ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި ހަފުލާގައި، ބްލަޑް ޑޮނާސް ވެބްސައިޓު މިނިސްޓަރު އަމީން އިފުތިތާހު ކޮށްދެއްވަނީ: މިއީ އެލިއާ އިންވެސްޓުމަންޓުގެ އެހީތެރިކަމާ އެކު ތައްޔާރުކުރި ވެބްސައިޓެއް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
15 ޖޫން 2019 - 15:23
ލޭ ހަދިޔާކުރުމުގެ މީހުންނާ ގުޅޭ ޑޭޓާބޭހެއް މި އަހަރު ނިމުމުގެ ކުރިން ގާއިމު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ މި އަހަރުގެ ދުވަހާ ގުޅިގެން މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އާއި އެލިއާ އިންވެސްޓްމަންޓް ގުޅިގެން ނެޝަނަލް އާޓް ގެލަރީގައި ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، ލޭ ހަދިޔާކުރާ މީހުންނާ ގުޅޭ ޑޭޓާބޭހެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެ ފަދަ ޑޭޓާބޭހެއް ގާއިމްކުރަން ވާހަކަ ދައްކާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެހެންވެ، އެ ކަން ކާމިޔާބު ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ލޭ ހަދިޔާ ކުރާ މީހުންނާ ގުޅޭ ޑޭޓާބޭހެއް ގާއިމްކުރަން ޖެހޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން ޑޭޓާބޭހެއް ގާއިމްކޮށް، ވުޖޫދު ކުރުމުގެ މަސައްކަތް ކުރާނަން،" އަމީން ވިދާޅުވި އެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
މިފަދަ ޑޭޓާބޭހެއް ގާއިމްކުރުމުން ލޭ ހަދިޔާ ކުރާ މީހުންގެ މައުލޫމާތު ރަނގަޅަށް ބަލައިލެވޭނެ އެވެ. އަދި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ނަމަވެސް އެ މީހަކު ލޭ ހަދިޔާކުރީ ކޮން ދުވަހެއްގައި ކަން ތަފުސީލާ އެކު ބަލައިލެވޭނެ އެވެ.
މި އަހަރުގެ ލޭ ހަދިޔާ ކުރާ ދުވަހުގެ ޝިއާރު "ރައްކާތެރި ލޭ، އެންމެންނަށް" ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތްތަކުގައި، ހަދިޔާ ކުރުމުގެ އިތުރުން ހިލޭ ތެލަސީމިއާ ޓެސްޓު ހެދުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.
މިއަދު ހަވީރު 6:00 ގެ ނިޔަލަށް ހިންގާ މި ހަރަކާތްތަކުގައި އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ލޭ ހަދިޔާ ކުރެވޭނެ އެވެ. އެއީ އެ މީހެއްގެ ލޭގައި 12.5 ހިމޮގްލޮބިން ކައުންޓް ހުރެ، ބަރުދަނުގައި މަދުވެގެން 45 ކިލޯ ހުންނަ ނަމަ އެވެ. ތެލަސީމިއާ ޓެސްޓު ހެދުމުގެ ހިދުމަތް ލިބޭނީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރާ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
މިދިޔަ އަހަރު ތިން ފަހަރަށް ވުރެ ގިނައިން ލޭ ހަދިޔާކުރި 13 މީހަކަށް މިއަދުގެ ރަސްމިއްޔާތުގައި އެމްބީއެސް އިން ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ. އަދި ލޭ ހަދިޔާކުރުމުގެ ކޭމްޕު ހިންގި 37 މީހަކަށް ވެސް ހަނދާނީ ލިޔުން ހަވާލުކުރި އެވެ. އޭގެ ތެރޭގައި ކުންފުނިތަކާއި ރިސޯޓުތަކާއި ޖަމިއްޔާތައް ހިމެނެ އެވެ. މިއަދުގެ ރަސްމިއްޔާތުގައި ވަނީ ލޭ ދޭ މީހުންގެ މައުލޫމާތު ހިމެނޭ ވެބްސައިޓެއް ވެސް އިފުތިތާހު ކޮށްފަ އެވެ. އެލިއާ އިންވެސްޓުމަންޓުގެ އެހީތެރިކަމާ އެކު ތައްޔާރުކުރި އެ ވެބްސައިޓު އިފުތިތާހު ކޮށްދެއްވީ ހެލްތު މިނިސްޓަރު އަމީނެވެ.
