ވޮލްމާޓްގެ އައުޓްލެޓެއް.
10 މެއި 2019 - 08:51
އުމުރުން 21 އަހަރުގެ ދަށުގެ މީހުންނަށް ދުންފަތުގެ އެއްވެސް ބާވަތެއް، އަންނަ ޖުލައި މަހުން ފެށިގެން ވިއްކުން ހުއްޓައިލަން ދުނިޔޭގެ އެންމެ ބޮޑު ރިޓެއިލް ކުންފުނި އެމެރިކާގެ ވޮލްމާޓުން ނިންމައިފި އެވެ.
އެ ކުންފުނިން ބުދަ ދުވަހު މިކަން އިިއުލާން ކުރަމުން ބުނީ އެމެރިކާގައި ހިންގާ ވޮލްމާޓްގެ އެއްވެސް އައުލެޓަކުން ޖުލައި 1 އިން ފެށިގެން، އުމުރުން 21 އަހަރުގެ ދަށުގެ މީހުންނަށް ދުންފަތް ނުވިއްކާނެ ކަމަށެވެ. އޭގެ ތެރޭގައި ސިނގިރެޓާއި އީ-ސިނގިރެޓް ހިމެނެ އެވެ.
ވޮލްމާޓުން މިފަދަ ނިންމުމެއް ނިންމާފައި ވަނީ އުމުރުން 18 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކާ މައްސަލަ ހުއްޓުވަން ކުރާ މަސައްކަތްތަކަށް އެ ކުންފުނީގެ އެއްބާރުލުން އެކަށީގެންވާ ވަރަށް ނުލިބޭ ކަމަށް ބުނެ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ސިޓީއެއް ވެސް ފޮނުވާފައި ވަނިކޮށެވެ.
އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި ބޮޑެތި ރިޓެއިލް ކުންފުނިތަކުން، އުމުރު ހަމަނުވާ މީހުންނަށް ސިނގިރެޓް ވިއްކާ މައްސަލައިގެ ޝަކުވާތައް ލިބެމުންދާ އިރު، 2010 ގެ ފަހުން އެންމެ ގިނަ ޝަކުވާތައް ލިބެނީ ވޮލްމާޓާ ގުޅޭ ގޮތުންނެވެ. އެގޮތުން ޝަކުވާތަކުގެ 93 ޕަސަންޓަކީ ވޮލްމާޓާ ގުޅުން ހުރި ޝަކުވާތައް ކަމަށް ބުންޏެެވެ.
"އަހަރެމެން މިހާރު ނިންމައިފިން އުމުރުން އެކާވީސް އަހަރުން ދަށުގެ އެއްވެސް މީހަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ނުވިއްކަން،" ވޮލްމާޓުން ބުންޏެވެ. "މިއީ މި ކުންފުނިން ކުރިއަށް އޮތް ތަނުގައި 100 ޕަސަންޓް ތަންފީޒު ކުރާނެ އުސޫލެއް."
ދުންފަތުގެ ބާވަަތައް ވިއްކާ މައްސަލާގައި އެފްޑީއޭ އިން އިންޒާރު ދީފައިވާ ރިޓެއިލް ކުންފުނިތަކުގެ ތެރޭގައި ކްރޯގާ އާއި ވަލްގްރީން ވެސް ހިމެނެ އެވެ.
ވަލްގްރީނުން ބުނެފައިވާ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު 1 އިން ފެށިގެން އެ ކުންފުނީގެ އައުޓްލެޓްތަކުން ވެސް އުމުރުން 21 އަހަރުގެ ދަށުގެ މީހުންނަށް ދުންފަތް ވިއްކުން ހުއްޓައިލާނެ އެވެ.
އެފްޑީއޭ އިން ކަނޑައަޅާފައި އޮންނަ ގޮތުން މި ވަގުތު އީ-ސިނގިރެޓް ވިއްކޭނީ 18 އަހަރުން މަތީގެ މީހުންނަށެވެ.
އެކަމަކު އެމެރިކާގެ ބޮޑެތި ބައެއް ސިޓީތަކުން ވަނީ ދުންފަތް މުއާމަލާތް ކުރެވޭނީ 21 އަހަރުން މަތީގެ މީހުންނާ ކަމަށް ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ވޮޝިންޓަން، ކެލިފޯނިއާ، އިލްނޮއި އަދި ހަވާއީ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައިސަލް ނަސީމް
14 September 2019
ވޯލްމާޓަށް ފައިދާ!!!