ކުޅިވަރު / ޗެމްޕިއަންސް ލީގު

ޓޮޓެންހަމް ބަލިކޮށް އަޔަކްސް ފައިނަލާ ގާތަށް

އަޔަކްސްގެ ޒިޔެޗް (ކ) ބޯޅަ ފޮނުވާލާއިރު ޓޮޓެންހަމްގެ ވާޓޮންގެން ކައިރީގައި.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (މެއި 1) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސްގެ މައްޗަށް 1-0 އިން ކުރި ހޯދައި މި ފަހަރުގެ މުބާރާތުގައި ހައިރާންކުރަނިވި ނަތީޖާތަކެއް ނެރެމުން އަންނަ ނެދެލަންޑްސްގެ އަޔަކްސް އިން ފައިނަލުގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އަޔަކްސް ވަނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ އެއްވަރުކޮށްފަ އެވެ. ދެ ވަނަ ބުރުގައި، އެންމެ ފަހުން ތިން އަހަރު މި މުބާރާތުގެ ތަށި އުފުލާލި ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު ކުއާޓާ ފައިނަލުގައި ވަނީ އިޓަލީގެ ގަދަބާރު ޔުވެންޓަސްގެ މައްޗަށް ކުރިހޯދައިފަ އެވެ. އަޔަކްސް އަށް 1996 ވަނަ އަހަރަށް ފަހު މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދަން އަންނަ ހަފްތާގައި އެ ޓީމުގެ ދަނޑުގައި ކުޅޭ މެޗުން އެއްވަރުކޮށްލައިގެން ވެސް ފުއްދާލެވޭނެ އެވެ.

އަޔަކްސްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ރަށުން ބޭރުގައި މޮޅުވިޔަސް އަދި ނިންމާލެވުނީ ކުރަންހުރި މަސައްކަތުގެ އެއްބައި ކަމަށާއި އޭނާގެ ނަޒަރުގައި އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ކުޅޭ މެޗު މޮޅުވުން ނޫން ގޮތެއް ނެތް ކަމަށެވެ.

"ރަށުން ބޭރުގައި މޮޅެއް ލިބުން އެއީ ބޮޑު ފިޔަވަޅެއް. އެކަމަކު ކުރަން ހުރި މަސައްކަތެއް އަދި ނުނިމޭ. މި ނަތީޖާއާ އެކު ލިބުނު އިތުބާރުގެ ބޭނުންހިފައި އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި މޮޅުވުން މުހިއްމު. އެއީ 1-0 އަކުން ގޮތެއް ނުނިމޭ،" ކުރިން ބަޔާންގެ ބީ ޓީމަށް ކޯޗުކޮށްދިން ޓެން ހާގް ބުންޏެވެ.

ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީ ކަޓުވާލި ޓޮޓެންހަމް ރޭގެ މެޗަށް ނުކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން ޓީމުގެ އެއް ވަނަ ފޯވާޑް ހެރީ ކޭން ކުޅުމާ ދުރުގައި ހުރުމާއި ކާޑު ހަމަވުމުގެ ސަބަބުން ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން ސަސްޕެންޝަނުގައި ހުރުމެވެ.

ޓޮޓެންހަމް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ 30 މިނިޓް އަޔަކްސް އިން ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 15 ވަނަ މިނިޓްގައި ޖެހީ ވެން ޑާ ބީކް އެވެ. ޓޮޓެންހަމް އޭރިއާތެރެއިން ލިބުނު ބޯޅަ ވެން ޑަ ބީކް ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ނަތީޖާ ހަމަހަމަކުރަން ޓޮޓެންހަމުން ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. އަނިޔާވުމުގެ ސަބަބުން ފުރަތަމަ ހާފުގައި ޓޮޓެންހަމްގެ ބެލްޖިއަމް ޑިފެންޑަރު ޔެން ވާޓޮންގެން ވަނީ ބަދަލުކޮށްފަ އެވެ. ދެ ވަނަ ހާފުގައި ޓޮޓެންހަމްގެ ފެނާންޑޯ ލޮރެންޓޭ އާއި ޑެލެ އަލީ ޖެހި ބޯޅަތައް އަޔަކްސްގެ ކީޕަރު އަންދްރޭ އޮނާނާ ވަނީ ހުއްޓުވައިފަ އެވެ. އަޔަކްސް އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ދެ ވަނަ ހާފުގައި ބްރެޒިލްގެ ވިންގް ޑޭވިޑް ނެރޭސް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ޓޮޓެންހަމުން ވަނީ ރޭގެ މެޗުގެ ކުރިން ޗެމްޕިއަންސް ލީގުގައި ކުޅުނު 20 މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ. ޓޮޓެންހަމުން މި މުބާރާތުގައި ލަނޑެއް ނުޖަހައި އެންމެ ފަހުން ނިންމާލީ 2016 ވަނަ އަހަރު ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ފުރަތަމަ ލެގުން ބަލިވި ނަމަވެސް ޓޮޓެންހަމްގެ ކޯޗު މައުރީސީއޯ ޕޮޗެޓީނޯ ބުނީ ރަށުންބޭރުގައި ނަތީޖާ ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި 1-0 އެއީ ހުރިހާ ދޮރެއް ބަންދުވާނެ ނަތީޖާއެއް ނޫން ކަމަށެވެ. މި މެޗުން ބަލިވީ ފުރަތަމަ ހާފުގައި ފެށުން ދަށްވުމުން ކަމަށާއި ނަތީޖާއެއް ނެރެވޭ ވަރަށް ފުރުސަތު ވެސް ތަނަވަސް ނުކުރެވުމުން ކަމަށް ބުންޏެވެ.

"ޓީމު ރޭވުމުގައި އަހަންނަށް ހެދުނީ ގޯހެއް. އެންމެ ރަނގަޅަކަށް ނޫން އެކަން ކުރެވުނީ. އެކަމަކު އެއީ ވެސް ހުރިހާ މައްސަަލައެއް ނޫން. ދެ ވަނަ ލެގުގައި ނަތީޖާ ނެރެވޭނެ،" ޕޮޗެޓީނޯ ބުންޏެވެ.

އަޔަކްސް ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހު އެވެ.

2 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 17%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތިމާވެށި

01 May 2019

އަޔެކްސް ކުޅޭ ސްޓައިލް އަށް ގައުމީޓީމް ތައްޔާރު ކުރަން ވީއެވެ. ކުރު ޕާސް ތަކެކެވެ. އަވަސް ކުޅުމެކެވެ. އިސްކޮޅު ނެތަސް މިކަން ވާނެއެވެ.

The name is already taken The name is available. Register?

ރަދީފް

01 May 2019

މަރުހަބާ އަޔަކްސް.ސްޕާސް ކަޓުވާލަން ޖެހޭނެ މިފަހަރު.އުއްމީދަކީ އަޔަކްސްއިން 02 ވަނަ ލެގް ވެސް ކާމިޔާބްކުރުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454