މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކްރިތީ: ރޫމީގެ "ކޭލް" އިން ފެންނާނެ.

ޓިޕިކިލް ހިންދީ ލަވައެއް ބަލައިލަން ބޭނުން ނަމަ އާ ލަވައަކަށް "ފަކީރާ" ބަލައިލާށެވެ. މިއީ މި މަހުގެ 10 ގައި ރިލީޒްކުރާ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ލަވަތަކުގެ ތެރެއިން އެންމެ ފަހުން އާންމުކުރި ލަވަ އެވެ.

ޒުވާން ޖޯޑެއްގެ ލޯބީގެ ގުޅުން ދައްކުވައި ދޭ ލަވަ ކިޔާފައި ވަނީ ރާއްޖޭގައި ވެސް ވަރަށް މަގުބޫލު ލަވަކިޔުންތެރިއެއް ކަމަށްވާ ސަނަމް ޕޫރީ އާއި ނީތީ މޯހަން އެވެ. "ފަކީރާ" ގެ މިއުޒިކް ވިޝާލް-ޝޭކަރު ހަދާފައިވާ އިރު، ޅެން ލިޔެފައި ވަނީ އަންވިތާ ދަތު އެވެ.

ކޮލެޖް ޒުވާނުންތަކެއްގެ ތިނެސްކަން ލޯބީގެ ވާހަކައެއް ކިޔައިދޭ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ޕުނިތު މަލްއުތުރާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ޓައިގާ އާއި އަނަންޔާ އެކު ފިލްމުން ތާރާ ސުތާރިއާ ވެސް ފެނގެން ދާނެ އެވެ.

މި ފިލްމަކީ ކަރަން 2012 ގައި ގެނެސް ދިން "ސްޓޫޑަންޓް އޮފް ދި އިޔާ" ގެ ދެވަނަ ބައެވެ.

"ދޭ ދޭ ޕިޔާރު ދޭ" ގެ އިތުރު ޓްރެއިލާއެއް

މި މަހުގެ 17 ވަނަ ދުވަހު ރިލީޒް ކުރާ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރު ދޭ" އާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

އާކިވް އަލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ އަޖޭ ދޭވްގަން އާއި ރަކުލް ޕްރީތު ސިންގްގެ އިތުރުން ތައްބޫ އެވެ. މި ފިލްމުގައި ކިޔައި ދޭނީ ޒުވާން ދަރިން ތިބި ބަފަޔަކު، ދަރިންގެ އުމުރުގެ ޒުވާން އަންހެނަކާ އެކު ބާއްވާ ލޯބީގެ ގުޅުމެއްގެ ސަބަބުން ދިމާވާ ހާދިސާތަކެކެވެ.

ބުޝަން ކުމާރާއި ލަވް ރަންޖަން ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޖާވިދު ޖެފްރީ، އަލޯކް ނާތު، ޖިމީ ޝެރްގިލް އަދި ހުސައިން ދަލާލު ހިމެނެ އެވެ.

ރޫމީގެ ފިލްމަށް ބަތަލާ އިން ލިބިއްޖެ

ދާދި ފަހުން އަމީތާބް ބައްޗަން އާއި އިމްރާން ހާޝިމީ ހިމަނައިގެން ޑައިރެކްޓަރު ރޫމީ ޖެފްރީ އިއުލާން ކުރި ފިލްމު "ކޭލް" އަށް ބަތަލާ އިން ހަމަޖައްސައިފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި މަހުގެ 10 ގައި ޝޫޓިން ފަށާ ފިލްމުގެ ބަތަލާއިންނަށް ހަމަޖައްސާފައި ވަނީ އިމްރާނާ އެކު "ރާޒް ރިބޫޓް" ކުޅުނު ބަތަލާ ކްރިތީ ކަރްބަންދާ އާއި މިދިޔަ އަހަރު ރިލީޒް ކުރި "ޖަލޭބީ" ގެ ބަތަލާ ރިއާ ޗަކްރަބަތީ އެވެ.

ސަސްޕެންސް ތުރިލާ "ކޭލް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ގަ އެވެ.

ކަރީނާ "އަނގްރޭޒީ މީޑިއަމް" އާ ގުޅޭނީ 15 ގައި

މިހާރު ޝޫޓިން ކުރިއަށްދާ އިރުފާން ހާންގެ ފިލްމު "އަނގްރޭޒީ މީޑިއަމް" ގައި ފުލުހެއްގެ ރޯލް ކުޅެން ސޮއި ކުރި ބަތަލާ ކަރީނާ ކަޕޫރް މި މަހުގެ 15 ވަނަ ދުވަހު ކްރޫއާ ގުޅޭނެކަން ޑައިރެކްޓަރު ހޯމީ އަދަޖާނިއާ ކަށަވަރުކޮށް ދީފި އެވެ.

އޭނާ ބުނީ ފިލްމަށް ކަރީނާ މިހާރު ތައްޔާރީތައް ވެސް ވަމުން އަންނަ ކަމަށާއި އޭނާ ފިލްމަށް ސޮއި ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ސަކެޓް ޗައުދަރީ 2017 ގައި ގެނެސް ދިން "ހިންދީ މީޑިއަމް" ގެ ދެވަނަ ބައިގެ ގޮތުގައި ގެނެސްދޭ "އަނގްރޭޒީ މީޑިއަމް" ގައި އިރުފާންގެ ދަރިއެއްގެ ރޯލުން ރާދިކާ މަދަން ފެނިގެން ދާނެ އެވެ.

މިދިޔަ މަހުން ފެށިގެން ފިލްމުގެ ޝޫޓިން ކުރިއަށްދާ އިރު، މީގެ މަންޒަރުތަކެއް ލަންޑަނުގައި ވެސް ނަގާނެ އެވެ. "ކޮކްޓެއިލް" ފަދަ ފިލްމުތައް ގެނެސް ދިން ހޯމީ ބުނީ ލަންޑަނަށް ފުރާނީ އަންނަ މަހު ކަމަށެވެ.

ކަރީނާގެ ރޯލާ ބެހޭ ގޮތުން ހޯމީ ބުނީ "އަނގްރޭޒީ މީޑިއަމް" ގައި ކަރީނާގެ ލޯބީގެ އެއްވެސް ޓްރެކެއް ނުހިމެނޭނެ ކަމަށާއި އޭނާ ފެނިގެން ދާނީ ވަރުގަދަ ފުލުހެއްގެ ރޯލުން ކަމަށާއި އެއީ ފިލްމުގެ ވަރަށް ވެސް މުހިއްމު ކެރެކްޓާއެއް ކަމަށެވެ. މިއީ ފިލްމެއްގައި ކަރީނާ ފުލުހެއްގެ ރޯލް ކުޅޭ ފުރަތަމަ ފަހަރު ވެސް މެ އެވެ.

"އަނގްރޭޒީ މީޑިއަމް" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ބެލެވޭ ގޮތުން މިއީ އަންނަ އަހަރުގެ ކުރީކޮޅު ރިލީޒް ކުރާނެ ފިލްމެކެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454