ޚިޔާލު / ކޮލަމް 27

ސްޓީލިން ޕެރެޑައިސް: ޖޯކު ޖަހާނީތަ؟ އިބުރަތެއް ހޯދާނީތަ؟

ސްޓީލިން ޕެރެޑައިސްގައި ދެއްކި އެއް މެސެޖް: ހުރިހާ ކަމެއް މި މެސެޖުން އެކަނި ވެސް އެބަ ސާފުވޭ

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދެ އަހަރެއްހާ ދުވަސް، ގާތްގަނޑަކަށް ފަންސާހަކަށް މިނެޓަށް ކުރުކޮށްލައިގެން އިއްޔެ، ބައިނަލްއަގުވާމީ ޓީވީ ސްޓޭޝަން އަލްޖަޒީރާއިން ދެއްކުމުން އެކި މީހުންގެ ތެރޭގައި ދެކެވުނީ އެކި ވާހަކަ އެވެ. އެއް ބަޔަކު މާޔޫސްވީ އެ ރިޕޯޓާ އެކު ސަރުކާރު ނުވެއްޓިގެންނެވެ. އޭގައި އިތުރު ވާހަކައެއް ނެތް ކަމަށް ބުނެ އަނެއް ބަޔަކު އުފާ ފާޅުކޮށް އަތްތިލަބަޑި ޖަހަމުން ދިޔަ އެވެ. މި ޑޮކިއުމެންޓްރީގެ ކުލަ ހީކުރި ވަރަށް ވުރެ ފަނޑުވުމުން ސަރުކާރު ހަމަ ނޭވައެއްލިހެން ވެސް ހީވި އެވެ. ބައެއް މީހުން އެ ޑޮކިއުމެންޓްރީ އަށް ޖޯކު ޖެހި އެވެ. މަލާމާތް ކުރި އެވެ.

ތެދެކެވެ؛ "ސްޓީލިން ޕެރެޑައިސް" ގައި އާ ވާހަކަތަކެއް ނެތެވެ. އެ ވާހަކަތައް އަޅުގަނޑުމެންނަށް ބާވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެކަމަކު ވަރަށް ފުންކޮށް ވިސްނާލަމާތޯ އެވެ؟ އޭގައި ނެތީ ކޮން ވާހަކައެއް ހެއްޔެވެ؟ އެ ޑޮކިއުމެންޓްރީގައި ހުރި ސީރިއަސް ކަންތައްތަކާ ދޭތެރޭ ކަންބޮޑުވީ ކިތައް މީހުން ހެއްޔެވެ؟

އިއްޔެ މުޅި ދުނިޔެ އަށް އެ އާންމުކުރީ، ގައުމެއްގެ ސަރުކާރަކުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އެކަމަކު ވަރަށް ބާރު ސްޕީޑެއްގައި ކޮށްފައިވާ ވައްކަންތަކެކެވެ. ރައްޔިތުން އިންތިހާބު ކުރި ސަރުކާރެއް އެ މީހުން އަމިއްލަ އަށް އެ ރައްޔިތުންގެ ކުރިމަތީގައި އިތުބާރު ގެއްލުވާލި ގޮތުގެ ރީތި މިސާލެކެވެ. ރައްޔިތުންގެ ފައިސާ އާއި މުދަލަށް ޣައްދާރުވި ގޮތެވެ. ގޭންގެއްގެ ގޮތަށް ގައުމެއް ހިންގި ގޮތުގެ ވާހަކަތަކެވެ. ނުރައްކަލެއް އޮތަސް، އެތަނެއް އަންދާލައިގެން ވިޔަސް ކަން ކޮށް ނިންމުމުގެ ސިޔާސަތުތަކެއް ގެންގުޅުނު ކަމެވެ. ހީނހީނފައި ރައްޔިތުންގެ ހަރު މުދާ ވިއްކައި، ރާއްޖޭގައި މާފިޔާ ސްޓައިލުގެ ވިޔަފާރިތަކަށް ޖާގަ ދޭން އަތުކުރި އޮޅާލައިފައި އޮތް ކަމެވެ. ހަމަ އެފަދައިން، މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީ އާއި ފުލުހުންގެ ތެރެއަށް ސަރުކާރުން އަތް ބާނައި ބޭނުން ގޮތެއް ހަދާލި ހެކިތަކެކެވެ. ރައްޔިތުންގެ ދިފާއުގައި ހުވާކޮށްގެން ތިބި މީހުން، ރައްޔިތުން ސަލާމަތްކޮށްދޭން ހުވާކޮށްގެން ތިބި މީހުންނަށް ގުޅައި ޓެރަރިޒަމް ހިންގަން އަމުރުކޮށް އެ ކަމުގައި ބައިވެރިވި ވާހަކަތަކެވެ. މިއަށް ވުރެ ބޮޑު ހައިރާން ކަމެއް ގައުމެއްގެ ރައްޔިތަކަށް ލިބޭނެ ހެއްޔެވެ؟ މިއަށް ވުރެ ވަކިން ބޮޑު ދެރައެއް ލިބޭނެ ހެއްޔެވެ؟ މިއަށް ވުރެ ބޮޑެތި ވާހަކަތަކެއް ދެން ދެއްކިދާނެ ހެއްޔެވެ؟ އަޅުގަނޑުމެން މިތިބީ ކޮންފަދަ ހާލެއްގައިކަން އަމިއްލަ އަށް ވިސްނާލެވުނު ހެއްޔެވެ؟