ގާތްތިމާގެ މީހަކަށް ލޭ ބޭނުންވުމުން ހަމައެކަނި ލޭ ހަދިޔާ ކުރުމުގެ ބަދަލުގައި، ގަވާއިދުން އެކަން ކުރުމުގެ އާދަ މުޖުތަމައުގައި އަށަގެންނެވުމަކީ މުހިއްމު ކަމެއް ކަމަށް އެމްބީއެސްގެ ކްލިނިކަލް ނާސް ގުލްސިތާން އީސާ "މިހާރު" އަށް ވިދާޅުވި އެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރާ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައއެއް ބޭފުޅުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"އޭރުން ލޭ އެންމެ ބޭނުންވާ ހިނދު ފުރާނަ ސަލާމަތް ކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.
ސިއްހަތު ރަނގަޅު މީހަކު އޭނާގެ އުމުރުން 18 އަހަރުގައި އަހަރަކު ތިން ފަހަރު ލޭ ހަދިޔާ ކުރަން ފަށައިފި ނަމަ، އޭނާގެ އުމުރުން 60 ވާ އިރު 75 ލީޓަރުގެ ލޭ ހަދިޔާ ކުރެވޭނެ އެވެ. އެއީ 500 މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ވަރުގެ ލޭ ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޮން
16 June 2019
ރާއްޖޭގެ ނުވަ ރަށެއްގައި ހުރި ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސްތެރޭ ފެށިގެން ދިޔުން ހާދަ ރަނގަޅު ކަމަކަށްވާނެއޭ. އަހަރުމެން އަތޮޅުތެރޭ މީހުން ބޭނުންވަނީ މާލެ ނުގޮސް ވާނެގޮތެއް. ވަރަށް އުފާވެއްޖެ ހަބަރު ކިޔާފަ.
ލަންބެ
16 June 2019
ލޭ ދޭ މީހުންގެ ޑޭޓާ ބޭހެއްވެސް ހެދުން ރަނގަޅު، އެކަމަކު ގައުމަށް އެންމެ މުހިންމު އެއްކަމަކީ ވަރުގަދަ ޑީ.އެން.އޭ ޑޭޓާ ބޭހެއް ގާއިމު ކުރުން މިކަން ކުރާނީ ކޮން އިދާރާއަކުން ކަން ކަނޑެޅުން އެއީ އެހެންކަމެއް، ކަމަކީ މުހިންމުކަމެއް،
ހުސެން ކޮއި
16 June 2019
http://hadhiya.mv/ މިހާރުވެސް އެބޮތް ޑާޓާބޭސް އެއް!
މަނާލްް
15 June 2019
މިހާރު ލޭ އަޅަން ވެއްޖިއްޔާ ކޮންމެވެސް މީހަކަށް ގުޅައިގެން ވަގުތުން މީހަކު ގެނެސްގެން ލޭ އަޅަންވީމަ އޮންނަނީ ލޭ ޓެސްޓުވެސް ނުކުރެވި ގިނަ ފަހަރު ޓްރާންސްފާ ހެދިފައި. އެގޮތަށް ޓެސްޓު ނުކުރެވި ލޭ އަޅާލީމަ އެމީހެއްގެ ކޮންމެފަދަ ބައްޔެއް ހުއްޓަސް އެވެސް ޓްރާންސްފާވާ ފަހަރުވެސް އާދޭ. އެހެންވީމަ މިފަދަ ޑޭޓާބޭސްއެއް ހެދުނީމަ ވަރަށް ބޮޑަށް މިކަހަލަ ކަންކަމުން ސަލާމަތްވާނެ. ހުރިހާ ޑޭޓާއެއް ހުރުމަކީ ވަރަށް މުހިންމު ކަމެއް. އަމީންގެ ވިސްނުން ހަމަ ހަބޭސް.
