20 މެއި 2019 - 17:58
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅެނިކޮށް އަތުލައިގަތް އީރާނުގެ ބޯޓުގައި މަސްތުވާތަކެތި ހުރި ކަމަށް ބެލެވިގެން ކުރިން ދެ ފަހަރަކު ހިފެހެއްޓި ކަމަށް ފުލުހުންނާއި ސިފައިން މިއަދު ބުނެފި އެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން މި މަހުގެ ހަތް ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އީރާނުގެ ބޯޓުން 49 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. އެ ބޯޓުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރީ ވަރަށް ބޮޑަށް ފޮރުވައިފަ އެވެ. އަތުލައިގަތް ބޯޓުގެ ހަތް ފަޅުވެރިން ތިބީ ހައްޔަރުކޮށްފަ އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް އަދި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ، އީރާނުގެ ބޯޓު ދެ ފަހަރެއްގެ މަތިން ހިފެހެއްޓީ ރާއްޖެ އިން ބޭރުގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް ކަމަށެވެ.
އެ ބޯޓު ބަލައި ފާސްކުރި އިރު، އިތުރު މަސްތުވާތަކެތި ރައްކާ ކުރާނެ ޖާގަތަކެއް ހުރި ކަމަށާއި އެހެންކަމުން އެ ބޯޓުން ފެނުނު މަސްތުވާތަކެއްޗަށް ވުރެ އިތުރު މަސްތުވާތަކެތި އެ ބޯޓުގައި އުފުލި ކަމަށް ބެލެވޭ ކަމަށް ވެސް ޝާކިރު ވިދާޅުވި އެވެ.
"މިއީ މަސްތުވާތަކެތި ސަޕްލައި ކުރާ ބޯޓެއްގެ ގޮތުގައި ފާހަގަ ކުރެވެނީ،" ޝާކިރު ވިދާޅުވި އެވެ.
ޝާކިރު ވިދާޅުވި ގޮތުގައި ބޯޓުގައި އީރާންގެ ހަ މީހަކާއި ޕާކިސްތާނުގެ މީހަކު ވެސް ހުއްޓެވެ. މި ބޯޓުން ފެނުނު މަސްތުވާތަކެއްޗާ ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓައި ފެނުނު 149 ކިލޯގެ މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއްވޭތޯ ބަލަމުންދާ ކަމަށް ޝާކިރު ވިދާޅުވި އެވެ.
ފުލުހުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަންގައި އަތުލައިގަތް ހިރޮއިން އާއި ކެނަބިސްގެ އަގު 260 މިލިއަން ރުފިޔާއަށް އަރަ އެވެ.
ޝާކިރު ވިދާޅުވީ އެ އޮޕަރޭޝަން ފެށީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ 150 މޭލު ބޭރުން މަސްތުވާތަކެއްޗާ އެކު ލޯންޗެއް ދަތުރު ކުރާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުުނު ހިސާބުން ކަމަށެވެ. އެއާއެކު، ފުލުހުންގެ ޓީމެއް ލޯންޗު ދަތުރު ކުރާ ސަރަހައްދަށް ދިޔަ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ފަޅު ރަށުގައި ވަޅުލާފައި ހުއްޓައި ފެނުނު މަސްތުވާތަކެތި.
"މި ދެންނެވި ލޯންޗުގައި މަސްތުވާތަކެތި ގެނައުމަށް ފަހު، ލޯންޗުން ޑިންގީން ޓްރާންސްފާ ކުރެވި ޑިންގީން ފަޅު ރަށަށް ބާލައިގެން މަސްތުވާތަކެތި ވަޅުލާފައި ވަނީ،" ޝާކިރު ވިދާޅުވި އެވެ.
ހަ ގޯންޏެއްގެ ތެރޭގައި ވަޅުލާފައި ހުއްޓައި ފެނުނު މަސްތުވާތަކެތި ހުރީ ވަރަށް ބޮޑަށް ފޮރުވައި މީހެއްގެ ހިލަމެއް ނުވާ ގޮތަށް ބަންދުކޮށްފައި ކަމަށް ވެސް ޝާކިރު ވިދާޅުވި އެވެ.