އެހެން މެސެޖެއް: ގައުމުގައި ހިންގި ޖަރީމާތައް ޑޮކިއުމެންޓްރީގައި ވަރަށް ސާފުކޮށް ދައްކައިދޭ

މި ޑޮކިއުމެންޓްރީއަކީ މިހާ ބޮޑެތި ހެކިތަކެއް އެކުލަވާލައިގެން ރާއްޖޭގެ ކޮރަޕްޝަން މި ފެންވަރަށް ބައިނަލްއަގުވާމީ ދުނިޔެ އަށް ބަރަހަނާކޮށްލި ފުރަތަމަ ޑޮކިއުމެންޓްރީ އެވެ. މިއީ، ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ފަލީހަަތް ވާނެ އެންމެ ބޮޑަކަށް ފަލީހަތްވާނެ ފަހަރެވެ. އަދި މިއީ، ރާއްޖޭގައި އޮތް ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާ އާއި އަދި ރާއްޖޭގެ މުޅި ސިސްޓަމް ވެސް ފަސާދައިގެ ތެރޭގައި ޣަރަގުވެ، ދުނިޔޭގެ ކުރިމަތީގައި އަނގަ ނުހުޅުވޭ ވަރުގެ ޖަރީމާތަކެއް ދައްކުވައިދިން 50 މިނެޓެވެ. މިއީ އެންމެންގެ ކުރިމަތީގައި އިތުބާރު ގެއްލުމެވެ. އަދި މިއީ، ދިވެހި ރައްޔިތުން ވެސް އިބުރަތް ހޯދައި، ގައުމު އެހެން މިސްރާބަކަށް ގެންދަން ޖެހޭ ކަން އަންގައިދިން ވަރުގަދަ ފިލާވަޅެކެވެ. އަދި ހަމަ އެހެންމެ، މިއީ މުޅި ދައުލަތް ވެސް އިސްލާހުވާން ޖެހިފައިވާ ކަމުގެ ހެކިތަކެކެވެ. އިންވެސްޓަރުންނާއި އެހީދޭ ފަރާތްތަކުގެ އިތުބާރު ހޯދަން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަން ވެސް މި ޑޮކިއުމެންޓްރީން އެބަ އަންގައިދެ އެވެ.

