މުނިފޫހިފިލުވުން / އަޖޭ ދޭވްގަން

އަޖޭ ދޭވްގަންގެ "ދޭ ދޭ ޕިޔާރު ދޭ" ވަރަށް ކަމުގޮސްފި

ބުރާސްފަތި ދުވަހު ސިނަމާތަކުގައި ދައްކަން ފެށި، އަޖޭ ދޭވްގަންގެ އެންމެ ފަހުގެ ފިލްމު "ދޭ ދޭ ޕިޔާރު ދޭ" ކްރިޓިކުންނާއި ބެލުންތެރިންގެ ލޯބި ހޯދައިފި އެވެ.

ފިލްމުގެ ޓްރެއިލާ ދައްކައިލި ހިސާބުން ވެސް މި ރޮމޭންޓިކް ކޮމެޑީއަކީ ވަރަށް ވެސް ހިނގާނެ ފިލްމެއް ކަމަށް ބޮލީވުޑްގެ ވިޔަފާރި ދިރާސާ ކުރާ ފަރާތްތަކުން ވެސް އޮތީ ލަފާކޮށްފަ އެވެ. އެގޮތުން ފިލްމު ރިލީޒް ކުރުމާ އެކު އެ ފިލްމުގެ ފުރިހަމަކަމާއި މުނިފޫހި ފިލުވައި ދިނުން ބޮޑު ވާހަކަ އަންނަނީ މީޑިއާތަކުގައި ދެކެވެމުންނެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް އާކިވް އަލީގެ "ދޭ ދޭ ޕިޔާރު ދޭ" ގައި ކިޔައިދެނީ ކައިވެންޏެއްކޮށް ދަރިން ލިބި، ދަރިން ބޮޑެތިވާ ފަހުން ކައިވެނި ރޫޅިފައިވާ އުމުރުން 50 އަހަރުވީ ފިރިހެނެއް އަޝިޝް (އަޖޭ) ގެ ވާހަކަ އެވެ.

އޭނާ ލަންޑަނުގައި ދިރިއުޅެމުން ދަނިކޮށް، އެންމެ މި ޒަމާނުގެ އުމުރުން އެންމެ 26 އަހަރުގެ އައިޝާ (ރަކުލް ޕްރީތު ސިންގް) އާ ބައްދަލުވެ، ދެ މީހުންނަށް ލޯބިވެ އެވެ. އަދި އެއް ފުރާޅެއްގެ ދަށުގައި އުޅެން ފަށައި އެންމެ ފަހުން އައިޝާއާ ކައިވެނި ކުރުމުގެ މަގުސަދުގައި އޭނާ ގޮވައިގެން އަޝިޝް އިންޑިއާގައި ދިރިއުޅޭ އާއިލާގެ ގާތަށް ދެ އެވެ.

ފިލްމުގައި ދެން ކިޔައި ދެނީ ދަރިންގެ އުމުރުގެ އަންހެނަކާ ކައިވެނި ކުރަން އަޝިޝް އުޅުމުން އޭނާގެ ދަރިންނާއި ކުރީގެ އަނބިމީހާ މަންޖޫ (ތައްބޫ) އަދި އާއިލާގެ ފަރާތުން ކުރިމަތިވާ ލަދުވެތި ކަންތައްތަކެވެ.

"ދޭ ދޭ ޕިޔާރު ދޭ" ސްޓޯރީލައިން ވަރަށް ޝައުގުވެރި ކަމަށާއި މުޅި ފިލްމުގައި ހިނގާ ހާދިސާތަކަށް ބަލާ އިރު، ފިލްމަކީ ފޫހިކަމެއް ނެތި ބަލަން އިނދެވޭ އަދި ހީހީ ހަލާކުވާ ވަރުގެ ފިލްމެއް ކަމަށް ކްރިޓިކް ތަރަން އަދާޝް ބުންޏެވެ.

އޭނާ ވަނީ ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށް، "ދޭ ދޭ ޕިޔާރު ދޭ" އަށް ފަހެކުން ހަތަރު ތަރީގެ ރޭޓިންއެއް ވެސް ދީފަ އެވެ. ތަރަން ބުނި ގޮތުގައި މި ފިލްމުގެ ސްކްރީންޕްލޭއަކީ ވަރަށް ފަރުވާ ބަހައްޓައިގެން ލިޔެފައިވާ އެއްޗެއްކަން ފިލްމު ބަލައިލުން ސާބިތުކޮށްދެ އެވެ.

