ގަލޮޅު މަދަރުސާ އިން އޯލެވެލް ނިންމާފައި މާލެ އިން ވަޒީފާއެއް ހޯދަން އެތައް ތަނެއްގައި އާދޭސް ކުރުމުން އެއްވެސް ތަނަކުން އޭނާއަކަށް ވަޒީފާއެއް ނުލިބުނެވެ. އެންމެ ފަހުން އޭނާގެ ނަސީބު އަތުގައި ހިފީ ކުރިން ކުޑަކޮށް ވެސް ޚިޔާލުކޮށްލެވިފައިނުވާ ކަމެއްގެ ތެރެއިންނެވެ: ކައްވަޅު ކޮނުމުގެ ވަޒީފާ އެވެ.
އޭރުގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިހުން ކުރި އިއުލާނާ ގުޅިގެން އަހުމަދު މުނައްވަރު އެ ވަޒީފާއަށް އެދި ސިޓީ ލި އެވެ. އެހާ ހިސާބުން އޭނާގެ ދިރިއުޅުން ބަދަލުވެ، އެތައް ބައެއްގެ ލޯބި އޭނާ ހޯދި އެވެ.
ހދ. ކުޅުދުއްފުއްޓަށް އުފަން މިހާރު 34 އަހަރުގެ މުނައްވަރު، ރާއްޖޭގެ އެންމެ ބޮޑު ގަބުރުސްތާނުގައި ކަށްވަޅު ކޮންނަ މީހެއްގެ ވަޒީފާ އަށް ވަނީ އޮކްޓޯބަރު 16، 2006 ގަ އެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް 2000 އަށް ވުރެ ގިނަ މީހުންގެ ޖަނާޒާގެ ކަންކަމުގައި އިސްކޮށް އޭނާ ވަނީ އުޅެފަ އެވެ.
ކަށްވަޅު ކޮންމަ މީހެއްގެ މަސްއޫލިއްޔަތު އޭނާ އުފުލީ އެންމެ ހަ މަސް ދުވަސް ވަންދެނެވެ. އޭގެ ފަހުން ހަ މަސް ދުވަހުގެ ކޯހެއް ފުރިހަމަކޮށް، މީހުން ހިނެވުމުގެ ޒިންމާއާ ހަވާލުވި އެވެ.
"އޭރު މިތަނުގައި ތިބި އިސް ދެ މީހަކު އުމްރާ އަށް ވަޑައިގަތުމާ އެކު، އޭރުގެ އިސްލާމީ ކަންތައްތަކާ ބެހޭ މަތީ މަޖިލިހުން އަޅުގަނޑާ އެކަންކަން ހަވާލުކުރީ. އެއީ މިތަނުގެ އިދާރީ މަސައްކަތްތަކާއި ޖަމާއަތްތެރިންގެ ކަންކަމާއި މައްޔިތުން ހިނަވައި ވަޅުލުން،" މުނައްވަރު ބުންޏެވެ.
"ބަންދު ދުވަހެއް، ރޯދަ މަހެއް، އެހެން މަހެއް ނޯވޭ"
ޖަމާއަތްތެރިންގެ މަސައްކަތުގައި ނުވަ ފިރިހެނުންނާއި ނުވަ އަންހެނުން، އާ ސަހަރާގައި ހަރަކާތްތެރިވެ އެވެ. އެގޮތުން ކޮންމެ ޖަމާއަތްތެރިއަކަށް ހަ ގަޑިއިރު މަސައްކަތް ކުރަން އޮތަސް، މުނައްވަރު އެހެން މީހުންނާ ވަރަށް ބޮޑަށް ތަފާތެވެ. ޑިއުޓީ ނޫނަސް، މައްޔިތާގެ ކަންކަމުގައި އޭނާ އުޅެ އެވެ.
"ދަންވަރު ވިޔަސް، ފަތިސް ވިޔަސް، ކޮންމެ ވަގުތެއްގައި ވެސް އަޅުގަނޑު އުޅޭނެ މި ތަނުގައި. އަދި ތަނުގައި ކުރަން ޖެހޭ ކަންކަން ކުރުމަކީ ހަމަ ކުރާ ހިތުން ކުރާ ކަމެއް. ވަކި ކަމެއް ނޫން. މެއިންޓަނެންސް ހުރިހާ ކަމެއް ކުރަނީ އަޅުގަނޑު ހަމަ ވަރަށް ބޭނުންވެގެން،" މުނައްވަރު ބުންޏެވެ.