ސްޓީިލިން ޕެރެޑައިސް ބަލާފައި މިއަކު އާ އެއްވެސް އެއްޗެއް ނެތޭ ބުނަނީ ގައުމު މި ހާލަތުގައި އޮތަސް އޯކޭ ވުން ހެއްޔެވެ؟ ނުވަތަ ސްޓީލިން ޕެރެޑައިސް ރަނގަޅުވީހީ މިއަށް ވުރެ ބޮޑެތި ޖަރީމާތަކެއް ގެނެސްދިން ނަމަ ހެއްޔެވެ؟ ނޫނެކެވެ؛ މިވަރުން ދެން ފުދިއްޖެ އެވެ. މި ޑޮކިއުމެންޓްރީގައި، މީހަކު ވަރަށް ސީރިއަސްކޮށް ވިސްނާލައިފި ނަމަ ނުބައިގެ ހުރިހާ ވައްތަރެއް ފެނިގެެން ހިނގައްޖެ އެވެ. އެކަން ކުރީ ކޮންމެ މީހަކު ނަމަވެސް، ކަން ކޮށްފައި އޮތީ ސަރުކާރުގެ އެންމެ އިސް ލެވެލްގެ އެންމެންހެން ބައިވެރިވެގެންނެވެ. ސަރުކާރުގެ ހަމަ އެންމެ އިސް ވެރިން އޭގައި ބައިވެރިވެފައި ހުރި ކަމަށް މިހާރު ހުރި ގިނަ ހެކިތަކުން ބެލެވެ އެވެ.

އޮޑިޓް އޮފީސް އަންދާލަން އަދީބު ކުރެއްވި މެސެޖް

އަޅުގަނޑު އެންމެ ހައިރާންވީ މީގައި ދެއްކި ކޮރަޕްޝަންތަކެއް ނޫނެވެ؛ އަދި ބައެއް މީހުންނަށް ކަމުދިޔަ ގޮތަށް ރައީސަށް މިލިއަނުން ފައިސާގެ ދަބަސްތައް ގެންދިޔަ ކަމަށް ބުނާ ވާހަކައެއް ވެސް ނޫނެވެ. މި ޑޮކިއުމެންޓްރީގައި އަޅުގަނޑަށް ވެސް ސިއްސައިގެން ދިޔަ މާ ބޮޑެތި އެހެން ވާހަކަތަކެއް ހިމެނެ އެވެ. އެއީ ދައުލަތުގެ އެންމެ އިސް އެއް ވެރިޔަކު ފުލުހުންގެ ވަކިވަކި މީހުންނަށް ގުޅައި ތަންތަނުގައި ރޯކުރަން ކުރާ އަމުރެވެ. އަދި އެކަމަށް (ޑޮކިއުމެންޓްރީގަައި ދައްކާ މެސެޖްތައް އެއީ ތެދެއް ކަމަށް ވާ ނަމަ) ފުލުހުން ވާ އެއްބަސްވުމެވެ. މިއީ، އެއްވެސް ހާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. މި ފެންވަރަށް ގައުމެއްގެ ހާލަތު ވެއްޓިއްޖެ ނަމަ ގައުމު އެއޮތީ ފުނޑިފަ އެވެ. ރައްޔިތުން ހިމާޔަތްކޮށްދޭ މީހުން ތަންތަނުގައި ރޯކުރަން އެއްބަސްވެ، އަދި އެކަމަށް ދައުލަތުގެ އެންމެ މަތީ ބާރުން އަމުރުކޮށް ސްޓޭޓް ސްޕޮންސާޑް ޓެރަރިޒަމް ހިންގާ ނަމަ ރައްޔިތުންނަށް އޮތީ ކޮން ސަލާމަތެއްތޯ ހަމަ އަޅުގަނޑުގެ ހިތަށް ވެސް އެރި އެވެ. މިވަރަށް ގައުމުގެ ހާލަތު ވެއްޓުނު އިރު، މިއީ ހަމަ ހަގީގަތުގައި ވެސް ރައީސަށް އެނގިވަޑައިގެންފައި ނެތް ކަންކަން ނަމަ، ރައީސް އޭރު ކުރެއްވީ ކީއްތޯ ކޮންމެ މީހަކަށް ވެސް ހަމަ ސުވާލު އުފެދޭނެ އެވެ.

އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގެ ޓްރެއިލާ އިން ނަގާފައިވާ ސްކްރީންޝޮޓެއް

މި ޖަރީމާ މި ފަޅާއެރީ ދެވަނަ ފަހަރަށެވެ. މީގެ ކުރިން ވެސް މި ވާހަކަތައް ދެކެވިއްޖެ އެވެ. އޭގެ ތެރޭގައި ނޫސްވެރިޔަކު ގެއްލުނު ވާހަކަ އާއި ރާއްޖެ ޓީވީގައި ރޯކުރި ވާހަކަތަކާއި ނައިބު ރައީސް އަހުމަދު އަދީބުގެ ކޮރަޕްޝަންގެ ވާހަކަތަކާއި ފުލުހުން ސިޔާސީ ކަންތައްތަކުގައި ގެނބިފައި ތިބި ވާހަކަތަކާއި ގައުމުގެ އިސް ލެވެލްގައި އޮތް ކޮރަޕްޝަންގެ ވާހަކަތަކާއި ޖުޑިޝަރީގެ ތެރޭގައި ސިޔާސީ ނުފޫޒު އޮތް ވާހަކަތަކާއި މިނިވަން މުއައްސަސާތައް ބަނދެފައި އޮތް ވާހަކަތައް ހިމެނެ އެވެ. ހަމަ އެހެންމެ ރައީސް ޔާމީނަށް އަމާޒުކޮށް ފަތުރާ ކޮރަޕްޝަންގެ ވާހަކަތައް ވެސް ހިމެނެ އެވެ. ނަމަވެސް، ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށް ޖަލަށް ލައި، މިއަދާ ހަމައަށް އަހަރެއް ވީއިރު، ނަތީޖާ އަކީ ކޮބައި ހެއްޔެވެ؟ އަހަރެއް ވީއިރު، މަތީގައި އަޅުގަނޑު މި ދެންނެވި އެއްވެސް ކަމެއް އިސްލާހު ވެއްޖެ ހެއްޔެވެ؟ ނުވެ އެވެ.

ރައްޔިތުން ހިމާޔަތްކޮށްދޭ މީހުން ތަންތަނުގައި ރޯކުރަން އެއްބަސްވެ، އަދި އެކަމަށް ދައުލަތުގެ އެންމެ މަތީ ބާރުން އަމުރުކޮށް ސްޓޭޓް ސްޕޮންސާޑް ޓެރަރިޒަމް ހިންގާ ނަމަ ރައްޔިތުންނަށް އޮތީ ކޮން ސަލާމަތެއްތޯ ހަމަ އަޅުގަނޑުގެ ހިތަށް ވެސް އެރި އެވެ.

ކޮރަޕްޝަންގެ މައްސަލަތައް މިއޮތީ އަދިވެސް އިންތިހާގަ އެވެ. އެއަށް ވުރެ ބޮޑެތި ކޮރަޕްޝަންތަކެއް މިހާރު ނުހިނގާ ކަމެއް ނުވެސް އެނގޭ ވަރަށް މިހާރު މިއޮތީ ކަންކަން ގޯސްވެފަ އެވެ. މިނިވަން މުއައްސަސާތައް ބަނދެވިފައި މިއޮތީ ކުރިއަށް ވުރެ ވެސް މާ ބޮޑަށެވެ. ގެއްލުނު ނޫސްވެރިޔާ އަށް ވީ ގޮތެއް އަދިވެސް ނޭނގެ އެވެ. ރާއްޖެ ޓީވީ ރޯކޮށްލި މީހުން ކުރިމަތީގައި ފެންނަން ތިއްބަސް، އަދިވެސް މައްސަލަ ދިގު ދެމެނީ އެވެ. ޖުޑިޝަރީ މިނިވަނެއް ނޫނެވެ. ފަނޑިޔާރުންނާ ސިޔާސީ މީހުންނާ ދޭތެރޭ އޮތް ގުޅުން އަދިވެސް އޮތީ އެގޮތުގަ އެވެ. ފުލުހުން ހިންގާ ސިޔާސީ ކަންކަން މަދެއް ނުވެ އެވެ. ސިޔާސީ މީހުން ހައްޔަރުކުރުން އޮތީ އިންތިހާ އަށެވެ. އެހެންވެ، ކަމެއް ރަނގަޅުވި ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. އެންމެ ކުޑަވެގެން ރައީސްގެ މައްޗަށް ކޮށްފައިވާ ބޮޑެތި ތުހުމަތުތަކަށް އެމަނިކުފާނު ނޫނެކޭ ވިދާޅުވުން ފިޔަވައި ހިންގި މިނިވަން އެއްވެސް ތަހުގީގެއް ނެތެވެ. ސީދާ އެމަނިކުފާނަށް ފައިސާ ފޯރުކޮށްދިން ކަމަށް ބަޔަކު ހެކި ދޭ އިރު އެއީ ގައުމެއްގެ ރައީސަކު ސަލާމަތް ވެގެން ހުންނަން ޖެހޭނެ ތުހުމަތުތަކެވެ. އެކަމަކު އެވަރުގެ މިނިވަން ބަޔަކު ރާއްޖެއަކު ނެތެވެ. އެހެންވެ، ސްޓީލިން ޕެރެޑައިސް ދައްކައިގެން ކަމެއް ނުވުމަކީ ހައިރާން ވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. ކަމެއް އިސްލާހުކޮށް، ފަހި ދިރިއުޅުމަކަށް އަޅުގަނޑުމެން އުންމީދުކޮށްްގެން ތިއްބަސްް އެކަން ކޮށްދޭން ތިބި މީހުންގެ އެ އިޚުލާސްތެރިކަމެއް ނެތެވެ.

