01 ޖެނުއަރީ 2026 - 17:57
އުރަމަތީގެ ކެންސަރު ޖެހިފައިވާ 4،800 އަށް ވުރެ ގިނަ މީހުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދެނެގަނެވިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހުށަހެޅި ސުވާލުތަކަށް، ސަރުކާރުގެ މައި ހޮސްޕިޓަލުން މިދިޔަ އަންގާރަ ދުވަހު ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން އެޑްމިޓުނުކޮށް ހެދި ޓެސްޓުތަކުން އުރަމަތީ ކެންސަރުގެ 4،588 ކޭސް އަދި އެޑްމިޓްކޮށްގެން ހެދި ޓެސްޓުތަކުން 231 ކޭސް ވަނީ ދެނެގަނެވިފަ އެވެ.
ރާއްޖޭގައި އަދި މުޅި ދުނިޔޭގައި ވެސް އަންހެނުންނަށް އެންމެ ގިނައިން ޖެހޭ ކެންސަރަކީ އުރަމަތީ ކެންސަރު ކަމަށް ވާއިރު އެ މައުލޫމާތުން ދައްކާ ގޮތުން ޖެނުއަރީ 1، 2022 އިން ފެށިގެން މިދިޔަ މަހުގެ 15 އާ ހަމައަށް 4،819 މީހުން ވަނީ އުރަމަތީގެ ކެންސަރަށް ޑައިގްނޯޒްކޮށްފަ އެވެ.
އެޑްމިޓްކޮށްގެން ހެދި ޓެސްޓުތަކުން، އެންމެ ހަގު އުމުރެއްގައި އުރަމަތީ ކެންސަރަށް ޑައިޑްނޯޒްކުރެވިފައިވަނީ 13 އަހަރުގެ އަންހެން ކުއްޖެކެވެ. އެންމެ ދުވަސްވީ މީހުންގެ ގޮތުގައި 81 އަހަރުގެ ދެ އަންހެނުން ހިމެނެ އެވެ.
އެޑްމިޓްނުކޮށް ހެދި ޓެސްޓުތަކުން އުމުރުން 1 އަހަރުގެ ކުއްޖަކު ވެސް މި ބައްޔަށް ޑައިގްނޯޒް ކޮށްފައިވެ އެވެ.
އެޑްމިޓް ނުކޮށް ހެދި ޓެސްޓުތަކުން ބަލި ދެނެގަނެވުނު މީހުންގެ ތެރޭގައި އެންމެ ގިނައީ 47 އަހަރުގެ އަންހެނުންނެވެ. އެ އުމުރުގެ 145 މީހަކު ވަނީ އުރަމަތީގެ ކެންސަރަށް ޑައިންގޯޒްކޮށްފަ އެވެ. އެންމެ ދޮށީ މީހަކަށް 88 އަހަރުގެ މީހެކެވެ.
އައިޖީއެމްއެޗުން ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި އުރަމަތީގެ ކެންސަރުގައި ހަތަރު އަހަރުގެ ތެރޭގައި 14 މީހުން މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލްގެ ރެކޯޑްތަކުން ދައްކަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހިސާބުތަކުން ދައްކާ ގޮތުން 2022 ވަނަ އަހަރު މުޅި ދުނިޔޭގައި ވަނީ، އުރަމަތީ ކެންސަރު ޖެހިގެން 670،000 މީހުން މަރުވެފަ އެވެ.
އުރަމަތީގެ ކެންސަރު ޖެހޭ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ އުމުރާއި ޖިންސު ފިޔަވައި އެހެން އެއްވެސް ރިސްކް ފެކްޓާއެއް ނެތް، އަންހެނުންނެވެ. ސިއްހަތު ޖަމިއްޔާގެ ހިސާބުތަކުން ދައްކާ ގޮތުން 2022 ވަނަ އަހަރު 185 ގައުމެއްގެ ތެރެއިން 157 ގައުމެއްގައި އަންހެނުންގެ މެދުގައި އެންމެ އާންމު ކެންސަރަކީ އުރަމަތީގެ ކެންސަރެވެ.
އުރަމަތީގެ ކެންސަރު ޖެހޭ މީހުންގެ ތެރެއިން 0.5 އާއި 1 ޕަސެންޓާ ދެމެދުގެ އަދަދެއް ހިއްސާކުރަނީ ފިރިހެނުންނެވެ. އުރަމަތީގެ ކެންސަރުގެ ނުރައްކާ ކުޑަކުރުމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދިނުމަށް، ދުރާލައި ބަލި ދެނެގަތުމާއި ރިހެބިލިޓޭޝަން ވަރަށް މުހިންމެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy