ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަ ދައްކަވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު
01 ޖުލައި 2019 - 15:23
މޯލްޑިވްސް ރިޓަޔާމެންޓް ޕެންޝަން ސްކީމުން އެއްވެސް ކަމެއް ކުރަން ވާނީ ޓެކްނިކަލްކޮށް ވިސްނައި ދިރާސާކޮށްގެން ކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ އިޖުތިމާއީ ކޮމިޓީގައި މަނިކު ވިދާޅުވީ ދިރާސާ ނުކޮށް ކުއްލިއަކަށް ކަންތައްތައް ކުރުމުން ފަހުން އޭގެ ބުރަ ދައުލަތުން އުފުލަން ޖެހޭނެ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ މީހުން ހައްޖަށް ދާން ޕެންޝަން ފަންޑުން ފައިސާ ދޫކުރަން ސަރުކާރުން މިހާރު ނިންމާފައިވާ ގޮތަށް އަމަލު ކުރުމުން ޕެންޝަން ފަންޑަށް އެހާ ބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ.
"އެކަމަކު ޖުމްލަ ގޮތެއްގައި މި ފަންޑާ ދޭތެރޭގައި ވިސްނާ ވިސްނުން މިމޭރުމުން ބައްޓަން ކޮށްދެއްވުމަކީ އަޅުގަނޑުމެން އެދޭ ކަމެއް. މިއީ ކޮންޒަމްޕްޝަނަކަށް ނޫނީއްޔާ ބޭނުން ވުމުން[ ބޭނުން ކުރަން] ހުރި ފަންޑެއް ނޫނޭ މީ. ވަރަށް ދިގު މުއްދަތަކަށް ވިސްނައިގެން 65 އަހަރު ވުމުގެ ކުރިން ވަކި ކޮންޑިޝަންސްތަކެއް ފުރިހަމަކޮށް ޕެންޝަނެއްގެ ގޮތުގައި [ދޭން ހުރި ފަންޑެކޭ]،" މަނިކު ވިދާޅުވި އެވެ.
ނަމަވެސް ރިޓަޔާމެންޓް ޕެންޝަން ފަންޑުގެ މަފްހޫމް ނުގެއްލޭ ގޮތަށް މީހުންނަށް އެ ފަންޑުގެ ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ޕެންޝަން އޮފީހުން ވެސް ބޭނުންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުރާ އެއް މަސައްކަތަކީ އޭނާ ވިދާޅުވި ގޮތުގައި ގެދޮރު ގަތުމަށް ބޭންކް ގެރެންޓީ ދިނުމުގެ ކަންތައް މިހާރަށް ވުރެ ފުޅާ ކުރުމެވެ.
"އެެއް ކަމަކީ މިހާރު އެނގިވަޑައިގަންނަވާނެ ހައުސިން ސްކީމަށް އަޅުގަނޑުމެން މިހާރު ވެސް ކޯޕަރޭޓްކޮށްފަ ވެއްޖެ މަފްހޫމް ނުގެއްލޭ ގޮތަށް އެމީހެއްގެ ފަންޑުގަ ހުރި އެއްޗެއް ބޭނުން ކޮށްގެން ގެދޮރު ގަތުމުގެ ޕްރޮގްރާމަކަށް. އެހެންވީމާ އޭ ވެސް އަޅުގަނޑުމެން އެކްސްޕޭންޑް ކުރުމުގެ ގޮތުން އެ ވިސްނުމުގައި މިހާރު ދިރާސާތަކެއް ކުރަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ.
މަނިކު ވިދާޅުވީ ގެދޮރު ގަތުމަށް ޕެންޝަން ފަންޑުން އެހީތެރިވުން ހަމައެކަނި މާލެ ސަރަހައްދަށް ހާއްސަކުރުމުން ގިނަ ބަޔަކު ޝަކުވާކުރަމުންދާ ކަމަށެވެ. އަދި އެފަދަ ޝަކުވާ އަށް އިޖާބަދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕެންޝަން ފަންޑުގައި މިހާރު 13 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ހުރި އިރު އެ ފަންޑުން ޕެންޝަން ފައިސާ މަހުން މަހަށް ދެމުން އަންނަނީ 1000 މީހަކަށެވެ. އެމީހުންނަށް މަހަކު ހަރަދުވަނީ އަށް މިލިޔަން ރުފިޔާ އެވެ. ޕެންޝަން ފަންޑަށް މަހަކު 90 މިލިޔަން ރުފިޔާ ޖަމާވެ އެވެ. މަނިކު ވިދާޅުވިގޮތުގައި އެ ފަންޑު އިތުރުވަމުން އަންނަނީ ރާއްޖޭގެ ޖީޑީޕީއަށް ވުރެ އަވަހަށެވެ.
އެހާ ވަރަށް ފަންޑަށް ފައިސާ އިތުރުވާ އިރު އެ ފައިސާ އިން އިންވެސްޓް ކުރެވެން އޮތް ދާއިރާ ހަނިވުމަކީ ގޮންޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީމްބެ
03 July 2019
އިބޫވެރިކަމަށް އައީމަ ކޮންމެ އިދާރާއަކުން ދިރާސާ ކުރުމާ ބަލަންޖެހޭ ކަންތައް ހާދަގިނަވެޔޭ.