އޮޑިޓް އޮފީހުގައި ހުޅުޖަހަން އެންގި ވާހަކަ އާ އެކު ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ހައިރާންވެ ވަޑައިގެންފައި

މިއީ ގައުމެކެވެ. ޖަމިއްޔާއެއް، އެންޖީއޯއެއް ނުވަތަ އަމިއްލަ މީހެއްގެ ކުންފުންޏެއް ނޫނެވެ. ރައްޔިތުންތަކެއް ދިރިއުޅޭ ރައްޔިތުން އިންތިހާބު ކުރާ ސަރުކާރެއް އޮތް، ރައްޔިތުން ބޮޑެތި ޓެކްސް ދައްކާ ގައުމެކެވެ. އެކަމަކު މި ގައުމު މި ދަނީ ނުބައި މިސްރާބަކަށް ކަން ޝައްކެއް ނެތް މިންވަރަށް އެނގޭ އިރު ވެސް އެކަން އިސްލާހު ކުރުމުގެ ބަދަލުގައި އަދިވެސް މިފެންނަނީ އެކަކު އަނެކަކު ކަރުގައި ހިފާ ތަނެވެ. ޑޮކިއުމެންޓްރީއާ އެކު ބައެއް މީހުން އަވަސްވެ ގަތީ އެއީ ނުވާ ކަމެއްގެ ގޮތުގައި ކަންކަން ދެއްކުމަށެވެ. ސަރުކާރުން އަވަސްވެގަތީ އެ ޑޮކިއުމެންޓްތައް ލީކުކޮށް، އެ ވާހަކަތަކަށް ހިތްވަރު ދިން މީހުން ހޯދޭތޯ އެވެ. އެއަށް އިންޓަވިއު ދިން މީސްމީހުން ތިބި ތަނެއްގައި ބަންދުކޮށްލައި ހައްގުތައް ކޮށާލެވޭތޯ އެވެ. ޓެކްސް ދައްކާ މީހާ އަށް އެ ފައިސާ އަނބުރާ އޭނާ އަށް ހޭދަކުރާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ހަގީގަތުގައި، އަސްލު މައްސަލަ އަށް ފަރުވާ ކުރުމުގެ ވާހަކައެއް ނުދެކެވެ އެވެ. އެކަންކަން ދެން ނުވާނެ ގޮތްތަކެއް ހޯދައި، ގެއްލިގެން ދިޔަ ފައިސާ އާއި މުދާ ހޯދުމުގެ މަސައްކަތް ފަށާކަށް ނޫޅެ އެވެ. ގެއްލިފައިވާ އިތުބާރު ހޯދޭތޯ މަސައްކަތް ކުރާ ތަނެއް ނުފެނެ އެވެ. ފޫވެއްޓިފައި އޮތް ސިސްޓަމް އޯވަހޯލްްކޮށްގެން އަލުން ބަލުން ވިޔަސް، ފެށޭތޯއެއް ނޫޅެ އެވެ. ވައްކަން ނުކުރެވޭނެ ގޮތްތަކެއް ރާވައި، ރައްޔިތުންނަށް އެ ޔަގީން ދެވޭތޯ އެންމެ ފަހަރަކު ވެސް މަސައްކަތެއް ނުކުރެ އެވެ. މިނިވަން މުއައްސަސާތަކުން ހިލިހިލާގެ ކަސްތޮޅުތައް ނައްޓައި ގައުމު ހަމަ މަގަށް އެޅުވޭތޯއެއް ނުބަލަ އެވެ. -- މި ފެންނަނީ ބަދަލު ހިފުުގެ ރޫހެކެވެ.

އަސްލު މައްސަލަ އަށް ފަރުވާ ކުރުމުގެ ވާހަކައެއް ނުދެކެވެ އެވެ. އެކަންކަން ދެން ނުވާނެ ގޮތްތަކެއް ހޯދައި، ގެއްލިގެން ދިޔަ ފައިސާ އާއި މުދާ ހޯދުމުގެ މަސައްކަތް ފަށާކަށް ނޫޅެ އެވެ. ގެއްލިފައިވާ އިތުބާރު ހޯދޭތޯ މަސައްކަތް ކުރާ ތަނެއް ނުފެނެ އެވެ.

ސްޓީލިން ޕެރެޑައިސްގައި އެ ބުނަނީ މާނަ ފުން ވާހަކަތަކެކެވެ. ގައުމެއް އޮތް ހާލު އެއަށް ވުރެ ބޮޑަކަށް ބަޔަކަށް ނުދެއްކޭނެ އެވެ. ފަހަރެއްގައި، އަޅުގަނޑުމެން އެންމެން ވެސް ކޮރަޕްޝަންގެ ހާއްޔެއްގެ ތެރޭގައި އުޅޭތީ އެ ވާހަކަތައް ތާޒާ ވާހަކަތަކަކަށް ނުވިޔަސް، އެ ބަލާފައި މުޅި ދުނިޔެ އިއްޔެ ސިއްސައިގެން ދާނެ އެވެ. އަޅުގަނޑުމެން ވީ އެއަށް ޖޯކު ޖަހާކަށް ނޫނެވެ. މިކަމުން ސަލާމަތް ވާށެވެ! ގައުމު އެހެން މަގަކަށް ގެންދެވޭތޯ އެންމެން މަސައްކަތް ކުރަންވީ އެވެ. ސަރުކާރު އިޚުލާސްތެރިވެ، އެހެން ދެން ނުވާނެ ގޮތެއް ހަދައި، ރައްޔިތުންނަށް ވަރުގަދަ އިތުބާރެއް ހޯދައިދޭންވީ އެވެ. ޖޯކު ޖަހައި މަލާމާތް ކުރުމުގެ ބޭނުމެއް ނެތެވެ؛ ޑޮކިއުމެންޓްރީގައި މާ ބޮޑު ވާހަކައެއް ނެތޭ ނުބުނެ، ދައްކާފައި ހުރި ހުރިހާ ވާހަކަތައް ވެސް، ހުރިހާ މަންޒަރެއް ވެސް ސީރިއަސްކޮށް ނަގައި މިހެން ދެން ނުވާނެ ކަމުގެ ޔަގީންކަން ހޯދަންވީ އެވެ.

ޖޯކު ޖަހަންވީ އަލް ޖަޒީރާއަކަށް ނޫނެވެ؛ ހަގީގަތުގައި އެ ޖޯކު ޖެހެނީ އަޅުގަނޑުމެން އަޅުގަނޑުމެންނަށެވެ. ސަބަބަކީ އޮރިޔާންވެފައި ތިބީ އަޅުގަނޑުމެން ކަމަށް ވާތީ އެވެ.

140 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 78%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރުޒާނާ

11 September 2016

ޖޯކު ނުޖަހާ ދެން ކުރަންވީ ކަމެއް ބުނެބަލަ. ކަލޭމެން ރޮއި ހިތާމަކޮށް ކަރުނަ ބާލަބަލަ. ކޮންމެހެން އަހަރުމެން ލައްވާ އެކަން ކުރުވާކަށް ގަދައަޅާނެ ކަމެއް ނެތެއްނު.