ފަޅު ރަށުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރު ކުރި ފަސް މީހުން. --- ފޮޓޯ: ޕޮލިސް
ފަޅު ރަށުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ ފަސް މީހެކެވެ. އެއީ، ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހަލީލް 42، ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު 35، ގއ. ނިލަންދޫ ފިރްޝާންވިލާ އަލީ ޝާކިރު 30، ގއ. ކޮނޑޭ ގަހާކޯޅި އަހުމަދު އަނިލް 34 އަދި ގދ. ގައްދޫ އެދުރުގެ ޔާމިހް ހާލިދު 23 އެވެ. އެމީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާކިރު ވިދާޅުވި ގޮތުގައި ފަޅު ރަށުގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ ކިހިނެއް އެތެރެ ކުރި އެއްޗެއް ކަން މިހާތަނަށް އައިއިރު، ސާފުވެފައެއް ނެތެވެ. އެކަމަކު، ތަހުގީގު އެއްކޮށް ނިމުމުން އެއީ ކޮން ދިމާލަކުން އައި އެއްޗެއް ކަން އެނގިގެން ދާނެ ކަމަށް ވެސް ޝާކިރު ވިދާޅުވި އެވެ.
ފަޅު ރަށުގައި މަސްތުވާތަކެތި ވަޅުލާފައި ހުރި ކަން އެނގުނީ މި މައްސަލައިގައި ހައްޔަރު ކުރި މީހުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ޝާކިރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުމައިނީ
21 May 2019
ތިޔަ 5 ސޮރުންނަކީ 260 މިލިޔަން ރުފިޔާގެ ޑްރަގު ގަނެގެން ގެނެވޭނެ ފެންވަރު ހުރި ބައެއްހެނެއް ހިޔެއްނުވޭ. ހައްޔަރު ކުރެވިފައި ތިޔަ ތިބީ ލޭބަރުން ކޮޅު. އަސްލު މައި މުގޫ ނުހޯދެނީސް ތިކަމެއް ނުނިމޭނެ.
8888
21 May 2019
އެއުޅޭ ޔޫރަޕް ކުދިންކޮޅު ކޮންމެ އެއްޗެއް ކިޔަސް ތިޔަ 5 މީހުންނަށް މަރުގެ އަދަބު ދިނުމަށް ރައްޔިތުންގެ ހިތް ހަލާލެވެ. އަވަހަށް ދީ. އެއްފަހަރު ދޭން ޖެހޭނީ. އެނިމުނީ. ނޫނީ ތިޔަ އޮޕަރޭޝަންގައި މަސައްކަތްކުރާ ފުލުހުން އަތަށް ފިސްތޯލަދީ. އެއި ވަރަށް ނުރައްކާތެރިކަމެއް އެފަދަ ބޯޓުތަކަށް އެރުމަކީ.
ހަސަން
21 May 2019
ބަލަ ލޯންޗުގަ ތިއްބަ ހަޔަރު ނުކުރީކީވެ? އެމީހުން އަތުން ރިސްވަތުގެ ފައިސާ ގިނައިން ލިބޭނެކަން އިގޭތީދޯ ފަޅުރަށެއްގަ ހުންނައެއްޗަކަށް ބަޔަކުޒިންމާވާކައްނުޖެހޭދޯ މީހަގީގަތަކީ މިކަމުގެނިމުމަކީވެސްމީ ސަރީއަތް ހިގަނީބޭރުފުށަ!
