ސުޕްރީމް ކޯޓު: ދިރިއުޅެން ނޫން އެހެން ބޭނުންތަކަށް ބިން ދޫކުރެވޭނީ ލިޔުމަކުން އެގްރިމެންޓް ހެދުމަށް ފަހު ކަމަށް އެ ކޯޓުގެ ހުކުމުގައިވޭ --ފޮޓޯ/މިހާރު
31 އޯގަސްޓް 2016 - 12:36
ދިރިއުޅުމަށް ގެދޮރު އަޅަން ދޫކުރާ ބިންތައް ފިޔަވައި އެހެން ބޭނުންތަކަށް ބިން ދޫކުރަންޖެހޭނީ ބިމާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ލިޔުމުން އެއްބަސްވުން ހެދުމަށް ފަހުގައި ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން އެގޮތަށް ކަނޑައެޅީ ވ. ފުލިދޫގެ އަމިއްލަ ޖަމްއިއްޔާއަކަށް އެރަށުން 2011 ގައި ބިމެއް ދޫކުރި މައްސަލަ އަމިއްލަ ފަރާތަކުން ހުށަހެޅުމުންނެވެ. އެ ބިން ދޫކުރީ ސަރުކާރުގެ ހުއްދަ ހޯދައިގެން ނަމަވެސް އެކަމާ ބެހޭ އެއްވެސް އެއްބަސްވުމެއް އެ ޖަމްއިއްޔާއާ އެކު އެރަށު ކައުންސިލް ހަދައިފައެއް ނުވެ އެވެ.
އެ މައްސަލާގައި ހައި ކޯޓުން ނިންމާފައިވަނީ، އެ ބިން ދިނަސް މައްސަލައެއް ނެތް ކަމަށް ސަރުކާރުން އެރަށު ކައުންސިލަށް އެންގި އެންގުމަކީ އެ ބިން ދޫކުރުމާ ގުޅޭގޮތުން ކައުންސިލާއި ސަރުކާރާ އެކު އެއްބަސްވުމެއް ގާއިމުކުރުން ކަމަށް ބެލެވޭނެ ކަމަށެވެ. އަދި ބިމުގެ ރަޖިސްޓްރީގައި ބަޔާންކުރާ އުސޫލުތަކަކީ ބިމާ ބެހޭ ގާނޫނުގައި ބުނާ އެއްބަސްވުމެއް ކަމަށް ބެލޭނެ ކަމަށް ހައި ކޯޓުން 2013 ގައި ވަނީ ހުކުމްކޮށްފަ އެވެ.
ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ހައި ކޯޓުގެ އެ މާނަކުރުމަކީ ބިމާ ބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާއާ ޚިލާފް މާނަކުރުމެއް ކަމަށާއި ދިރިއުޅެން ފިޔަވައި އެހެން ބޭނުމަކު ބިމެއް ދޫކުރާ ނަމަ ލިޔުމަކުން އެގްރިމެންޓެއް އޮންނަންޖެހޭނެ ކަމަށެވެ. އަދި ބިން ދޫކުރާއިރު ބިމުގެ ރަޖިސްޓްރީ ނުވަތަ ބިން ދޫކުރުމުގެ ހުއްދަ ފަދަ ލިޔުންތަކަކީ އެއްބަސްވުމެއް ކަމަށް ނުބެލެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
"ބިން ދޫކުރަންވާނީ އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން އިސްތިސްނާ ނުކުރާހާ ހިނދަކު މިނިސްޓްރީއާ ބިން ދޫކުރެވޭ ފަރާތާ ދެމެދު ލިޔުމަކުން ކުރެވޭ އެގްރިމެންޓެއްގެ ދަށުން ކަމާއި، އެ އެގްރިމެންޓަކީ ލިޔުމުން އޮންނަންޖެހޭ ސަރީހަ އެގްރިމެންޓެއް ކަމާއި، އެއީ އެއްވެސް ހާލެއްގައި ޟިމްނީ އެގްރިމެންޓެއް ނޫން،" ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން ދިރިއުޅެން ފިޔަވައި އެހެން ބޭނުންތަކުގައި ބިން ދޫކުރުމާ ބެހޭ ގަވާއިދަށް ބަލާއިރު ވެސް ކައުންސިލްތަކުން ބިން ދޫކުރަން ވާނީ އެގްރިމެންޓެއް ހެދުމަށް ފަހު ކަމަށާއި އެކަމަކު ފުލިދޫ ޖަމްއިއްޔާ އަށް އެ ބިން ދިނީ އެފަދަ އެއްބަސްވުމެއް ނެތި ކަން ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ފުލިދޫ ކައުންސިލުން އެ ބިން ދޫކުރަން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން 2014 ގައި އެރަށު ކައުންސިލުން ވަނީ އެ ބިން ދޫކުރަން އެ ކައުންސިިލުން 2011 ގައި ނިންމި ނިންމުން އަމިއްލަ އަށް ބާތިލްކޮށްފަ އެވެ.