The name is already taken The name is available. Register?

ދޮގެއްތަ؟

11 September 2016

އާނ އަހަރުމެން ޖަހާނީ ޖޯކު. ތި ޕެރެޑައިސް އެއް ވަތަކުތޯ ޖެހި ޖަމަލު ފޮޑި އަށް ވީމަ އަދިވެސް އެއަށް ވައިގަ ހިއްޕާ އާރޯކަން ގެނެވޭތޯ "މިހާރު" މަރުފަލި ޖަހާނެ ކަމެއް ނެތް. ނުވާނެ ތިކަމެއް. "މިހާރު" އާއި ރާ ޓީވީ ޖެހޭނީ ހޭބަލިވާނެ.

The name is already taken The name is available. Register?

ކައުންސެލަރު

10 September 2016

ޖޯކުޖަހާލެއްކުޑައަދިވެސް.https://sun.mv/79341 އެލިންކު ބަލާބަލަ. މިއޮތީ ހަގީގަތަކީ. އެކަމަކު މިނޫހުގައި ސަރުކާރާ އޮންނަ ދެކޮޅުވެރިކަން އޮތްހިސާބަކީ ފަރަންޖީން ކޮންމެ އެއްޗެއްލިޔުނަސް އެއީ ކޯއްޗެއްތޯ ބަލާނުލާ... އަދިވެސް ޖަހާނީ ޖޯކު ދޯހެއްޔޯ. ބަލަ މަހަށް ދިޔައްޔާ މާތާހިރެންނު. ރާއްޖޭގެ ސަރުކާރުން ދަވާލި ލާރިގަނޑު ދާގޮތް މިހާރު މިދަނީ އެނގެމުން. 1. އަލްޖަޒީރާގެ ރިޕޯރޓް ހެދުމަށް 2. ސަރުކާރާތޮޅެން އެއްބަޔަކު ބޭރުގައި ބޭތިއްބުމަށް. ލަދުކޮބާ. އެންމެފަހުން ކުޅުނުފިލްމުވެސް އެޑިޓިންގެ މައްސަލަޔަކާހެދި މިއޮތީ ފްލޮޕްވެފަ. ދިޔައީ ޗޮކުހުން. ބަޔަކާ ނުވަތަ މީހަކާމެދު ހިސާބަށްވުރެ ބޮޑަށް ހަސަދަވެރިވީމާ ވާނެ ހައެއްކައެތި މިއޮތީވެފަ. ވެރިކަން ދެއްވާނީވެސް ގެންދަވާނީވެސް ހެއްދެވިފަރާތުން. ކަލޭމެންނަށް ކުރެވޭނެ ނޯންނާނެ ހަމައެކަތި. ހަނދާންކުރާތި

The name is already taken The name is available. Register?

އަހްމަދު

09 September 2016

އުފާރި ގެ ނަމުގައި ކޮމެންޓްކުރިފަރާތަށް ދަންނަވާލަން. ސަރުކާރަށް އިތުބާރު ބޮޑީކީ ނޫން. އެކަމު ވަކި ވަކި ފަރުދެއްގެ ޙައިޞިއްޔަތުން ސަރުކަރާ ދެކޮޅަށް ކުރެވޭނެ އެއްވެސް ކަމެއް ނެތީ. ބަލާލި ކޮންމެ ދިމާލަކުންވެސް ނާއުއްމީނޫން ކަމެއް ނުފެނޭ. ވަރަށް އުއްމީދާ އިތުބާރާއެކު ރައީސްކަމަށް ޔާމީން ގެންނަން ވޯޓު ދިނީ. ޙަޤީޤަތުގައިވެސް މިހާރު ހަމަ ސަހަރޯ ހީވޭ. އެކަމަކު އެއީ އަދިވެސް ހަމަ އަޅުގަނޑުގެ ރައީސުލް ޖުމްހޫރިއްޔާ. އަދި ބަދަލެއް ނުވޭ.

The name is already taken The name is available. Register?

