން ޕާޓީތަކަށް އެއްބަސްވެވޭ ނަމަކަށް ވާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"[ކޯލިޝަނުން ބޭރުގައި] ކިތަންމެ ވާހަކަތަކެއް ދެއްކެވުމުން ދިޔަޔަސް ފަރުދާގެ އަނެއް ފަރާތުގައި ދެއްކެވޭ ވާހަކަތަކެއް ހުންނާނެ ކޮންމެ ކަމެއް ކުރެވިގެން ދާއިރު. ރިޔާސީ ކެންޑިޑޭޓު ކަނޑައެޅިގެން ދިޔައިރު ވެސް އެ ވާހަކަތައް އެހެން ދެއްކެވިފައި ހުންނާނެ ކަމަށް ތިޔަބޭފުޅުން ގަބޫލު ކުރައްވާ،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީގެ އާދަޔާ ޚިލާފު ކޮންގްރެސް އިން މިދިޔަ ހޮނިހިރު ދުވަހު އިބޫ ކަނޑައެޅި ފަހުން ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ރަނިން މޭޓެއްގެ ކަންތައް ނިމިގެންދާއިރު، ހާމަވެގެން ދާއިރު އަޅުގަނޑު ގަބޫލު ކުރަނީ އޮންނާނީ އަޅުގަނޑުމެންނަށް މި ވާހަކަ ދެއްކެވޭ ގޮތަށް އެންމެން އެއްބަސްވެވޭ ހިސާބަށް އައިސްފައި ހެން."

އިބޫ އާއި އަލީ ޒާހިރު މިރޭ ބޭއްވި ނިއުސް ކޮންފަރެންސް ކަވަރު ކުރި ބައެއް މީޑިއާތައް: ހުރިހާ ނޫސްވެރިން ވެސް ސުވާލު އަމާޒު ކުރީ ރަނިން މޭޓުގެ މައްސަލާގައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ރިޔާސީ ކެންޑިޑޭޓަކަށް ވި ފަހުން، މިރޭ ބޭއްވީ އިބޫގެ ފުރަތަމަ ނިއުސް ކޮންފަރެންސް ކަމަށް ވުމުން މީޑިއާތަކުގެ ޝައުގުވެރިކަން އެކަމަށް ވަރަށް ބޮޑަށް އޮތެވެ. އަދި ހުރިހާ ނޫސްވެރިން ވެސް އިބޫ އަށާއި އަލީ ޒާހިރަށް މައިގަނޑު ގޮތެއްގައި ކުރިމަތިކުރީ ރަނިން މޭޓުގެ މައްސަލާގައި އުފެދިފައިވާ ސުވާލުތަކެވެ.

ރަނިން މޭޓަކީ އަންހެން ބޭފުޅަކަށް ނުވަތަ ފިރިހެން ބޭފުޅަކަށް ވުމަކީ އިބޫގެ ޝަރުތެއް ތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ އަށް އަދި ގޮތެއް ނުނިންމާ ކަމަށެވެ.

ރަނިން މޭޓަކަށް ކަނޑައަޅާނީ އިދިކޮޅު ޕާޓީތަކަށް އެއްބަސްވެވޭ ކެންޑިޑޭޓެއް ކަމަށް ބުނާއިރު، އެއީ ވަކި ކަހަލަ ޝަރުތުތަކެއް ހަމަވާ ބޭފުޅަކަށް ވާންޖެހޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އިބޫ ވިދާޅުވީ "ވަކި އެހެނެއް ވެސް ނޫން" ކަމަށެވެ.

"ހުރެދާނެ އެއްބަސް ނުވެވޭ ކެންޑިޑޭޓެއް،" އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ އިސް ބޭފުޅުންނާ އިބޫ މިރޭ ބައްދަލު ކުރައްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ކޯލިޝަނަށް އެއްބަސްވެވޭ ރަނިން މޭޓުންނަކީ ކޮބައިތޯ ދެންނެވުމުން އިބޫ ވިދާޅުވީ އެކަން އެނގޭނީ ނަންތައް ލިބިވަޑައިގަތުމުން ކަމަށެވެ. އަދި ވިދާޅުވީ، ރަނިން މޭޓަކަށް ހަމަޖެއްސުމަށް ޖޭޕީން ފާސްކުރާ ނަމަކާ ގުޅޭ ގޮތުން އެމްޑީޕީގެ ގުނަވަނަކުން ވެސް ގޮތެއް ނިންމާނެ ކަމަށެވެ.

ވަކި ބޭފުޅަކު ރަނިން މޭޓަކަށް ހަމަޖެއްސުމަށް ޖޭޕީ އަށް ހުށަހަޅާފައިވާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އިބޫ ވިދާޅުވީ އެކަން ކޮށްފައި ނޯންނާނެ ކަމަށެވެ.