ނަރުހުން ތަމްރީނުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ވިލާ ކޮލެޖުގެ ރެކްޓާ ޑރ.އަންވަރު (ވ) އަދި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަފްއާލް އެއްބަސްވުން ބަދަލުކުރައްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
02 މެއި 2019 - 18:25
ވިލާ ކޮލެޖުގައި ނަރުސްކަން ކިޔަވާ ދަރިވަރުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ތަމްރީނު ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްްގައި، ތަމްރީނުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލެވެ.
ވިލާ ކޮލެޖުގައި މިހާރު ވެސް ނާސިންގެ ސެޓްފިކެޓް ލެވެލް ހަތަރެއް އަދި ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑު (ޔޫވީ) ގެ ނާސިންގެ ޑިގްރީ ޕްރޮގްރާމް ހިންގަ އެވެ. އެންމެ ބޮޑު ޑިމާންޑެއް އޮންނަ ނަރުސްކަމުގެ ޑިޕްލޮމާ ކޯސް ވިލާ ކޮލެޖުގައި ފަށާނީ މި މަހުގެ ތެރޭގަ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އަފްއާލް ވިދާޅުވީ ނަރުހުންނަކީ ރާއްޖޭގައި އެންމެ ގިނަ މީހުން ތަމްރީނުކުރެވޭ ދާއިރާ އަށް ވިޔަސް ފަރުވާ ހޯދަން އަންނަ މީހުންނާ އެކަށީގެންވާ އަދަދަކަށް ދިވެހި ނަރުހުން ނެތް ކަމަށެވެ. ގިނައިން މަސައްކަތް ކުރަނީ ބޭރު މީހުންނަށް ވާތީ ގޮންޖެހުންތައް ހުންނަކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަމްރީނުކުރެވޭ އަދަދާ ބަލާއިރު މަސައްކަތުގައި އުޅޭ މީހުންގެ އަދަދު ވެސް މަދު ކަމަށާއި އެކަން ދެނެގަންނަން ޖެހޭ ކަމަށެވެ.
އޭޑީކޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ 66 ޕަސެންޓް ހިއްސާކުރަނީ ބޭރު މީހުންނެވެ. އަދި އެ ހޮސްޕިޓަލުގައި މަސައްކަތްކޮށްފައި ތިބި ޑޮކްޓަރުން، އެހެން ގައުމުތަކުގައި ބޮޑެތި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.
"ހިދުމަތް ދޭ ފަރާތްތަކަށް ވެސް ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރޭ ބިދޭސީން ގޮވައިގެން ހިދުމަތްދޭން އުޅުމުގައި. ދިވެހިންނަށް ފަރުވާ ދިނުމުގައި، ދިވެހިން އެދޭ ފަރުވާއަކީ ވެސް ތަފާތު އެއްޗެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. ނަރުހުން ތަމްރީނުކުރުމާއި ނަރުހުން ކުރިއެރުވުމާއި އަދި ވަޒީފާގައި އެމީހުން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަކީ އަޅުގަނޑުމެން ކުރަންޖެހިފައި އޮތް ވަރަށް ބޮޑު ކަމެއް،" އަފްއާލް ވިދާޅުވި އެވެ.
އަންވަރު ވިދާޅުވީ ނާސިންނަކީ ރާއްޖެއަށް ވަރަށް މުހިއްމު އަދި ގިނަ ބައެއްގެ ޝައުގުވެރިކަން އޮންނަ ދާއިރާއެއް ކަމަށެވެ. އޭޑިކޭއަކީ ތަމްރީނުގައި އުޅޭ ބައެއް ހިދުމަތް ދޭ ބަޔަކަށް ވާއިރު، މިހާރު ކިޔަވައިދޭ ފެންވަރަށް ވުރެ މައްޗަށް ގެންދިއުމަކީ އުއްމީދެއް ކަމަށް ވިދާޅުވި އެވެ.
ނަރުހުން ތަމްރީނުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޮލެޖުގެ ރެކްޓާ ޑރ.އަންވަރު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވީ މިވަގުތު ސަމާލުކަން ދެނީ ގިނަ ބަޔަކު ތަމްރީނުކުރުމުގެ ބަދަލުގައި ކޮލެޓީ ހިފެހެއްޓުމަށް ކަމަށެވެ.
ވިލާގެ ހެޑް އޮފް ހެލްތު ސައިންސް ޑރ. އަސްމާ އިބްރާހިމް ވިދާޅުވިގޮތުގައި ޑިގްރީ ޕްރޮގްރާމުގައި 200 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު ޑިޕްލޮމާގެ ފުރަތަމަ ބެޗަށް ވެސް ގިނަ އަދަދެއްގެ ދަރިވަރުން ކުރިމަތިލާފައި ވެ އެވެ. ސެޓްފިކެޓް ލެވެލްގައި ވިލާގައި ނަރުސްކަން ކިޔަވަމުން އަންނަނީ 22 ދަރިވަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަންނަވާ33
03 May 2019
ޕްރައިވެޓް ކޮލެޖުތަކަށް ނަރސިންގް ކަހަލަ ކޯސްތައް ހިންގަން ހުއްދަ ދިނުމުގެ ކުރިން ވިސްނާލަން އެބަޖެހޭ. މިހާރުވެސް ސެޓްފިކެޓް ތައް ވިއްކަނީ. ފެންވަރެއް ނުހުރޭ. އިނގިރޭސި ވިލާތުގެ ކޯސްތަކެއް ކަމަކު ގިނަ ފަހަރު ޖެހެނީ ހަމަ އެއްތެނެއްގަ ކޮންމެވެސް ވަަރަށްކަން ފެންވަރު ހިފެހެއްޓުނު ކަމުގަ ވީނަމަވެސް. ނަރސިންގް އަކީ އިންސާނުންނަށް ސީދާ އޭގެ އަސަރުކުރާނެ ދާއިރާއެއްވީމަ އެއްވެސް ރިސްކެއް ސަރުކާރުންނާއި ނަރސިންގް ކައުންސިލުން ނަގައިގެން ނުވާނެ.
މަރިޔަމް ހަމީދު
03 May 2019
ސަރުކާރަށް ޓެކުސް ފައިސާ ދޫކުރާއިރު ވަރަށްބޮޑަށް ބަލަންޖެހޭ، އެނޫނީ ހަމަ ސަރުކާރުން މަގާމެއް ހޯދައިގެން އެފައިސާއިން އަމިއްލަ ބޭނުންކޮށް، އަދި މަޖިލިހުގެ މެންބަރުން ގަތުމަށް ފައިސާ ހަރަދުކޮށް، ފަގީރުންނަށް ދޭން ބަޖެޓުން ހަދާ ފުލެޓްތަށްވެސް ސަރުކާރުގެ އިސް ވެރިން ނާޖައިސްކޮށް ނަގާނީ، މިދިޔަ އަހަރުތަކުގައި އޮޑިޓް ރިޕޯޓްތަކުން ދައްކަނީ އެތަކެއް ބިލިއަނުން ދައުލަތް ލޫޓުވާފައިވާ ހިސާބުތަށް
ސަލްހަމް ނައީދު
03 May 2019
މީނާގެ ކޮމެންޓުގައި އެއްވެސް ހަގީގަތެއްނެއް، ޕްރައިވަޓްވީމަ ވިސްނާފައި ސަރުކާރުންވީމަ ނުވިސްނުން، އެއީ ކޮންކަހަލަ އުސޫލެއް، ސަރުކާރުވިޔަސް ޕްރައިވަޓްވިޔަސް ކޮލެޓީ ބަލަހައްޓަނީ އެއްބައެއް، އަދި ގިނަ ފަހަރު ކިޔަވައިދެނީވެސް އެއްބައެއް، ދެން ކޯޗެއް ވިސްނަންޖެހެނީ، ޕްރައިވަޓްވީމަތަ ވިސްނަންޖެހެނީ؟ ވަރަށް ތާކުންތާކު ނުޖެހޭ ކޮމެންޓެއްގެ ގޮތުގައި ބަލައިގަނެވެނީ