ބަންގްލަދޭޝްގެ ޖާމިއާ އިސްލާމީ ޕާޓީގެ ލީޑަރު މީރު ގައުސަމް އަލީ ނޮވެމްބަރު 2، 2014 ގައި ކޯޓަށް ހާޒިރު ކުރަނީ. --ފޮޓޯ:އޭއެފްޕީ
30 އޯގަސްޓް 2016 - 16:24
ޑާކާ (އޮގަސްޓް 30) - ބަންގްލަދޭޝްގެ އެންމެ ބޮޑު އިސްލާމީ ޕާޓީ އަށް ޚަރަދުކުރާ ލީޑަރު މަރަންކޮށްފައިވާ ހުކުމަށް އެ ގައުމުގެ ސްޕްރީމް ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
ބަންގްލަދޭޝްގެ މިނިވަން ކަމަށް 1971 ވަނަ އަހަރު ކުރި ހަނގުރާމައިގައި މީހުން މެރިކަމުގެ ކުށުގައި މީރު ގައުސަމް އަލީ މަރަން މީގެ ދެ އަހަރު ކުރިން ހުކުމް ކުރީ އެ ގައުމުގެ ހަނގުރާމައިގެ ކުށްތަކާ ބެހޭ ޓްރައިބިއުނަލުންނެވެ. އިސްލާމީ ޕާޓީ އާއި އިދިކޮޅު ބީއެންޕީން ބުނެފައި ވަނީ ސަރުކާރުން އުފެއްދި މި ޓްރައިބިއުނަލުގެ ބޭނުމަކީ އިދިކޮޅު ލީޑަރުން ނައްތާލުން ކަމަށެވެ.
އެޓާނީ ޖެނެރަލް މަހްބޫބޭ އާލަމް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ގައުސަމްގެ ފަރާތުން ސްޕްރީމް ކޯޓަށް ކުރި ފަހުގެ އިލްތިމާސް ނާކާމިޔާބުވުމުން އޭނާގެ އަދަބުން ސަލާމަތްވުމަށް ދެން އޮތް ހަމައެކަނި ގޮތަކީ ރައީސް މައާފް ދެއްވުން ކަމަށެވެ.
މިނިވަން ކަމަށް ކުރި ހަނގުރާމައިގައި ހިންގި ޖަރީމާތަކާ ގުޅިގެން، 2013 ވަނަ އަހަރުގެ ފަހުން ވަނީ އިދިކޮޅު ފަސް ލީޑަރެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފަ އެވެ. މީގެ ތެރޭގައި އިސްލާމީ ޕާޓީގެ ހަތަރު ލީޑަރަކު ވެސް ހިމެނެ އެވެ. އެ މީހުންގެ އަދަބު ތަންފީޒު ކުރީ ސްޕްރީމް ކޯޓުން މަރުގެ އަދަބަށް ތާއީދުކުރުމާ ގުޅިގެންނެވެ.
އުމުރުން 63 އަހަރުގެ ގައުސަމް އަކީ ބަންގްލަދޭޝްގައި ޝިޕިން އާއި އިމާރާތް ކުރުމުގެ ވިޔަފާރީގެ މަހުޖަނެކެވެ.
އިސްލާމީ ޕާޓީން މިހާރު ވަނީ މުޅި ގައުމުގައި މާދަމާ މުޒާހަރާ ފެށުމަށް ގޮވާލައިފަ އެވެ. ގައުސަމަށް ހުކުމް ކުރާތީ ޑާކާގައި މިއަދު ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލް
30 August 2016
ދެން ތިކަމާ އަނެއްކާ އިއްތިހާދުން އުޅެންވީނު. މީނަ މަރާތީ