އައިޔޫއެމްގެ ދަރިވަރުންތަކެއް: މަތީ ތައުލީމުގެ ލޯނު އަންނަ ހަފުތާގައި ދޫކުރަން ފަށާނެ.-- ފޮޓޯ: އައިޔޫއެމް
14 މާޗް 2019 - 16:21
މަތީ ތައުލީމް ހާސިލްކުރުމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުޅުވައިލި ސްކީމުގައި ލޯނު ލިބުނު ދަރިވަރުންނަށް އަންނަ ހަފުތާގައި ލޯނު ދޫކުރަން ފަށާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހިމް ނަސީމް ވިދާޅުވީ، ލޯނު ލިބުނު ދަރިވަރުންގެ އެގްރިމެންޓް ތައްޔާރުކޮށް، އަންނަ ހަފުތާގައި ސޮއިކުރަން ފަށާނެ ކަމަށެވެ. އެ އަށް ފަހު ފިނޭންސް މިނިސްޓްރީން އެ ފައިސާ ޖަމާކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
ޖުމްލަ 600 ޖާގަ ހިމެނޭ، މަތީ ތައުލީމުގެ ފުރުސަތަށް 650 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ލޯނު ދީފައިވަނީ 315 ދަރިވަރަކަށެވެ.
ރާއްޖޭގައި ކިޔެވުމަށް ހުޅުވައިލީ 300 ފުރުސަތެވެ. ރާއްޖޭން ބޭރުގައި ކިޔެވުމަށް 200 އަދި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް ހާއްސަކުރީ 100 ފުރުސަތެވެ. ނަމަވެސް ޖާގަ ދީފައިވަނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 113 ފުރުސަތު، ރާއްޖޭން ބޭރުގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 169 ފުރުސަތު އަދި ރާއްޖެ އާއި ރާއްޖޭން ބޭރުގައި މިހާރު ވެސް ކިޔަވަމުން އަންނަ 33 ދަރިވަރަކަށެވެ.
ނަސީމް ވިދާޅުވި ގޮތުގައި، ލޯނު ނުލިބިގެން ދަރިވަރުންގެ ޝަކުވާ ލިބެ އެވެ. އެހެންވެ ރާއްޖޭން ބޭރުގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ލޯނުގެ ކަންތައްތައް އަވަހަށް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ބޭރުގައި ކިޔަވަން ތިބި ދަރިވަރުން، ނޮމިނޭޓުކުރާ އެހެން މީހެއް މެދުވެރިކޮށް އެގްރިމެންޓުގައި ސޮއިކުރެވޭނެ ކަން ފާހަގަކުރެއްވި އެވެ.
މިނިސްޓްރީން ވަނީ، މަތީ ތައުލީމުގެ ލޯނުގެ އިންޓްރެސްޓް ތިން ޕަސެންޓަށް ކުޑަކޮށް ލޯނު ދައްކާ މުއްދަތު އިތުރުކޮށްފަ އެވެ. މިފަހަރު ލޯނަށް ހޮވުނު ދަރިވަރުންނަށް ވެސް ލޯނު ދޭން ނިންމާފައިވަނީ އާ އުސޫލުގެ ތެރެއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިބީއެމް
14 March 2019
އަމިއްލަގޮތުން ބޭރުގައި ކިޔަވަމުންދާކުދިން ކޯހުގެ %50 ފުރިހަމަނުކުރާނަމަ މި ލޯނަކަށް ޝަރުޠު ހަމަނުވެޔޯ. އަދި އެވެސް މިތާ ކައިރި ޤައުމުތަކުގައި ކިޔަވާކުދިންނަށް އެކަނި. މިއީ އަރަތެއް ނޫންތޯ. ވަޢުދުވީ އަމިއްލަގޮތުން ކިޔަވާކުދިންނަށް ފަސޭހައިން ލޯނުލިބޭނެ ސްކީމެއް ތަޢާރަފުކުރާނެކަމަށް. މިގޮތަށް މިކަން ކުރާކަށް ނޫން.
؟؟؟؟؟؟
15 March 2019
ދެން ކޮންއިރަކުން މިސަރުކާރުގެ ސްޑޫޑެންޓް ލޯނު ނިކުންނާނީ
ބީވާ
14 March 2019
މިލޯނު ސްކީމް ކަޑަ. ކުއްޖާ ކިތަންމެ މޮޅަސް ބޭނުން ގައުމަކުން ކިޔެވުމުގެ ފުރުޞަތު ނޯވޭ. ދެން ބަންގާޅުން ކިޔަވައިގެން އައިމަ މި ބުނަނީ ތިމަންނާމެން ބޭނުން ވަނީ ވެސްޓަން ގްރެޖުއޭޓުން ކަމަށް. ކުޑަމިނުން ޓޮޕް ޓެން އަށް ބޭނުން ގައުމަކުން ކިޔަވަން ލޯނު ލިބެންޖެހޭ. މިވެސް ޑިޒައިން ކޮށްފަ މިހުންނަނީ ފައިސާވެރިންނަށް ހުރިހާ މޮޅެއް ލިބޭ ގޮތަށް.
ވައުދު
14 March 2019
ތީ މިސަރުކާރުގެ ވަޢުދެކޭ. ވަޢުދު ފުދި އިތުރުވެފައޭ.