އާ ސަހަރާގެ ކޮންމެ މަސައްކަތެއްގައި ވެސް ބައިވެރިވުމަކީ މިއަދު އޭނާގެ އާދައެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެކަންކަން ކުރަނީ "ކުރަން ޖެހޭ މަސައްކަތެއްގެ ގޮތުގައި" ދެކިގެންނެވެ. އެއިން އެއްވެސް ކަމެއްގައި ކިތައްމެ ވަގުތެއް ހޭދަކުރަން ޖެހުނަސް އޭނާގެ ޝަކުވާއެއް ނޯވެ އެވެ. މުނައްވަރު ބުނަނީ "އާ ސަހަރާގައި ކަމެއް ކުރަންޏާ އެކަމެއް ކުރާނީ ހަމަ ހެޔޮ ހިތުން" ކަމަށެވެ.
ކަށުނަމާދު ޕޭޖްތަކުގެ ވެރިއަކީ މިއީ!
ކުރިއާ ހިލާފަށް ދިވެހިންގެ ތެރޭގައި ކަށުނަމާދަށް ދޭ ސަމާލުކަން މިހާރު ވަނީ ބޮޑުވެފަ އެވެ. މުއާސަލާތުގެ ފަސޭހަތައް ލިބެން ފެށުމާ އެކު އޭގެ ބޭނުންހިފައި، ކަށުނަމާދުގެ މައުލޫމާތު ގިނަ ބަޔަކަށް ލިބެ އެވެ. އެކަން ވެސް ފެށީ މުނައްވަރެވެ. އެންމެ ފުރަތަމަ އެސްއެމްއެސްއަކުންނެވެ. އޭގެ ފަހުން ވައިބާ އާއި ފޭސްބުކްގައި ކަށުނަމާދަށް ހާއްސަ ޕޭޖްތަކެއް ހެދި އެވެ. އެގޮތުން، ފޭސްބުކް ޕޭޖްގައި އެކަނި ވެސް 41،000 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ. ކަށުނަމާދެއް އޮތްކަން އޭނާ މިހާރު އިއުލާން ކުރަނީ ފޭސްބުކާއި ވައިބާ މެދުވެރިކޮށެވެ.
"ކޮންމެ ފަހަރަކު ވަކިވަކިން މީހުންނަށް އަންގާލުމަށް ވުރެ، ފަސޭހައީ، ޕޭޖްތައް މެދުވެރިކޮށް އަންގާލީމަ. ދަންވަރު މީހަކު މަރުވިޔަސް، އަޅުގަނޑު މިކޮޅަށް އައިސް މައުލޫމާތު ނަގައިގެން މިކަން ކުރަނީ،" ކަށުނަމާދު ޕޭޖް ހިނގާ ގޮތް ކިޔައިދިނެވެ.
މުނައްވަރު ބުނި ގޮތުގައި ކަށުނަމާދު ޕޭޖްތައް އާންމުންގެ ތެރޭގައި މިހާރު ވަރަށް މަގުބޫލެވެ. އެގޮތުން ރާއްޖޭގެ އިތުރުން ބޭރު ދިވެއްސަކު މަރުވިޔަސް ކަށުނަމާދު ޕޭޖް މެދުވެރިކޮށް އެކަން އިއުލާން ކުރުމަށް ވަރަށް ގިނަ އިން މީހުން އެދެ އެވެ.
"ދަންވަރު ވިޔަސް، ފަތިސް ވިޔަސް، ކޮންމެ ވަގުތެއްގައި ވެސް އަޅުގަނޑު އުޅޭނެ މި ތަނުގައި. އަދި ތަނުގައި ކުރަން ޖެހޭ ކަންކަން ކުރުމަކީ ހަމަ ކުރާ ހިތުން ކުރާ ކަމެއް. ވަކި ކަމެއް ނޫން. މެއިންޓަނެންސް ހުރިހާ ކަމެއް ކުރަނީ އަޅުގަނޑު ހަމަ ވަރަށް ބޭނުންވެގެން،" --މުނައްވަރު
ދިވެހިންގެ ކަމުނުދާ ސިފައެއް، ރަނގަޅު ކުރޭ!
އޭނާގެ ރަސްމީ މަސައްކަތުގައި މީހުންނަށް އިހުތިރާމްކުރުމުގެ ބައި ވަރަށް މަތީ ދަރަޖައަކަށް ގެންގުޅެ އެވެ. މީހަކު މަރުވުމަކީ އާއިލާއަކަށް ލިބޭނެ އެންމެ ފުން ހިތާމަ އެވެ. އެހެންކަމުން މައްޔިތެއްގެ ކަމަކާ އުޅުމަކީ، އެ ހިތާމައިގައި ވެސް ބައިވެރިވެ، މީހުންނަށް ލޯތްބާ އެކު މުއާމަލާތްކުރުމެވެ. އެކަމަކު އޭނާއަށް ފެންނަ ހުރިހާ މަންޒަރަކާ މެދު ހިތްހަމައެއް ނުޖެހެ އެވެ. އޭނާގެ އެދުމަކީ އެކަންކަން އާންމުން އިސްލާހުކޮށްދިނުމެވެ.
