ރެއާލުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ.-- ފޮޓޯ: އޭއެފްޕީ
07 އޮކްޓޯބަރ 2016 - 08:18
މެޑްރިޑް (އޮކްޓޫބަރު 7) - ރެއާލް މެޑްރިޑަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފިޓްނަސް ދަށްވުން ކަމަށް އެ ޓީމަށް ކުރިން ކޯޗުކޮށްދިން އިޓަލީގެ ފަބިއޯ ކަޕެއްލޯ ބުނެފި އެވެ.
ރެއާލް އެންމެ ފަހުން ކުޅުނު ހަަތަރު މެޗު ވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ. އެގޮތަށް އެންމެ ފަހުން ނަތީޖާ ނުކުމެފައިވަނީ 2006 ވަނަ އަހަރު ކަޕެއްލޯ ރެއާލަށް ކޯޗުކޮށްދިން ދުވަސްވަރެވެ.
"ރެއާލުގެ މިހާރު މައްސަލަ އަކީ ރޮނާލްޑޯ. ރޮނާލްޑޯ އަކީ ރެއާލުގެ އެންމެ މޮޅު ކުޅުންތެރިއާ. އެކަމަކު ފިޒިކަލީ އޭނާ ތައްޔާރެއް ނޫން. ފިޓް ނުވަނީސް ރޮނާލްޑޯ ބޭނުންކުރުމަކީ ޓީމަށް ލިބޭ ގެއްލުމެއް،" އޭސީ މިލާނާއި އިންގްލެންޑަށް ކުރިން ކޯޗުކޮށްދިން ކަޕެއްލޯ ބުންޏެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ރޮނާލްޑޯ އަށް ސީޒަނުގެ ކުރީކޮޅުގައި ގިނަ މެޗުތަކެއް ގެއްލުނެވެ. އަނިޔާއިން އެނބުރި އައިފަހުން ކުޅުނު ހަ މެޗުން ރޮނާލްޑޯ އަށް ޖެހުނީ އެންމެ ތިން ލަނޑެވެ. މިދިޔަ ސީޒަނުގައި ރޮނާލްޑޯ ވަނީ ހަ މެޗުން 10 ލަނޑު ޖަހައިފަ އެވެ.
ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ ބަދަލުކޮށްފަ އެވެ. މިއީ ރޮނާލްޑޯ ރެެއާލާ ގުޅުނު ފަހުން އަނިޔާގެ ސަބަބުން ނޫން ގޮތަކަށް މެޗެއްގެ ތެރެއިން އޭނާ ބަދަލުކުރި ފުރަތަމަ ފަހަރެވެ.
ކަޕެއްލޯ ބުނީ ފިޓްނަސް ރަނގަޅު ނުވަނީސް މެޗުތަކުގައި ރޮނާލްޑޯ ބޭނުންކުރާ ނަމަ އޭނާ އަށް އިތުރު އަނިޔާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy