16 މާޗް 2019 - 08:33
މަދުވެގެން، ހަފުތާއަކު ދެ ފަހަރު މަޝްރޫމް ކާ ނަމަ ހަނދާން ބަލިވުމާއި އުމުރުން ދުވަސްވުމުން ވާހަކަ ދެއްކުން ދަތިވުން ފަދަ ކަންކަމުން ދުރުކޮށްދޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އަލްޒެއިމާޒް ޑިޒީޒް ޖާނަލްގައި ޝާއިއުކޮށްފައިވާ ސިންގަޕޫރްގެ ނެޝަނަލް ޔުނިވަސިޓީން ހެދި ދިރާސާގައި ބުނެފައިވާ ގޮތުގައި އުމުރުން 60 އަހަރުން މައްޗަށްދާ ފަހުން، ހަނދާން ބަލިކަށިވާ މީހުންނަށް ވެސް މަޝްރޫމަކީ ވަރަށް ފައިދާ ހުރި އެއްޗެކެވެ.
އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ހަ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެން ދިޔަ ދިރާސާ އިން ދައްކާ ގޮތުގައި މަޝްރޫމު ގިނައިން ކޭ ވަރަކަށް މީހާގެ ހަނދާން ގަދަކޮށްދީ، ވިސްނުމުގެ ގާބިލްކަން އިތުރުކޮށްދެ އެވެ. އެގޮތުން ދިރާސާގައި، 60 އަހަރުން މަތީގެ 663 މީހުން ބައިވެރިކޮށްގެން 2011-2017 އަށް ކުރިއަށް ގެންދިޔަ ދިރާސާގެ ނަތީޖާތަކަށް ބަލާ އިރު، ހަފުތާއަކު މަދުވެގެން ދެ ފަހަރަށް ވުރެ ގިނައިން (މަދުވެގެން 300 ގްރާމް) މަޝްރޫމް ކޭ މީހުންގެ މައިލްޑް ކޮންޖިޓިވް އިމްޕެއާމެންޓް (އެސްސީއައި) އަށް ބޮޑު ކުރިއެރުމެއް އައިސްފައިވެ އެވެ.
"މިއީ ކެއުމުގެ ތެރޭގައި މަޝްރޫމް ބޭނުން ކުރަން ހިތްވަރު ދޭނެ ނަތީޖާއެއް،" ދިރާސާ ހެދި ޓީމްގައި އިސްކޮށް މަސައްކަތް ކުރެއްވި އެސިސްޓަންޓް ޕްރޮފެސަރު ލީ ފެންގް ވިދާޅުވި އެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މަޝްރޫމަކީ ޑައެޓްރީ ސޯސްތަކުން ވަރަށް ބޮޑަށް މުއްސަނދިވެފައިވާ އެއްޗެކެވެ. އެގޮތުން މީގައި އެންޓިއޮކްސިޑެންޓާއި އެންޓި-އިންފްލަމޭޝަން އަށް ބާރު އަޅައިދޭ މާއްދާއެެއް ކަމަށްވާ އޯގަތިނިއަނީން މަތީ މިންވަރަކަށް އެކުލެވިގެންވެ އެވެ. އަދި މަޝްރޫމަކީ ވިޓަމިން ޑީ އާއި ސެލީނިއަމް އަދި ސްޕަމިޑައިން ފަދަ މިނެރެލްސްތަކުން ވެސް ފުރިފައިވާ އެއްޗެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy