ރިޕޯޓް

ރަށް ފަޅުނުކުރޭ، އުއްމީދު އެބަ އޮތް!

ރ. ކިނޮޅަހު އަތިރި މަތީގައި ކުދިންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން: ރަށްރަށް ފަޅު ކުރާކަށް ސަރުކާރުން ބޭނުމެއް ނުވޭ= މިހާރު ފޮޓޯ: ހުސެން ވަހީދު

އާބާދީގައި 106 މީހުން ހިމެނުނަސް ރަށުގައި ދިރިއުޅެނީ އެންމެ ފަންސާހަކަަށް މީހުންނެވެ. ރަށުގެ ސްކޫލު ހުރީ ބަންދުކޮށްފަ އެވެ. ހެލްތު ސެންޓަރެއް ހުރި ނަމަވެސް ވަސީލަތެއް ނެތެވެ. ސަރުކާރުގެ ރަސްމީ ހަތަރު އިދާރާގައި މަސައްކަތް ކުރާ ވިއްސަކަށް މީހުން ނޫނީ ރަށުން ރަނގަޅު އާމްދަނީ ލިބޭ ބައެއް ނޫޅެ އެވެ.

ވ. ރަކީދޫގައި ދިރިއުޅޭ މީހުން އެހެން ރަށަކަށް ބަދަލުކޮށްދޭން އެދި އާދޭސް ކުރާތާ ދިހަ ވަރަކަށް އަހަރު ވެއްޖެ އެވެ. އެ މީހުން ދެކޭ ގޮތުގައި އެ ރަށުގައި ދިރިއުޅުމެއް ނެތެވެ. އެންމެން ވެސް ބުނަނީ މިހެންނެވެ؛ރަކީދޫން މީހުން ބާލުވާފައި އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާށެވެ. ސަރުކާރަށް މާ ފައިދާ ވާނެ އެވެ.

އެކަމަކު މިއީ މި ސަރުކާރުން އެންމެ ދެކޮޅު އެއް ކަންތަކެވެ. ރަށުން މީހުން ބާލުވައި، އެ ރަށް ފަޅުކުރުމަކީ އާ ސަރުކާރުގެ ސިޔާސަތެއް ނޫނެވެ. ސަރުކާރުން ދެކޭގޮތުގައި ރާއްޖޭގައި އޮތް އެންމެ އުއްމީދީ އެއް ރަށަކީ ރަކީދު އެވެ. ރަށް ފަޅުނުކޮށް، މަދު އަހަރުތަކެއްގެ ތެރޭގައި އިގްތިސޯދީ ގޮތުން މުއްސަނދި ރަށަކަށް އެތަން ބަދަލުކޮށްލެވިދާނެ އެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ބަހުން ނަމަ ދެވަނަ މާފުއްޓަށް ރަކީދޫ ހެދިދާނެ އެވެ.

ރަކީދޫ: ރަށް ފަޅުނުކޮށް އެ ތަން ތަރައްގީ ކުރުމުގެ ޕްލޭނެއް އެބަ އޮތް

ރަށް ފަޅުކުރާކަށް ނުޖެހޭ، ރަކީދުއަށް ލޯކަލް ޓޫރިޒަމް

ކ. މާފުއްޓަކީ މިހާރު ރާއްޖޭގައި އޮތް އިގްތިސޯދީ ގޮތުން އެންމެ މުއްސަނދި އެއް ރަށެވެ. ރަށުގައި ޓޫރިޒަމް ތައާރަފްވުމާ އެކު، ގިނަ ގެސްޓްހައުސްތަކެއް އަޅައި ރެސްޓޯރަންޓްތަކާއި ދަތުރުފަތުރާއި އެހެން ވިޔަފާރިތަކަށް އައީ ހީނުކުރާ ވަރުގެ ކުރިއެރުމެކެވެ. ގިނަ ޒުވާނުން ރަށުގައި ތިބެގެން ވަޒީފާ އަދާކުރާއިރު އެ ރަށުން ބިމެއް ހޯދުމަކީ އުނދަގޫ ކަމެކެވެ.

މިއީ ރަކީދޫ ތަރައްގީ ކުރުމަށް ސަރުކާރުން ވިސްނާ ކޮންސެޕްޓެވެ. ރަކީދޫ އޮންނަ ވ. އަތޮޅަކީ ރާއްޖޭގެ އެންމެ ރީތި އެއް އަތޮޅެވެ. ރީތި މޫދާއި ފިނޮޅުތަކާއި ޑައިވް ކުރަން ރަނގަޅު ސްޕޮޓްތައް އެ އަތޮޅުގައި އެބަ ހުއްޓެވެ. މާލެއާ މާ ދުރު ނޫން ރަށަކަށް ވެފައި، އަތޮޅުގެ ރީތިކަމާ އެކު އެ ރަށަށް ވެސް ލޯކަލް ޓޫރިޒަމް ގެނެވިދާނެ އެވެ.

ރަކީދޫ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށަށް ލޯކަލް ޓޫރިޒަމް ގެނެވިދާނެ

"ބައެއް މީހުން ބުނާނެ ވ. އަތޮޅު ފަޅުކޮށްފައި ރިސޯޓު ހަދާށޭ. ވަރަށް ފައިދާ ވާނެއޭ. އެކަމަކު އޭރުން ފައިދާ ވާނީ ރިސޯޓު ހަދާ މީހާއަށް. އެރަށަށް ނިސްބަތްވި، އެތަނުގައި އުޅެ ބޮޑުވި މީހާ ރަށުން ފައިބައިގެން އަންނައިރު އޭނާއަށް ލިބޭނެ އެކައްޗެއް ވެސް ނޯންނާނެ،" "މިހާރު"އާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވި އެވެ.

"ރަކީދޫ މީހުން ރަށް ފަޅުކޮށްފައި އެހެން ތަނެއްގައި އާބާދުވުމަށް ވުރެ މާ ފައިދާ ވާނެ އެ ރަށުން ލިބިފައިވާ ބިމުގައި ވިޔަފާރިއެއް ފަށައި އޭގެ ނަފާ ހޯދިއްޔާ."

ރަކީދުއަކީ އާބާދީ މަދު، ކުޑަ ރަށެކެވެ. އެހެންވެ، އިގްތިސޯދީ ގޮތުން ކިތަންމެ ފައިދާއެއް ލިބުނަސް އެ ރަށުގައި އެންމެ ބޮޑު ސްކޫލެއް ނޭޅޭނެ އެވެ. ބޮޑު ހޮސްޕިޓަލެއް ނޭޅޭނެ އެވެ. އެހެންވެ، އަސްލަމް ވިދާޅުވި ގޮތުގައި އާބާދީގެ ވަކި ކަހަލަ ބައެއް ރަށުގައި ނޫޅޭނެ އެވެ.

އެއްވެސް މީހަކު ރަށުގައި ގާއިމުވެގެން ހުންނަން ނުޖެހޭނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ހިދުމަތްތައް ބޭނުންވާ މީހުން ޖެހޭނީ އެހެން ރަށަކަށް ދާން ކަމަށެވެ. އެކަމަކު ރަށުގައި އޮތް ބިމުން، އެ މީހުންނަށް އަބަދުވެސް ނަފާ ލިބޭނެ ގޮތް ހެދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަސާސީ ހިދުމަތްތަކާ އެކު އެ ރަށުގައި ހުންނާނީ ރަނގަޅު ޕްރައިމަރީ ސްކޫލެއް. މަދު ކުދިންކޮޅަކާ އެކުގައި ވެސް ކިޔެވިދާނެ ކަހަލަ ތަނެއް. ބައެއް މީހުން ޗޫސް ކުރާނެ ޕްރައިމަރީ ނިމެންދެން ރަށުގައި އުޅެން. ދެން އެއަށް ވުރެ މައްޗަށް ކިޔަވަން ދާނީ އެހެން ރަށަކަށް،" އެއްވެސް ރަށެއްގައި ހުރިހާ ހިދުމަތްތަކެއް ނުލިބޭނެ ކަން ފާހަގަކުރައްވައި އަސްލަމް ވިދަޅުވި އެވެ.

"އެކަމަކު ރަށުގެ ރަޖިސްޓްރީގައި ތިބެ، އެ މީހުންނަށް ލިބިފައިވާ ގޯތިން ލިބޭ ނަފާއިން ރާއްޖޭގެ ކޮންމެ ތަނެއްގައި ވެސް ތަނަވަސް ދިރިއުޅުމެއް އުޅެވިދާނެ."

މިނިސްޓަރު ވިދާޅުވި ގޮތުގައި އިގްތިސޯދީ ތަރައްގީ ގެނެވޭނީ އާބާދީ ބޮޑުވެގެން ކަމަށް ދުށުމަކީ ކުރީގެ ވިސްނުމެކެވެ. ކިތަންމެ ކުޑަ އާބާދީއެއް އޮތަސް، ރަށް އޮންނަ ތަނުގެ ސަބަބުން ވެސް ބޮޑު ނަފާއެއް ހޯދިދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

މާފުށި: އިގްތިސޯދީ ގޮތުން ކުރިއަރާފައިވާ ރަށެއް

ކޮންމެ ރަށަކީ މާފުއްޓަށް ނުވަތަ ރަކީދުއަށް ނުވެދާނެ އެވެ. ޓޫރިޒަމްގެ ނަފާ ހުރިހާ ރަށަކުން ނުހޯދޭނެ އެވެ. އަސްލަމް ދެކެވަޑައިގަންނަވާ ގޮތުގައި އެކި ރަށް ތަރައްގީ ކުރެވޭނީ އެކި ގޮތަށެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ނެންގެވީ ޏ. ފުވައްމުލަކެވެ. އެކަހެރިކޮށް އޮންނަ އެކަމަކު އާބާދީ ބޮޑު އެ ރަށް ތަރައްގީ ކުރަމުން އަންނަނީ އުނގަންނައިދޭ ރަށެއްގެ ގޮތުގަ އެވެ. ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް، ތައުލީމު ހޯދަން އެ ރަށުގައި ދިރިއުޅެންވީ އެވެ. އެއީ އެރަށަށް އިގްތިސޯދީ ނަފާ ލިބޭނެ ގޮތެކެވެ.

ދަތުރުފަތުރުން ރަށްތައް ގުޅާލުން

ފައިނުގައި މީހަކު މަސްވެރިކަން ކުރަނީ: ރަށް ފަޅުނުކޮށް ވެސް އެ ރަށަކަށް ލިބިފައިވާ ހާއްސަ ކަމަކުން ނަފާ ހޯދިދާނެ --މިހާރު ފޮޓޯ: ހުސައިން ވަހީދު

ރާއްޖޭގެ އެންމެ ބައި މަދު ރަށްތަކުގެ ތެރޭގައި ބ. ފެހެންދު އާއި މ. ރަތްމަންދޫ ހިމެނެ އެވެ. މި ދެ ރަށުގައި ވެސް މިހާރު ދިިރިއުޅެނީ 130 މީހުންނެވެ. އެކަމަކު ރަށް ފަޅުކޮށްފައި އެހެން ރަށަކަށް ހިޖުރަކުރުމުގެ ހިޔާލެއް އެ ރަށްރަށުގެ ރައްޔިތުންގެ މިހާރަކު ނެތެވެ.

ރަތްމަންދޫ ކައުންސިލްގެ ރައީސް އަލީ ރިޒާ ވިދާޅުވި ގޮތުގައި މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް އެ ރަށުގެ މީހުން ބޭނުންވީ ދިރިއުޅެން އެހެން ރަށަކަށް ހިޖުރަކުރާށެވެ. ހުޅުމާލޭގައި ދިރިއުޅެން ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އައުމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުވަތު ދެއްވުމުން އެކަމަށް އެދި އެ ރަށުގެ ރައްޔިތުން އޭރުގެ ސަރުކާރަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. އެކަމަކު ޖަވާބެއް ނުލިބި މާޔޫސްވެފައިވާ ތިބި ރައްޔިތުންނަށް އުއްމީދެއް ލިބުނީ ކައިރީގައި ރިސޯޓެއް ތަރައްގީ ކުރަން ފެށުމުންނެވެ.

އެ ރިސޯޓުގެ މުވައްޒަފުންގެ އެކަމޮޑޭޝަން ބްލޮކް އެޅުމަށް މަޝްވަރާކޮށްފައިވަނީ ރަތްމަންދޫގަ އެވެ. އަދި ފެނާއި ނަރުދަމާ ވެސް ގުޅާލަން ނިންމާފައިވަނީ އެ ރަށާ އެވެ. ރިސޯޓުގެ މުވައްޒަފުންގެ އެކަމޮޑޭޝަން ރަތްމަންދޫގައި ހަމަޖައްސައިފި ނަމަ އެ މުވައްޒަފުންގެ އާއިލާތައް ވެސް އެ ރަށަށް ހިޖުރަކުރުމުގެ ފުރުސަތު ބޮޑެވެ. އެހެންވެއްޖެ ނަމަ އެ ރަށުގައި ހިދުމަތްތައް ތަރައްގީ ކުރެވޭނެ އެވެ.

"މި ރަށުގައި އުޅެން ޖެހެނީ ހަމައެކަނި މި ރަށުގެ ރަށްވެހިންނެއް ނޫން ދެއްތޯ؟ އިތުރު ބަޔަކު ނަމަވެސް މި ރަށުގައި ދިރިއުޅެން އަތުވެއްޖެ ނަމަ ވަޒީފާތައް ވެސް އުފެދޭނެ. އަސާސީ އެހެން ހިދުމަތްތައް ވެސް ކުރިއަރާނެ،" ރިޒާ ވިދާޅުވި އެވެ.

ބ. ފެހެންދޫ ދަރިވަރުންތަކެއް ކިޔަވަން ޑިންގީއެއްގައި ގޮއިދު އަށް ދަތުރު ކުރަނީ --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

އެ ފުރުސަތު ފަހިކުރުމަށް އެ ރަށު ކައުންސިލުން މިހާރު ވަނީ އެއްވެސް ކުއްޔަކާ ނުލައި ކޮންމެ މީހަކަށް ވެސް ރަށުން ބިން ދޫކުރަން ނިންމާފަ އެވެ.

ފެހެންދޫ މި ފަހަކުން މަޝްހޫރުވެފައިވަނީ ސްކޫލު ކުދިން ޑިންގީއެއްގައި، ދަތި ހާލުގައި ކިޔަވަން ފަޅު ހުރަސް ކުރާ ރަށުގެ ގޮތުގަ އެވެ. ކައުންސިލްގެ ރައީސް މޫސާ ނަސީމް ދެކެވަޑައިގަންނަވާ ގޮތުގައި އެ ރަށަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވެސް އެއީ އެވެ.

"މި ރަށުގައި ކިޔަވަން މި ތިބެނީ އެންމެ 26 ކުދިން. އެ ކުދިންނަށް ކޮންމެހެން މި ރަށުގައި ސްކޫލެއް ހުރުން މުހިއްމެއް ނޫން. ކައިރީގައި މި އޮންނަ ގޮއިދުއަށް ކިޔަވަން ދިޔުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް. މައްސަލައަކަށް ވަނީ އެކަން ކުރާނެ ރަނގަޅު އުޅަނދެއް ނެތުން،" އޭނާ ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ ކުދިން ކިޔަވަން ދިޔުމަށް، ނުވަތަ އެހެނިހެން ބޭނުންތަކަށް ކައިރި ރަށްތަކަށް ދަތުރު ކުރަން އެކަށީގެންވާ އުޅަނދެއް އޮވެއްޖެ ނަމަ ފެހެންދޫގައި ދިރިއުޅުމަކީ ދަތިކަމެއް ނޫނެވެ. އާބާދީ މަދުވުމުން ރަށުން ހުރިހާ ހިދުމަތްތަކެއް ނުލިބޭނެކަން އޭނާ ގަބޫލުކުރައްވަ އެވެ. އެކަމަކު ކައިރި ރަށަކުން އެ ހިދުމަތް ލިބެން ހުރެއްޖެ ނަމަ އަދި ފަސޭހައިން އެ ރަށަށް ދެވޭނެ ގޮތަކަށް ފެރީގެ ނިޒާމަކުން ރަށްތައް ގުޅާލެވިފައިވާ ނަމަ އެ ހިދުމަތްތައް ހޯދިދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ބ. ފެހެންދޫ އަތިރި މަތި: ރަށުގައި ލަފާ ފުރުން ދަތި

ސަރުކާރުން މިހާރު ވަނީ އެ މަސައްކަތް ފަށައިފަ އެވެ. މިނިސްޓަރު އަސްލަމް ވިދާޅުވީ ރަށްތައް ގުޅުވާލުމަށް، ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން ދަތުރުފަތުރުގެ މާސްޓާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ގައުމީ ތަރައްގީގެ އޮނިގަނޑު ހަދަން ވާއިރަށް އެ މާސްޓާ ޕްލޭން އެކުލަވާލާނެ ކަމަށާއި އެ ހިދުމަތަށް ބޭނުން ކުރާނީ ވެސް އެންމެ ފެންވަރު ރަނގަޅު ފެރީ ދޯނި ނުވަތަ ލޯންޗު ކަމަށް އޭނާ ވިދާޅުވި އެވެ.

ފެރީ ދަތުރު ކުރާނެ ރޫޓުތަކާއި ދަތުރު ކުރާނެ މިންވަރު އެ ޕްލޭންގެ ދަށުން ކަނޑައަޅާނެ އެވެ. އެހެން ވެއްޖެ ނަމަ ހިދުމަތްތައް ވެސް އެއް ރަށުން އަނެއް ރަށަށް ގުޅާލެވޭނެ އެވެ. ސަރުކާރުގެ ވިސްނުމަކީ އެ ރަށަކަށް ލިބިފައިވާ ހާއްސަ ކަމަކުން ރަށް ކުރިއެރުވުމެވެ. ކޮންމެ ރަށެއްގައި ވެސް އެންމެ ފުރިހަމަ ހިދުމަތްތައް ގާއިމްކުރުމުގެ ބަދަލުގައި ކޮންމެވެސް އެއް ރަށެއްގައި އެކަން ކޮށް، ކައިރި ރަށްތައް ފެރީގެ ނިޒާމަކުން ގުޅުވާލުމެވެ. ރަށް ފަޅުކޮށް، ރަށުން މީހުން ބޭލުވުމަކީ ސަރުކާރުގެ ޕްލޭނެއް ނޫނެވެ.

"ރަށް ފަޅުނުކޮށް ވެސް ދިރިއުޅެވިދާނެ. މީހަކު ވިހާބޮޑުވާ ތަނަކަށް ސެންސް އޮފް ބިލޯންގިން ވަރަށް ބޮޑުވާނެ. އަދި އުމުރުން ދުވަސްވާން ފެށީމައި އެތަނަކަށް ވަރަށް ބޮޑު ކުލުނެއް ހުންނާނެ،" އަސްލަމް ވިދާޅުވި އެވެ.

"އިންސާނުންނޭ އިނގޭތޯ މިއީ. މުޖުތަމައުއެއް. މިއީ ގަސްގަހާ ގެއްސެއް ނޫން އުފުރާލައިގެން އެއް ތަނުން އަނެއް ތަނަށް ގެންދަން."

41 ކޮމެންޓް, 85 ރިއެކްޝަންސް

icon happy icon happy 61%
icon sad icon sad 4%
icon angry icon angry 35%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންމަނިކު

29 April 2019

ލ.ގަން ބޮޑު އެކަމު ތަރައްޤީ ވަރަށް ދައް އެއްފަސްކުރަން ވިސްނަންވެެއޖެ. ތަރައްޤީ ކުރިއަރާ ނޫނީ ބޯދާކަންމަތީ ތީބުން އޮތީ

The name is already taken The name is available. Register?

ދޮންމަނިކު

29 April 2019

ލ. މުންޑޫ މީހުންނަކީ ވަރައް ވިސްނުން ތޫނު ބައެއް. 10 މީހުންތިއްބަސް ނިުފަެިބާތި.

The name is already taken The name is available. Register?

ކާސިންބެ

01 May 2019

ބާކީ ތިބި 9 މީހުން އެ ޑިސްލައިކު އެ ޖެހީ

The name is already taken The name is available. Register?

ނަމެއް

29 April 2019

މަގޭ ހިޔާލުވެސް މިއާޓިކަލްއިން ކޮންމެވެސް ވަރަކަށް ބަދަލުކޮށްލައިފި. އަސްލަމްގެ ވާހަކަތައް ވަރަށް ސަޅި. "ސެންސް އޮފް ބިލޯންގިން" އެއީ ހަމަ ވަރަށް ބޮޑު ތެދެއް.

The name is already taken The name is available. Register?

ކްލިކް

29 April 2019

ވަށައިގެން ކަނޑާއި ފަޅު ހިތަކަށް ލިބިފައި އޮންނަ އިރުވެސް މި ބުނަނީ އާމްދަނީ ލިބޭނެ ގޮތެއް ނެތޭ! ގަސްގަހާގެހި ހައްދާނެ ހުސްބިންތައް ލިބޭއިރުވެސް މި ބުނަނީ އާމްދަނީ ލިބޭނެ ގޮތެއްނެތޭ! ޑެސްކެއްގެ ދޮށުގައި އެއަރކޯންގެ ފިނީގައި އަތްއުރާލައިގެން އިންދާ މަހު މުސާރައެއް ޖަމާވާން ހަމައެކަނި އެދެވެނީ! ވިސްނުމުގެ ދާއިރާ ފުޅާކޮށް ކަންނެތްކަން ފިލުވާލައި އަތާއި ފައި ހަރަކާތްކޮށްލައިފިނަމަ އާމްދަނީ ލިބޭނޭ ގޮތް މަދުތަ؟

The name is already taken The name is available. Register?

ތިލޭރު

29 April 2019

ކުރީގަ ބުނަނީ ތަރައްގީ ފީޒިބްލްވާވަރަށް އާބާދީ އޮތީ މާލޭގައޭ، މަގުހަދާވަރަށް ވެހިކަލްހުރީ މާލޭގައޭ، ކިޔާފަ އެހެން ރަށްރަށަށް ކަންކަންކޮށްނުދީ މާލެ ތަރައްގީކޮށްފަ މީހުން ޖަމާކުރީ. އޭރު މާލޭގަ އޮތް އާބާދީއާއި މާލޭގައި ހުރި ވެހިކަލަށްވުރެ ބައެއް ރަށްރަށުގެ އާބާދީއާއި ވެހިކަލް މިހާރު މާގިނަ، އެކަމަކު އަދިވެސް ފީޒިބްލް ނުވެގެން އުޅެނީ.

The name is already taken The name is available. Register?

buddy

29 April 2019

ތިތާ ލޯކަލްޓޫރިޒަމް ތައާރަފްކުރެވިދާނެ. އެކަމަކު ކުދިކުދި އާބާދީތަކަށް ހުރިހާ ހިދުމަތެއް ދިނުމަކީ ވަރަށް ދަތިކަމެއް. ޤައުމަށްލިބޭ މަދުލާރިކޮޅުން 160މާލެސިޓީ ނުހިންގޭނެ. ވަގުތުން 10ނޫނީ އެކަށީގެންވާ މަދު ރަށްތަކަކަށް ބަދަލުކޮށްލާ. އޭރަށް ހުރިހާކަމެއްވެސް ވަރަށްފަސޭހައިން ކޮށްލަދެވިދާނެ. ތި ޖަޒީރާވަންތަ ހިޔާލުދޫކޮށްލާ އެއްފަސްކުރޭ. އޭރަށް ކުރާނެމަސައްކަތްތަކާ ވަޒީފާވެސް ހުންނާނެ.

The name is already taken The name is available. Register?

ވިގަނި

29 April 2019

ހުރިހާ ހިދުމަތެއް ހުރިހާ ރަށެއްގަ ނުދެވޭނެ، އެކަމަކު ހަމައެކަނި އެންމެ ތަންކޮޅެއްގަ ހުރިހާ ހިދުމަތެއްދޭން ހަދައިގެން ހިދުމަތްދޭނެ ޖާގައެއްނެތިގެން ހިދުމަތް ހޯދާނެ ޖާގައެއްނެތިގެން ގައިގައި މައްޗަށް އަރައިގެން އުޅުމަކީ ވަރަށް ޖޯކުކަމެއްދޮތަ.

The name is already taken The name is available. Register?

ސދފސދފރ

29 April 2019

ކޮންކަހަލަ ގަމާރު ވިސްނުމެއް. މިހާރުވެސް 250 ގޯތި ހުންނަ ރަށަކުން އެކަކު 45 ގޯޓި ގަނެގެން އުޅޭވާހަކަ އެބަދެކވޭ. ތިރަށުގެ ހުރިހާ ގޯއްޗެއް އެކަކު ނުވަތަ ދެޕާޓީއަކުން ގެނެގެން ގެސްޓްހައުސް ހިންގަން ފަށައިފިއްޔާ ސަރުކާރަށް ކޯޗެއް ؟ އެހެން ރިސޯޓްތަކަށް ކުރވެޭ ޗެލެންޖެއް.

The name is already taken The name is available. Register?

ކަރީމުއްދީން ބާޝާ

29 April 2019

ރަކީދޫމޯހުން ބޮލަށް ކޮއްޕާލި ޗިޕަކާ ވައްތަރީ. އެކަމަކު 5 އަހަރު ނިމިގެންދާއިރު އިނގޭނީ ވާނުވާ.

The name is already taken The name is available. Register?

ސަލާހު

29 April 2019

ދައްކާގަމާރުވާހަކަ ވިލިގިލީގަ ނުޖޭ މާލޭގަ ހުރިހާކަމެއް ހުންނާކައް ތިބުނާގޮތުންވިއާ ހެންވޭރާ ގަލޮޅައް ވެސް ވަކި ހޮސްފިޓާ އަޅައްވިއޭނޫން! ދުނިއޭގަ ތަރައްގީ ވެހުރިގައުމުތައް ތަރައްގީ ކުރެވިފަ ހުރީ އެތަނުގެ ކޮންމެ ސަރަހައްދެއްގަ އެކްސްޓެ ކުލިސިއްހީ މައްސަލަޔެއް ދިމާވިޔަސް ލަސްވެގެން ވިއްސަކައް މިނެއްޓުން އެމިހަކު ހުރިތާކައް އެމެޖެންސީ ޑޮކުޓަރު އައިސް އެމިހައް ފަރުވާދީ ބައްޔާގުޅޭ ހޮސްޕިޓަލައް ކުޑަ ހިނދުކޮޅެއް ތޭރޭ ގެންދެވޭ

The name is already taken The name is available. Register?

ަވަޖުދީ

29 April 2019

ލޯކަލް ޓޫރިޒަމޭ ކިޔަކަސް ނުފުދޭ. ކުރީދުއްވިކަަހަލަ 'މެގަސްޕީޑް' ލައިނާސް ކަހަލަ ބާރަށްދުވާ ބޮޑަތި ލޯންޗްގެ ހިދުމަތް މުޅިރާއްޖޭ ހުރިހާއަތޮޅަކަށް ގުޅާލެވެން އެބަޖެހޭ. އަދި ވައިގެ ދަތުރުތައް ގެސްޓްހައުސްތަކަށް އަންނަ ބޭރުމީހުނަށް ހެޔޮކޮށްދޭން ޖެހޭ. އަލަށް ޓޫރިސްޓުން ގެންދަން ފަށާތަންތަނަށްވެސް ސަރުކާރުން ދޭލުއިކަމެއް ނޯވޭ. އެކަމަކު ރިސޯޓްހަދާމީހާއަށް ޑިއުޓީފުރީކޮށްދޭ. ގެސްޓްހައުސް ހަދާމީހާފޭލާލަނީ. ހުސްއަނގަތަޅަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454