ހަނދުގައި ތިބޭ ބަޔަކަށް ދުނިޔެ ފެންނާނެ ގޮތް: ހަނދަށް ދަތުރުކުރުމަށް ޝައުގުވެރިވާ އަދި މާލީ ތަނަވަސްކަން ހުރި ކުންފުނިތަކުން މަސައްކަތް ފަށައިގަތުމަށް އެމެރިކާގެ ޖައްވީ އިދާރާ ނަސާ ހިތްވަރުދޭ
30 އޯގަސްޓް 2016 - 06:38
ޖައްވުގައި ބާރުގަދަކުރަން ގައުމުތަކުން ކުރާ މަސައްކަތުގައި އެމެރިކާ އާއި ރަޝިއާ ވަކި ބަޔަކަށް ދުލެއް ނުކުރެ އެވެ. ޗައިނާ، ޖަޕާން އަދި އަވައްޓެރި އިންޑިއާ ވެސް ފަންނީ ގޮތުން ގާބިލެވެ. އެހެން ނަމަވެސް ހަނދަން އުޅަނދެއް ފޮނުވުމުގައި ކާމިޔާބު ހޯދާފައި ވަނީ އެމެރިކާ އާއި ރަޝިއާ އަދި ޗައިނާ އެވެ.
އެމެރިކާގެ ޖައްވީ އިދާރާ ނާސާ ވެފައި ވަނީ ޖައްވީ ހޯދުންތަކުގައި ފުންނާބު އުސް އިދާރާއަކަށެވެ. އެ މީހުންގެ ވިސްނުމަކީ ހޯދުންތަކުގައި އާންމުން ބައިވެރިކުރުވުމެވެ. އަމިއްލަ ކުންފުނިތަކުން ވެސް ބައިވެރިވުމެވެ. ނާސާ އަށް އެހީތެރިވުމަށް ސްޕޭސްއެކްސް އަދި ވާޖިން ގްރޫޕުން ވިސްނަން ފެށީ އެކަމަށް އެދި ގޮވާލުމުންނެވެ.
ޖައްވަށް ދަތުރުކުރުމަށް ކެރޭ ބަޔަކަށް ނާސާއިން ހުއްދަ ދެ އެވެ. ފަންނީ ގޮތުންނާއި މާލީ ގޮތުން ތަނަވަސް ކުންފުނިތަކަށެވެ. އެ ގޮތުގައި ނާސާއިން ވަނީ "މޫން އެކްސްޕްރެސް"އޭ ކިޔާ ކުންފުންޏަކަށް ހުއްދަ ދީފަ އެވެ.
މޫން އެކްސްޕްރެސް އިން ހަނދަށް ދަތުރެއް ކުރުމަށް ތައްޔާރު ވަނީ އެވެ. އަންނަ އަހަރު ދަތުރަށް ފަށާނެ އެވެ. އެ ކުންފުނިން ދަނީ ދަތުރަށް ތައްޔާރުވަމުންނެވެ. ދަތުރުކުރުމަށް ބޭނުންވާ އުޅަނދު އެކަމަކު އަދި ނުނިމެ އެވެ. އެ މީހުންގެ ވިސްނުން ހުރީ 2017 ގައި އޮޓަމެޓިކް އުޅަނދެއް ހަނދަށް ފޮނުވާ ގޮތަށެވެ. އެއީ އިންސާނަކާ ނުލައި އަމިއްލަ އަށް ދަތުރުކުރާ އުޅަނދެކެވެ.
މޫން އެކްސްޕްރެސްގެ އުޅަނދު ޖައްވަށް އުފުލައިދެނީ ވެސް އެ ދާއިރާ އަށް މުޅިން އަލަން ވަންނަ ކުންފުންޏަކުންނެވެ. އެއީ ރޮކެޓް ލެބް އެވެ. ރޮކެޓް ލެބުން އަދި ދުވަހަކު ވެސް ވިޔަފާރީގެ އުސޫލުން އުޅަނދެއް ޖައްވަށް އުފުލައި ނުދެ އެވެ.
ހަނދަށް ވުރެ ބިތްދޮށަށް ވެސް މޫން އެކްސްޕްރެސް ދަތުރުކުރާނެ ކަމަށް ބުނެ އެވެ. އެހެން ނަމަވެސް ފުރަތަމަ އޮތީ ހަނދަށް ދިއުމެވެ. ހަނދުން މައުދަނާއި ހިލަ ގެނައުމެވެ. ޖައްވު ތެރެ އަށް ދަތުރުކުރުމަށް ބޭނުންވާ ވަސީލަތްތައް ހަނދުގައި ގާއިމުކުރުމަކީ ވެސް އެ މީހުންގެ ވިސްނުމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްމުދިޝް
30 August 2016
ވަގުތު ޖެހެންދެން ބޭނުން ކަމެއް ކުރުމުގެ އިޚްތިޔާރު ﷲ އިންސާނުން ނަށް ދެއްވާފަވެއެވެ.