ޑޮކްޓަރުންތަކެއް ބަލިމީހަކު އޮޕަރޭޝަން ކުރަނީ.
03 މާޗް 2019 - 07:36
ކެންސަރުގެ އޮޕަރޭޝަންތަކަށް، ވަކިން ހާއްސަކޮށް އުރަމަތީގެ ކެންސަރުގެ އޮޕަރޭޝަންތަކަށް ރޮބޮޓިކް އާލާތްތައް ބޭނުން ނުކުރަން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ކެންސަރުގެ ބަލިތަކަށް ކުރާ ސާޖަރީތަކުގައި ރޮބޮޓިކް އާލާތްތައް ބޭނުންކުރަން ރަސްމީކޮށް ހުއްދަ ވެސް ދީފައި ނުވާނެ ކަމަށާއި އެފަދަ އޮޕަރޭޝަންތަކުގެ ނަތީޖާ ވެސް ރަނގަޅު ނޫން ކަމަށެވެ. އެހެންވެ ފަރުވާ ދިނުމުގައި ޑޮކްޓަރުން އެކަމަށް ސަމާލުވުމަށާއި ބަލި މީހުން ވެސް މިކަމަށް ފަރުވާ ބަހައްޓަން އެފްޑީއޭ އިން ވަނީ ގޮވާލައިފަ އެވެ.
ކެންސަރުގެ ބަލިތަކުގައި އޮޕަރޭޝަން ކުރަން ޖެހޭ ނަމަ އެކަން ކުރަން ވާނީ އެންމެ ކުރިން ވެސް އޮޕަރޭޝަންތައް ކުރާ ގޮތަށް ކަމަށް އެތަނުން ބުންޏެވެ.
އެފްޑީއޭގެ ޑިވައިސެސް އެންޑް ރޭޑިއޮލޮޖިކަލް ސެންޓަރުގެ، އަންހެނުންގެ ސިއްހަތާ ބެހޭ އެސިސްޓަންޓް ޑިރެކްޓަރު ޑރ. ޓެރީ ކޯނެލިޒަން ވިދާޅުވި ގޮތުގައި ކެންސަރުގެ އޮޕަރޭޝަންތަކުގައި ރޮބޮޓިކް އާލާތްތަައް ބޭނުން ކުރުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި އާދައިގެ އޮޕަރޭޝަންތަކާ ހިލާފަށް، ރޮބޮޓިކް އާލާތްތަކުގެ އެހީގައި ކުރާ އޮޕަރޭންޝަތަކުގެ ނަތީޖާތަކުގައި ތަފާތުތަކެއް ހުރިކަން މިހާތަނަށް އެއްކޮށްފައިވާ މައުލޫމާތުތަކުން ދައްކަ އެވެ.
ކެންސަރުގެ އޮޕަރޭޝަންތަކުގައި ގިނަ ފަހަރަށް ރޮބޮޓިކް އާލާތްތައް ބޭނުންކުރަނީ ބަލިމީހާގެ ހަށިގަނޑުން ފަޅަންޖެހޭ ތަންތަން ފެޅުމަށެވެ. އެގޮތަށް ފެޅުމަށް ފަހު މެކޭނިކަލް އަތާއި ކޮމްޕިއުޓަރު ސޮފްޓްވެއާގެ އެހީގައި ޑޮކްޓަރުން އޮޕަރޭޝަން ކުރިއަަށް ގެންދެ އެވެ. މިގޮތަށް އޮޕަރޭޝަން ކުރުމުން ބަލީމީހާ އަށް ކުރާ ވޭން ކުޑަވެ، ލޭ ފޭބުން މަދުވުމާއި ލަކުނުލުން ކުޑަވުމާއި އިންފެކްޝަން އުފެދުމާއި ފަސޭހަވުން އަވަސްވާ ކަމަށްވެ އެވެ.
އެފްޑީއޭ އިން ބުނި ކެންސަރު ބަލީގެ އޮޕަރޭޝަންތަކުގެ ތެރެއިން ބައެއް ކަހަލަ އޮޕަރޭޝަންތަކުގައި ރޮބޮޓިކް އާލާތްތައް ބޭނުންކުރަން ހުއްދަ އޮތަސް، އުރަމަތީގެ އޮޕަރޭޝަންތަކަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އަދި ރޮބޮކްޓިކް އާލާތްތަކުގައި އެހީގައި ކުރާ އުރަމަތީގެ ކެންސަރުގެ ނަތީޖާ ރަނގަޅު ނޫން ކަމަށް ވިދާޅުވި އެވެ.
ޑޮކްޓަރުންތަކެއް ރޮބޮޓިކް އާލާތެއްގެ އެހީގައި ބަލިމީހަކު އޮޕަރޭޝަން ކުރަނީ.
"މުޅި ޖުމްލަކޮށް ބަލާ ކަމަަށް ވަންޏާ ރޮބޮޓިކް އާލާތްތަކުގެ އެހީގައި ކުރާ ކެންސަރުގެ އޮޕަރޭޝަންތަކުގެ ނަތީޖާތައް ދައްކާ ގޮތުން އެ ޕްރޮސީޖާއަކީ އޮޕަރޭޝަން ކުރަން ހިތްވަރުދޭ ޕްރޮސީޖާއެއް ނޫން،" އެފްޑީއޭ އިން ބިންޏެވެ.
ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައިވާ ގޮތުން ރޮބޮޓިކް އާލާތްތަކުގެ އެހީގައި ކުރާ ކެންސަރުގެ އޮޕަރޭޝަންތަކަކީ ފަސޭހަވުން ލަސްވާ އޮޕަރޭޝަންތަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy