ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް (ކ) ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
14 ޖޫން 2019 - 02:21
ސުޕްރީމް ކޯޓުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ، އެ ކޮމިޝަންގެ ގިނަ މެމްބަރުން އެ ކޯޓަށް ފާޑު ވިދާޅުވި އިރު، ކޮމިޝަންގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް ސުޕްރީމް ކޯޓުގެ ދިފާއުގައި މިރޭ ވާހަކަފުޅު ދައްކަވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ޖޭއެސްސީގެ 10 މެމްބަރުންގެ ތެރެއިން ހަތް މެމްބަރުން ހާޒިރުވެވަޑައިގެންނެވި އިރު، ބައްދަލުވުމުގައި އެންމެ ބޮޑު ބަހުސެއް މެމްބަރުން ކުރެއްވީ ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން ކޮމިޝަނުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި މައްސަލައިގަ އެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނިންމުމަށް އަމަލު ކުރަން ފަސް ކުރަން ސުޕްރީމް ކޯޓުން އެންގިޔަސް، އެ ކޮމިޝަންގެ ނިންމުމާ އެއްގޮތަށް ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ޖޭއެސްސީގެ މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ނިންމައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ޖޭއެސްސީގެ މެމްބަރުން މިއަދު މަޖިލިހަށް ވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
މަޖިލިހުގެ މެމްބަރުން ޖޭއެސްސީއާ އަމާޒު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައި އަރީފް ވިދާޅުވީ، ގާނޫނުއަސާސީގައިވާ ގޮތުން ސުޕްރީމް ކޯޓަކީ އެންމެ ފަހު ބަސް ބުނާ ފަރާތް ކަމަށެވެ. އަދި ކޯޓުން އަބްދުﷲ ދީދީގެ މައްސަލައިގައި އަމުރު ނެރުނީ އިޖުރާއާތުތަކާ އެއްގޮތަށް ކަމަށް އަރީފު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ފަހު، ޖޭއެސްސީން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ތައާރަޒްވާ ކަމަކަށް ފެނިވަޑައިގަތީމުން، އެ ބައްދަލުވުމުން ތަނާޒުލް ވެވަޑައިގެންނެވި ކަމަށް އަރީފު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ޖޭއެސްސީ އަށް ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވައި އަރީފު ވިދާޅުވީ ޖޭއެސްސީގެ މެންބަރަކަށް ވަޑައިގެން މަސައްކަތް ކުރަން ފެއްޓެވި ފަހުން އެ ކޮމިޝަނަށް ސުޕްރީމް ކޯޓުގެ އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށެވެ. އަރީފު ވިދާޅުވި ގޮތުގައި ޖޭއެސްސީގައި ފަނޑިޔާރުންގެ ކަންކަމާއި ވޯޓު ދިނުން ފަދަ ކަންކަން ކުރިއަށް ގެންދަނީ ވަރަށް މިނިވަން ކަމާ އެކު އެވެ.
"އަޅުގަނޑަށް ޔަގީންކޮށް އަރުވަން ކެރޭ ކަމަކީ ސުޕްރީމް ކޯޓުގެ އެއްވެސް ނުފޫޒެއް ފޯރުވުމަށް މެންބަރުންނަށް އެއްވެސް ކަމެއް އަންގާފައި ނޯންނާނެ، ދަންނަވާފައި ނޯންނާނެ،" އަރީފު ވިދާޅުވި އެވެ.
ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (ކ-2) ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޖޭއެސްސީ އަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ގިނަ ކަންކަމަކީ ފަނޑިޔާރުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ނުބަލައި ދޫކޮށްލާފައި ހުރި މައްސަލަތައް ކަމަށް ވެސް އަރީފު ވިދާޅުވި އެވެ. އަދި ފަނޑިޔާރުންނަށް ނަސޭހަތްދީ، އެހެން ކޯޓުތަކަށް ބަދަލުކޮށްފައި ހުންނާނެ ކަމަށް އަރީފް ވިދާޅުވި އެވެ.
އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ޖޭއެސްސީ އަށް އައްޔަން ކުރެއްވި މެމްބަރު އަދި ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރަކީ ޖޭއެސްސީގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބަށް ހުރަސް އަޅައި އެ ކޯޓުން ނެރުނު އަމުރެއް ކަމަށެވެ.
ބަންޑާރަ ނައިބު އަދި ޖޭއެސްސީގެ މެމްބަރު އިބްރާހިމް ރިފްއަތު ވިދާޅުވީ، ސުޕްރީމް ކޯޓުން ނިންމާފައި ހުރި ނިންމުންތަކުގައި މަޖިލިހުގެ ބާރާއި މަސްއޫލިއްޔަތުތަކަށް އަސަރު ކުރާ ގޮތަށް ކަންކަން ހިމެނޭ ކަމަށެވެ. މިސާލެއްގެ ގޮތުގައި ރިފްއަތު ނެންގެވީ ކޯޓުތަކާ ބެހޭ ގާނޫނުގެ ގިނަ މާއްދާތައް ކޯޓުން ބާތިލް ކުރުމެވެ.
މީގެ އިތުރުން، ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން އުފައްދަން ޖެހޭ ޖުޑިޝަލް ކައުންސިލް ސުޕްރީމް ކޯޓުން އުވާލުމަށް ފަހު، އެ ކޯޓުގެ އަމިއްލަ އިސް ނެގުމަށް އެފަދަ ކައުންސިލެއް އެކުލަވާލައި، އެތަނުގެ މަޝްވަރާގެ މަތިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަމަލު ކުރައްވަމުން ގެންދަވާ ކަމަށް ރިފްއަތު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނު ހަދާ މަޖިލިހަށް ލިބިދީފައި އޮތް ބާރެއް، ފަނޑިޔާރުގެ އަށް ބޭނުމެއް ނުކުރެވޭނެ. ބޭނުން ކޮށްގެން ވެސް ނުވާނެ. އެއީ ގާނޫނުއަސާސީގެ ރޫހެއް ވެސް ނޫން. އެހެންވީމަ އެކަން ހުއްޓުވައި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ،" ރިފްއަތު ވިދާޅުވި އެވެ.
ރިފްއަތު ވިދާޅުވި ގޮތުގައި ޖޭއެސްސީގެ ބާރުތަކާއި މަސްއޫލިއްޔަތުތަކަށް އެކި ސިފަސިފައިގައި ސުޕްރީމް ކޯޓުން ނޭދެވޭ އަސަރުތައް ވަނީ ފޯރުވައިފަ އެވެ. ވޭތުވެދިޔަ ހަ މަސް ދުވަހަށާއި ލިޔެކިޔުންތަކަށް ބެލި ކަމުގައިވިޔަސް، އެކަން ފެންނަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިރޭގެ ކޮމިޓީ ބައްދަލުވުމުގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ސުޕްރީމް ކޯޓުން އެބަހުރި ސިޓީ ބަދަލުކޮށް، ކަންތައްތައް ކުރުމަށް އަންގާފައި. އެއީކީ އެކަން ކުރެވިގެން ވާނެ ގޮތެއް ކަމަށް ގަބޫލެއް ނުކުރަން،" ގާނޫނުއަސާސީގައި ޖޭއެސްސީގެ ބާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިމެނޭ ގޮތަށް އަދުލުއިންސާފު ގާއިމު ކުރުމުގެ މަސައްކަތުގައި އުޅޭ އެންމެހައި މީހުންގެ މައްޗަށް ހިނގާނެ ކަން ބަޔާންކޮށްފައިވާ ކަން ފާހަގަ ކުރައްވައި ރިފްއަތު ވިދާޅުވި އެވެ.