ވިދާރާ
15 June 2019
ޑޭޓާބޭސް ހެދީމަ ބުނާނީ ޑަކްޓަރީބެހޭ. ޑަކްޓަރީ ބޭސް ހެދީމަ ބުނާނީ ރުއްގަލު ބޭހޭ. ރުއްގަލު ބޭސް ހެދީމަ ބުނާނީ ނަރުސް ބޭހޭ. ރަނގަޅު އެއްގޮތެއްވެސް އޮންނަ ބައެއް ނޫން މިއީ. ޑޭޓާބޭސްއަކަށް އަޅައިގެން ލޭ ހޯދަން މީހުން ފަހަތުން ދުވަން ނުޖެހުނު ދުވަހަކުން މިކަމުގެ ހުރި ފަސޭހަކަން ވިސްނޭނެ.
ބޮކުބާޑު
15 June 2019
ޑޭޓާބޭސް، މިލިޓަރީ ބޭސް، ޑޮކްޓަރީ ބޭސް، ރުއްގަލު ބޭހޭ ނުކިޔާ ރަގަޅު ޑޮކްޓަރުންނަށް ފަސޭހަކަމާއި އެކު ދެއްކޭނެގޮތް ހެޔޮނުވާނެ ހަދާދީބަލަ.
ހަމް
15 June 2019
ތީ ކުރިންވެސް ހެދި ޑޭޓާ ބޭހެއް. އެ ކޮބާބާ މިހާރު?
މުގުނީ
15 June 2019
ވައިބާ ގުރޫޕެއްގެ ލިޔެގެން ނޫނީ ދަންނަ މީހަކު މަގުމަތިން ހޮވައިގެންގޮސް މި ޖެހެނީ ލޭ އަޅަން. އެ ގޮތަށް އެކަން ކުރަން ނޭނގޭ މީހެއްވިއްޔާ ލޭ ނައަޅާ ހުންނަން މި ޖެހެނީ. މިކަން މި ގޮތަށް ވެގެން ދޮޔައިމަ ހަމަ ގައިމުވެސް ދެން މިހެން ތެޅި ބާލާކަށް ނުޖެހޭނެތާ ލޭ ތިކެއް ނުލިބިގެން. ޝުކުރިއްޔާ ވަޒީރު.
އަލީ އަހުމަދު
15 June 2019
މިގޮތަށް އެންމެން އެއްފަހަރާ ލޭދީގެން ރިކޯޑުހުދުމުގެ ބަދަލުގައި ޕޭޝަންޓެއް ބޭނުންވީމަ ލޭދިނުން މާ މުހިންމު، އަދި އެ ލޭ މާ ތަޒާވެސް ވާނެ. އެންމެންގެ އެއްފަހަރާ ލޭ ނުގުމުން ދިމާވާ ކަމަކީ ލޭ ރައްކާ ކުރުމުގެ މައްސަލަ. ބޭނުންވަނީ ހޭލުންތެރި ކުރުވާ ގިނަބަޔަކު ލައްވާ ލޭދިނުމަށް އެއްބާރުލުންދިނުން. މިގޮތަށް ރެކޯޑް ހެދުމުގެ ވިސްނުން ދޫކޮއްލަމާ!
ފަރީ
15 June 2019
ހާދަހާ ރަނގަޅު ކަމެކޭ. މިނިސްޓަރު އަމީންއަކީ ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުއްވާ ވެރިއެއް. ތޮ ކޮށްދެެއްވާ މަސައްކަތްތަކަށް ސާބަސް ދެން.