މުނައްވަރު ބުނާ ގޮތުގައި މައްޔިތާ ކައިރިއަށް ޒިޔާރަތް ކުރުމަކީ ދިވެހިންގެ މެދުގައި އޮތް ރީތި ސިފައެކެވެ. އެކަމަކު އޭނާގެ ކަންބޮޑުވުމަކީ ބައެއް މީހުން ސަހަރާއަށް ގޮސްއުޅޭ އިރު، އަޑުގަދަކޮށް، ބާރަށް ވާހަކަ ދައްކައި ހެދުމެވެ. ހާއްސަކޮށް މައްޔިތާގެ މޫނު ދައްކާ ގަޑީގަ އާއި ވަޅުލާ ގަޑީގައި ދައްކާ ބޭކާރު ވާހަކަތަކެވެ. އޭނާ ބުނަނީ "އެއީ ހުއްޓަން ޖެހޭނެ ކަމެއް" ކަމަށެވެ. އޭގެ ބަދަލުގައި އެ ހުރިހާ ވަގުތެއްގައި ވެސް މައްޔިތާ އަށް ހެޔޮ ދުއާ ކޮށްދޭން އޭނާ އެދެ އެވެ.
"ބައެއް ފަހަރު މަސް މާރުކޭޓަށް ވުރެ އަޑުގަދަވޭ. މި އަންނަނީ މީހަކު މަރުވެގެން. އެހެންވެ މިތަނަށް އައި ބޭނުން، މަގްސަދު ހާސިލްކޮށްފައި ދިޔައިމަ ހުންނާނީ ރަނގަޅަށް،" ބައެއް ދިވެހިންގެ ނުރަނގަޅު ސިފަ ފާހަގަކޮށް މުނައްވަރު ކިޔައިދިނެވެ.
މައްޔިތުންގެ ކަންކަމުގައި އޭނާ އެންމެ ފުރަތަމަ އުޅެން ފެށިއިރު ވަޅު ކޮނުން ފަދަ ކަންކަމުގައި ދިވެހިން ނޫން ބަޔަކު ނޫޅެ އެވެ. އެކަމަކު މިހާރު އާ ސަހަރާގައި ވަޅުކޮށްނަން ޖުމްލަ ނުވަ މީހުން އުޅޭ އިރު އޭގެ ތެރެއިން އަށް މީހުންނަކީ ބިދޭސީންނެވެ. އެއީ ވެސް އޭނާގެ ކަންބޮޑުވުމެކެވެ.
މުނައްވަރު ދެކޭ ގޮތުގައި ބިދޭސީންނަކީ ދީނީ ކަމެއްގެ ގޮތުގައި ދެކިގެން އެކަން ކުރާނެ ބައެއް ނޫނެވެ. އެހެންވެ ކަށްވަޅު ކޮނުން ފަދަ، މައްޔިތާއަށްޓަކައި ކުރަން ޖެހޭ އެންމެ ފަހުގެ ކަންކަމުގައި މުޅިން ވެސް ދިވެހިން އުޅޭތަން ދެކެން އޭނާ ބޭނުންވެ އެވެ.
"އަޅުގަނޑު މިތަނަށް އައިއިރު، ބިދޭސީން ވަޒީފާއަކު ނޫޅޭނެ،" މުނައްވަރު ބުންޏެވެ.
"މިކަން ކުރުން އެންމެ ރަނގަޅީ މައްޔިތާގެ ވާރިސުން ނުވަތަ އަހުލުވެރިން. އެއީ އެންމެ ހެޔޮ އަދި މޮޅު އިތުރު ގޮތަކީ ވެސް. އެއީ ވަޅު ކޮންނަން ވިޔަސް، ހިނެވުން ވިޔަސް، ކަށުނަމާދު ކުރުން ކަމުގައިވިޔަސް."
މިއަދު މުނައްވަރަކީ އެތައް ބައެއްގެ ލޯބި ލިބިފައިވާ ޒުވާނެކެވެ. އެންމެ ހިތްދަތި ވަގުތުތަކުގައި އާންމުންގެ އެހީތެރިޔާ އެވެ.