ރިފްއަތު ވިދާޅުވީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮވެއްޖެ ނަމަ، އެ މައްސަލައެއް ބެލެން ޖެހޭނެ ކަމަށެވެ. ފަނޑިޔާރުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުއަސާސީން ޖޭއެސްސީއާ ހަވާލުކޮށްފައިވާ ކަން ވެސް ރިފްއަތުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ އެއްވެސް އިޖުރާއާތަކާ ހިލާފަކަށް ނޫނެވެ. އެއީ ޖޭއެސްސީ އަށް ލިބިދޭ އިހްތިޔާރާއި ބާރާ އެއްގޮތްވާ ގޮތުގެ މަތިން ނިންމި ނިންމުމެއް ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ. އަދި ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަން ފުލުހުން ހާމަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖޭއެސްސީ އަށް އިންތިހާބުކުރި ފަނޑިޔާރު މުހައްމަދު އީސާފުޅު ވިދާޅުވީ ޖޭއެސްސީގެ ތެރޭގައި އޮތީ ވީހާ ވެސް ބޮޑަށް ފޮރުވިގެން ކަންކަން ކުރުމުގެ ސަގާފަތެއް ކަމަށެވެ. އަދި ޖޭއެސްސީން ފުރިހަމަ ގޮތުގައި ޒިންމާ އަދާކުރެވުނު ނަމަ، މިހާރަށް ވުރެ ފުރިހަމަ ފަނޑިޔާރުގެއެއް ރައްޔިތުންނަށް ފެނުނީސް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖޭއެސްސީގެ މެމްބަރު މުހައްމަދު އީސާފުޅު މިރޭގެ ބައްދަލުވުމުގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
އީސަ ވިދާޅުވި ގޮތުގައި ޖޭއެސްސީގައި ވޯޓު ދިނުމަށް އެއްވެސް ފަރާތަކުން މަޖުބޫރުކޮށްފައެއް ނުވެ އެވެ. އެކަމަކު، ފަނޑިޔާރުންގެ ޕާފޯމަންސް ގަވައިދަށް އޮތް ހުރަހުން ޖޭއެސްސީގެ މައްޗަށް ސުޕްރީމް ކޯޓުގެ ނުފޫޒު އޮތްވަރު ހާމަވެގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ ޖޭއެސްސީ އަކީ ދުސްތޫރީ މުއައްސަސާއެއް. އަޅުގަނޑުމެންގެ ޒިންމާ އަދާކުރުމުގައި މައްސަލައެއް އުޅޭ ނަމަ، ޖޭއެސްސީގެ މަސްއޫލިއްޔަތުގެ ތެރެއަށް އެހެން މުއައްސަސާއެއް ވަންނަން ޖާގަ އޮވެގެން ނުވާނެ. އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް މިނިވަން ކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ތިޔަބޭފުޅުންގެ ލެވެލްގައި ގާއިމުކޮށްދިނުން،" އީސަ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Ahmed Zaki
16 June 2019
ޖުޑިޝަރީގެ ހާލަތު އޮތް ގޮތް ވަރަށް ރީއްޗަށް ސިފަ މަށަށް ވެއްޖެ އެވެ. އަޅުގަނޑު ހިތުން ދިވެހި ކޮންމެ ފަރުދަކަށް ވެސް މިހާވަރުން ސާފު ވާނެތެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. ޔާ އިލާހް އެވެ. އަޅަމެންނަށް އިންސާފުވެރި ފަނޑިޔާރު ގެއެއް ދެއްވާށި އެވެ. އާމީން!
އިޙްސާސް
15 June 2019
ޖޭއެސްސީގެ ބޭނުމަކީކޮބާ؟ ސުޕުރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރެވޭނީ ދެންކާކަށްބާ؟ ޔާމީނު ހެދިހެން ހަދައިގެން އެކަނިތަ ސަސްޕެންޑުވެސް ކުރެވޭނީ؟ ތުހުމަތެއްގަ ސަސްޕެންޑުކުރީދޯ ވަކިކުރިއްޔެއްނޫން.
ހުސެން
15 June 2019
ރިޓަޔަރޑް ފަނޑިޔާރުން އެހެން ޤަވްމުތަކުގައި ޢައްޔަންކުރަނީ އެބޭފުޅުން އިންސާފުވެރިވާނެތީއެވެ. ރާއްޖޭގައި އެފަދަ ފަނޑިޔާރުން ކުރީގައި ވެސް ނެތެވެ. އަދި މިރިޓަޔަރޑް ވާކަށް ވެސް ނެތެވެ. ސަބަބަކީ ފަނޑިޔާރުން ޢައްޔަން ކުރެިފައިވަނީ މަރުވަންދެން ކަމުގައިވާތީއެވެ. އަދި އެހާތަނަށް ވެސް ރިޝްވަތު ކެއުން ނޫން ކަމެއް ނުކުރަން އެބޭފުޅުން ޢަޒުމް ކަނޑައަޅުއްވާފައިވާތީއެވެ.
ހަސަން ނ
15 June 2019
ތިޔަ މަސްތޫރު އަކީ ހިތަދޫމީހުން ގަބޫލުނުއެކަހެރިކޮއްފަހުރިމީހެއް
ކާޖާ
14 June 2019
ސްޕްރީމް ކޯޓް މައިތިރި ކޮށްގެން ނޫނީ ފަޑިޔާރުންނަށްވެސް މިނިވަން ކަމެއް ނެތެވެ. ފަޑިޔާރަކާމެދު ޖޭއެސްސީއިން އަޅާ ފިޔަވަޅާ މެދު އެއްވެސް ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި މައްސަލައެއް ނުބެލޭނެކަމަށް ގާނޫނުގައި ނުވަަތަ ގާނޫނު އަސާސީގައި ކަނޑައަޅަންވީއެވެ.
އީދުކަޅުބެ
14 June 2019
ޖޭއެސްސީ އަކީ ފަނޑިޔާރުންގެ މައްސަލަތައް ބަލަން ޤާނޫނުއަސާސީން މަތިކޮށްފައިވާ މިނިވަން މުއައްސަސާއެކެވެ. އެކަމަކު ޖޭއެސްސީ އެކުލެވިފައިވާގޮތުން އެތަނަކީ ނުކުޅެދޭ ތަނަކަށްވަނީ ވެފައެވެ. ފަނޑިޔާރުންގެ މައްސަލަ ބަލަން ފަނޑިޔާރުން ތިބީމަ ވާނެގޮތް ރޭގެ ކޮމިޓީ ބައްދަލުވުމުން ފެނިގެން ހިގައްޖެއެވެ.
ބައްބެ
14 June 2019
ފަނޑިޔާރުގެ އިސްލާހުކުުރުން = އެމްޑީޕީ ބުނާގޮތެއް ހަދާ ފަނޑިޔާރުގެ އެއް. އެމްޑީޕީ ނުވަންޔާ ރައްޔިތުން ކަމަށް ނުވާނެތޯ؟ މެޖޯރިމެޖޯރިޓީ އަކަސް ބާކީވެސް ތިބީ ދިވެހި ރައްޔިތުން. އަދި ކޯޓުތައް މެޖޯރިޓީ އުސޫލުން ނުހިންގޭނެ. ވޯޓުލައިގެން ކުއްވެރި ވޭތޯ ނޫނީ ނުވޭތޯ ނުނިންމޭނެ.
ސޯބެ
14 June 2019
މިއުޅެނީ ފަނޑިޔާރުންގެ މައްސަލައެއް އޮވެގެނެއްނޫން!!! ސަރުކާރެއް ހިންގަން ހަވާލުކުރީމަ އެކަން ނުކުރެވިގެން!!!
މަސްސް
14 June 2019
ފަޑިޔާރުން ގެ މައްސަލައެއް ނެތްދޯ؟
ތާޅަފިލި މަންޖެ
14 June 2019
މިހާރު ތިކުރާކަމކީ ފަނޑިޔާރުންނާއި ކޯޓްތަކަށް ނުފޫޒު ފޯރުވުން ނޫން ދެން ކޮންކަމެއް!!!
އަހަންމަދާ
15 June 2019
ނުފޫޒުގެ ތެރެއިން ނޫން ގޮތަކަށް ތި ފަނޑިޔާރުންގެ އިސްލާހް ނުކުރެވޭނެ
ހަސަން ނުވަވަނަ
14 June 2019
އަރީފް ޔޫ ޖަސްޓް ލޮސްޓް މައި ރެސްޕެކްޓް.