17 މާޗް 2019 - 07:25
ހަފުތާއަކު ތިން ބިހަށް ވުރެ ގިނައިން ކެއުން ރަނގަޅު ނޫން ކަމަށާއި އެކަމުގެ ސަބަބުން ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ޖަމާ ޖާނަލްގައި ޝާއިއުކޮށްފައިވާ ޝިކާގޯގެ ނޯތުވެސްޓާން ފެއިންބާގް ސްކޫލް އޮފް މެޑިސިންގެ ދިރާސާގައި ބުނީ ދުވާލެއްގެ މައްޗަށް 300 މިލިގްރާމަށް ވުރެ ގިނައިން ޑައިޓްރީ ކޮލެސްޓްރޯލް ވެސް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށެވެ. ބިހުގެ ގޮބޮޅިއަކީ ޑައިޓްރީ ކޮލެސްޓްރޯލް މަތީ މިންވަރަކަށް އެކުލެވޭ އެއްޗެކެވެ.
އެހެންވެ ދުވާލެއްގެ މައްޗަށް ޑައިޓްރީ ކޮލެސްޓްރޯލް ބޭނުންކުރާ މިންވަރު 300 މިލިގްރާމަށް ވުރެ އިތުރު ކުރާ ނަމަ ހިތުގެ ބަލިތައް ކުރިމަތިވުމުގެ ފުރުސަތު 3.2 ޕަސަންޓަށް އިތުރުވާ ކަމަށް ދިރާސާއިން ދެއްކި އެވެ. އަދި އެފަދަ ސިއްހީ މައްސަލަތަކާ އެކު އުމުރު ކުރުވުމުގެ ފުރުސަތު 4.4 ޕަސަންޓަށް ބޮޑުވާ ކަމަށް ބުންޏެވެ.
ދިރާސާ ޓީމުގައި ހިމެނިވަޑައިގަންނަވާ ވިކްޓާ ޒޯންގް ވިދާޅުވި ގޮތުގައި ކޮލެސްޓްރޯލް އެކުލެވޭ ބާވަތްތަކަކީ އާންމުކޮށް ސެޗުރޭޓެޑް ފެޓާއި އެނިމަލް ޕްރޮޓީނުން މުއްސަނދިވެފައިވާ ބާވަތްތަކެއް ކަމަށް ވިޔަސް، ބޭނުން ކުރަން ޖެހޭ މިންވަރަށް ވުރެ ގިނައިން އެފަދަ ބާވަތްތައް ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.
އެހެންވެ ބިސް ކާންވާނީ ކޮންޓްރޯލްކޮށްގެން ކަމަށް ވިދާޅުވި އެވެ.
"ބިހަކީ ވެސް ދުޅަހެޔޮ ސިއްހަތަކަށް މުހިއްމު ބާވަތެއް. އެކަމަކު މީގައި މުހިއްމު ކަމަކީ ބިސް ކާ ވަރު ވެސް ލިމިޓެއްގައި ހިފެހެއްޓުން. ހަފުތާއަކު ހަތަރު ބިސް ކެވޭ ނަމަ އެއީ އެއީ ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމެއް،" ވިކްޓާ ވިދާޅުވި އެވެ. "އެހެންވެ މީގައި މުހިއްމު ކަމަކީ ހަފުތާއަކު ތިން ބިހަށް ވުރެ އިތުރު ނުކުރުން."
ދިރާސާ އިން ފާހަގަވި ގޮތުގައި ތިން ބިހަށް ވުރެ ގިނައިން ބިސް ކާ މީހުންނާއި އެއަށް ވުރެ މަދުން ހަފުތާއަކު ބިސް ކާ މީހުންގެ ސިއްހީ ރިކޯޑްތަކަށް ބަލާ އިރު، މަދުން ބިސް ކާ މީހުންނަށް ދިމާވާ ހިތުގެ މައްސަލަތައް މަދެވެ.
