ކޮކޯ ޕާމް ދުނިކޮޅު ރިސޯޓްގެ ޓާޓްލް ރެސްކިއު ސެންޓަރުގައި ވެލަޔަކަށް ކާންދޭއިރު ދަރިވަރުންތަކެއް ފޮޓޯ ނަގަނީ
11 ޖޫން 2019 - 21:42
ތިމާވެއްޓާއި ދިރޭތަކެތީގެ ހިމާޔަތުގައި މަސައްކަތްކުރަން ލޯބިކުރާ ނަމަ މިވަރުގެ ފުރުސަތެއް މަދުވާނެ އެވެ. ބ. އަތޮޅުގައި ހިންގާ ފަސްތަރީގެ ރިސޯޓެއް ކަމަށްވާ ކޮކޯ ޕާމް ދުނިކޮޅުގައި ވެލާ ހިމާޔަތްކޮށް އެސޮރުމެންނަށް ރައްކާތެރި މާހައުލެއް ހޯދަައިދޭން ހިންގާ ސެންޓަރުގައި ދުވަސްކޮޅަކު މަސައްކަތްކޮށްލަދޭނެ މީހަކު ބޭނުންވެގެން އެބަ ހޯދަ އެވެ.
ވެލާތައް ބަލަހައްޓަން 14 ދުވަހުގެ މުއްދަތަކަށް އިންޓާނެއްގެ ގޮތުގައި، އަންނަ އޯގަސްޓް މަހަށް މީހަކު ބޭނުންވެގެން ހޯދާއިރު އެ މަގާމުގެ ޒިންމާއަކަށް ވާނީ ވެލަޔަށް ކާންދިނުމާއި އެސޮރުމެންގެ ޓޭންކްތައް ސާފުކުރުމާއި އަނިޔާވެފައި ހުންނަ ވެލާތަކުގެ ސާޖަރީ ހަދާއިރު އެހީވުން ފަދަ ކަންކަމެވެ. މި ހުރިހާ ޒިންމާއަކާ އެކު ރިސޯޓްގައި ހިލޭ ހުރެވޭނެ އެވެ.
މީގެ އިތުރުން، ޓާޓްލް ރެސްކިއު ސެންޓަރުގައި ބޮޑުކޮށް އަދި ފަރުވާ ދިނުމަށް ފަހު ކަނޑަށް ވެލާ ދޫކުރުމަކީ ވެސް އިންޓާނަކަށް ހޮވޭ މީހާ އަށް ކުރަން ޖެހިދާނެ ކަމެކެވެ. އަދި ހާލުގައި ޖެހިފައިވާ ވެލާ ހޯދައި އެ އެއްޗެހި ސެންޓަރަށް ގެނައުމާއި ސާމްޕަލް ނެގުން ފަދަ ކަންތައް ކުރަން ޖެހޭނެ އެވެ. މީގެ އިތުރުން ދެން އޮތީ ރިސޯޓްގައި ވެލަޔަށް އެހީވުމަށް ކުރާ މަސައްކަތްތައް ސޯޝަލް މީޑިއާގައި ދައްކާލުމުގެ މަސައްކަތެވެ.
ކޮކޯ ޕާމް ދުނިކޮޅު ރިސޯޓްގެ ޓާޓްލް ރެސްކިއު ސެންޓަރުގައި އޮތް، އެއް ފިޔަގަނޑު ނެތް ވެލައެއް ދައްކާލަނީ
ރިސޯޓުން ދޭ "ސަމަ އިންޓާން" ގެ މި ފުރުސަތު، މިގޮތަށް އެހެން ތަންތަނުން ދޭ ވަޒީފާތަކުގެ އުޖޫރައާ ވަރަށް ތަފާތެވެ. މިއީ ތަޖުރިބާ ހޯދުމުގެ ފުރުސަތާ އެކު ދޭ ވަގުތީ ވަޒީފާއަކަށް ވުމުން މުސާރައެއް ނެތެވެ. ވަޒީފާ އަށް ހޮވޭ މީހަކު ރިސޯޓަށް ދިއުމަށް ޓިކެޓާއި ރިސޯޓުގައި ހުރުމާއި ކެއުން ހަމަޖައްސައިދޭނެ އެވެ. އަދި މަސައްކަތެއް ނެތް ނަމަ ސަންސެންޓް ކްރޫޒް އާއި ބީޗް ބާބެކިއު އާއި ސްނޯކެލިން ފަދަ ކަންކަމުގައި ހިލޭ ބައިވެރިވެވޭނެ އެވެ.
