އަންހެނުންގެ ދައުރު މަޖިލީހުގައި ބޮޑު ކުރަންޖެހޭ ކަމަށް ގާސިމް ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު ބޮޑު ކުރަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.


އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ޖޭޕީގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާ އަށް ވާދަކުރައްވާ އައިޝަތު ނާޒިމާގެ ކެމްޕެއިން ފެށުމަށް ބޭއްވި ހަފުލާގައި ގާސިމް ވިދާޅުވީ، އަންހެނުންނަކީ ގައުމުގެ ބޮޑު ބަޔަކަށް ވެފައި އެ އާބާދީ ރައްޔިތުންގެ މަޖިލީހުގައި ފުރިހަމަ އަށް ތަމްސީލު ކުރެވެން ޖެހޭނެ ކަމަށެވެ.

"އެ މީހުންނަށް އެނގޭނެ ވަރަށް ގިނަ ކަންތައްތައް އަޅުގަނޑުމެން ފިރިހެނުން ނުދަންނަ. މުލިއްސެއް ޖަހައިގެން ރިއްސި މީހަކަށް އެނގޭނީ އޭގެ ރިހުން ހުރި މިންވަރު. ތަކްލީފެއް އުފުލާ މީހަކަށް އެނގޭނީ އެކަމެއްގެ ބޮޑުކަމާއި ކުޑަކަން. އަންހެން ބޭފުޅުންނަށް ދިމާވާ ކަންކަން އަންހެން ބޭފުޅުންނަށް އެނގޭނީ،" ރައްޔިތުނގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

މިރޭގެ ހަފުލާގައި ނާޒިމާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު އިތުރު ކުރުމުގެ އިތުރުން ސިޔާސީ އެހެން ދާއިރާތަކުގައި ވެސް އަންހެނުންގެ ދައުރު އިތުރު ކުރުން މުހިންމު ކަމަށް ގާސިމް ވިދާޅުވި އެވެ.

".. އަންހެނުންނަށް ލިބޭ އުނދަގުލާއި ވޭނާއި ހޫނު އެނގިވަޑައިގަންނަވާނީ ހަމަ އަންހެން ބޭފުޅަކަށް. ރައްޔިތުންގެ މަޖިލީހަށް އަދި އެހެން ސިޔާސީ ދާއިރާތަކަށް އަންހެން ބޭފުޅުން ބޭނުންވާކަން އަޅުގަނޑުމެންނަށް އެނގޭ އެއްވެސް ކަހަލަ ޝައްކަކާ ނުލައި،" ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ ނާޒިމާގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ހަފުލާގައި ގާސިމް ވިދާޅުވި އެވެ.

މިރޭގެ ހަފުލާގައި ގާސިމް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ގާސިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އަންހެނުން މަދުވުމުން ބޭރުގެ ގައުމުތަކުން އެކަމަށް ފާޑުކިޔާ ކަމަށެވެ. އެހެންކަމުން އަންހެންނުންގެ ބޭނުންތެރިކަން ދަނެގަނެ ގާނޫނާއި ގަވާއިދުތައް ހެދުމުގައި އަންހެނުންގެ ދައުރު ހިމެނުން މުހިންމު ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

މީގެ ފަސް އަހަރު ކުރިން އިންތިހާބުކުރި 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންފައި ވަނީ އެންމެ ފަސް އަންހެން ބޭފުޅުންނެވެ. އެފްއޭއެމްގެ ފުރަތަމަ އަންހެން ނައިބު ރައީސް ނާޒިމާ ވިދާޅުވެފައި ވަނީ ކުޅިވަރުގައި ކާމިޔާބު ހަރުފަތްތަކަށް ފަހު، ރައްޔިތުންގެ މަޖިލިހަށް ވާދަކުރައްވަން ނިންމެވީ އޭނާގެ އަމިއްލަ ދާއިރާ ތަމްސީލު ކުރައްވަން ކަމަށެވެ. އެ ދާއިރާގައި އިސްކޮށް، ކެރޭ އަދި ހިތްވަރުގަދަ މީހެއްގެ ގޮތުގައި އޭނާ ދެމިހުންނަވާނެ ކަމަށް ނާޒިމާ ކުރިން ވިދާޅުވެފައި ވެ އެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