ޖޭއެސްސީގެ ގާނޫނަށް ފަނޑިޔާރުންގެ ޖަމިއްޔާގެ ހުށަހެޅުންތަކެއް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަށް ފަނޑިޔާރުންގެ ޖަމިއްޔާ އިން ގިނަ ޚިޔާލުތަކެއް ހުށަހަޅައި އަދި ގާނޫނަށް ގެންނަން ފެންނަ އެހެން ބައެއް ކަންކަން ހުށަހަޅައިފި އެވެ.


ފަނޑިޔާރުންގެ ޖަމިއްޔާ އިން ބުނީ ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާ މެދު އެ ޖަމިއްޔާ އަށް ފެންނަ ގޮތުގެ އިތުރުން އާ ހުށަހެޅުންތަކެއް ވެސް ރައްޔިތުންގެ މަޖިލީހަށް މިދިޔަ ބުދަ ދުވަހު ފޮނުވާފައި ވާނެ ކަމަށެވެ.

ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން، ޖޭއެސްސީ އަށް ކަނޑައަޅާ ބައެއް މެންބަރުންގެ ޝަރުތެއްގެ ގޮތުގައި، އުމުރުން 40 އަހަރުވެފައިވުން ކަނޑައަޅާފައި ވާތީ އެ އުމުރު މާ މަތިކަން ފަނޑިޔާރުންގެ ޖަމިއްޔާ އިން ވަނީ ފާހަގަކޮށްފަ އެވެ. ސަރުކާރުން ހުށަހަޅާފައިވަނީ ޖޭއެސްސީ އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރާއި ވަކީލުންގެ ތެރެއިން އިންތިހާބުކުރާ މެންބަރަކީ އުމުރުން 40 އަހަރު ވެފައިވާ މީހަކަށް ވާންޖެހޭނެ ކަމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ޖަމިއްޔާ އިން ބުނިގޮތުގައި، އެކި މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކުން ވަކި އުމުރެއް ކަނޑައަޅާފައިވާ މަގާމުތަކުގެ ތެރޭގައި ވެސް ހުރީ 35 އަހަރުން ދަށުގެ އުމުރުތައް ކަމަށެވެ.

ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވައިލުމާއި އިދާރީ މުވައްޒަފުންގެ ވަޒީފާއާ ބެހޭ ކަންކަން އެ ކޯޓެއްގެ "ރަޖިސްޓްރާ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފުގެ" މަޝްވަރާގެ މަތިން ހިންގަން ހުށަހަޅާފައި ވާއިރު މި ހުށަހެޅުމުން ރަޖިސްޓްރާ އުނިކުރަން ފަނޑިޔާރުންގެ ޖަމިއްޔާ އިން ޚިޔާލު ދީފައި ވެ އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ކޯޓުތަކުގެ އިދާރީ އޮނިގަނޑުގައި އިދާރީ އެންމެ އިސް ފަރާތަކީ ކޯޓް އެޑްމިނިސްޓްރޭޓަރުން ކަމުގައި ކަނޑައަޅާފައި ވާތީ އެވެ.

މިހާރު ހުށަހަޅާފައިވާ އިސްލާހުތަކުގައި ކޯޓުތަކަށް ރަޖިސްޓްރާ އިން ކަނޑައަޅައި ވަކިކުރާނެ ގޮތްތަކެއް ވެސް ހިމެނެ އެވެ. ނަމަވެސް ފަނޑިޔާރުންގެ ޖަމިއްޔާ އިން އެދިފައިވަނީ މި އިސްލާހު އުނިކުރުމަށެވެ. އެއީ ރަޖިސްޓްރާ އިން އައްޔަންކުރާނީ ކޮން ފަރާތަކުންކަން ކޯޓުތަކުގެ ގާނޫނުގައި ކަނޑައަޅާފައި ވާތީ އާއި ރަޖިސްޓްރާއިންނަކީ ކޯޓުތަކުގައި ފަނޑިޔާރުންނަށް ފަހު ގާނޫނީ ގޮތުން އެންމެ އިސް ފަރާތް ކަމަށް ވެފައި އެ މީހުންގެ މައްޗަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބާރު ހިނގާ ގޮތަށް މިހާރު ވެސް އޮވެ، ރަޖިސްޓްރާ އިން ކަނޑައަޅާ ގޮތުގެ މައްސަލައެއް މިހާތަނަށް ފާހަގަވެފައި ނުވާތީ އެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ އިތުރުން ފަނޑިޔާރުންގެ ޖަމިއްޔާ އިން ވެސް ވަނީ ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި، ފަނޑިޔާރުންނާ ބެހޭ ގޮތުން ޖޭއެސްސީ އަށް ހުށަހަޅާ ޝަކުވާތައް ނިންމާނެ މުއްދަތެއް ކަނޑައެޅުމާއި ސުލޫކީ މައްސަލައެއް ސާބިތުވެއްޖެ ނަމަ އެ މައްސަލައިގެ ރެކޯޑް ދެމިއޮންނާނެ މުއްދަތެއް ކަނޑައެޅުން ހިމެނެ އެވެ.

މީގެ އިތުރުން، އާ އިސްލާހުތަކުގެ ސަބަބުން ކުރިމަތިވެދާނެ މައްސަލަތައް ދެނެގަނެ ހައްލު ހޯދުމަށް އިންތިގާލީ މާއްދާތަކެއް ހިމަނަން ވެސް ހުށަހެޅި އެވެ. އެއީ އިސްލާހުގައިވާ ގޮތުގެ މަތިން ރަޖިސްޓްރާ އިން ކަނޑައަޅާ ނަމަ، މިހާރު ތިބި ރަޖިސްޓްރާ އިން ދެމި ތިބޭނެކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި ފަނޑިޔާރުންނަށް ތަމްރީނު ދިނުމުގެ މަސައްކަތް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ހަވާލުކުރާއިރު މިހާރު އޮތް ޖުޑީޝަލް އެކަޑަމީ އަށް ވާނެ ގޮތެއް ކަނޑައެޅުން އަދި އިސްލާހުތަކުގެ ދަށުން އާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކު ކަނޑައަޅަންދެން މިހާރު ހުންނެވި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު މަގާމުގައި ހުންނަވާނެކަން ނުވަތަ ނޫންކަން ކަނޑައެޅުމެވެ.

ޖޭއެސްސީގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލްގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ނިންމައި މިހާރު އެ ބިލް އޮތީ ދިރާސާ ކުރުމަށް ކޮމީޓީގަ އެވެ.