އޭސީސީގެ އަހަރީ ރިޕޯޓު ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ފޮތް މީޑިއާތަކަށް ދައްކާލައްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
10 މާޗް 2019 - 13:20
މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމި މައްސަލަތަކުގެ ތެރެއިން ދައުލަތަށް 1.9 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެން ޖެހޭ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 108 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ލިބެން ޖެހޭ ކަމަށެވެ. އޭގެ އިތުރުން ދައުލަތުގެ ކަމާ ބެހޭ އިދާރާތައް މެދުވެރިކޮށް 1.8 ބިލިއަން ރުފިޔާ ހޯދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު މުއައްވިޒު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ދައުލަތަށް މިހާތަނަށް ލިބުނީ އެންމެ 1.4 މިލިއަން ރުފިޔާ އެވެ.
އަހަރީ ރިޕޯޓުގައިވާ ގޮތުން ވެއިތުވެދިޔަ ހަތް އަހަރުގެ ތެރޭގައި 3.9 ބިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ލިބެން ޖެހެ އެވެ. އޭގެ ތެރޭގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތާ ގުޅިގެން ގެއްލުނު 1.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް ހިމެނެ އެވެ.
އެންޓި ކޮރަޕްޝާން ކޮމިޝަނުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ތަހުގީގުކޮށް 1299 މައްސަލައެއް ނިންމި އިރު، ތަހުގީގު ނުނިމޭ 532 މައްސަލައެއް އޮތެވެ. އަދި ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަނާއި ހިޔާނާތުގެ 238 މައްސަލައެއް އޭސީސީ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
މީގެ ތެރެއިން އެންމެ ގިނަ މައްސަލަތައް ނިސްބަތް ވަނީ ފެނަކަ ކޯޕަރޭޝަނަށެވެ. އެގޮތުން ފެނަކައިގެ 52 މައްސަލައެއް އޭސީސީ އަށް ހުށަހެޅި އިރު، ދެން އެންމެ ގިނަ މައްސަލަ ނިސްބަތް ވަނީ އެސްޓީއޯއަށާއި ޕީއެސްއެމަށެވެ. އެގޮތުން އެސްޓީއޯއާ ގުޅޭ 31 މައްސަލައަކާއި ޕީއެސްއެމްގެ 23 މައްސަލަ ހިމެނެ އެވެ.
މުއައްވިޒު ވިދާޅުވި ގޮތުގައި ކޮމިޝަނުން އިސްނަގައިގެން 278 މައްސަލައެއް ތަހުގީގުކުރި އިރު އެއީ ކޮމިޝަންގެ ހަޔާތުގައި ވެސް މިހާ ގިނަ އަދަދެއްގެ މައްސަލަތައް ތަހުގީގު ކުރަން ފެށި އަހަރެވެ. ކޮމިޝަންގައި މިހާރު ނުނިމި އޮތީ، ރިޕޯޓުގައިވާ ގޮތުން، 532 މައްސަލައެކެވެ.
- ގިނައިން ހުށަހެޅީ ދައުލަތުގެ ޕްރޮކިއުމަންޓާ ގުޅުން ހުރި މައްސަލަތައް.
- ގޯތިގެދޮރާ ގުޅުން ހުރި މައްސަލަތައް
- ވަޒީފާއާ ގުޅުން ހުރި މައްސަލަތައް
މުއައްވިޒު ވިދާޅުވީ ތަހުގީގު ކުރި މައްސަލަތަކުގެ ތެރެއިން 1292 މައްސަލައެއްގައި ކޮރަޕްޝަން އަމަލެއް އެކުލެވިގެން ނުވާ ކަމަށް ކޮމިޝަނުން ކަނޑައެޅި އެވެ. އަދި ހަތް މައްސަލައެއްގައި، ޖުމްލަ 17 މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށް ވިދާޅުވި އެވެ.
ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާތަކާއި ނާޖައިޒު ފައިދާ އަމިއްލަ އަށް ހޯދުމާއި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާއަކާއި ފައިދާ ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ހިމެނެ އެވެ.
"ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ދައުލަތުގެ އެކި އިދާރާތަކުން މައުލޫމާތު ހޯދުމުގަ އާއި ފޮނުވާ އަމުރުތަކަށް ބައެއް ފަހަރު އެއްބާރުލުން ނުދިނުމުގެ ސަބަބުން މައްސަލަތައް ނިންމުމުގައި ލަސްތަކެއްވާ ކަން ފާހަގަކުރަން،" ކޮމިޝަންގައި ޖާގައިގެ ދަތިކަން ހުރިކަން ވެސް ފާހަގަކުރައްވަމުން، މުއައްވިޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމަދު ކަލޯ
10 March 2019
ތީ ކޮންބަޔަކު ވަގަށްނެދި ފައިސާތަކެއްތޯ ބަލާ ހާމަ ކުރަން ވެއްޖެތާ.ބަޖއޓްގެ10 ޕަސެންޓު ކާލާފަ އޮތީ ކޮންބައެއް. ސީދާ ރައްޔިތުންގެ ޖީބަށް ވަންނަންޖެހޭ ފައިސާއަސް މަދު ބަޔަކު ޚިޔާނާތްތެރިވެފާ. ކިހާބޮޑު ގެއްލުމެއް.
މުހައްމަދު ހާމިން
10 March 2019
ދައުލަތް ލޫޓްވާލީ ސަރުކާރުގައި އަދި ދައުލަތުގެ ކުންފުނިތަކުގެ ހުރިހައި މީހުން ޒިންމާ ދާރުކުރުވަންޖެހޭ، ހުރިހައި މީހުންގެ މައްސަލަ ތަހްގީގުކޮށް ކޯޓަށް މައްސަލަ ވައްދަންޖެހޭ
ޔާމީން އިދްރީސް
10 March 2019
ކޮބާހޭ ލުތުފީ؟؟؟