ސްކްރީންޕްލޭ ލިޔުނީ ފިލްމުގެ އެއް ޕްރޮޑިއުސަރު އަދި "ސޯނޫ ކީ ޓިޓޫ ކީ ސްވީޓީ" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ލަވް ރަންޖަން އާއި ތަރުން ޖެއިންގެ އިތުރުން ސުރާބީ ބަޓްނާގަރެވެ. އެ މީހުންގެ މަސައްކަތް ތައުރީފު ކުރަމުން ތަރަން ބުނީ "ދޭ ދޭ ޕިޔާރު ދޭ" އަކީ އެ ފިލްމުގެ ޕްލޮޓް ބިނާކޮށްފައި އޮތް ހާދިސާ އަށް ބަލާ އިރު، އެފަދަ ފިލްމަކުން ފެންނަން ވާނެ ހުރިހާ ރަހައެއް ހެޔޮވަރުކޮށްލައިގެން ފައްކާކޮށްފައިވާ އެއްޗެއް ކަމަށެވެ. އަދި މިއަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެނީ ލަވް އާއި ތަރުންގެ ހެއްވާ މަޖާ ޑައިލޮގްތައް ކަމަށް ވެސް ބުންޏެވެ.

އާކިވްގެ ޑައިރެކްޝަނާ ބެހޭ ގޮތުން ތަރަން ބުނީ އަލަށް ނުކުތް ޑައިރެކްޓަރަކާ ބަލާފައި އޭނާ ފިލްމަށް ކުރި މަސައްކަތަށް ތައުރީފު ހައްގު ކަމަށެވެ.

އަދި ފިލްމުގެ އެންމެ ހާއްސަ އުސްއައްޔަކީ ތަރިންގެ އެކްޓިން ކަމަށް ބުންޏެވެ. އެގޮތުން އަޖޭއަކީ ބެލުންތެރިންގެ މެދުގައި ސީރިއަސް ރޯލްތަކުން މަގުބޫލުކަން ހޯދި އެކްޓަރަކަށް ވިޔަސް "ގޯލްމާލް" ފަދަ ފިލްމުތަކާ އެކު އޭނާ މި ފަހުން ކުޅެފައިވާ ކޮމެޑީ ރޯލްތަކާ އެކު "ދޭ ދޭ ޕިޔާރު ދޭ" އަކީ ވެސް ވަރަށް މޮޅު އެކްޓިންއެއް ދައްކާފައިވާ ފިލްމެއް ކަމަށް ބުންޏެވެ. ތަރަން ފާހަގަ ކުރި ގޮތުގައި ފިލްމުގައި އަޖޭ ކުޅެން ޖެހުނު ރޯލާ އެކު އޭނާ ވަނީ "ވަރަށް ލޯބި އަދި އެހާމެ ނޯޓީ" ކެރެކްޓާއެއް ބެލުންތެރިން ހައިރާންކޮށްލާ ވަރަށް ގެނެސް ދީފަ އެވެ.

އަދި ތައްބޫ އާއި ރަކުލްގެ ރޯލްތައް ވެސް އެ މީހުން ވަރަށް މޮޅަށް ކުޅެފައިވާކަން ފާހަގަކޮށް، އޭނާ ބުނީ ތައްބޫ ފިލްމުގެ އިންޓަވަލް ފަހު ވަރަށް މޮޅަށް ހިފަހައްޓާލި ކަމަށެވެ.

މުޅި ފިލްމު ޖުމްލަކޮށް ވަރަށް "އެންޓަޓައިނިން" ކަމަށް ބުނަމުން ތަރަން ބުނީ މިއީ ބޮކްސް އޮފީހުގައި ވަރަށް ހިނގާނެ ފިލްމެއް ކަމަށެވެ. އަދި ފިލްމު ބަލާ މީހުން "ދޭ ދޭ ޕިޔާރު ދޭ" އާ ބެހޭ ގޮތުން ދައްކަން ހުރީ މުޅިން ވެސް މީގެ ރަނގަޅު ވާހަކަތައް ކަމުން ފިލްމުގެ ވިޔަފާރި ރަނގަޅު ވާނެ ކަމަށް ބުންޏެވެ.

ތަރަން ފާހަގަ ކުރި ގޮތުގައި "ދޭ ދޭ ޕިޔާރު ދޭ" ގެ ނިމުން ގެނެސްފައި ވަނީ މީގެ ދެވަނަ ބަޔަކަށް މަގުކޮށައިދޭ ކަހަލަ ގޮތަކަށްވާތީ، ބެލުންތެރިން އެކަމަށް ވެސް އިންތިޒާރު ކުރާނެ އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454