ނަމަވެސް މި ދިރާސާ ހެދުމުގައި ހިއްސާ ނުވާ ބައެއް ތަޖުރިބާކާރުން ވިދާޅުވެފައި ވަނީ ބިހަކީ ހަށިގަނޑަށް މުހިންމު އެއްޗެއް ކަމަށާއި ބިހުން ލިބޭ ކަމަށް ބުނާ ސިއްހީ ގެއްލުންތަކުގެ ނުރައްކާ އެހާ ބޮޑު ނޫން ކަމަށެވެ. އަދި ގިނައިން ބިސް ކާ މީހުންނަށް ދިމާވާ ކަމަށް ބުނާ ސިއްހީ ނުރައްކާތައް ބޮޑުވަނީ ކަސްރަތު ކުރުން މަދުވުމާއި ދިރިއުޅުމުގެ ނުރަނގަޅު އާދަތަކުގެ އިތުރުން ކޮލެސްޓްރޯލް ގިނަ ކާނާ ކެއުމުގެ އާދަ ހުންނަ ގޮތުން ކަމަށް ވެދާނެ ކަމަށް ވެސް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.
މި ދިރާސާގެ މައްޗަށް ބިނާކޮށް، ކެއުން ބަހައްޓަންވީ ގޮތުގެ ގައިޑްލައިނެއް ހެދުމަކީ އަދި ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި މިކަމާ ބެހޭ ގޮތުން އިތުރަށް ދިރާސާކުރަންޖެހޭ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިހުގެ އިރުމަތީބައި
17 March 2019
ބިހުގެ ގޮބޮޅިތޯއްޗެ..ނެތެއްނު ރަނގަޅު އެއްގޮތެއް ވެސް..
ސޫނާ
17 March 2019
ވަޓް އަށް ވެދުމާއި ސަލާން. ދިރާސާއަކީ އޭގެ ނަތީޖާ ބަދަލުވާއެއްޗެކޭ. ތަނާ މީހުންނާ މާހައުލާ ލައިފްސްޓައިލުން ވެސް ބަދަލުއާދޭ. ދެން މިވެރިން ކިޔާ ހުރިހާ އެއްޗަކަށް އަހަރެމެން ތަބާވަންޏާ އަހަރެމެން ދާންވީ ދިމާ ނޭނގި ކާންވީ ބޯންވީ އެއްޗެއް ނޭނގި އަމިއްލަޔަށް ހަލާކުވާނީ.
ފުއާދު
17 March 2019
ކާނަން ކެވޭވަރަކަށް. ވަރަށް ސަލާމް
ކުކުޅޭ
17 March 2019
ބިސްދެކެ ރުޅިއައިސްގެންހުރެ ކޮށްފަވާ ދިރާސާއަކާ ވ.ވައްތަރު..
ބްރޯ
17 March 2019
ބްރޯ. މަ މިއުޅެނި ހަފްތާއަކު 4 ބިސް ކައިގެން ސިއްހީ އެތައް މައްސަލައެއް ކުރިމަތިގެން ހޮސްޕިޓަލުގަ އެޑްމިޓުކޮށްފައި. ޑޮކްޓަރު ވިދާޅުވީ 4 ގުނަވަނެއް ޓްރާންސްޕުލާންޓު ކުރަންޖެހޭނެ ކަމަށް. ހުރިހާ ބޭފުޅުންވެސް ހަފްތާ އަކު 3 ބިހަށް ވުރެ އިތުރަށް ނުކެއުމަށް އެދެން. އެހެން ދިރާސާއަކުން 4 ބިސް ކާން ބުނަންދެން.
ޢަލީބެ
17 March 2019
ބިހުގެ ގޮބޮޅި ވަކިކޮށްލެވޭކަން ތިޔަ ދިރާސާކުރި މީހުންނަށް ނޭނގުނުދޯ!
ޭވަޓް
17 March 2019
ކުރިން ދުވަހު ނޫހުގައޮތް ގިނައިން ބިސްކާން ބުނެފަ...
ބިސްބެ
17 March 2019
އަނެކާވެސް ބިސްގިނައިން ކާށޭ ބުނާ ދިރާސާއެއްގެ ހަބަރުލިބެންދެކަށް 3 ބިސްކާން މިޖެހުނީ..