އާސެނަލްގެ ލޯރެން ކޮސިއެލްނީ (ވ) އާއި ވެލެންސިއާގެ ރޮޑްރިގޯ ބޯޅައަށް އަރަނީ. --ފޮޓޯ: އޭއެފްޕީ
03 މެއި 2019 - 10:26
ލަންޑަން (3 މެއި) – ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ސްޕެއިނުގެ ވެލެންސިއާ އަތުން 3-1 އިން އާސެނަލް މޮޅުވިއިރު ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި އާސެނަލް ހޯދި މޮޅާ އެކު ފައިނަލުގެ ފުރުސަތު އެ ޓީމަށް ވަނީ ވަރަށް ބޮޑުވެފަ އެވެ. އެކަމަކު ރަށުން ބޭރުގައި ޖެހި ގޯލާ އެކު ވެލެންސިއާ އަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އެބައޮތެވެ.
މި މެޗުގައި ވެލެންސިއާ އިން ކުރި ހޯދީ 11 ވަނަ މިނެޓުގައި މޫކްޓާ ޑިއަކަބީ ޖެހި ގޯލުންނެވެ. އާސެނަލަށް 18 ވަނަ މިނެޓުގައި އެއްވަރުކޮށްދީ އަދި 25 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ފްރާންސް ފޯވާޑް އެލެކްޒެންޑާ ލަކަޒޭ އެވެ. އެ ޓީމުގެ ތިން ވަނަ ގޯލް 90 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޕިއެރޭ އެމެރިކް އޯބަޔަމަން އެވެ.
އާސެނަލްގެ ކޯޗު އުނާއީ އެމެރީ ބުނީ ފުރަތަމަ ލެގު އުނދަގޫވާނެކަން އެނގި ތިބެ ވެސް ބޭނުންވީ ރަނގަޅު ނަތީޖާއެއް ނެރެން ކަމަށާއި އިތުބާރު ލިބުނީ ފުރަތަމަ ހާފުގައި ކާމިޔާބުކުރެވުނު ދެ ގޯލުން ކަމަށެވެ.
ރޭ ރަށުން ބޭރުގައި ފްރެންކްފަޓާ 1-1 އިން އެއްވަރުވުމަކީ ޗެލްސީ އަށް މުޅިން ގޯސް ނަތީޖާއެއް ނޫނެވެ. އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު ލަނޑެއް ނުޖެހި އެއްވަރުކޮށްލައިގެން ވެސް ޗެލްސީ އަށް ފުރުސަތު އޮންނާނެ އެވެ.
މި މެޗުގައި ލީޑު ނެގީ ފްރެންކްފަޓުންނެވެ. އެއީ 23 ވަނަ މިނެޓުގައި ލޫކާ ޖޮވިޗް ޖެހި ގޯލުންނެވެ. ޗެލްސީ އަށް ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެއްވަރުކޮށްދިނީ ސްޕެނިޝް ފޯވާޑް ޕެޑްރޯ އެވެ. އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގުއައިން އަށް ފުރުސަތެއް ނުދޭއިރު، އެޑެން ހަޒާޑާއި މަޓެއޯ ކޮވަސިޗް އެރުވީ ދެ ވަނަ ހާފުގަ އެވެ.
"ހަޒާޑް ބެންޗުން ފެށީ، އޭނާ ޖެހިޖެހިގެން 10 މެޗު ކުޅެފައިވާތީ. ސީޒަނެއްގައި 70 ނުވަތަ 75 މެޗު ކުޅުމަކީ ކުޅުންތެރިޔަކަށް ކުޅަދާނަ ކަމެއް ނޫން. ބައެއް ފަހަރު އަރާމު ބޭނުންވާނެ،" ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުންޏެވެ.
ޗެލްސީ އަށް މި ސީޒަނުގައި ތަށްޓެއް ހޯދަން ފުރަތަމަ ލިބުނު ފުރުސަތުގައި ލީގު ކަޕުގެ ފައިނަލުން މެންޗެސްޓާ ސިޓީ އަތުން ބަލިވީ އެވެ. ސާރީ ބުނީ އޭރު ޓީމު އޮތީ މައްސަލަގަނޑެއްގެ ތެރޭގައި ކަމަށާއި މިހާރު ޓީމަށް ތަށްޓެއް ހައްގު ކަމަށެވެ.
"އަހަރެން ބޭނުންވޭ ފައިނަލަށް ދާން. އަދި މި ފަހަރު ތަށި ވެސް ބޭނުން. މިހާރު އަހަރެމެން މިއޮތީ ލީގުގެ ގަދަ ހަތަރެއްގައި އަދި މި މުބާރާތުގެ ސެމީ ފައިނަލުގައި. އެހެންވެ ތަށްޓެއް ހައްގު،" ސާރީ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
03 May 2019
މިފަހަރު އާސެނަލްގެ ފަހަރެއް....
ރަދީފް
03 May 2019
މަރުހަބާ އާސެނަލް.