03 ޖޫން 2019 - 09:38
ބާސެލޯނާ (ޖޫން 3) - ސްޕެނިޝް ކަޕް ފައިނަލު ނުކުޅެ ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް ކަކުލުގެ އޮޕަރޭޝަނެއްކުރީ ގައުމީ ޓީމަށް އިސްކަންދިނުމުގެ ގޮތުން ކަމަށް ދެކެވޭ ވާހަކަތަކަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ރައްދުދީފި އެވެ.
މި ސީޒަނުގައި ސުއަރޭޒްގެ ފަރާތުން ފެނުނު ކުޅުމަށް ބާސެލޯނާގެ ބައެއް ސަޕޯޓަރުންގެ ފަރާތުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އަދި އެ އަޑުތައް ގަދަވީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުން ސުއަރޭޒްގެ ކުރީގެ ޓީމު ލިވަޕޫލް އަތުން ބަލިވެ އެ މުބާރާތުން ބާސެލޯނާ ކެޓުމުންނެވެ. އެ މެޗުން ބާސެލޯނާ ބަލިވިއިރު އޭގެ ފަހުން ސުއަރޭޒް ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އެއާ އެކު ސުއަރޭޒަށް ސީޒަން ނިމުނެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސްޕެނިޝް ކަޕްގެ ފައިނަލުގެ ކުރިން ސުއަރޭޒް އޮޕަރޭޝަން ކުރީ މި މަހު 14 ވަނަ ދުވަހު ބްރެޒިލްގައި ފަށާ ކޮޕަ އެމެރިކާ އަށް ފިޓްވުމުގެ ގޮތުންނެވެ. ސްޕެނިޝް ކަޕް ފައިނަލުގައި ވެލެންސިއާ އަތުން 2-1 އިން ބާސެލޯނާ ބަލިވި މެޗުން ބަލަން ސުއަރޭޒް ދިޔަ އެެވެ.
މެސީ ބުނީ ސުއަރޭޒާ މެދު މީޑިއާގައި ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
"ވަރަށް ބޮޑަށް އެބަ ދެކެވޭ ސުއަރޭޒް ސްޕެނިޝް ކަޕް ފައިނަލުގައި ނުކުޅެ އޮޕަރޭޝަން ކުރީ ކޮޕަ އެމެރިކާ އަށް އިސްކަންދޭން ކަމަށް. އެކަމަކު ހަގީގަތަކީ ކަކުލަށް އަނިޔާވެ ހުރެ ވެސް ސުއަރޭޒް ވަނީ ގިނަ މެޗުތަކެއް ކުޅެފައި. އެ އަނިޔާ ގޯސްވީ ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި. އޮޕަރޭޝަން ކުރީ އިތުރު ގޮތެއް ނެތީމަ،" ފޮކްސް ސްޕޯޓްސް އާޖެންޓީނާ އަށް ދިން އިންޓަވިއުއެއްގައި މެސީ ބުންޏެވެ.
ސުއަރޭޒް އެންމެ ފުރަތަމަ ބޭނުންވީ ސްޕެނިޝް ކަޕް ފައިނަލަށް ފަހު އޮޕަރޭޝަން ކުރަން ކަމަށާއި އެކަމަކު އެގޮތަށް ބާސެލޯނާގެ މެޑިކަލް ޑިޕާޓްމަންޓުން ބޭނުންނުވި ކަމަށް މެސީ ބުންޏެވެ.
އަނިޔާގައި ހުރި ނަމަވެސް ސުއަރޭޒް ވަނީ އުރުގުއޭގެ ކޮޕަ އެމެރިކާ ސްކޮޑުގައި ހިމަނައިފަ އެވެ. އުރުގުއޭގެ ކޯޗު އޮސްކާ ޓަބަރޭޒް ބުނީ ސުއަރޭޒަކީ އަނިޔާއިން ރިކަވާވުމުގައި މީގެ ކުރިން ވެސް އަމިއްލަ މަސައްކަތުން ތަފާތު ދައްކާފައިވާ ކުޅުންތެރިޔެއް ކަމަށާއި ކޮޕަ އެމެރިކާގެ މުހިއްމު މެޗުތަކަށްދާއިރު އޭނާ އަށް ކުޅެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
އުރުގުއޭ އަކީ ކޮޕަ އެމެރިކާގެ އެންމެ ކާމިޔާބު ޓީމެވެ. އެންމެ ފަހުން އުރުގުއޭ އިން 2011 ވަނަ އަހަރު މުބާރާތުގެ ތަށި އުފުލާލިއިރު މޮޅު ކުޅުންތެރިއަކީ ސުއަރޭޒް އެވެ. މި ފަހަރުގެ މުބާރާތުގައި އުރުގުއޭ ލައްވާލީ އެކުއެޑޯ އާއި އެންމެ ފަހުގެ ޗެމްޕިއަން ޗިލީގެ އިތުރުން އިންވިޓޭޝަނަލް ޖާގައެއްގައި ވާދަކުރާ ޖަޕާން އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްބެ
03 June 2019
ސުއަރޭމެންނަކައް މިހާރު ރަނގަޅުކުޅުމެއް ނުދެއްކެއެއްނު މިހިސާބުން ދެން ސުއަރޭމެން އަމިއްލަޔަށޭ ކުލަބު ދޫކުރަންޖެހޭނި، އޭރުންދޯ ސަޕޯޓަރުންގެ ލޯބި ލިބޭނި އެއީއެއްނު ބޭނުމަކީ..
ނަނު
03 June 2019
ކަލެޭ އަންގައޭކިޔާބަލަ