ޒިޔާޕު.
02 July 2019
ފްލެޓް އަޅަ ކުއްޔަށްދޭންވީނޫންތޯ؟ ޢޭރުން އާންމުދަނީ އިތރުވާނެ. ޢަދި ބޯހިޔާވެހިކަންވެސް ހައްލުވާނެ
ފޮރި
02 July 2019
މަނިކަކީ އިހު އިހު ޒަމާނުގެ ޚުދުމުހްތާރު މީހެއް
@ ފޮރި
02 July 2019
މަނިކު އެއްފަރާތް ވެލަން ގޮވާލަން މަނިކުގެ ޚުދުމުހުތާރުަކަމާ ދެކޮޅަށް ރައްޔިތުންގެ ޕްރެޝަރ ވަރަށް އަވަހަށް ފެންނަންފަށާނެ މަނިކު ޖެހޭނީ އާޚިރުގައި އެއްފަރާތްވާން
ފޫހި
02 July 2019
މީނާއަކީ މިފަދަ ފައިސާ ގެންގުޅެން ވަރަށް ދަންނަމީހެއް. މީނާ ބޭނުމެއްނުވާނެ އެންމެ ފައިސާ ފޮއްޗެއްވެސް އެއިން އޭގެ ހައްގުވެރިއަކަށް ދޭން. ތިޔަ ފައިސާ އިން މިހާރުވެސް ތިޔަތާގެ މުވައްޒަފުންގެ އިދާރީ ކަންކަމަށް ނަގާ ޕަސެންޓް ކިހާ ބޮޑުވާނެ. މީނާ ނޫން މީހެއް ތިޔަތަނަށް ލާންވެއްޖެ.
ޢިބޫ
02 July 2019
ތިނޫން އެހެން މީހަކު ތިތަނަށް ލެވޭނެ ގޮތެއް ނެތްތޯ؟
މަނިކުބެ
02 July 2019
މީހެއްގެ ފަންޑުގެ ރުފިޔާ ހުރެފަ އަތުގަ ހުރިލާރި ކޮޅުހުސްވެ ދަތިހާލުގައި އުޅޭ އެތައްބަޔަކު އެބައުޅޭ ބޮޑަތިބައްޔަށްބޭސްކުރާ. ދެކިޑުނީ ފޭލްވެ އެތަކެއްދުވަހެއްވަންދެން އެޑުމިޓްކޮށްފަ ތިބޭމީހުންނަށްވެސް ތިޔަތަނުގެ ހުރިފައިސާ ލިބޭނެ ހަމައެއްގޮތްވެސް ގަވާއިދެއްގަ ހުރިކަމަކަށްނުވޭ. މަރުވީމަ އެފަކީރުމެންނަށް އަޅާނުލާ ވާރިސުންނަށް ބަހަނީ. މީކޮންކަހަލަބަޔެއްތަށް. މިއިކީ މަތިންބާވާލެއްވި ގަވާއިދެއްނޫނިއްޔާ އެރުފިޔާނުދެން.
ޙުސެންބެ
01 July 2019
ރާއްޖޭގަ ދުވަސްވީމީހުން އިތުރުވާނެ ޒަމާން މާދުރެއްނޫން އެދުވަހުން ފައިސާ ހުސްވަންފަށާނެ
ގާޒީ
01 July 2019
މިހާތަނަށް ނުކުރެވުނު ދިރާސާއެއްކުރާކަށް ތިޔަ މަނިކަކު ތިތާ ބަހައްޓާކަށް ނުފެނޭ. ތި މީހާ ހުރެގެން ތިތަނުނ އެއްކަމެއް ކުރިޔަވެސް ނުދޭނެ.
ތައުފީޣު
01 July 2019
ޕެންޝަން ފަންޑުން ގެދޮރު ގަނެވެއޭ ކިޔައިގެން ހަދަނީ ބުހުތާނު ދޮގު އެފައިސާ ގެދޮރު ގަންނަން ދުލެއް ނުކުރެ! ބެންކުތަކާ ގުޅިގެން އެކަން އޮންނަނީ ނުުކުރެވޭ ގޮތަށް ގަވާއިދު ހަދާފައި! ރައްޔެތުން ގުނބޯ ހައްދަނީ
ތުއްތުނާ
01 July 2019
"މަނިކު ވިދާޅުވީ ގެދޮރު ގަތުމަށް ޕެންޝަން ފަންޑުން އެހީތެރިވުން ހަމައެކަނި މާލެ ސަރަހައްދަށް ހާއްސަކުރުމުން ގިނަ ބަޔަކު ޝަކުވާކުރަމުންދާ ކަމަށެވެ. އަދި އެފަދަ ޝަކުވާ އަށް އިޖާބަދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."....... ދިވެހި ރައްޔިތުން ހަމަހަމަ ކަމާއި ހިލާފު ޖަރީމާއެއް........ ކޮންމެ ދިވެހި ރައްޔިތަކު ވެސް ޓެކްސް ފައިސާ ދައްކަން ޖެހެނީ އެއްވަރަކަށް...... މިއީ ނަސްލީ ތަފާތުކުރުން ކަމުގައި ނޫނީ ނުވާނެ........