ކުޑަކަކޫ
21 May 2019
އަނެއްކާ ލޯންޗުގެވެރިމީހާ ސަލާމަތްކުރަންބާ. މިކަހަލަކަންތަށްތަކުގަބޭނުންކުރާއުޅަދުފަހަރުގެ ވެރިފަރާތުގެމައުލޫމާތުވެސް ހާމަކޮށްލަދިނުންފެނޭ
ވާދޫ
20 May 2019
ޢެބަ ރަނގަޅުވޭ ހާމަ ކުރަންވީ މަސްތުވާ ތަކެތީގެ ފޮޓޯއެއް ނޫން އަތުލައިގަނެވުނު ވަގުންގެ ފޮޓޯ
އިބުރާ
20 May 2019
ކީއްކުރަންތަ އިރުއިރުކޮޅާ ހިފަހައްޓާފައި ދޫކުރަނީ! މަސްތުވާތަކެތި ސްމަގްލކުރާ އެއްޗެއްކަން ޔަގީންވާ ހިސާބުން މީހުންނާއި، މަސްތުވާތަކެއްޗާއި އެކު ބޯޓު ފައްތާލި ނަަމަ އިތުރަކަށް ތިކަމެއް ނުހިގީސް
ޢަލިދީދީއައްޑޫސިޓީ
20 May 2019
19 ވަނަ މަޖިލިސް ފެށުމާއެކު، ޤާނޫނެއް ފާސްކުރަންވީ، މީގެފަހުން ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކުރާ އުޅަނދުތައް ދައުލަތަށް ނަގައި ނައްތާލެވޭނެކަމަށް. އެހެން ބައެއް ގައުމުތަކުގައި މަސްތުވާ ތަކެތި އެތެރެކުރާ މީހުނަށް މަރުގެ އަދުބު ދެނީ. ރާއްޖޭގައި އެކަން ނުކުރެވެންޏާ، މިފަދަ އުޅަނދުތައް އެމީހުން ކުރިމަތީ އަންދާލަން ވެއްޖެ ނޫންތޯ؟ ގައިމު އޭރަކުން އެއް އުޅަނދެއް ދެވަނަފަހަރަށް ތިންވަނަފަހަރަށް ނޫނީ ހަތަރުވަނަފަހަރަށް ޑްރަގުބަރުކޮށްގެން ނާންނާނެތާ!
ހޯރަބޭ
20 May 2019
ތި ކަންކަމަށް ފަންޑުކުރާބަޔަކު ނުހޯދިގެން ތި އުޅެނީ ކީއްވެތަ?
ހަކީމް
20 May 2019
އެހެން ގައުމުތަކުގައި ހަދާހެން މަރުގެ ހުކުން ނުކުރަނީހެއް މިކަމެއް މަދެއް ނުވާނެ ، ވާނި ގިނަ. އިންޑޮނޭޝީޔާ ކަހަލަ ގައުމުތަކުގައި މިކަން ހިފެހެއްޓިފައި އެއޮތީ، މަރުގެ ހުކުން ކޮށް ތަންފީޒް ކުރާތި ....
ހސހސހ
20 May 2019
މިތާ މަރުގެ ހުކުމް ތަންފީޒު ނުކުރެވޭނެ ކާފަރުން ދެކެ ބިރުން
ޕޮލިސް
20 May 2019
ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ހުއްޓުވާ ބަލާފާސްކުރީ ކޮން މުއާހަދާއެއްގެ ދަށުންބާ؟
އަދާ
20 May 2019
ބައިނަލްއަގްވާމީ ވިޔަސް އިންޓަނޭޝަލް ލޯ ތަކާއި ހިލާފުކަމެއް ޑްރަގް ޓްރެފިކުރުމަކީ. އެހެންނޫނަސް އެބޯޓު ހިފެހެއްޓީ ރާއްޖޭއަށް ޑްރަގް އެތެރެކުރާކަމުގެ ތުހުމަތުގަ. ކޮންމެތަނެއްގަ އޮތަސް މިރާއްޖެއަށް ޑްރަގް އެތެރެކުރަންޏާ ހިފެހެއްޓެންޖެހޭނެ. އެއީ އެ ބޯޓުވެސް ރާއްޖެއަށް ޑްރަގް އެތެރެެކުރަނީ އެއްވެސް މުއާހަދާއެއްގެ ދަށަކުންނޫން. އަދި މުއާދާއެއްގެ މައްޗަކުންވެސް ނޫން.
ހަޒާނާ
20 May 2019
ހަން ނެގީމަ ކިޔާދޭނެއެވެ. ފިރުމާލީމަ ނުބުނާނެއެވެ.