އީދުކަޅުބެ

09 September 2016

ރިޕޯޓާމެދު ބުނާނެ އެއްވެސް އެއްޗެއް ނެތެވެ. ބުނެވޭނީ ޢިބުރަތްތެރި އަގުހުރި ނަޞޭޙަތެއްކަމެވެ. ﷲ މަގުފުރައްދަވައިފި މީހަކު ސީދާމަގަށް އަޅުވާނެގޮތެއް ނޯންނާނެފަދައިން، މިރިޕޯޓުންވެސް ތިޔަފަދަ ޖަރީމާތައް ހިންގި ބަޔަކަށް ކުރާނެ ފައިދާއެއް އޮންނާނެހެނެއް ހިެޔެއްނުވެއެވެ.

The name is already taken The name is available. Register?

ޭައަހްމަދު އައްދީބް ހަދީބް

09 September 2016

ވަރަށް ފުރިހަމަ ރިޕޯޓެއް މިއީ.... ދެންވެސް ސަރުކާރުން ކަންކަން އިސްލާހްކުރުމުގެ ބަދަލުގައި މިފެންނަނީ ހަމަ ބަދަލު ހިފޭނޭ ގޮތެއް ހޯދައިގެން އެކަން ކުރެވެތޯ.... ސާބަހޭ...ދެން ލަލަލާ

The name is already taken The name is available. Register?

އުފާރި

09 September 2016

ތިޔަ ރިޕޯޓުގައި ބުނާ މައި މީހާ ކަމަށްވާ އަދީބު ވަނީ މީގެ ދުވަސްކޮޅެއްކުރިން ތިޔަށްވުރެން ބޮޑެތި ކުއްތަކެއްކުރުމުގެ ސަބަބުން މަޤާމުން ވަކިކުރެވި ޖަލަށް ލެވިފައި. ޢެހެންވެ ތިޔަ ރިޕޯޓަކީ މިހާރު ތީގެ މައްޗަށް ތަހުގީގު ހިންގިފައި ބާވެފަވާ ރިޕޯޓެއް އެހެންވެ އެއްވެސް ދިވެހި ރައްޔިތަކު ތިކަމަކާ މާކަ ކަންބޮޑެއްނުވެ ސަރުކާރަށް އޮތްއިތުބާރު ބޮޑުވީ

The name is already taken The name is available. Register?

ހަސަން

09 September 2016

މިރިޕޯޓުގާ އިހުލާސްތެރިކަންނެއް މީވަކިކޮޅަކައް ޖެހިފާވާ ރިޕޯޓެއް

The name is already taken The name is available. Register?

ނަޝީދު

09 September 2016

މި ސަރުކާރުން ތިކަހަލަ ކިތަންމެ ޖަރީމާ އެއް ހިންގައިފި. އެހެންނަމަވެސް ތިއަކު މީގެ ކުރީ ސަރުކާރު ތަކުން ހިންގި ކޮރަޕްޝަންގެ ވާހަކަތަށް ނެތުމީ ނުހަނު ކަންބޮޑުވާ ކަމެއް.

The name is already taken The name is available. Register?

ޢަލިފުތު.

09 September 2016

ކުށްކުރިމީހާ އަށް އަދަބުދޭންޖެހުނު ހިސާބުން އަދަބުދީ މިހާރު އެއޮތީ ޖަލުގަ. ހެކިތައް ހުރި ނަމަވެސް އަދީބު ކުށްވެރި ނުކުރުމަކީ ނަޝީދުގެ ސައްޙަކަމާމެދު ސުވާލު އުފެދޭ ކަމެއް. މިރިޕޯޓާގުޅިގެން ބަންދުކުރަން ޖެހެނީ ރައީސް ޔާމީނެއްނޫން. ހަގީގަތް އޮޅުވާލި މިރިޕޯޓް ޝާއިއު ކުރުމަށް ދޮގުމަޢުލޫމާތުދިން ފަރާތްތައް.ދެން މިރިޕޯޓާ ގުޅިގެން ގާނޫނީ ސަރުކާރު ބަދަލުކުރުމަށް މަސައްކަތްކުރާ އިސް ފަރާތްތައް. އޭރުން ގައުމަށް ހަމަޖެހުންލިބިގެންދާނެ ޔާމީނަކީ ފަސްމީރު ކުރިއެއް. މިރިޕޯޓަކީ ފައްކާ ޖޯކެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454