އެ ބިން ދޫކުރަން ފުލިދޫ ކައުންސިލުން ނިންމާފައި ވަނިކޮށް، އެ ބިމަކީ ގޮނޑުދޮށާއި 65 ފޫޓަށް ވުރެ ކައިރިން ދޫކޮށްފައިވާ ބިމެއް ކަމަށް ބުނެ އެހެން ތަނަކުން އެ ޖަމްއިއްޔާ އަށް ބިން ދޫކުރަން 2012 ގައި ހައުސިން މިނިސްޓްރީން ވ. އަތޮޅުގެ އަތޮޅު ކައުންސިލަށް އެންގުމުން އެ ކައުންސިލުން އެކަން ފުލިދޫ ކައުންސިލަށް އެންގި އެވެ. އެކަމަކު ފުލިދޫ ކައުންސިލުން އަތޮޅު ކައުންސިލަށް ޖަވާބު ދިނީ އެއީ ރަނގަޅަށް ދޫކުރި ބިމެއް ކަމަށާއި އެހެންވެ ބިން އެތަނުން ދޫކުރާނެ ކަމަށެވެ.
އެ މައްސަލާގައި ފުލިދޫ ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައިވަނީ އެ ބިން ދޫކުރަން ނިންމީ ގާނޫނާއި އެއްގޮތަށް ކަމަށެވެ. އެކަމަކު ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވަނީ ފުލިދޫ ކޯޓާއި ހައި ކޯޓުގެ ނިންމުން ބާތިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޫސާ
31 August 2016
04 މޭ 2014 ގައި ހުށަހެޅުނު ބިމާބެހޭ ވަރަށް އަާދައިގެ ކުޑަ މައްސަލައެއްވެސް 05 ފަނޑިޔާރުން ތިއްބަވާ އެންމެމަތީ ސުޕުރީމް ކޯޓުން ނިންމާ ލެވުނީ 02 އަހަރާއި 03 މަސްދުވަހާއި 21 ދުވަހުންކަން ފާހަގަ މިކުރަނީ ހިތާމައާ އެކުގައެވެ. މިރާއްޖޭގެ ޢަދުލު އިންޞާފުގެ ހަލުއިކަން މިކުޑަ މިސާލުން ބެލުންތެރިން ވަޒަންކޮށްލާށެވެ.
މުހައްމަދު
31 August 2016
މީގައި ސަލާމަތެއް ނެތްތާއެވެ. އަވަހަށް ނިންމިޔަސް ފާޑުކިޔަނީއެވެ. ލަހުން ނިންމިޔަސް ފާޑުކިޔަނީއެވެ. ދަންމާލާފައި ނިންމިޔަސް ފާޑުކިޔަނީއެވެ. މިރާއްޖޭގައި ފާޑުކިޔައި މިއުޅޭ ގޮތުން ރަނގަޅުގޮތަކީ ކޮބައިކަމެއް މަގޭ އުނި ސިކުނޑިއަކަށް ނުވިސްނުނެވެ. ވިސްނޭވަރުގެ ކުއްޖަކުހުރިއްޔާ މިވާގޮތެއް ކިޔައިދީބަލާށެވެ.
