ހިބަޅިދޫ: އެރަށާ ކުރިން ހަވާލުވި ކުންފުންޏަށް އެރަށް އަލުން ދޭން ކުރި ހުކުމް ހައި ކޯޓުން ވަނީ ބާތިލް ކޮށްފައި
10 މާޗް 2019 - 11:10
ބ. ހިބަޅިދޫ ކުރިން ހަވާލު ކޮށްފައި އޮތް ކުންފުންޏަށް އެ ރަށް އަނބުރާ ދޭން ދައުލަތުގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި އެވެ.
ނޮވެމްބަރު، 2015 ގައި ހަތިޔާރުތަކެއް ފެނުނު ހިބަޅިދޫ އަކީ ބިޒްނާސް މޯލްޑިވްސް ކިޔާ ކުންފުންޏަކަށް ސަރުކާރުން ދޫކޮށްފައި އޮތް ރަށެކެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްއާރުސީ) މެދުވެރިކޮށް އެރަށް 50 އަހަރަށް ކުއްޔަށް ދިނުމަށް ހެދި އެއްބަސްވުން 2016 ގައި ސަރުކާރުން ބާތިލްކުރީ އެ ރަށުގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަންޖެހޭ ތިން މިލިއަން ޑޮލަރު ނުދައްކާ ކަމަށް ބުނެ އެވެ.
އެ މައްސަލަ ބިޒްނާސް ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ދައުލަތުގެ މައްޗަށް 2017 ގައި އަމުރުކުރީ އެ ރަށް އަނބުރާ ދިިނުމަށެވެ. އެ ހުކުމް ހައި ކޯޓުން މިދިޔަ ބުދަ ދުވަހު ބާތިލްކުރީ ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާތަކަށް ޚިޔާނާތްތެރިވި މައްސަލައިގައި ފުލުހުން ކުރި ތަހުގީގުގައި، ހިބަޅިދޫގެ އިކުއިޒިޝަންސް ކޮސްޓް ދެއްކި ކަން އެނގެން ނެތް ކަމަށް ފުލުހުންގެ ސިޓީއެއްގައި ބުނެފައިވާ ކަމަށެވެ. އަދި އެ ފައިސާ ދެއްކި ކަމުގެ ލިޔުމެއް ބިޒްނާސް ކުންފުންޏަށް ހުށަހެޅިފައި ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެއްބަސްވުމުގެ ދަށުން އެ ފައިސާ ދެއްކުމަކީ ބިޒްނާސް ކުންފުނީގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް ކަމަށް ވާއިރު، އެއީ އެއްބަސްވުމުގެ ޖައުހަރީ މާއްދާއެއް ކަމަށާއި އެފަދަ މާއްދާއަކާ ޚިލާފްވުމަކީ އެއްބަސްވުން ބާތިލް ކުރެވިދާނެ ސަބަބެއް ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފައިސަލް އެވެ.
ހިބަޅިދޫ އަނބުރާ ދޭން ކުރި ހުކުމާ އެއްގޮތަށް ދައުލަތުން އަމަލު ނުކުރާތީ އެ ހުކުމް ތަންފީޒު ކުރަން ބިޒްނާސް ކުންފުނިން މިދިޔަ އަހަރު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެކަމަކު އޭރު އެ މައްސަލަ އިސްތިއުނާފް މަރުހަލާގައި އޮތުމުން ސިވިލް ކޯޓުން ނިންމީ އެ ހުކުމް ތަންފީޒުކޮށް ދެވެން ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫމަރާމަ
10 March 2019
ތިޔަރަށް ދެން އެންމެ ރަނގަޅުވާނީ ހައިކޯޓުގެ ފަނޑިޔާރުން ނަގައިގެން ހިންގިއްޔާ، ބަލަ އެމްއެމްޕީއާރްސީގެ މައްސަލަތަށް ވަކިވަކިން ބަލަންޖެހޭ، އެތަނުންދިން ހުރިހައި ރަށްތަށް ނަގަންޖެހޭ، އެއީ އެންމެ ރަނގަޅު ގޮތަކީ
ޖަވާދުﷲ
10 March 2019
ޖޭއެސްސީ ގައި ޔާމިނަށް ހުރިހާ ޖަރީމާއެއް ހިންގައިދިން ފައިސަލް، ދުވަހަކު ކުރިން ގާޒީކަން ނުކުރޭ... ދެން ކިހިނެއް ހައިކޯޓު ބެންޗުގައި އީށީނީ!!
އައްޑޫ ބެއްޔާ
10 March 2019
ކުދިންނޭ. އިނގޭ ކުއްޖެއް ހުރިނަމަ ބުނެބަލަ މިއީ ކާކަށް ލިބުނު ރަށެއް؟ ބިޒިނާސް އޭބުނެގެން އަދި ނޭނގިދާނެދޯ.
ޢަލީ މ
10 March 2019
ލެޓްސްގޯ ރިޔާޒު
އިބުރާހީމާ
10 March 2019
ތީ މޮހޯއަށް އަދީބު ދިން ރަށް
ދެޓް ޕޮޓާހެޑް
10 March 2019
ބިޒްނާސް މޯލްޑިވްސްއަކީ މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ ހިއްސާ އޮންނަ ކުންފުންޏެއް. މި ކުންފުނީގެ މެޖޯރިޓީ ހިއްސާދާރަކީ 'ލެޓްސް ގޯ މޯލްޑިވްސް' ގެ އެމް.ޑީ މުޙައްމަދު ރިޔާޒު.
ނަފާ
10 March 2019
ތި އެމްއެމްޕީއާރުސީ އުފެދުމިގެ މާކުރިން ޑރ ވަހީދި ސަރުކާރުގަ ބިޒްނާސް މޯލްޑިވްސްއަށް ދީފަ އޮތް ރަށެއް ރިސޯޓްތަރައްޤީކުރަން. އެމްއެމްޕީއާރުސީގެ ދަށަށް ތިރަށްގެނެސް ކުރިޔަށް ގެންދިޔައީ ސަރުކާރުގެ އެ ނިންމުމާ ޚިލާފަށްކަމަށް އޭސީސީގެ ރިޕޯޓުގަވެސް އޮތީ
ފުރެންޑު
10 March 2019
ލެޓްސްގޯ ރިޔާޒް އަދި އަސްއޯއެފް މޮހޯ...އެކަމަކު މޮހޯ ނަން ކޮމްޕެނީން ނަގާފަހެން ހީވަނީ؟