ފަނޑިޔާރުންތަކެއް ރަސްމިއްޔާތެއްގައި: ޖޭއެސްސީގެ ތަހުގީގު އާންމުކޮށް ހުޅުވާލަމުންދާތީ ފަނޑިޔާރުންގެ ޖަމްއިއްޔާއިން ވަނީ އެކަމަށް މަރުހަބާ ކިޔާފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
23 ޖޫން 2019 - 14:39
ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް އާންމުކޮށް ހުޅުވާލައިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ކުރިއަށް ގެންދާތީ ފަނޑިޔާރުންގެ ޖަމިއްޔާ އިން އެކަމަށް މަރުހަބާ ކިޔައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ޖޭއެސްސީން ބަލާ މައްސަލަ އާންމުކޮށް ހުޅުވާލައިގެން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ދަރުބާރުގޭގައި ކުރިއަށް ގެންގޮސްފަ އެވެ. އެގޮތަށް ޖޭއެސްސީން ނިންމީ ފަނޑިޔާރު ޑީޑީ އެގޮތަށް އެދިވަޑައިގަތުމުންނެވެ.
އާންމުކޮށް ހުޅުވާލުމުގެ އިތުރުން އެ ތަހުގީގު ޓީވީން ލައިވްކޮށް ވަނީ ދުރަށް ދައްކައިފަ އެވެ. މިއީ ރާއްޖޭގައި ފަނޑިޔާރެއްގެ މައްޗަށް ހިންގާ ތަހުގީގެއް އެފަދަ ގޮތަކަށް އާންމުކޮށް ހުޅުވާލައި، ޓީވީން ލައިވްކޮށް ދެއްކި ފުރަތަމަ ފަހަރެވެ.
އެކަމަށް ހިތްވަރުދީ، ފަނޑިޔާރުންގެ ޖަމިއްޔާ އިން ކުރި ޓްވީޓެއްގައި ވަނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއްގެ އަޑުއެހުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ޖޭއެސްސީން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމި ނިންމުމަށް މަރުހަބާ ކިޔަން
— Judges' Association of Maldives (@JudgesMv) June 20, 2019
ފަނޑިޔާރުންގެ ޖަމްއިއްޔާގެ ޓްވީޓް
ފަނޑިޔާރު ޑީޑީގެ އިތުރުން ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލާގެ އަޑުއެހުން ވެސް އާންމުކޮށް ހުޅުވާލަން ވަނީ ނިންމައިފަ އެވެ. އެގޮތަށް ޖޭއެސްސީން ނިންމީ އިސް ގާޒީ ހަސަން ވެސް އެގޮތަށް އެދިވަޑައިގަތުމުންނެވެ. އެކަމަކު އެ ތަހުގީގު އަދި ހުޅުވާލައިގެން ނުބާއްވަ އެވެ.
ފަނޑިޔާރުންގެ ޖަމިއްޔާ އަކީ މީގެ 10 އަހަރު ކުރިން ފަނޑިޔާރުންތަކެއް އިސް ނަގައިގެން އުފައްދާފައި އޮތް ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާގެ މަސައްކަތްތައް ހުއްޓިފައި އޮތުމަށް ފަހު، އަލުން ފަށައިގަނެ، އިސް މަގާމުތަކަށް ދާދިފަހުން ވަނީ ބޭފުޅުން ވެސް އިންތިޚާބުކޮށްފަ އެވެ.
ޖަމިއްޔާގެ ރައީސަކީ ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަކީނާގެ އަމާ
23 June 2019
ޖޭއެސް ސީ އަނގަ ވަތަށް
ޒިލް
23 June 2019
ތަހުގީގުގެ ފުރަތަމަ ބައި ނިމި އަހަރެމެން ހަނދާން ނެތުނު ފަހުން ފަަނޑިޔާރުންގެ ޖަމްއިއްޔާއިން މަރުހަބާ މިއޮތީ ކިޔާފަ. ލޮލް
ކެޔޮޅު
23 June 2019
10 އަހަރު ދުވަސްވަންދެން ވަޅުޖެހިފާވާ ޖަމިއްޔާޔެއް ކުއްލިޔަކަށް ފާޅުވެ ބަސްބުނަށް މިފެށީ ހަމަ އިހުލާސްތެރިކަމުންބާ
މަމޮޅު ރަދީފު
23 June 2019
ހުޅުވާލުން ވަރަށް ރަނގަޅެވެ. ވަރަށް ބައިވަރު ކަންކަމަށް އާންމުންނަށްވެސް ލޯހުޅުވިގެން ދިއައެވެ. ދެފަރާތުގެ މީހުންގެ ވާހަކަތަކުން އެމީހުންގެ ފެންވަރުވެސް އެނގިގެން ދިއައެވެ. ހަމަމަގުން ނެއްޓިގެން ދިއަކަންކަންވެސް ފާހަގަކުރެވުނެވެ. ނައިބު ރައީސަކު ކުރަންޖެހޭނީ، މިކަހަލަ ކަމެއްތޯވެސް ސުވާލު އުފެދުނެވެ. ދީދީއަށް ކުރެވުނު ބޮޑެތި ތުހުމަތުތަކަކީވެސް، ކުރިން ނޭނގޭ ކަންކަމެވެ.