ރާއްޖޭގައި ކެންސަރު ބަލި އޮތީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށް ވިޔަސް އެ ބަލި ޖެހޭ މީހުންގެ އަދަދު ގިނަވާ ސަބަބު އަދި ނުހޯދޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކެންސަރު ޖެހޭ މީހުން ގިނަވަމުންދާތީ އާއި އެ ބަލި ގިނަވާ ސަބަބު މިހާތަނަށް ދެނެގަނެވިފައިވޭތޯ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެހުމުން ނާޒިމް ވިދާޅުވީ، ބަލިޖެހޭ މީހުންގެ އަދަދު ގިނަކަން ދިރާސާ ނުކުރިޔަސް އެނގޭ ކަމަށެވެ. އެކަމަކު، އެފަދަ ދިރާސާއެއް އަދި ކޮށްފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު އެނގެން ނެތް ކަމަކީ ކެންސަރުގެ ވަރަށް ގިނަ ވައްތަރުތައް، އެއީ އެކި ގޮތްގޮތަށް ޖެހޭ ބައްޔަކަށް ވުމާ އެކު ވަކި މިވެނި ސަބަބަކާހެދިއޭ މިހެން ޖެހެނީ، އެއީ އަޅުގަނޑުމެންނަށް ހެދިފައި އޮތް ސްޓަޑީއެއް ނޫން. އަދި އެނގެން އޮތް ކަމެއް ވެސް ނޫން،" ރައީސް އޮފީހުން އިންތިޒާމު ކޮށްގެން ބޭއްވި މީޑިއާ ބްރީފިންގައި ނާޒިމް ވިދާޅުވި އެވެ. 

"ބައެއް ހާލަތްތަކުގައި އެއީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން އަންނަ ކަމެއް. އަނެއްބައި ފަހަރު އެއީ އާއިލީ ގޮތުން ވެސް އަންނަ ކަމެއް ކަމަށް ވަނީ،" 

ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.- ފޮޓޯ: މިހާރު
ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.- ފޮޓޯ: މިހާރު

ނާޒިމް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ސިޔާސަތަކީ "އާލީ ޑައިގްނޯސް އަށް" ބާރު އެޅުމެވެ. އެހެންވެ ސަރުކާރުން އަންނަނީ އެފަދަ ޓެސްޓުތައް ރަށްރަށުގައި ހެދޭނެ އިންތިޒާމުތައް ވެސް ހަމަޖައްސަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އަތޮޅު ތެރޭގައި ކީމޯ ތެރަޕީގެ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ އާންމު ކެންސަރުގެ ވައްތަރަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ކެންސަރު ކަމަށް ވާއިރު، މި ސަރުކާރުން ދުންފަތަށް އެޅި ފިޔަވަޅުގެ ސަބަބުން މުސްތަގުބަލުގައި އެކަމަށް ހައްލު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ ސިޒެޝަން ކްލިނިކްތައް މުޅި ރާއްޖޭގައި ފުޅާކުރުމުގެ މަސައްކަތް ކަމަށާއި ހުރިހާ ރަށަކުން ވެސް މިހާރު އެ ހިދުމަތް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދުންފަތް ހުއްޓުމަށް ބޭނުންވާ ގަމް ޕެޗް އާސަންދަ  ނިޒާމުގެ ތެރެއިން ލިބޭނެ ގޮތް ހަމަޖައްސާފައިވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.- ފޮޓޯ: މިހާރު
ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.- ފޮޓޯ: މިހާރު

ރާއްޖޭގައި ކެންސަރު ގިނަވާ ސަބަބު ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން 2022 ވަނަ އަހަރު ރާއްޖެ އައިސް ދިރާސާއެއް ހެދި އެވެ. ނަމަވެސް އޭގެ މައުލޫމާތު އާންމުކުރި ކަމެއް އެނގިފައެއް ނެތެވެ. 

އެކަމަކު، މިދިޔަ ހަތަރު އަހަރު ރާއްޖޭގައި އެންމެ ގިނައީ ކޮން ކަހަލަ ކެންސަރެއްތޯ ބަލަން "މިހާރު" އިން ސުވާލު ފޮނުވުމުން އައިޖީއެމްއެޗުން ދާދި ފަހުން ބުނެފައި ވަނީ އުރަމަތީގެ ކެންސަރު ޖެހިފައިވާ 4،800 އަށް ވުރެ ގިނަ މީހުން އެ ހޮސްޕިޓަލަށް ދެއްކި މީހުންގެ ތެރެއިން އެކަނި ވެސް ވަނީ ދެނެގަނެފަ އެވެ.