ގގ
31 August 2016
މިރާއްޖޭގައި ބިން ބޭނުން ކުރެވެނީ އަދުލުވެރި ގޮތެއްގައި ނޫން ހާއްސަކޮށް ހުޅުމާލޭގެ ބިން ބޭނުން ކުރެވެނީާ ނާޖާއިޒުގޮތުގައި ވަކިބަޔަކު ފައިދާ ހާސިލްކުރަން، އާންމު މަސްލަހަތަށް ބަލާއިރު ބިން ބޭނުން ކުރުމުގައި އެންމެ އިސްކަން ދޭން ޖެހެނީ ބޯހިޔާވަހިކަމަށް އެއީ އިންސާނާގެ ޞުރުރީ އަސާސީ ހައްޤަކަށް ވާތީ އެހެން ނަމަވެސް ހުޅުމާލޭގެ ބިން ބޭނުން ކުރެވެނީ ބޮޑު ވިޔަފާރި މުދަލެއްގެ ގޮތުގައި!
ހުސެން
31 August 2016
އާބަސްތައް ލިޔުމުގައި ހުންނަނަމަ އޭގެމާނަ ހިމަނާލުމަކީ މީހުންގެ އިލްމީ ފެންވަރު މަތިކުރަން ވެދެވޭނެ އެހީތެރިކަމެއް.
ދަންޑެހެލު
31 August 2016
ގާނޫނު މާނަކުރުމަކީ ކޯޓަށް އެކަނި ކުރެވޭކަމެއް. އެކަމަކު ރަށު ކޯޓަށާ ހައިކޯޓަށްވެސް މިފަހަރު ތިއޮތީ ރަނގަޅަށް ގާނޫނު މާނަކުރަން ނޭނގިފަ. އެހެންކަމުން ރައްޔިތުން އުޅޭނީ އަދި ކިހާ ހާލެއްގަ. ދިވެހިބަހަށް އިސްކަންދިނުން ލާޒިމްކުރާ ގާނޫނެއް އޮންނައިރުވެސް މިއިވެނީ އަޑުވެސް ނާހާ އަރަބި ބަސްތައް ޟިމްނީ ޗިމްނީ އެއް ރައްޔިތަކަށް ވަކިވަނީކީނޫން. ދެންވާނީ ތިޔަކަހަލަ ގޮތެއް. މަށަށްފެންނަނީ ވާގޮތެއް ބަލާލަން ގާނޫނު މާނަކުރުން ދިވެހިބަހުގެ އެކެޑަމީއާ ހަވާލުކުރަން.
ހުޝާމު
31 August 2016
ދައުލަތުނަ މިހާރުކަންތައް ކުރާގޮތުން ސަރުކާރުގެ މާނަވެސް އެހެންގޮތަކައްބަދަލުވެ ސަރުކާރުގެ މާނަ "ވަކިބައެއް" މިގޮތައް މާނަވެގެންމިދަނީ.
މަރޭމިތުރާ(ޓެކްސީ ޑުރައިވަރު)
31 August 2016
ލިއުމެއް އޮތަކަސް އެއްބައިފަހަރަށް ހެއްކެއްކަމަކަށް ނުވެޔޭ! ލިޔުމެއް އޮތަކަސް އެއްބަސްވެވިފައި އޭ އަސްލެއްކަމަކަށް ނުވެޔޭ!
ހާޖީ
31 August 2016
ކޮބާތަ ޝިމްނީ ގެ މާނައަކީ ، ހަމަ ނޭގިގެން އަހާލީ
ކަލޯބެ
31 August 2016
ޟިމްނީ އަކީ ދިވެހިބަހެކޯ......