މިކަމަށް މީހަކު ހޮވުން ވެސް އޮތީ މުބާރާތެއް ގޮތަށެވެ.
މިކަމަށް ޝައުގުވެރިވާ، އުމުރުން 18 އަހަރުން މަތީގެ މީހުން ކުރަންޖެހޭ ކަމަކީ 2-3 މިނެޓްގެ ވީޑިއޯއެއް ހަދައި އެ ވަޒީފާ އަށް އެ މީހަކު އެކަށީގެންވަނީ ކީއްވެގެން ބަޔާންކޮށް 500 ބަހުގެ ސިޓީއެއް ލިޔެ ހުށަހެޅުމެވެ. އިންޓާންގެ ފުރުސަތު ލިބޭނީ ކުރިމަތިލާ މީހުންގެ ތެރެއިން ހޮވޭ އެކަކަށެވެ.
އަނިޔާ ލިބިފައިވާ ވެލާ ކަހަނބު ސަލާމަތްކޮށް، އެއަށް ފަރުވާކުރުމަށް ހާއްސަ ސެންޓަރެއް ކޮކޯ ޕާމް ދުނިކޮޅުގައި ހުޅުވީ 2017 ވަނަ އަހަރު އެވެ. މިއީ ވެޓެރެނަރީ ޑޮކްޓަރަކާ އެކު ރާއްޖޭގައި ހުޅުވި މިފަދަ ފުރަތަމަ ސެންޓަރެވެ. އެކަމަށް ހާއްސަކޮށްގެން "ޓާޓަލް ރެސްކިއު ސެންޓަރު" ހުޅުވީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށް ވިޔަސް، އިންޑިއާ ކަނޑުގައި މަސްވެރިން ދޫކޮށްލާ ދަލުން ވެލާ ކަހަނބު ސަލާމަތް ކުރުމަށް ހިންގާ ބައިނަލްއަގްވާމީ ޖަމިއްޔާ، އޮލިވް ރެޑްލީ ޕްރޮޖެކްޓާ ގުޅިގެން މި މަސައްކަތް ކޮކޯގެ ރިސޯޓުތަކުން ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލާހު
12 June 2019
ވޭލާނުޖެހޭ ކޮންމެހެން ތިގޮތައް ހިމާޔައް ކުރާކައް މިބުނީ ވެލާހިފައިގެން ޓެންކައް ލައިގެން ގެންޅެއް ޖައްސާ ސުޓައްޓުތިއީ! މިހާރުވެސް ރާއްތެރެ އާދާގެ ސޮރަކު ވޭލާހިމާޔަތް ކުރަނިއޭކިއައިގެން ތިގޮތައް ޓޭކުތަކުގަ ގެންގުޅިބަލަ އެވާނެ ބޮޑު މައްސަލަޔަކައް ތިއައްވުރެ ރަނގަޅުވާނެ މޫދައް ކުނި އެޅުން ހުއްޓާލިއާ
އެމީހާ2
12 June 2019
މީ ރިސޯޓް ޕްރޮމޯޓްކުރަންވެގެން ޖައްސާ ސްޓަންޓްއެއް، ދޮން މީހެއް ނަގާނެ ކަމަށް ފެންނަނީ
މަރީ ދިޑީ
11 June 2019
މަސައްކަތުމީހެއް ހޯދަނީ އަގުހެޔޮކޮށް. ކޯޕްރޯޓް ގުރީޑީނަސް ޓު މެކްސް
ބުއްޅަބޭ
11 June 2019
އެބައުޅޭ ޖާބިރު ކިޔާ މީހަކު، މިހާރު ކުރަނީ ދެރަށް ދެމެދު ކޭބަލް ކާރު އެޅުމުގެ މަސައްކަތް،
ވާލުސޮރު.
11 June 2019
ތިޔަ ކަމުގަ އުޅެން އޮތް މުއްދަތު މާ ކުރީ. އެހެންނޫންނަމަ މަވެސް ކުރިމަތިލީމުސް.