ލޯނު ސްކީމުގެ އެއްބަސްވުމުގައި އެޗުޑީއެފްސީއާ އެކު މިއަދު ސޮއިކުރެއްވުމަށް ފަހު ޕެންޝަން އޮފީހުގެ ސީއީއޯ މަނިކު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
29 އޯގަސްޓް 2016 - 16:37
ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ގެދޮރު ގަންނަން ލޯނު ނެގޭ ސްކީމުގައި އިސްލާމިކް ބޭންކް (އެމްއައިބީ) އާއި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) ބައިވެރިކުރަން ނިންމާފައިވާ ކަމަށް ޕެންޝަން އޮފީހުން މިއަދު ބުނެފި އެވެ.
މި ސްކީމު ހިންގަން ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗުޑީއެފްސީ)އާ އެކު ސޮއިކުރެއްވުމަށް ފަހު ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު މަނިކު ވިދާޅުވި ގޮތުގައި ސްކީމް ހިންގުމާ ގުޅޭ ގޮތުން އެމްއައިބީ އާއި އެމްއެފްއެލްސީއާ އެކު މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެކަން ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"... އެ މީހަކު ގަބޫލުކުރާ އިންސްޓްޓިއުޝަނަކަށް ގޮސް ލޯނު ފައިސާ ހޯދޭނެ ގޮތް މި ގެންދަނީ ފޯރުކޮށްދެމުން،" މަނިކު ވިދާޅުވި އެވެ.
ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންނަށް ގެދޮރު ގަންނަން ލޯނު ލިބޭ ގޮތް ހަދަނީ ރިޓަޔަމަންޓް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި ބަދަލާއި އެއާ ގުޅިގެން ޕެންޝަން އޮފީހުން އަލަށް ހެދި ގަވާއިދުގެ ދަށުންނެވެ. އެ ގަވާއިދުގެ ދަށުން ގެދޮރު ގަންނަން ނަގާ ލޯނަށް އެދި ހުށަހަޅާއިރު އާއިލާގެ މެންބަރުންގެ ރިޓަޔަމަންޓް ސޭވިން އެކައުންޓްގައި ހުރި ފައިސާ އެއްކޮށްލައިގެން ވެސް ލޯނުގައި ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހިމަނާފަ އެވެ.
މި ސްކީމް ހިންގުމުގެ އެއްބަސްވުމުގައި ޕެންޝަން ފަންޑުން ވަނީ މިހާތަނަށް އެޗުޑީއެފްސީގެ އިތުުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ އެކު ވެސް ސޮއިކޮށްފަ އެވެ. އާއްމުކޮށް ހުޅުވާލައިގެން ވިއްކާ ގެދޮރު ގަންނަން ބީއެމްއެލް އާއި އެޗުޑީއެފްސީން ދޫކުރާ ލޯނުގެ ޑައުންޕޭމަންޓް ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ދެއްކޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލާ
31 August 2016
ޕެންސަންފަންޑުން ގެދޮރު ގަތުމުގެއިތުރުން އަމިއްލަ ރަށުގައި ގެދޮރު އެޅޭނެ ގޮތެއްވެސް ހަދައިދީބަލަ
ޝިފާގު
29 August 2016
ޕެންޝަން ފަންޑުގައި މިގޮތަށް ބޭނުންކުރެން ހުރި ފައިސާއިން ބޮލަކަށް ޖެހެނީ ކިހާވަރެއް ހެއްޔެވެ؟
ޖަވާބުދޭ މީހާ
30 August 2016
އެ މީހެއްގެ ޕެންޝަން އެކައުންޓުގައި ހުރިވަރެއް. މިސާލަކަށް ފުލެޓު ގަންނަން ބޭންކުން އެމީހަކު ނަގާ ލޯނުގެ %20 އަކީ 200،000.00 ރުފިޔާ ވެހުރެ އެމީހެއްގެ ޕެންޝަން އެކައުންޓުގައި މަދުވެގެން 200،000.00 ރުފިޔާ އިނދެއްޖިއްޔާ އެމީހަކަށް ޕެންޝަން ފަންޑުން 200،000.00 ރުފިޔާ ރަހުނުކޮށްފައި ފުލެޓުގަންނަން ބޭންކުން 1000،000.00 ރުފިޔާގެ ލޯނު ނެގިދާނެ. މިގޮތައް އެކަކަށްވުރެ ގިނަމީހުންގެ ފައިސާ އެއްކޮށްގެންވެސް ނެގިދާނެ. ނުވަތަ މަދުވާ ބައި އަމިއްލައަކަށް ދައްކައިގެންވެސް ނެގިދާނެ. އާޚިރު ނަތީޖާއަކީ އަމިއްލައަށް ލޯނެއް ނަގައިގެން އަމިއްލަ ފުލެޓެއް ގަތުން.