ކޯލިޝަން ދަމަހައްޓާނެ ކަމަށް ރައީސް ވިދާޅުވުމުން ގާސިމް ތައުރީފް ކުރައްވައިފި

މި ސަރުކާރު ހިންގާ ކޯލިޝަން ދަމަހައްޓަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވާކަން ރޭ ހާމަކުރައްވާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެއީ ހިތްވަރުފުޅު ގަދަ ނިންމެވުމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސަށް މިއަދު ތައުރީފް ކުރައްވައިފި އެވެ.


ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގުޅިގެން ނުކުތުމަށް އެއްބަސްވެފައި ވަނިކޮށް، ދާދި ފަހުން އެމްޑީޕީގެ ގައުމީ މަޖިލިހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެ ޕާޓީން ވާދަކުރަން ނިންމައިފަ އެވެ. ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ހުށަހެޅުއްވުން ފާސްވުމާ ގުޅިގެން، ކޯލިޝަންގެ އެހެން ޕާޓީތަކާއި އެމްޑީޕީއާ ދެމެދު އެ މައްސަލާގައި ވަރަށް ބޮޑަށް ހިޔާލު ތަފާވުން އުފެދިފަ އެވެ.

މި މައްސަލައިގައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މުލީއާގޭގައި ރޭ ބޭއްވެވި ބައްދަލުވުމުގައި، ކޯލިޝަން ދަމަހައްޓަން ބޭނުންފުޅުވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، ރޭ ވެސް ގައުމީ މަޖިލިހުގެ މެމްބަރުންގެ ރޫހު ހުރީ މަޖިލިހުގެ އިންތިޚާބުގައި އަޣުލަބިއްޔަތު އެމްޑީޕީން ހޯދުމަށެވެ.

ޖުމްހޫރީ ޕާޓީއާ ބައެއް ބޭފުޅުން ގުޅުމަށްޓަކައި މިއަދު ހަވީރު އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ކޯލިޝަން އެއްބަސްވުން ދަމަހައްޓަން ބޭނުންފުޅުވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭގެ ބައްދަލުވުމުގައި ހާމަ ކުރެއްވި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ކޯލިޝަނާ އެކު ވެފައިވާ އެއްބަސްވުން ދަމަހައްޓަން އަދި އެމަނިކުފާނު ކުރިން ވިދާޅުވެފައިވާ ބަސްފުޅުތަކާ އެއްގޮތަށް އަމަލު ކުރައްވާނެ ކަން ސާފުކޮށް ހާމަ ކުރެއްވީތީ އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"މި ގައުމުގެ މަސްލަހަތާއި އަމާންކަން ދަމަހައްޓައި، އެމަނިކުފާނު ވެވަޑައިގެންފައި ހުރި ވައުދުތަކާ އެއްގޮތަށް ކަންތައްތައް ކުރެއްވުމަށްޓަކައި އެމަނިކުފާނު އެ ހުންނެވި ސާބިތު ކަމާއި ހިތްވަރާއި ކެރިވަޑައިގަތުމަށް އަޅުގަނޑު ހަމަ އައްސަރިބަހާއި ސާބަސް ދެން." ގާސިމް ވިދާޅުވި އެވެ.

މީޑިއާ ކައުންސިލްގެ ކުރީގެ ނައިބު ރައީސް ޝަރީފް ޖޭޕީއަށް މިއަދު ސޮއިކުރައްވައި އޭނާގެ ފޯމު، އެ ޕާޓީގެ ލީޑަރު ގާސިމާ ހަވާލުކުރައްވަނީ.---ފޮޓޯ: ޖޭޕީ

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދުތަކާއި ނިންމެވުންތަކާ އެއްގޮތަށް އެމަނިކުފާނު އަމަލު ކުރައްވަމުން ގެންދަވާހާ ހިނދަކު ޖުމްހޫރީ ޕާޓީ އޮންނާނީ ރައީސާ އެކު އެވެ. އަދި ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަންކަން ހިނގަމުންދާ ހިނދަކު، ރައީސަށް އެއްބާރުލުން ދިނުމުގައި ޖުމްހޫރީ ޕާޓީ ދެމިއޮންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ބަޔަކު ކޮންމެ ވާހަކައެއް ދެކިޔަސް، ކޮންމެ އަޑެއް ލެވިޔަސް، ކިތަންމެ ވަރަކަށް ތެޅުނަސް، ފޮޅުނަސް، އަޅުގަނޑުމެން އެއަކަށް ޗުއްޕު ވެސް ނުބުނާނަން. އަޅުގަނޑުމެން ދާނީ ކުރިއަށް،" ގާސިމް ވިދާޅުވި އެވެ.

ކޯލިޝަން އެއްބަސްވުން ދަމަހައްޓަން ބޭނުންފުޅުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވިއިރު، އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައިވަނީ މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް އެ ޕާޓީން ވާދަ ކުރުމަށެވެ. އެގޮތަށް އެ ޕާޓީން ނިންމީ މަޖިލިސް އިންތިޚާބުގައި ކޯލިޝަންގެ ހުރިހާ ޕާޓީތަކުން ގުޅިގެން ނުކުތުމަށް ޕާޓީތަކުގެ އެއްބަސްވެފައި ވަނިކޮށެވެ. އެމްޑީޕީގެ އެ ނިންމުމާ މެދު ކޯލިޝަންގެ އެހެން ޕާޓީތަކުން ވަކި ގޮތެއް ނުނިންމަ އެވެ.

ކޯލިޝަން އެއްބަސްވުމުގެ މައްސަލާގައި ޕާޓީތަކުގެ ލީޑަރުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ކުރިން ވެސް ބައްދަލު ކުރައްވައިފަ އެވެ.