އިންޑިއާގެ އާއްމު އިންތިޚާބުގެ ވޯޓުލުން ވަނީ މި މަހު 11 ވަނަ ދުވަހު ފަށާފައި. --ފޮޓޯ:ގެޓީ އިމޭޖަސް
17 އެޕްރީލް 2019 - 16:15
ޗެންނާއީ (އެޕްރީލް 17) - އިންޑިއާގެ ދެކުނުގެ ޓަމިލް ނާޑޫ ސްޓޭޓުގެ ވެލޯރި ސިޓީގައި ކެންޑިޑޭޓަކު ވޯޓު ގަންނަމުންދާކަމުގެ ހެކި ލިބުމާ އެކު އެ ސިޓީގެ އިންތިޚާބު އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ހުއްޓުވައިފި އެވެ.
ވެލޯރިގައި ވޯޓުލުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހު އެވެ. އެ ސިޓީގައި ވޯޓުލާން 1.4 މިލިއަން މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
ވޯޓު ގަންނަން އުޅުނު ކެންޑިޑޭޓް ކަތިރް އާނަންދަކީ ސަރަހައްދީ ޕާޓީއެއް ކަމަށްވާ ޑްރަވިދާ މުނެޓްރާ ކަޒަމް (ޑީކޭއެމް) ޕާޓީގެ މެންބަރެކެވެ. އޭނާ ވަނީ އިލެކްޝަންސް ކޮމިޝަނުގެ ނިންމުން އަނބުރާ ގެންދިއުމަށް އެދިވަޑައިގެންފަ އެވެ. އަދި އެއީ ސިޓީގައި ވެރިކަން ކުރާ އޯލް އިންޑިއާ އަނާ ޑްރެވިޑާ މުނެޓްރާ ކަޒަމް (އޭއައިއޭޑީއެމްކޭ) ޕާޓީގެ ރޭވުމެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އިންޑިއާގެ އިންތިޚާބުގައި ވޯޓު ގަތުމަށް ރިޝްވަތު ދިނުމަކީ އާއްމު ކަމެކެވެ. އެކަމަކު ރިޝްވަތު ދީގެން އިންތިޚާބެއް ބާތިލް ކުރުމަކީ ވަރަށް ނާދިރު ކަމެކެވެ. އެކަމަކު އެންމެ ފަހުން ފެންމަތިވެގެން އުޅޭ މައްސަލައިގައި ޑީއެމްކޭގެ މެންބަރެއްގެ ގެއިން ވަނީ 110 މިލިއަން ރުޕީސް (1.5 މިލިއަން ޑޮލަރު) ފެނިފަ އެވެ. އަދި އެ ފައިސާ ދީގެން ވޯޓު ގަންނާނެ ގޮތުގެ ލިޔުންތައް ވަނީ އެ ގެއިން ފެނިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެ ފައިސާ ގެންގުޅުނު މީހާ ވަނީ އެއީ އާނަންދަށް ވޯޓު ގަންނަން ބޭނުން ކުރަން ހުރި ފައިސާ ކަމަށް އެއްބަސްވެފަ އެވެ.
އިންތިޚާބުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ދައްކައިގެން ސިޔާސީ ބައެއް ފަރާތްތަކަށް ކެމްޕޭން ނުކުރެވޭ ގޮތަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ފިޔަވަޅު އަޅައިފަ އެވެ.
އިންޑިއާގެ އާއްމު އިންތިޚާބުގައި ވޯޓުލާން ފަށާފައި ވަނީ މި މަހު 11 ވަނަ ދުވަހު އެވެ. ވޯޓުލުން ނިމޭނީ މެއި 19 ގަ އެވެ. ނަތީޖާ އިއުލާން ކުރާނީ މެއި 23 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރުނުލާ
18 April 2019
ތީ އިންޑިޔާ ކަހަލަ ކަރަޕްސަނުންވާ ތަނެއްގަ ހަމަ ވީ ކަމެއްބާވައެވެ.
އަހައްމާ ސވޑވ
17 April 2019
އެހެންވީމާ ތިކަން ކުރަންވެސް އިންޑިޔާ މީހުންނަށް ނޭގޭތާ. މިފަހަރު މިރާއްޖޭގެ އިންތިހާބު އޮބްޒާރވް ކުރިނަމަ ތިކަން ކުރަން އެނގުނީސް.
މާވަށު ދަރިއެއް
17 April 2019
މާވަށު ދާއިރާ އަށް ސައީދުއޭ ކިޔާ މީހަކު ހޮވުނު ގޮތް ތަހްޤީޤު ކޮށް ބަލާފިނަމަ އެގޮޑި ހުސްވާނެ ކަން ޔަޤީންއެވެ.
މުލޭ
18 April 2019
ތިނޫންގޮތަކަށް ހޮވުނު މީހަކު ދައްކަބަލަ.